Roadha Mihaaru
ފިޔަވަޅުތައް އަޅަން ޖެހިލުން ވެގެން ވާކަށް ނެތް!

ފިޔަވަޅުތައް އަޅަން ޖެހިލުން ވެގެން ވާކަށް ނެތް!

06 މެއި 2021

ރާއްޖޭގައި ކޮވިޑްގެ ހާލަތު ދުވަަހަކު ވެސް ގޯސްނުވާ ވަރަށް ގޯސްވެފައިވާއިރު ދެން ކުރަން އޮތް ކަމަކީ މިކަމުން އަރައިގަތުމަށް ނޫނީ ނަމްބަރުތައް ދަށް ކުރުމަށް ކުރެވެން އޮތް ހުރިހާ ކަމަކަށް މަގު ފަހިކުރުމެވެ. އެކަމަކު، ކޮވިޑަށް ޕޮޒިޓިވްވާ ރޭޓު މިހާ މައްޗަށް ދިޔައިރު ވެސް ތިބެން މި ޖެހެނީ އެހެން ހެދީމާ ވާނީ ކިހިނެއްހޭ ކިޔައި ސުވާލު ކޮށްލަކޮށްލަ އެވެ.

އަހުމަދު ހަމްދޫން އަހުމަދު ހަމްދޫން

ރާއްޖޭގައި ކޮވިޑްގެ ހާލަތު ދުވަަހަކު ވެސް ގޯސްނުވާ ވަރަށް ގޯސްވެފައިވާއިރު ދެން ކުރަން އޮތް ކަމަކީ މިކަމުން އަރައިގަތުމަށް ނޫނީ ނަމްބަރުތައް ދަށް ކުރުމަށް ކުރެވެން އޮތް ހުރިހާ ކަމަކަށް މަގު ފަހިކުރުމެވެ. އެކަމަކު، ކޮވިޑަށް ޕޮޒިޓިވްވާ ރޭޓު މިހާ މައްޗަށް ދިޔައިރު ވެސް ތިބެން މި ޖެހެނީ އެހެން ހެދީމާ ވާނީ ކިހިނެއްހޭ ކިޔައި ސުވާލު ކޮށްލަކޮށްލަ އެވެ.

މިހާރު ލޮކްޑައުން އަކަށް ދާން ޖެހިލުންވެ އެވެ. ފިޔަވަޅުތައް އެންމެ ހަރުކަށި ކުރަން ބިރުގަނެ އެވެ. މިސްކިތްތައް ބަންދު ކޮށްގެނެއް ނުވެ އެވެ. ކެފޭ/ރެސްޓޯރަންޓުތަކާ ކުޅޭކަށް ނުކެރެ އެވެ. އެންމެ ބައިބޯވާ ތަންތަނަށް އަމާޒުކޮށް ހަރުކަށި ފިޔަވަޅު އަޅާނެހާ ހިތްވަރެއް ހުރި ތަނެއް މި ފަހަރު ނުފެނެ އެވެ.

ނަމަވެސް ރާއްޖެ މި އޮތީ އާބާދީގެ ނިސްބަތުން ބަލާ ނަމަ ކޮންމެ ދުވަހަކު ވެސް އެންމެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވްވާ ގައުމުތަކުގެ ލިސްޓުގަ އެވެ. ދުނިޔޭގެ ނިސްބަތުން ރާއްޖޭގެ ހާލަތު ވަރަށް ގޯހެވެ. އެކަމަކު، ފިޔަވަޅު އަޅަން ޖެހިލުން ވުމުގައި ރާއްޖޭގެ ކަމާ ބެހޭ ބޭފުޅުން އުޅުއްވަނީ މާ ކުރީގަ އެވެ. ސަރުކާރުގެ އިހުމާލުން ހެދި ގޯސްތައް ރަނގަޅު ކުރަން ނަމަވެސް ކެރިގެން ފިޔަވަޅުތައް އަޅަމުން ދިއުމުގެ ގާބިލްކަން މި ގައުމުގެ ވެރިން މިހާރު ދައްކަން ވެއްޖެ އެވެ.

ރާއްޖެ އިން ކޮންމެ ދުވަހަކު ވެސް ރެކޯޑް އަދަދަކަށް ކޮވިޑަށް ޕޮޒިޓިވްވާއިރު، އަދަދުތައް މަދުކުރެވޭނީ ވަރަށް ހަރުކަށި ފިޔަވަޅުތައް އަޅައިގެން ކަން ޑޮކްޓަރުން ގަބޫލު ކުރައްވަ އެވެ. މީހުން ބޭރުތެރެއަަށް ނުކުމެ އުޅުން ވީ އެންމެ ބޮޑަކަށް މަދުނުކޮށް، މިކަމުގައި ކުރިއެރުމެއް ނެތެވެ. ލޮކްޑައުން އަށް ދާން ޖެހިއްޖެ ނަމަ ވަގުތީ ގޮތުން ކަންކަން ގުރުބާން ކޮށްފައި ނަމަވެސް އެކަން ކުރަން ޖެހެ އެވެ. މީހުންގެ ފުރާނަ އަށް ވުރެ އެހެން ކަންކަން ވެސް މުހިންމު ވެގެނެއް ނުވާނެ އެވެ.

