Roadha Mihaaru

ނޫން! ނޫން! މިއީ އެންމެންގެ ލޮކްޑައުންއެއް!

އެޕްރީލް 6 ވަނަ ދުވަހު ރައްޔިތުންގެ މަޖިލިހުގައި، މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު، އަޅުގަނޑުގެ ނަޒަރުގައި، ވަރަށް އާދަޔާ ހިލާފު ކަމެއް ކުރެއްވި އެވެ. މިހާރު އިއުލާންކޮށްފައިވާ ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތާއި، ގާނޫނުއަސާސީގައި ބުނާ ކުއްލި ނުރައްކަލުގެ ހާލަތު "އެކައްޗަކަށް ހެއްދެވުމެ"ވެ. އެ މަނިކުފާނުގެ މަގުސަދަކީ ސަރުކާރުން ގާނޫނު އަސާސީއަށް ހުށައެޅި، ކައުންސިލަރުންގެ ދައުރު ދަންމާލުމުގެ ބިލް ކުރިއަށް ނުގެންދެވުމެވެ. އޭގެ ބަދަލުގައި، ގާނޫނަކުން، އެ މައްސަލައަށް ހައްލެއް ހޯއްދެވުމެވެ.

ނޫން! ނޫން! މިއީ އެންމެންގެ ލޮކްޑައުންއެއް!
މޫސާ ލަތީފް
މޫސާ ލަތީފް

26 މެއި 2020

އެޕްރީލް 6 ވަނަ ދުވަހު ރައްޔިތުންގެ މަޖިލިހުގައި، މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު، އަޅުގަނޑުގެ ނަޒަރުގައި، ވަރަށް އާދަޔާ ހިލާފު ކަމެއް ކުރެއްވި އެވެ. މިހާރު އިއުލާންކޮށްފައިވާ ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތާއި، ގާނޫނުއަސާސީގައި ބުނާ ކުއްލި ނުރައްކަލުގެ ހާލަތު "އެކައްޗަކަށް ހެއްދެވުމެ"ވެ. އެ މަނިކުފާނުގެ މަގުސަދަކީ ސަރުކާރުން ގާނޫނު އަސާސީއަށް ހުށައެޅި، ކައުންސިލަރުންގެ ދައުރު ދަންމާލުމުގެ ބިލް ކުރިއަށް ނުގެންދެވުމެވެ. އޭގެ ބަދަލުގައި، ގާނޫނަކުން، އެ މައްސަލައަށް ހައްލެއް ހޯއްދެވުމެވެ.

އެކަމަކު އެއީ، ގާނޫނީ މާހިރަކަށް ނުވިޔަސް، އާންމު ރައްޔިތަކު ހަމަ ބުއްދިން ވިސްނާލިޔަސް ގާނޫނުއަސާސީއާ ހިލާފު ކަމެއްކަން އެނގޭ ވަރުގެ ސާފު މައްސަލައެކެވެ: ގާނޫނުއަސާސީގައި ކަނޑައަޅާފައި އޮންނަ ކަމެއް، އާންމު ގާނޫނަކުން ބަދަލެއް ނުކުރެވޭނެ އެވެ.

އިންސާނުންގެ ބާރު ނެތް ސިއްހީ ކުއްލި ނުރައްކަލެއް ކުރިމަތިވެ، އިންތިހާބަކާ މެދު ވިސްނާލެވޭ ވަރަށް ވުރެ ގައުމަށް ދިމާވި މައްސަލަ ބޮޑުވުމުން ދެން އޮންނާނީ އެ އިންތިހާބު ލަސްކުރުމެވެ. އަދި މިއަދުގެ ހާލަތަށް ބަލާއިރު ގައުމު މި އޮތީ މި އަހަރު ވެސް އިންތިހާބެއް ބޭއްވޭނެ ފަދަ ފެންވަރެއްގައި ކަމަކަށް ނުބެލެވެ އެވެ. އެހެންކަމުން ސަރުކާރާއި އެމްޑީޕީއަށް އެކަންޏެއް ނޫނެވެ، މުޅި ގައުމަށް ވެސް އެންމެ މަސްލަހަތު އޮތީ، އިންތިހާބު ފަސްކުރުމެވެ. އެކަން ކުރަން ބަލާއިރު، މިހާރުގެ ކައުންސިލްތަކުގެ މުއްދަތު، އަންނަ މަހުގެ ތިނަކަށް ހަމަވާނެ އެވެ. އެއީ ގާނޫނުއަސާސީގައި ކަނޑައަޅާފައިވާ މުއްދަތަކަށް ވާތީ، އާ އިންތިހާބަކާ ނުލައި އެ މުއްދަތު އިތުރުކުރެވޭނީ ގާނޫނުއަސާސީއަށް ކުޑަ އިސްލާހެއް ގެނެސްގެންނެވެ.

