Roadha Mihaaru
ހެލްތު އިމަޖެންސީއަށް މަޖިލީހުގެ ހުއްދަ ހޯދަން ފާސްނުވި

ހެލްތު އިމަޖެންސީ އަށް މަޖިލީހުގެ ހުއްދަ ހޯދަން ފާހެއް ނުވި، ވޯޓުން ފެނުނީ އެމްޑީޕީގެ ބައިބައިވުން

29 އެޕްރީލް 2021

ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތު އިއުލާން ކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާ އަށް ދިނުމަށާއި އޭގެ ފަހުން އެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދާ ގޮތަށް ގާނޫނު އިސްލާހު ކުރަން އެމްޑީޕީގެ މެމްބަރަކު ހުށަހެޅުއްވި ބިލް މަޖިލީހުގެ ތަޅުމުން މިއަދު ބޭރުކޮށްލައިފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތު އިއުލާން ކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާ އަށް ދިނުމަށާއި އޭގެ ފަހުން އެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދާ ގޮތަށް ގާނޫނު އިސްލާހު ކުރަން އެމްޑީޕީގެ މެމްބަރަކު ހުށަހެޅުއްވި ބިލް މަޖިލީހުގެ ތަޅުމުން މިއަދު ބޭރުކޮށްލައިފި އެވެ.

އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގައި މިހާރު އޮންނަ ގޮތުން ނަމަ ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތު އިއުލާން ކުރައްވާނީ ހެލްތު މިނިސްޓަރެވެ. އޭގެ ފަހުން އެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދާކަށް ނުޖެހެ އެވެ. ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތުގައި ގިނަ ކަންތައްތަކެއް ކުރެއްވުމުގެ ބާރު ގާނޫނުން ދީފައި އޮންނަނީ ހެލްތު މިނިސްޓަރާއި ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށެވެ.

ނަމަވެސް ފުވައްމުލަކު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ރަޝީދު ހުށަހެޅުއްވީ، އެ އުސޫލު ބަދަލުކޮށް، ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތު އިއުލާން ކުރައްވަން ޖެހޭނީ ރައީސުލްޖުމްހޫރިއްޔާ ކަމަށާއި އޭގެ ފަހުން އެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދަން ޖެހޭ ގޮތަށެވެ.

އޭނާގެ ބޭނުމަކީ ގާނޫނުއަސާސީގެ 252 ވަނަ މާއްދާގައި ބަޔާންކުރާ ކުއްލި ނުރައްކަލުގެ ހާލަތެކޭ އެއްގޮތަށް ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތަށް ވެސް ރައްޔިތުންގެ މަޖިލީހުގެ ރުހުން ދޭ ގޮތަށް ބަދަލުކުރުމެވެ.

ރައްުޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓް މިއަދުގެ ޖަލްސާ އަށް ހުށަހެޅުމުން، ފުނަދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ޝާހިދު ހުށަހަޅުއްވައި، އައްޑޫ މީދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ރޮޒައިނާ އާދަމް ތާއީދު ކުރެއްވީ ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތު އިއުލާން ކުރައްވާނީ ރައީސުލްޖުމްހޫރިއްޔާ ކަމަށާއި އޭގެ ފަހުން މަޖިލީހުގެ ރުހުން ހޯދަންޖެހޭ ގޮތަށް ގާނޫނަށް ހުށަހެޅި އިސްލާހު އުވައިލުމަށެވެ. އެ ހުށަހެޅުއްވުން ފާސްވީ 37 މެމްބަރުންގެ ވޯޓުންނެވެ. އެ ހުށަހެޅުމާ ދެކޮޅަށް 31 ،މެމްބަރަކު ވޯޓު ދެއްވި އެވެ. ވަކިކޮޅަކަށް ވޯޓު ނުދެއްވައި ތިއްބެވީ ދެ މެމްބަރެކެވެ.

ފެނުނީ އެމްޑީޕީގެ ތެރޭގައި އޮތް ބައިބައިވުން

މި ވޯޓުން މިއަދު ބޮޑަށް ފެނުނީ ރައްޔިތުންގެ މަޖިލީހުގައި ސުޕަ މެޖޯރިޓީ ޕާޓީ އެމްޑީޕީގެ ތެރޭގައި އޮތް ބައިބައިވުމާއި ހިޔާލު ތަފާތުވުމެވެ. ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތު އިއުލާން ކުރައްވާނީ ރައީސުލުމްޖުމްހޫރިއްޔާ ކަަށާއި އެކަމަށް ރައްޔިތުންގެ މަޖިލީހުގެ ބަސް އޮންނަ ގޮތަށް ގާނޫނު އިސްލާހު ކުރަން ބޮޑަށް ބާރު އެޅުއްވީ އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އަރިސް މެމްބަރުންނެވެ.

