Roadha Mihaaru
ލުއިދެވުނީ ފުރަތަމަ ޕްލޭންކުރިވަރަށް ވުރެ ބޮޑަށް: ޓެގް

ލުއިދެވުނީ ފުރަތަމަ ޕްލޭންކުރިވަރަށް ވުރެން ބޮޑަށް: ޓެގް

23 އޯގަސްޓް 2020

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރަން ރާއްޖޭގައި ފުރަތަމަ އެޅި ފިޔަވަޅުތަކަށް ލުއިދިން އިރު ދޫކޮށްލެވުނީ ފުރަތަމަ ޕްލޭން ކޮށްފައި އޮތް ވަރަށް ވުރެ ބޮޑަށް ކަން ގަބޫލުކުރާ ކަމަށް ކޮވިޑާ ގުޅޭ ގޮތުން އެޗްޕީއޭއަށް ލަފާ ދޭ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް) އިން މިރޭ ބުނެފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރަން ރާއްޖޭގައި ފުރަތަމަ އެޅި ފިޔަވަޅުތަކަށް ލުއިދިން އިރު ދޫކޮށްލެވުނީ ފުރަތަމަ ޕްލޭން ކޮށްފައި އޮތް ވަރަށް ވުރެ ބޮޑަށް ކަން ގަބޫލުކުރާ ކަމަށް ކޮވިޑާ ގުޅޭ ގޮތުން އެޗްޕީއޭއަށް ލަފާ ދޭ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް) އިން މިރޭ ބުނެފި އެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިރޭ ބޭއްވި މީޑިއާ ބްރީފިންގައި "މިހާރު"ން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޑރ. އަލީ ޢަބްދުﷲ ލަތީފު ވިދާޅުވީ ޕްލޭން ކުރި ވަރަށް ވުރެ ބޮޑަށް ލުއިދިނީ އާއްމުން ކުރަން ޖެހޭ ކަންތައްތައް ކުރަން ވީވަރަކުން ފުރުސަތު ދޭން ކަމަށެވެ. އެހާ ބޮޑަށް ލުއި ދިނުމުން ހިތްހަމަ ނުޖެހޭ ބަޔަކު ތިބޭނެ ކަމަށާއި އެކަމަކު އެވަރަށް ލުއި ނުދީފި ނަމަ ވެސް އެކަމާ ހިތްހަމަނުޖެހޭ ބަޔަކު ތިބޭނެ ކަމަށް އޭނާ ވިިދާޅުވި އެވެ.

އަޅުގަނޑު ނުދަންނަވަން އިނގޭތޯ ކޯވިޑް ކޮންޓްރޯލް ނުވެގެން މިދަނީ ހަމަ އެކަނި ޕަބްލިކް އަޅާނުލައިގެން، ޕަބްލިކް ފަރުވާކުޑަވެގެންނެކޭ. އެހެނެއް އަޅުގަނޑު ނުއެއް ދަންނަވަން. އަޅުގަނޑުމެން މި ދަންނަވަނީ ކޯވިޑް ކޮންޓްރޯލްކުރަން ވެގެން ހުރިހާ އެންމެން އެކީ އެބަ ޖެހޭ މަސައްކަތް ކުރަން---އަލީ ލަތީފް

ކޮވިޑް ކޮންޓްރޯލް ކުރަން ފުރަތަމަ ހަރުކަށި ފިޔަވަޅުތަކެއް އަޅައި މާލެ ލޮކްޑައުން ކުރުމަށް ފަހު މަޑުމަޑުން ލުއިތައް ދޭ ގޮތަށް ފުރަތަމަ ކުރި ޕްލޭންގައި އޮތީ އެއްފަހަރާ 10 މީހުންނަށް ވުރެ ގިނައިން އެއް ނުވެވޭ ގޮތަށް ބޭރަށް ނުކުމެ އުޅުމުގެ ފުރުސަތު ދިނުމަށެވެ. އެކަމަކު ލުއިދިން އިރު އެއްފަހަރާ 30 މީހުންނަށް ވެސް އެއްތަންވުމުގެ ފުރުސަތު ދިނެވެ. އެއާ އެކު ބައެއް މުޒާހަރާތައް ވެެސް މާލޭގައި ކުރި އެވެ. އެހާ ބޮޑަށް ލުއި ދިނުމާއި ކޮވިޑް މެނޭޖްކުރުމުގައި ސިއްހީ ޚިދުމަތްދޭ ތަންތަނުން ކަންތައް ކުރި ގޮތަށް ބަލާއިރު، ސިޔާސަތުތައް ކަނޑައެޅުމުގައި ފެއިލްވުންތަކެއް ހުރިކަމަށް ގަބޫލުކުރައްވަން ތޯ ސުވާލުކުރުމުން އަލީ ވިދާޅުވީ ގަބޫލުނުކުރައްވާ ކަަމަށެވެ.