ސަރުކާރުން ހުށައެޅީ އެ އިސްލާހެވެ. ރައްޔިތުންގެ މަޖިލިހަށް ގާނޫނީ ލަފާ ދެއްވުމުގެ ޒިންމާ އުފުއްލަވާ ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ ވެސް ލަފާ ދެއްވީ އެ އިސްލާހު ކުރިއަށް ގެންދެވޭނެ ކަމަށެވެ.

އެކަމަކު ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލިހުގެ ރައީސް ނަޝީދު، އެޕްރީލް 6 ގައި އެކަން ހުއްޓުވުމުގެ ނިޔަތުގައި އެއްގޮތް ކުރެއްވީ ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތާއި ގާނޫނުއަސާސީގައި ބުނާ ކުއްލި ނުރައްކަލުގެ ހާލަތެވެ.

ގާނޫނުއަސާސީ ބުނާ ގޮތުން، 253 ވަނަ މާއްދާގެ ދަށުން އިއުލާންކުރާ ކުއްލި ނުރައްކަލުގެ ހާލަތުގައި ގާނޫނު އަސާސީ އިސްލާހެއް ނުކުރެވޭނެ އެވެ. އެ ކުއްލި ހާލަތު އިއުލާން ކުރައްވާނީ ރައީސުލްޖުމްހޫރިއްޔާ އެވެ. އެ ހާލަތުގައި، ބައެއް ގާނޫނުތަކަށް އަމަލްކުރުން ވެސް ހުއްޓުވޭނެ އެވެ.

އެކަމަކު ރާއްޖޭގައި ފުރަތަމަ ފަހަރަށް ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތު އިއުލާންކުރެއްވީ 2012 ގައި ހެދި "އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނު"ގެ ދަށުން ހެލްތު މިނިސްޓަރު އަބްދުﷲ އަމީނެވެ. އެހެންކަމުން މިއީ ގާނޫނުއަސާސީގައި ވަކި ހާއްސަ ބާބަކުން ރައީސުލްޖުމްހޫރިއްޔާއަށް ބާރު ދީފައި އޮންނަ ކުއްލި ނުރައްކަލުގެ ހާލަތެއް ނޫނެވެ.

ނަޝީދު އެ ސުވާލު އުފެއްދެވި ނަމަވެސް މިއަދާ ހަމައަށް ވެސް ގާނޫނުއަސާސީގައި އޮތް ކުއްލި ނުރައްކަލުގެ ހާލަތުގައި ރައްޔިތުންގެ މަޖިލިހަށް ހަވާލުކޮށްފައިވާ އެއްވެސް ޒިންމާއެއް، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތާ ގުޅުވައިގެން، ނަގާފައެއް ނުވެ އެވެ. ރައީސުލްޖުމްހޫރިއްޔާ އިއުލާންކުރައްވާ ކުއްލި ނުރައްކަލުގެ ހާލަތުގެ ފުރަތަމަ މުއްދަތަކީ ގިނަވެގެން 30 ދުވަހެވެ. އެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރައްވާ ގަރާރު ރައްޔިތުންގެ މަޖިލިހަށް ހުށައަޅައި ފާސްކުރަން ޖެހެ އެވެ. އަދި މުއްދަތު އިތުރުކުރާ ނަމަ ނުވަތަ ރައީސްގެ ގަރާރު ބާތިލްކުރަން ބޭނުން ނަމަ އެކަން ވެސް މަޖިލިހަށް ކުރެވޭނެ އެވެ.

އެކަމަކު މާޗު 12 ގައި ރާއްޖޭގައި އިއުލާންކުރި ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތާ ބެހޭ އެއްވެސް ގަރާރެއް މަޖިލިހަށް ހުށައަޅާކަށް ނުޖެހެ އެވެ. އަދި މަޖިލިހުން އެއަށް ބަހުސްކޮށް، އަދި މުއްދަތު އިތުރުކުރާ ނަމަ މަޖިލިހުގެ ހިޔާލެއް ވެސް ބޭނުމެއް ނުވެ އެވެ. މިހާރު އެ ހާލަތުގައި ގައުމު އޮންނަތާ ވެސް ދެ މަސް ވެއްޖެ އެވެ.

އެހެންކަމުން ނަޝީދާއި އެމްޑީޕީގެ ބައެއް މެމްބަރުން އޭރު އެގޮތަށް ވާހަކަ ދެއްކެވި ނަމަވެސް، މިއީ މުޅިން ތަފާތު ދެ ހާލަތެއްކަން އެނގެ އެވެ.