އެ ބާރު މިހާރު ވެސް ގާނޫނުގައި އޮންނަ ގޮތަށް ބޭއްވުމަށް ވަކާލާތު ކުރައްވައި، މަޖިލީހުގައި ނަޝީދުގެ އަރިސް މެމްބަރުންގެ ހުށަހެޅުން އިސްލާހަކުން ބަދަލުކުރެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފަހަތްޕުޅުގައި ތިއްބެވި މެމްބަރުންނެވެ. އެކަމުގައި އިސްކޮށް ތިއްބެވީ ފެނުނު މަންޒަރުތަކަށް ބަލާއިރު މީދޫ ދާއިރާގެ ރޮޒައިނާ އާއި ފުނަދޫ ދާއިރާގެ މެމްބަރު ޝާހިދެވެ.

ޝާހިދާއި ރޮޒައިނާގެ އެ ހުށަހެޅުމާ ދެކޮޅު ހައްދަވަައި ހުޅުދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އިލްޔާސް ލަބީބު ވިދާޅުވީ، މަޖިލީހަށް ހުށަހަަޅާފައިވާ ބިލެއްގަައިވާ ވާހަކަ ނަފީކުރުމުގެ ގޮތުން އިސްލާހެއް ހުށަނޭޅޭނެ ކަމަށެވެ. އެހެންވެ، ކޮމިޓީ ރިޕޯޓްގައި އޮތް ބަދަލާ ރޮޒައިނާ އާއި ޝާހިދުގެ ހުށަހެޅުން ސީދާ ދެކޮޅު ކަމަށާއި އެހެންވީމާ އެ އިސްލާހު ބަލައި ނުގަނެވޭނެ ކަމަށް ވެސް އިލްޔާސް ވިދާޅުވި އެވެ.

ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތު އިއުލާނުކުރުމުގެ ބާރު ހެލްތު މިނިސްޓަރަށާއި ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް އޮތުމާ ދެކޮޅަށް ވަކާލާތުކުރައްވާ މެމްބަރުން ވިދާޅުވާ ގޮތުގައި އެއީ ގާނޫނުއަސާސީއާ ހިލާފު އުސޫލެކެވެ.

އިލްޔާސް ވިދާޅުވީ އާއްމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫޫނު ހެދި އިރު އެގޮތަށް އެކަން ކަނޑައައަޅާފައި އޮތީ އޭރުގެ އިދިކޮޅު ފަރާތްތަކުން ކަމަށާއި އެއީ ސަރުކާރަށް ޖެއްސުންކުރުމުގ ބޭނުމުގައި ކުރިކަމެއް ކަމަށެެވެ.

ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތު އިއުލާނުކުރުން މިހާރު އޮންނަ ގޮތަށް ބޭއްވުމާ ދެކޮޅު ހައްދަވަމުން ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ރައީސް ހަސަން ލަތީފު ވިދާޅުވީ، ބަލިމަޑުކަމެއް ދިމާވުމަކީ ވެސް ގާނޫނުއަސާސީގައި، ބުނާ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރުމުގެ ޝަރުރުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ. އެހެން އެކަން އޮއްވައި އެހެން ގާނޫނެއްގެ ދަށުން އެ ބާރު އެހެން ފަރާތަކަށް ނުދެވޭނެ ކަަމަށް ވެސްް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެނަށް ކޮވިޑްގެ މި ނުރައްކަލާ ގުޅިގެން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައި މި އޮތީ ، ނުރައްކާތެރި ބަލިމަޑުކަމެއްގެ ތެރެެއިން. އެހެންވެއްޖެއްޔާ އެއީ މުތުލަގަށް، ރައީސުލް ޖުމްހޫރިއްޔާ ކުރަން ސާފުކޮށް ކަނޑައަޅާފައި އޮތް ކަމެއް،" ހަސަން ވިދާޅުވި އެވެ.

ބިލު ފާސްކުރާނީ ކޮމިޓީން ފާސްކޮށްފައިވާ ގޮތަށް ކަަމަށް ވިދާޅުވެ، އެމްޑީޕީގެ ބައެއް މެމްބަރުންނާއި އިދިކޮޅު މެމްބަރުން ވެސް ބަހުސްގައި ވާހަކަ ދެއްކެވި އެވެ. ނަމަވެސް ނަތީޖާ ނެރުނީ އެއާ ހިލާފަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފަހަތްޕުޅުގައި ތިއްބެވި މެމްބަރުން ބޭނުންވި ގޮތަށެވެ.