Roadha Mihaaru
ރާއްޖޭގައި ކޮވިޑް މެނޭޖް ނުކުރެވިދާނެ: ޑރ. އަލީ

ރާއްޖޭގައި ކޮވިޑް މެނޭޖް ނުކުރެވިދާނެ: ޑރ. ލަތީފް

23 އޯގަސްޓް 2020

ކޮވިޑް-19 ބާރުމިނުގައި ފެތުރި މީހުން މިހާރު ޕޮޒިޓިވްވަމުންދާ އަދަދު ކޮންޓްރޯލް ނުވެއްޖެ ނަމަ ކުރިއަށް އޮތްތަނުގައި ރާއްޖޭގައި މި ބަލި މެނޭޖް ނުކުރެވިދާނެ ކަމުގެ އިންޒާރު ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް)އިން މިރޭ ދީފި އެވެ.

ކޮވިޑް-19 ބާރުމިނުގައި ފެތުރި މީހުން މިހާރު ޕޮޒިޓިވްވަމުންދާ އަދަދު ކޮންޓްރޯލް ނުވެއްޖެ ނަމަ ކުރިއަށް އޮތްތަނުގައި ރާއްޖޭގައި މި ބަލި މެނޭޖް ނުކުރެވިދާނެ ކަމުގެ އިންޒާރު ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް)އިން މިރޭ ދީފި އެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ޓެގްގެ ލީޑަރު ޑރ. އަލީ ލަތީފް ވިދާޅުވީ އެއް ފަހަރާ ގިނަ ބަޔަކު ޕޮޒިޓިވްވަމުން ދާނަމަ، ފަރުވާދީ، ބަލި މެނޭޖް ކުރުމަކީ ދުނިޔޭގެ އެއްވެސް ގައުމަކަށް ފަސޭހަކަމެއް ނޫން ކަމަށެވެ. އަދި ރާއްޖެ ކަހަލަ، ސިއްހީ ހިދުމަތްތެރިންނާއި ވަސީލަތްތައް މަދު ގައުމެއްގައި އެއީ ނުކުރެވޭނެ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

މިދިޔަ މާޗު މަހުން ފެށިގެން މާލެ ތެރޭގައި ފެތުރެން ފެށި މި ބަލި ކޮންޓްރޯލް ކުރުމަށް ލޮކްޑައުން ކުރި ނަމަވެސް ލުއިތައް ދިން ފަހުން ބަލި ފެތުރޭ މިންވަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. ޖުމްލަކޮށް ބަލާއިރު މިިދިޔަ ހަފުތާގައި ކޮންމެ ދުވަހަކު ވެސް 140 މީހުން ޕޮޒިޓިވްވި އެވެ. އޭގެތެރެއިން އެއް ދުވަހެއްގައި 194 މީހުންނަށް ބަލި ޖެހުނު އިރު، މިދިޔަ ހަފުތާގައި މުޅި ޖުމްލަ 980 މީހުން ޕޮޒިޓިވްވި އެވެ.

ޑރ. ލަތީފް ދެކެވަޑައިިގަންނަވާ ގޮތުގައި މިއީ ރާއްޖެ ކަހަލަ ގައުމަކަށް ވަރަށް ބޮޑު އަދަދެކެވެ.

"މި އަދަދުން ބަލާކަމުގައި ވާނަމަ އަޅުގަނޑުމެންނަކަށް މެނޭޖެއް ނުކުރެވޭނެ. ދުވާލަކު 200-300އަށް އަރާ ނަމަ، ހޮސްޕިޓަލުގައި އެނދު ހުއްޓަސް އަޅުގަނޑުމެންނަކަށް މެނޭޖެއް ނުކުރެވޭނެ،" އޭނާ ވިދާޅުވި އެވެ.

"މިއީ ވަރަށް ހިތާމަވެރިކަމެއް،"

އޭނާ ވިދާޅުވީ ކިތަންމެ ބޮޑު ހޮސްޕިޓަލެއް އަޅައި، ގިނަ އެނދުތަކެއް ހަމަޖެއްސި ނަމަވެސް، ރާއްޖޭގައި ފަރުވާ ދޭނެ އިންސާނީ ވަސީލަތް ނެތް ކަމަށާއި އެކަމުގެ އިންޒާރު ކުރިން ވެސް ދީފައި ވާނެ ކަމަށެވެ.