އެކަމަކު ގާނޫނުއަސާސީ އިސްލާހު ކުރުމުގެ އެ ބިލް ބޭއްވެވީ އެވެ. އޭގެ ބަދަލުގައި އެޖެންޑާކޮށް، ބަހުސް ކުރިއަށް ގެންދެވީ ހެންވޭރު ހުޅަނގު ދާއިރާގެ އެމްޑީޕީ މެމްބަރު ހަސަން ލަތީފު ހުށައެޅުއްވި ގާނޫނެއްގެ ބިލަށެވެ. އެކަމަކު މިދިއަ ހަފުތާގައި އިއުލާންކުރީ ގާނޫނުއަސާސީއަށް އިސްލާހު ގެންނަ ބިލް މިއަދަށް އެޖެންޑާކޮށް، ބަހުސް ފަށާނެ ކަމެވެ. އަންނަ މަހުގެ ތިނެއްގެ ކުރިން އެ އިސްލާހު ނުގެނެސްފި ނަމަ، ކައުންސިލްތަކުގެ ދައުރު ހަމަވެ، އިދާރީ ދާއިރާތައް ހިންގުން ހުއްޓުމަކަށް އަންނާނެ އެވެ.

މާޗު 12ގެ ފަހުން ރައްޔިތުންގެ މަޖިލިސް ވެސް ކުރިއަށް ގެންދަނީ އޮންލައިންކޮށެވެ. އެކަމަކު ނަޝީދު ވިދާޅުވާ ގޮތުގައި ގާނޫނުއަސާސީއަށް ގެންނަ އިސްލާހަކާ މެދު ގޮތެއް ނިންމަން ޖެހޭނީ މަޖިލިހުގެ ތަޅުމުގައި މެމްބަރުން ތިއްބަވައިގެންނެވެ. އެއީ ރަނގަޅު ވާހަކަފުޅެކެވެ. އެކަމަކު އެޕްރީލް 15 ގައި މާލެ ލޮކްޑައުން ވުމުގެ ކުރިން ވެސް، ގާނޫނުއަސާސީއަށް އިސްލާހު ގެނެވެން އޮތެވެ.

ދެން މި ދިމާވީ ލޮކްޑައުންގެ މައްސަލަ އެވެ. ދެ ވަނަ ފަހަރަށް މާލެ ސަރަހައްދު ލޮކްޑައުންކޮށްފައި އޮތް އޮތުން ނިމޭނީ މި މަހު 28 ގަ އެވެ. ނަޝީދު ވިދާޅުވަނީ ކުރިއަށް އޮތް ތިން ދުވަހު މަޖިލިހުގެ ތަޅުމުގައި ޖަލްސާ ނުބާއްވަވާ ނުހުންނެވޭނެ ކަމަށެވެ. މިއީ އެއްގޮތަކުން ބަލަންޏާ، ގާނޫނަކުން އިއުލާންކޮށްފައި އޮތް ކަމަކަށް، ގޮންޖެއްސެވުމެވެ.

ލޮކްޑައުންގައި ވަކި ހުއްދައެއް ހޯދައިގެން އާންމުން ވިޔަފާރިކުރަން ކިއޫ ޖެހިފައި: ރައްޔިތުން ތިބީ އަމުރަށް ކިޔަމަންވެގެން - ފޮޓޯ: ނިޝާން އަލީ / މިހާރު

ލޮކްޑައުންގައި ވަކި ހުއްދައެއް ހޯދައިގެން އާންމުން ވިޔަފާރިކުރަން ކިއޫ ޖެހިފައި: ރައްޔިތުން ތިބީ އަމުރަށް ކިޔަމަންވެގެން - ފޮޓޯ: ނިޝާން އަލީ / މިހާރު

ނަޝީދަކީ ހަމައެކަނި ރައްޔިތުންގެ މަޖިލިހުގެ ރައީސެއް ނޫނެވެ. އެ މަނިކުފާނަކީ ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ ވެސް މެ އެވެ. މި ދެ ހައިސިއްޔަތުން ބެލި ނަމަވެސް، އެ މަނިކުފާނުގެ އެ ނިންމެވުން ރަނގަޅެއް ނޫނެވެ. މިއީ ދައުލަތުގެ ހުރިހާ ވެރިންގެ ފަރާތްޕުޅުން ވެސް ރައްޔިތުންނަށް ނަމޫނާ ފެންނަން ޖެހޭ ހާލަތެކެވެ. ވިސްނާލަމާ ހިނގާށެވެ. ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންގެ މުސާރައިން 30 ޕަސެންޓް އުނިކުރިޔަސް އާންމު މީހާއަށް ވުރެ އެތައް ގުނައެއް ބޮޑު އާމްދަނީއެއް، އިގުތިސާދީ ގޮތުން އޮތް މި ބޮޑު ވެއްޓުމުގައި ވެސް، އެބަ ލިބެ އެވެ. އެކަމަކު ދުވާލު ގެއިން ބޭރަށް ނުކުމެ މަސައްކަތްކޮށްގެން ނޫނީ ދިރިނޫޅެވޭނެ އެތައް ހާސް ބަޔަކު އެ ތިބީ އާމްދަނީއެއް ނުލިބި، މި ލޮކްޑައުންގެ ސަބަބުން، ގޭގައި ބަންދުވެގެންނެވެ. ގާނޫނީ އަމުރަށް އެމީހުން ތަބާއަވެ އެވެ. "ލޮކްޑައުންއަކާ ލޮކްޑައުންއެކޭ" ކިޔާފައި ގެއިން ނުކުމެގެންނެއް ނުދެ އެވެ.