"މޫވްމަންޓްސް ރެސްޓްރިކްޝަން ކުރުން ނޫން ހައްލެއް ނެތް. އެކަމަށް އަޅުގަނޑުމެން ވަރަށް ބޮޑަށް ބާރު އަޅަން ޖެހޭ. އެހެން ގައުމުތަކުގައި ވެސް އެކަން ކުރަނީ އެހެން. އެ ތަޖުރިބާ ބޭނުންކުރަން ޖެހޭ،" އައިޖީއެމްއެޗުގެ ޑރ. މުހައްމަދު އަލީ ވިދާޅުވި އެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި އިއްޔެ ރޭ ބޭއްވި މީޑިއާ ބްރީފިން ގައި ޑރ. މުހައްމަދު އަލީ ވާހަކަދައްްކަވަނީ.-- ފޮޓޯ: އެޗްއީއޯސީ

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި އިއްޔެ ރޭ ބޭއްވި މީޑިއާ ބްރީފިން ގައި ޑރ. މުހައްމަދު އަލީ ވާހަކަދައްްކަވަނީ.-- ފޮޓޯ: އެޗްއީއޯސީ

އޭނާގެ ވިސްނުމުގައި އެންމެ މީހުން ގިނަވާ އެއް ތަން ކަމަށްވާ ކެފޭ/ރެސްޓޯރަންޓުތައް ވެސް މިވަގުތަށް ބަންދުކުރުން ނުވަތަ ރައްކާތެރިކަމުގެ ފިޔަވަޅުތައް ހަރުކަށި ކުރުމަކީ ކޮންމެހެން ކުރަން ވެއްޖެ ކަމެކެވެ.

"އެޑްމިޓް ކުރާ ކްރައިޓީރިއާ މިހާރު ވަރަށް ބޮޑަށް ދަށްކޮށްފައި އޮތް އިރު ވެސް އެޑްމިޓްކުރާ ރޭޓް މިދަނީ މަތިވަމުން. އެއީ ސަމާލުކަން ދޭންޖެހޭ ކަމެއް. ކަންކަން ބޮއްސުންލައިގެން ދާނީ ބުނެފައެއް ނޫން،" ޑރ. މުހައްމަދު އަލީ ވިދާޅުވި އެވެ.

ކުރީގެ ތަޖުރިބާތަކާ ބަލާއިރު، ޕޮލިސީ ފެންވަރުގައި ކަންކަން ނިންމަވާ ބޭފުޅުންގެ މެދުގައި ވެސް، ފުލް ލޮކްޑައުންއަކަށް ދިއުމުގައި ހިޔާލު ތަފާތުވުން އެބަހުއްޓެވެ. އިގްތިސޯދު ވަރަށް ބޮޑަށް އަޑިއަށް ގޮސް އެތައް ބައެއްގެ ވަޒީފާ ގެއްލިގެން ދިޔަ ތަޖުރިބާ ދިވެހިން ވަނީ ކޮށްފަ އެވެ. އެކަމުން ދިވެހިން އަރައިގަތްތާ މާ ގިނަ ދުވަހެއް ނުވެ، އަނެއްކާ އެފަދަ ފުލް ލޮކްޑައުންއަކަށް ދާން ޖެހިލުންވާކަން ސަރުކާރުގެ ވެރިންނާއި ބައެއް ޑޮކްޓަރުންގެ ވާހަކަތަކުން އެނގެ އެވެ. އެހެން ނޫން ނަމަ އަދަދުތައް ރެކޯޑް ވަރަށް މައްޗަށް ދާއިރު އެ ފިޔަވަޅު ނާޅަންވީ ސަބަބެއް މިހާރަކު ނުފެނެ އެވެ. އެހާ ވަރަށް ގޯހެވެ.

