Roadha Mihaaru
މާލެއިން ރަށްރަށް ދަތުރުކުރުމުގެ ފުރުސަތު ހަނިކޮށްފި

މާލެ އިން ރަށްރަށް ދަތުރުކުރުމުގެ ފުރުސަތު ހަނިކޮށްފި

04 އޯގަސްޓް 2020

ރާއްޖޭގައި ކޮވިޑް ޖެހޭ މީހުންގެ އަދަދު މައްޗަށް ދާތީ، ރައްކާތެރިކަމުގެ ފިޔަވަޅެއް ގޮތުން، މާލެ އިން އެހެން ރަށްރަށަށް ދެން ދަތުކުރެވޭނީ ހަމައެކަނި ޒަރޫރީ ބޭނުންތަކަށް އައިސް ތިބި މީހުންނަށް އެކަނި ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ރާއްޖޭގައި ކޮވިޑް ޖެހޭ މީހުންގެ އަދަދު މައްޗަށް ދާތީ، ރައްކާތެރިކަމުގެ ފިޔަވަޅެއް ގޮތުން، މާލެ އިން އެހެން ރަށްރަށަށް ދެން ދަތުކުރެވޭނީ ހަމައެކަނި ޒަރޫރީ ބޭނުންތަކަށް އައިސް ތިބި މީހުންނަށް އެކަނި ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފި އެވެ.

ކޮވިޑުން ރައްކާތެރިވުމަށް އިތުރަށް އަޅާ ފިޔަވަޅުތައް ހާމަކުރުމަށް ހެލްތު އިމަޖެންސީ އޮޮޕަަރޭޝަން ސެންޓަރު (އެޗްއީއޯސީ) ން ބޭއްވި މީޑިއާ ބްރީފިންގައި ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަ ޖެނެރަލް، ޕޮލިސީ ޕްލޭނިން އެންޑް އިންޓަނޭޝަނަލް ހެލްތު، އާއިޝަތު ސާމިޔާ ވިދާޅުވީ، މާލެ އިން ރަށްރަށަށް ގޮސް ހޯމް ކަރަންޓީން ވުން ދެން ހާއްސަ ކުރާނީ ސިއްހީ ކަންކަމުގައި ރަށްރަަށް ދާން ޖެހޭ މީހުންނާއި ޒަރޫރީ ބޭނުންތަކުގައި ދާން ޖެހޭ މީހުންނަށް އެކަނި ކަމަށެވެ. ރާއްޖެ އަށް ކޮވިޑް ފެތުރު ކުރީކޮޅު، މާލެ ސަރަހައްދު ފުރަތަމަ ލޮކްޑައުން ކުރި އިރު ވެސް އުސޫލު އޮތީ މިހެންނެވެ. އެކަމަކު މިދިޔަ ޖޫން މަހުގެ ފަހުކޮޅުން ފެށިގެން ފިޔަވަޅުތައް ލުއިކުރަން ފެށި އިރު ރަށްރަށަށް ދަތުރުކުރުމުގައި ވެސް ލުއިތައް ދިނެވެ.

ސާމިޔާ ވިދާޅުވީ، މިހާރު އެންމެ މުހިއްމު އެއް އަމާޒަކީ ރަށްރަަށަށް ބަލިފެތުރުން ކޮންޓްރޯލް ކުރުން ކަމަށެވެ. އެހެންވެ، ރަށްރަށަށް ދަތުރުކުރާ އިރު ދަތުރުމަތީގައި މާސްކް އަޅައިގެން ތިބުން ވެސް އެގޮތުން މިހާރު މަޖުބޫރު ކަމަށާއި ރަށްރަށުގައި ވެސް މާސްކް އަޅައިގެން އުޅެން އެދޭ ކަމަށެވެ.

އެޗްއީއޯސީން މިއަދު ހަވީރު ބޭއްވި މީޑިއާ ބްރީފިންގެ ތެރެއިން.

އެޗްއީއޯސީން މިއަދު ހަވީރު ބޭއްވި މީޑިއާ ބްރީފިންގެ ތެރެއިން.

މާލެ ފިޔަވަައި ރާއްޖޭގެ 10 ރަށަކުން މިހާރު ވަނީ ކޮވިޑް ކޭސްތައް ފެނިފަ އެވެ.

ސާމިޔާ ވިދާޅުވި ގޮތުގައި، ބަލި ފެތުރުން މިހާރު ވަނީ ވަރަށް ބޮޑަށް ހަލުވި ވެފަ އެވެ. އެގޮތުން، ރާއްޖޭގައި ކޮވިޑްގެ ފުރަަތަމަ 500 ކޭސް ފެންނަން ނެގީ 56 ދުވަސް ކަމަށް ވިޔަސް އެންމެ ފަހުގެ 500 ކޭސް ފެންނަން ހޭދަވީ އެންމެ ފަސް ދުވަސް ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮވިޑް ކޮންޓްރޯލް ކުރަން މިއަދު އިއުލާނުކުރި އެހެން ފިޔަވަޅުތަކުގެ ތެރޭގައި މާލެ ސަރަހައްދުގައި ރޭގަނޑު 10:00 އިން ފެށިގެން ފަތިހު 5:00 އަށް ކާފިއު ހިންގުން ހިމެނެ އެވެ. އޭގެ އިތުރުން އެއް ފަހަރާ ފަސް މީހުންނަށް ވުރެ އިތުރަށް އެއްވެގެން އުޅުން ވެސް ވަނީ މަނާކޮށްފަ އެވެ.

ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ އަދަދަކީ މިހާރު 4293 އެވެ. އޭގެ ތެރެއިން 2670 މީހުން ރަނގަޅުވި އިރު އެ ބަލީގައި މަރުވި މީހުންގެ އަދަދަކީ 19 އެވެ. މި ބަލި މިހާރު އެންމެ ބޮޑަށް ފެތުރެނީ ދިވެހިންގެ މެދުގަ އެވެ. އެހެންވެ، ހާލަތު އިތުރަށް ސީރިއަސްވެ، ރައްކާތެރިކަމުގެ އިތުރު ފިޔަވަޅުތައް ސަރުކާރުން އަންނަނީ އަޅަމުންނެވެ.