Roadha Mihaaru
ރޭގަނޑު 10 އިން ފަތިހު 5 އަށް ކާފިއު ހިންގަނީ

މާލޭ ސަރަހައްދުގައި ރޭގަނޑު 10 އިން ފަތިހު 5 އަށް ކާފިއު ހިންގަނީ

04 އޯގަސްޓް 2020

މާލެ ސަރަހައްދުގައި ކޮވިޑް-19 ފެތުރުން އިތުރުވަމުން ދާތީ، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މިރެއިން ފެށިގެން ކޮންމެ ރެއެއްގެ 10 އިން ފަތިހު 5 އަށް ބޭރަށް ނުކުމެ އުޅުން ސަރުކާރުން މަނާކޮށްފި އެވެ.

މާލެ ސަރަހައްދުގައި ކޮވިޑް-19 ފެތުރުން އިތުރުވަމުން ދާތީ، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މިރެއިން ފެށިގެން ކޮންމެ ރެއެއްގެ 10 އިން ފަތިހު 5 އަށް ބޭރަށް ނުކުމެ އުޅުން ސަރުކާރުން މަނާކޮށްފި އެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން މިހާރު ކުރިއަށް ގެންދާ މީޑިއާ ބްރީފިންގައި އިއުލާން ކުރި ގޮތުން ނަމަ މިރޭ 10 އިން ފެށިގެން ފަތިހު 5 އަށް ކާފިއު ހިންގާއިރު، ރޭގަނޑު 9:30 އިން ފެށިގެން ފިހާރަތަކާއި ކެފޭ/ރެސްޓޯރަންޓުތައް ވެސް ބަންދުވާނެ އެވެ.

މީގެ އިތުރުން އޮފީސްތައް ހުޅުވި ނަމަވެސް އެއްފަހަރާ އޮފީހަށް ނެރެވޭނީ 50 ޕަސެންޓަށް ވުރެ މަދު މުވައްޒަފުން ކަމަށް ވެސް ވަނީ، އާ އުސޫލުގައި ހަމަޖައްސައިފަ އެވެ. އަދި މާލެ އިން ރަށްރަށަށް އެއްވެސް މީހަކަށް ދެވޭނީ ކޮންމެހެން ދާން ޖެހޭ ހާލަތެއްގައި އެކަންޏެވެ. މި ބަދަލާ އެކު، ކުރިން ދިން ލުއިތަކުގެ ތެރޭގައި ހިމެނޭ، ޕްރޮޖެކްޓްތަކުގެ މަސައްކަތްތަކަށް ރަށްރަށަށް ދެވޭ ގޮތަށް އޮންނަ ފަސް ދުވަހުގެ މުއްދަތު ވެސް ދެން ނޯންނާނެ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

މިހާރު ކުރިއަށް ދާ ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތު ދެއްވަނީ އެ ސެންޓަރުގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގާއި ހެލްތު މިނިސްޓްރީގެ ޕޮލިސީ ޕްލޭނިން އެންޑް އިންޓަނޭޝަނަލް ހެލްތު އާއިޝަތު ސާމިޔާ އަދި މާލޭ ސިޓީ ޕޮލިސްގެ އިސްވެރިޔާ ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ޝަރީފެވެ.

މިދިއަ މަހު 1 ގައި، ދެ މަސް ދުވަހުގެ ލޮކްޑައުންއަށް ދިން ބޮޑެތި ލުއިތަކާ އެކު، ކޮވިޑް-19ގެ ބަލި މިހާރު ދަނީ ހައްތަހާ ބޮޑުވަމުންނެވެ. އެހެންކަމުން ބައެއް ކަންކަން ހަރުކަށިކުރުމުގެ ހާލަތަކަށް ހިނގައިދާނެ ކަމަށް، ސަރުކާރާއި ސިއްހީ ދާއިރާގެ ތަޖުރިބާކަރުން ގެންދިޔައީ އިންޒާރު ދެއްވަމުންނެވެ.