ކޮވިޑާ ގުޅިގެން މިދިޔަ އަހަރުގެ މޭ މަހު އިއުލާން ކޮށްފައި އޮތް ލޮކްޑައުންގައި ހުޅުމާލޭގެ މަގެއް ހުސްކޮށް: ހާލަތު މި ފަހަރު މާ ގޯސް، އެކަމަކު ހަރުކަށި ފިޔަވަޅު އެޅުމުގައި ފެންނަނީ ފަސްޖެހޭ ތަން.---ފައިލް ފޮޓޯ: މިހާރު

ކޮވިޑާ ގުޅިގެން މިދިޔަ އަހަރުގެ މޭ މަހު އިއުލާން ކޮށްފައި އޮތް ލޮކްޑައުންގައި ހުޅުމާލޭގެ މަގެއް ހުސްކޮށް: ހާލަތު މި ފަހަރު މާ ގޯސް، އެކަމަކު ހަރުކަށި ފިޔަވަޅު އެޅުމުގައި ފެންނަނީ ފަސްޖެހޭ ތަން.---ފައިލް ފޮޓޯ: މިހާރު

"ފުލް ލޮކްޑައުން އަކަށް ގޮސްފި ނަމަ އެންމެ ބޮޑަށް ބަލިވާ މީހުން ގޭގައި ތާށިވެ، ޑޮކްޓަރަށް ދައްކަން ނުދެވި ހާލަތު ގޯސްވުމުގެ ބިރު އޮވެދާނެ. ކުރީގެ ތަޖުރިބާ އަށް ބަލާއިރު ވެސް ސިއްހީ ހިދުމަތް ހޯދުމުގައި އޭރު ވަރަށް ބޮޑަށް ޑިލޭވި ފުލް ލޮކްޑައުންވީމާ، ނަން ހާމަކުރަން ބޭނުން ނުވާ ޑޮކްޓަރަކު ވިދާޅުވި އެވެ.

"އެހެންވީމާ ކުރަންވީ ކަމަކީ ހަރުކަށި ފިޔަވަޅުތައް ގިނަ ކުރުން. މޫވްމަންޓްސް ރެސްޓްރިކްޓް ކުރުން އޮތް ހައްލަކީ."

ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވަނީ، ލޮކްޑައުން އަކަށް ދާން ޖެހިއްޖެ ނަމަ އެކަން ސަރުކާރުން ކުރާނެ ކަމަށެވެ. ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ސަރުކާރުން ފަސްނުޖެހޭނެ ކަމަށެވެ. ހާލަތު ގޯސްވުމުން ކުރިއަށް ގެންދާ ކޮންމެ ރެއެއްގެ މީޑީއާ ބްރީފިންއެއްގައި އޭނާ އެހެން ވިދާޅުވެ އެވެ. ފިޔަވަޅުތައް އަޅަނީ ކުރިން ވެސް އަމަލު ކުރާ އުސޫލުގެ ތެރެއިން ކަމަށް މަބްރޫކް ވިދާޅުވަމުން ގެންދަވަ އެވެ.

ނަމަވެސް ދިވެހިން މިހާރު މިތިބީ ހަގީގަތުގައި ގޮތް ހުސްވެފަ އެވެ. ކޮވިޑުން ރައްކާތެރިވުމަށްޓަކައި އެންމެ ގިނަ މީހުން ޖަހަމުން އައި ކޮވިޝީލްޑް ވެކްސިން ލިބުމުގައި ތާށިވެ، މިވަނީ ވެކްސިނަށް ޖެހިފަ އެވެ. އައިސީޔޫ ފުރިއްޖެ އެވެ. ހާލު ބޮޑުވެގެން އެޑްމިޓް ކުރާ މީހުންގެ އަދަދު ދަނީ މަތިވަމުންނެވެ.

އެއްފަހަރާ އެތައް ބަޔަކު ބަލިވެ ފަރުވާ ދޭން ޖެހިއްޖެ ހާލަތެއްގައި އެކަން ކުރާނެ ސިއްހީ ހިދުމަތްތެރިންނެއް ނެތެވެ. ކުރިން ބަލި ބޮޑަށް ފެތުރުނީ މާލެ ސަރަހައްދުގައި އެކަނި ކަމަށް ވިޔަސް މިހާރު ރަށްރަށުގައި ވެސް ކޮވިޑް ގިނަ އެވެ. އެތައް ރަށަކަށް ވަނީ އަރައިފޭބުން މަނާކޮށްފަ އެވެ. މި ހުރިހާ ކަމަކަށް ބަލާއިރު ރާއްޖޭގައި މިހާ ގިނަ ބަޔަކު ކޮންމެ ދުވަހަކު ކޮވިޑަށް ޕޮޒިޓިވް ވާ ނަމަ ސިއްހީ ނިޒާމަށް ނުކަތައިގެން ގޮސް، ކަންކަން ބޮއްސުން ލައިގެން ދާން މާ ގިނަ ދުވަހެއް ނުނަގާނެ އެވެ.