ރާއްޖޭގައި ބަލި ފެތުރެމުންދާ މިންވަރުގެ ތަފާސް ހިސާބު އާއްމު ކުރަމުން ޓެގުން ބުނީ ކޮވިޑް-19އިގެ ފުރަތަމަ ކޭސް، މިދިޔަ މާޗު ހަތެއްގައި ފެނުނު އިރު، 500 މީހުން ޕޮޒިޓިވް ވާން ނެގީ 56 ދުވަސް ކަމަށެވެ. އޭގެ ފަހުން އިތުރު 500 މީހުން ޕޮޒިޓިވްވާން 13 ދުވަސް ނެގި އިރު، މިހާރު އެންމެ 3-4 ދުވަހުގެ ތެރޭގައި އެ އަދަދަށް މީހުން ޕޮޒިޓިވްވާ ކަމަށް ބުންޏެވެ. އަދި ހޮސްޕިޓަލުގައި އެޑްމިޓް ކުރަން ޖެހޭ މީހުންގެ އަދަދު ގިނަވެ، ފުރިދާނެ ކަމުގެ ބިރު އޮތްކަން ވެސް ޓެގުން ފާހަގަ ކުރި އެވެ.

މާލެ ސަރަހައްދުގައި ކޮވިޑަށް ޚާއްސަކުރި ހޮސްޕިޓަލުތަކުގެ 62 ޕަސެންޓް މިހާރު ވަނީ ފުރިފަ އެވެ.

ޑރ. ލަތީފް ފާހަގަ ކުރެއްވި ގޮތުގައި ރާއްޖޭގައި މީހުން ބަލިވަނީ ހަމައެކަނި ކޮވިޑުގައެއް ނޫނެވެ. އެހެން ބަލިތަކުގެ މީހުންނަށް ވެސް ހޮސްޕިޓަލުތަކުން ފަރުވާ ދީ، އެ މީހުންނަށް ސަމާލުކަން ދޭން ޖެހޭނެ ކަމަށާއި އެހެންވެ، މިހާ ގިނަ އަދަދަކަށް ކޮވިޑްގެ މީހުންނަށް އެޑްމިޓްކޮށްގެން ފަރުވާ ދޭން ވެއްޖެ ނަމަ މެނޭޖް ނުކުރެއްވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ސިއްހީ އެހީތެރިން މިހާރު ތިބީ ވަރުބަލިވެފައި

ކޮވިޑް-19އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު، ދުވަހުން ދުވަހަށް އިތުރުވަމުން ދާއިރު ފަރުވާ ދިނުމަށް ޑޮކްޓަރުންނާއި ނަރުހުން މަދުވުމަކީ، ކުރިއްސުރެވެސް ސިއްހީ ދާއިރާގެ އެންމެ ބޮޑު ކަންބޮޑުވުމެވެ.

ޑރ. ލަތީފް ވިދާޅުވީ ރާއްޖޭގައި ހިދުމަތްދޭ ނަރުހުންނާއި ޑޮކްޓަރުން މިހާރު ތިބީ ވަރަށް ވަރުބަލިވެފައި ކަމަށާއި އޭގެ ތެރެއިން ގިނަ ބަޔަކު ބައްޔަށް ޕޮޒިޓިވް ވެސް ވެފައިވާ ކަމަށެވެ. އެހެންވެ، ޕޮޒިޓިވްވާ މީހުންނަށް އެކަށީގެންވާ ގޮތަށް ފަރުވާ ނުދެވިދާނެ ކަމުގެ ބިރު އެބައޮތް ކަމަށް އޭނާ ވިދާޅުވި އެވެ.

"މިހާރު ވެސް ވަރަށް ދަތިވޭ، ބޭނުންވާ ވަރަށް ނަރުހުންނާއި ޑޮކްޓަރުން ނެތުމުން. ދުނިޔޭގެ ގައުމުތަކުގައި ވެސް ގިނަ ފަހަރަށް މީހުން މަރުވެފައިވަނީ މިގޮތަށް ދޭން ޖެހޭ ފަރުވާ ނުދެވިގެން،" ޑރ. ލަތީފް ވިދާޅުވި އެވެ.

މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން، ޑރ. ނަޒްލާ މުސްތަފާ ވެސް ވިދާޅުވީ ނަރުހުން ތިބީ ވަރަށް ބޮޑަށް ވަރުބަލިވެފަ އެވެ. ކޮވިޑުގެ އިތުރުން ހޮސްޕިޓަލުގައި އެޑްމިޓް ކުރާ އެހެން ބަލިތަކުގެ މީހުންނަށް ވެސް ފަރުވާ ދިނުމަށް ތިބީ އެ މީހުން ކަމަށް އޭނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ކުރިން ހޮސްޕިޓަލުގައި އެޑްމިޓް ކުރާއިރު އާއިލާ މީހުން ކައިރީގައި ތިބި ނަމަވެސް މިހާރު ދުވަސްވީ މީހުން ވެސް، އޮންނަން ޖެހެނީ، ވަރަށް ބަލި ހާލަތުގައި އެކަންޏެވެ.

"އެ ފަދަ ހާލަތްތަކުގައި ވެސް ނަރުހުންނަށް އަޅާނުލެވި ހިނގައިދާނެ... އެބޭފުޅުން ތިބީ ވަރަށް ބަލިވެފައި. ބައެއް ނަރުހުންގެ ބަރުދަނުން މިހާރު ފަސް ކިލޯ ލުއި ވެއްޖެ،" ޑރ. ނަޒްލާ ވިދާޅުވި އެވެ.

ޑރ. ލަތީފް ވިދާޅުވި ގޮތުގައި މި ފަދަ ހާލަތްތަކުގައި ގިނަ ގައުމުތަކުގައި ދާން ޖެހެނީ ޓްރަޔޭޖަކަށެވެ. އެއީ ފަރުވާ ދޭން ގެންނަ މީހުންގެ ތެރެއިން، ސަލާމަތް ކުރެވިދާނެ ކަމުގެ އުއްމީދު ބޮޑު މީހުންނަށް ފަރުވާ ދީ ނުވަތަ ވެންޓިލޭޓަރަށް ލުމަށް ފަހު އެހެން މީހުން ދޫކޮށްލުމެވެ. ރާއްޖޭގައި އަދި މި ހާލަތަށް ނުދިޔަ ނަމަވެސް، ޕޮޒިޓިވްވާ މީހުންގެ އަދަދު މިގޮތަށް އިތުރުވާ ކަމަށް ވާނަމަ، ޓްރަޔޭޖަކަށް ދާން ޖެހިދާނެ ކަމުގެ އިންޒާރު ޑޮކްޓަރު ދެއްވި އެވެ.

އެކަމަކު އޭނާ ވިދާޅުވި ގޮތުގައި މިއީ ރާއްޖެ ކަހަލަ ކުޑަ، އެކަކު އަނެކަކު ދަންނަ ގައުމެއްގައި ކުރަން ވަރަށް އުނދަގޫ ކަމަކަށް ވާނެ އެވެ.

"ފަރުވާ ދޭން ގެންނަ މީހުންގެ ތެރެއިން އެޑްމިޓް ކުރާނެ މީހުންނާއި ވެންޓިލޭޓަރަށް ލާނެ މީހުން ސިލެކްޓް ކުރުން ވާނީ ވަރަށް އުނދަގޫ އަދި ހިތާމަވެރި ކަމަކަށް،" ޑރ. ލަތީފް ވިދާޅުވި އެވެ.

ކޮވިޑް-19 ފެތުރުން ބާރުވެ، ބަލީގައި އެޑްމިޓްކުރަން ޖެހޭ މީހުންގެ އަދަދު ގިނަވެ އެނދުތައް ފުރެމުންދާއިރު، ދެން ވެސް ހާލާތު އިތުރަށް ގޯސްވިޔަ ނުދޭން އޮތް އެންމެ ރަނގަޅު ފިޔަވަޅަކީ ލޮކްޑައުންއަކަށް ދިޔުން ކަމަށް، ބައެއް ސިއްހީ ތަޖުރިބާކާރުން ދަނީ ވިދާޅުވަމުންނެވެ. އެކަމަކު އެ ހާލަތަށް ދިޔަ ނުދިނުމަށް، މިހާރު ވެސް އަޅަމުން އަންނަ ފިޔަވަޅުތަކަށް ބޯލެނބުމަށް އެ ބޭފުޅުން އިލްތިމާސް ކުރައްވަ އެވެ.