Roadha Mihaaru
ކޮވިޑް ކޭސްތައް މަދުވާން ފަށައިފި

ކޮވިޑް ކޭސްތައް މަދުވާން ފަށައިފި

03 އެޕްރީލް 2021

ރާއްޖޭގައި 24 ގަޑިއިރުގެ ތެރޭގައި ކޮވިޑް-19 އަށް އަލަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ވަރަށް މަތިވުމަށް ފަހު އަނެއްކާވެސް މަދުވާން ފަަށައިފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ރާއްޖޭގައި 24 ގަޑިއިރުގެ ތެރޭގައި ކޮވިޑް-19 އަށް އަލަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ވަރަށް މަތިވުމަށް ފަހު އަނެއްކާވެސް މަދުވާން ފަަށައިފި އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ އާއްމުކުރި މައުލޫމާތުގައިވާ ގޮތުން މިިދިޔަ 24 ގަޑިއިރުގެ ތެރޭގައި ރާއްޖޭން އެ ބައްޔަށް ޕޮޒިޓިވްވީ 103 މީހުންނެވެ. އެއީ މާލެ ސަރަހައްދުން 58 މީހުންނާއި މީހުން އުޅޭ އެހެން ރަށްތަކުން 24 މީހުން އަދި ރިސޯޓްތަކުން 21 މީހުންނެވެ. މި އަދަދަށް ޕޮޒިޓިވް ކޭސްތައް ފެނުނީ 3،570 ސާމްޕަލް ޓެސްޓްކޮށްްގެންނެވެ.

އެޗްޕީއޭއިން އާއްމުކުރި މައުލޫމާތުތަކަށް ބަލާއިރު މިދިޔަ ހަފްތާ ތެރޭގައި ކޮވިޑްގެ ކޭސްތައް އެންމެ މަދުން ފެނުނީ މިއަދު އެވެ. މިދިޔަ ހަފްތާއަކީ އެހެން ނަމަވެސް ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަަރަށް ގިނަ ހަފްތާ އެކެވެ. އެގޮތުން މިދިޔަ ބުރާސްފަތި ދުވަހު 300 މީހުން އެ ބައްޔަށް ޕޮޒިޓިވްވި އެވެ. އެއީ 3،625 ސާމްޕަލް ޓެސްޓްކޮށްގެންނެވެ.

މިދިޔަ ދެހަފްތާ ތެރޭގައި އާއްމުގޮތެއްގައި ކޮންމެ 24 ގަޑިއިރެއްގެ ތެރޭގައި އެބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު ހުރީ 120 އަށް ވުރެ މަތީގަ އެވެެ.

މިރޭ އާއްމުކުރި މައުލޫމާތުން އެނގޭ ގޮތުގައި ރާއްޖޭގައި މިހާރު ހުރި ކޮވިޑްގެ އެކްޓިވް ކޭސްތަކުގެ އަދަދަކީ 3،063 އެވެ. ހޮސްޕިޓަލުތަކުގައި އެޑްމިޓްކޮށްގެން ފަރުވާދެމުން އަންނަނީ އޭގެ ތެރެއިން 94 މީހަކަށެވެ.

ކޮވިޑް ކޭސްތައް މަދުވާން ފަށާފައި މިވަނީ ބެލެވޭ ގޮތުގައި އެ ބަލިން ދިފާއުވާ ވެކްސިން ރާއްޖޭގެ ގިނަ ބަޔަކަށް ދިނުމުންނެވެ. ކޮވިޑް ވެކްސިނުގެ ފުރަތަމަ ޑޯޒް 243،749 މީހަކަށް ދީފައި ވާއިރު ދެވަނަ ޑޯޒް 17،21 މީހަކަށް މިހާރު ވަނީ ދީފަ އެވެ.

ރާއްޖޭން މިހައިތަނަށް ކޮވިޑް ޖެހުނު މީހުންގެ ޖުމްލައަކީ 24،651 އެވެ. ރާއްޖޭން އެ ބަލީގައި މަރުވި މީހުންގެ އަދަދަކީ 67 އެވެ.