ކޮވިޑްގެ ބަލިމީހުންނަށް ފަރުވާދޭ މަރުކަޒެއްގައި ސިއްހީ ހިދުމަތްތެރިން ހަރަކާތްތެރިވަނީ. ރާއްޖޭގައި ކޮވިޑް ޖެހޭ މީހުންގެ އަދަދު މިހާރު ވަނީ އަނެއްކާވެސް ދަށްވެފައި

ކޮވިޑްގެ ބަލިމީހުންނަށް ފަރުވާދޭ މަރުކަޒެއްގައި ސިއްހީ ހިދުމަތްތެރިން ހަރަކާތްތެރިވަނީ. ރާއްޖޭގައި ކޮވިޑް ޖެހޭ މީހުންގެ އަދަދު މިހާރު ވަނީ އަނެއްކާވެސް ދަށްވެފައި

ރާއްޖޭގެ ކޮވިޑްގެ ހާލަތު މިހާ ގޯސް އިރު އަދިވެސް މިތިބީ ބޯޑަރު ވެސް އެއްކޮށް ހުޅުވާލައިގެންނެވެ. އެ ބަލި އެންމެ ގޯސް ގައުމުތަކުން ވެސް ރާއްޖެ އަށް މީހުންނަށް އެބަ އާދެވެ އެވެ. ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު އެ މީހުންނަށް އާދެވުނަސް ރިސްކެއް ނަގާކަށް ނުވާނެ އެވެ. އެހެންވެ، ބައެއް ޑޮކްޓަރުންގެ އިލްތިމާސަކީ ވެސް އެންމެ ހާލަތު ގޯސް ގައުމުތަކުން މިވަގުތަށް ރާއްޖެ އަށް މީހުން އައުން ހުއްޓުވައިލުމެވެ.

މިހާރުގެ ހާލަތަށް ބަލާއިރު، އަދަދުތައް މަތިވަމުން ދިއުމަކީ ވަރަށް ބޮޑު ބިރެކެވެ. އެހެންވެ، ހުރިހާ އެންމެން ރުއްސައިގެން، ކަންކަން ކުރުމުގެ ބަދަލުގައި އެންމެންގެ ފުރާނަ ރައްކާތެރި ކުރުމަށްޓަކައި އަޅަން ޖެހޭ ފިޔަވަޅުތައް ވަގުތުން އަޅަން ޖެހެ އެވެ. ފިޔަވަޅުތަކަށް އަމަލުކުރަން 2-3 ދުވަސް ދިނުމުގެ ސަގާފަތް ދޫކޮށްލައި، ވަގުތުން ކުރަންޖެހޭ ކަމެއް ވަގުތުން ކުރަން ވެއްޖެ އެވެ. އަދަދުތައް މައްޗަށް ދާއިރު، ކަންކަން ނިންމާ ލެވެލްގައި ތިބޭ ޑޮކްޓަރުންނާއި ސަރުކާރުގެ ވެރިން އެ ބޭފުޅެއްގެ ދާއިރާ އަށް އެކަނި ލިބޭނެ ގެއްލުމަކަށް ވުރެ ބޮޑަށް މުޅި ގައުމާއި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ސަމާލުކަން ނުދެވޭ ނަމަ ދެން ބުނާނެ އެއްޗެއް ނެތެވެ.

"މިއީ މީހުން ރުޅި އައިސްފާނެތޯ ނޫނީ މުޒާހަރާ ކޮށްފާނެތޯ ބަލަން ޖެހޭ ވަގުތެއް ނޫން. މާސްކު ނާޅާ މީހާ ޖޫރިމަނާ ކުރާތީ އެ މީހާ ރުޅި އައިސްގެން ސަރުކާރަށް ބަވާނެ ކަމަށް ބަލާކަށް ވަގުތެއް ނެތް. އަދަދުތަކުން ފެންނަނީ މާ ގޯސްކޮށް. ފުލުހުން 24 ގަޑިއިރު ނެރެގެން ވިޔަސް ކުރަންޖެހޭ ކަމެއް ކުރަން ވެއްޖެ މިހާރު،" ސިއްހީ ދާއިރާގެ ސީނިއާ މަގާމެއްގައި ހުންނެވި ބޭފުޅަކު ވިދާޅުވި އެވެ.

ރާއްޖޭގައި ކަންކަން ނިންމާ ލެވެލްގައި ތިއްބެވި ބޭފުޅުން މިހާރު ވިސްނަންވީ އެންމެން ބޭނުންވާ ގޮތަށް މި ހާލަތުގައި ކަންކަން ނުކުރެވޭނެ ކަމެވެ. އެ ބޭފުޅުންގެ އެ ކެރުމާއި ހިތްވަރު ނެތިއްޔާ އަދަދުތައް 1،000 އިން މައްޗަށް ދާއިރު ވެސް ތިބޭނީ މި ގޮތުގަ އެވެ.