"އަޅުގަނޑުމެން ވެސް ގަބޫލުކުރަން އިނގޭތޯ އަޅުގަނޑުމެން ރިލީޒްކުރަމުން ދިޔައިރުގައި އަޅުގަނޑުމެން ފުރަތަމައިނުން ޕްލޭންކުރި ވަރަށް ވުރެ ބޮޑަށް ކަން ރިލީޒްކޮށްފައި އޮތީ. މިހާރު އަޅުގަނޑު ވަރަށް ގިނައިން ދަންނަވާ އެއްޗެއް އިނގޭތޯ ފިޔަވަޅު ބޮޑަށް އަޅައިފިއްޔާ ވެސް ކަމުނުދާނޭ، ފިޔަވަޅު މާ ދޫކޮށްލައިފިއްޔާ ވެސް ކަމުނުދާނޭ. ކޯވިޑް ތެރޭގައި އަޅުގަނޑުމެން އަދި ކޮންމެ ގޮތަކަށް ހެދިޔަސް އޭގައި ހިތްހަމަނުޖެހޭ ބޭފުޅުން އުޅުއްވާނެ އިނގޭތޯ،" އަލީ ލަތީފް ވިދާޅުވި އެވެ.

ރާއްޖޭގައި މާސްކު އެޅުން މަޖުބޫރުކުރީ އެހެން ގައުމުތަކުގައި އެފިޔަވަޅު އެޅިވަރަށް ވުރެ ލަހުން ކަމަށް ބުނާ ބުނުމަށް ރައްދު ދެއްވަމުން އޭނާ އުފެއްދެވީ ސުވާލެކެވެ. ކޮންމެ ކަމެއް ކުރަންވީ މަޖުބޫރުކޮށްގެން ނުވަތަ ޖޫރިމަނާ ކޮށްގެންތޯ އެވެ.

"ކޮންމެ ކަމެއް ކޮށްގެން ތޯއޭ؟ ނޫނީ މިސާލަކަށް ފައިން ކޮށްގެން ތޯއޭ؟ އެކަމަކު ހުރިހާ ބޭފުޅުންނަށް ވެސް މިހާރު ކޯވިޑް ކޮންޓްރޯލްކުރަން ކުރަން ޖެހޭ ކަންތައްތައް؟"

އެޗްއީއޯސީގެ މީޑިއާ ބްރީިފިން ގައި ޑރ. އަލީ ލަތީފު ވާހަކަ ދައްކަވަނީ.

އެޗްއީއޯސީގެ މީޑިއާ ބްރީިފިން ގައި ޑރ. އަލީ ލަތީފު ވާހަކަ ދައްކަވަނީ.

އެކަމުގައި އެކި ގައުމުތަކުން އަމަލުކުރީ އެކި ގޮތް ގޮތަށް ކަމަށާއި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯގެ ލަފާ ވެސް އެކި ގޮތްގޮތަށް އައި ކަމަށް ވެސް އަލީ ލަތީފު ވިދާޅުވި އެވެ. ރާއްޖޭގައި ފިޔަވަޅުތައް އަޅަމުން އަންނަނީ ކޮވިޑާ ބެހޭ ގޮތުން ކުރާ ދިރާސާތަކުން ހޯދާ ހޯދުންތަކާއި ލިބޭ މައުލޫމާތަށް ބިނާކޮށްގެން ކަމަށް ކުރިއްސުރެ ދައްކަވާ ވާހަކަ މިރޭ ވެސް ތަކުރާރުކުރެއްވި އެވެ. ކޮވިޑް ފެތުރުން އަނެއްކާވެސް ވަރަށް ބޮޑަށް އިތުރުވި އިރު ގަބޫލުކުރައްވަނީ އެއީ ހަމަ އެކަނި އާއްމުން ސަމާލުނުވެގެން ވާ ކަމެއް ކަމަށްްތޯ ދެންނެވި ސުވާލުގެ ޖަވާބުގައި އޭނާ ވިދާޅުވީ އެގޮތަށް ވިދާޅުނުވާ ކަމަށެވެ.

"އަޅުގަނޑު ނުދަންނަވަން އިނގޭތޯ ކޯވިޑް ކޮންޓްރޯލް ނުވެގެން މިދަނީ ހަމަ އެކަނި ޕަބްލިކް އަޅާނުލައިގެން، ޕަބްލިކް ފަރުވާކުޑަވެގެންނެކޭ. އެހެނެއް އަޅުގަނޑު ނުއެއް ދަންނަވަން. އަޅުގަނޑުމެން މި ދަންނަވަނީ ކޯވިޑް ކޮންޓްރޯލްކުރަން ވެގެން ހުރިހާ އެންމެން އެކީ އެބަ ޖެހޭ މަސައްކަތް ކުރަން،" އަލީ ލަތީފް ވިދާޅުވި އެވެ.

ޕަބްލިކް ހެލްތު ސްޕެޝަލިސްޓް ޑރ. ޝީނާ މޫސާ މިއަދު ވިދާޅުވީ މާލެ ލޮކްޑައުން ކުރަން ޖެހޭ ވަރަށް މިހާރު ހާލަތު ގޯސްވެފައިވާ ކަމަށެވެ. ޑރ. ޝީނާ ސިފަކުރެއްވި ގޮތުން ނަމަ، އެކަށީގެންވާ ފިޔަވަޅު އަވަސް މިނެއްގައި ނާޅާފައިފި ނަމަ ސިއްހީ ދާއިރާ އަށް ނުތަކާ މިންވަރަށް ބަލީގެ ހާލަތު ގޯސްވެދާނެ އެވެ. މާލެ ސަރަހައްދުގައި ކޮވިޑަށް ޚާއްސަކުރި އެނދުތަކުގެ 62 ޕަސެންޓް ފުރުމުގެ އިތުރުން ހަފުތާއެއްގެ ތެރޭގައި އެ ބަލީގައި ހަތަރު މީހަކު މަރުވުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށް ވެސް ވިދާޅުވި އެވެ.