މަޖިލިހުގެ ޖަލްސާ، މަޖިލިހުގެ މާލަމުގައި ބާއްވަންވީ އެވެ. މެމްބަރުން ވެސް ވަޑައިގަންނަވަންވީ އެވެ. އެކަމަށް ހާއްސަ ހުއްދަތައް ލިބޭނެ ގޮތް ވެސް ހުންނާނެ އެވެ. އެކަމަކު ލޮކްޑައުން ނިމެންދެން ނުތިއްބެވޭނެއޭ ވިދާޅުވެ، އެޗުޕީއޭއަށް ގޮންޖައްސަވާފައި، މަޖިލިހުގެ އިދާރާއަށް މެމްބަރުން މިސްރާބު ޖެއްސެވުމަކީ ގޯހެކެވެ. ނުބައި ނަމޫނާއެކެވެ. ލަދުވެތިކަމެކެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އުޅުއްވާ ގޮތަށް ރާއްޖޭގެ ވެރިން އުޅުއްވަން ފައްޓަވައިފި ނަމަ އޭގެ ނަތީޖާ މާ ހިތިވާނެ އެވެ. މިއީ އެމެރިކާއެއް ނޫނެވެ. އެމެރިކާގައި ވެންޓިލޭޓަރު ހޯދުން ތާށިވާން ހެދީމާ، ކާރު އުފައްދާ ފެކްޓަރީތަކުގެ މަސައްކަތް ވެންޓިލޭޓަރު ތައްޔާރުކުރަން ބަދަލުކޮށްލުމުގެ ގާބިލްކަން ވެސް ލިބިގެންވެ އެވެ. ރާއްޖެއަށް މި އުޅެނީ ދިހަ ވަރަކަށް ވެންޓިލޭޓަރު ގެންނަން ވެސް އުނދަގޫވެގެންނެވެ. އެމެރިކާގެ އެކި ސަރަހައްދުތަކުގައި ބޮޑެތި އެތައް ހޮސްޕިޓަލަކާއި އެމަޖެންސީގައި ފަރުވާދެވޭނެ އެތައް ތަނެކެވެ. އެމެރިކާގައި ޓެސްޓް ކިޓްތައް އަމިއްލައަށް އެ ތައްޔާރުކުރަނީ އެވެ. ވެކްސިނެއް އުފެއްދޭ ނަމަ އެންމެ ފުރަތަމަ އެކަން ކުރުން ވެސް އެންމެ ކައިރީ އެމެރިކާގަ އެވެ. އެހެންކަމުން އެ ވެކްސިން ފުރަތަމަ ނަގާނީ ވެސް އެ ގައުމުގެ 300 މިލިއަން މީހުންނަށްތާ އެވެ.

އެކަމަކު އެމެރިކާގައި ވެސް ލޮކްޑައުން ނުކޮށް މި ނުރައްކަލުން ސަލާމަތްވާން އުނދަގޫވާނެ ކަމަށް ސައިންސްވެރިން (އާއެނކެވެ. ސައިންސްވެރިންނެވެ. ރައީސް ޓްރަމްޕެއް ނޫނެވެ.) އެދަނީ ބުނަމުންނެވެ.

މާލެ ސަރަހައްދުގެ ގެތައް ފުރިފައި އޮތް ގޮތް ކޮންމެ މީހަކަށް ވެސް ފެންނާނެ އެވެ. ގޭގައި އުޅޭ މީހުންނަށް ވުރެ ކޮޓަރި މަދެވެ. އުމުރުން ދުވަސްވީ މީހުންނާ އެކު އެއް ތަނެއްގައި އެތައް ބައެކެވެ. އެއް ފާހާނާއެއް ބޭނުންކުރާ އެތައް ބައެކެވެ. އެއް ތަށިން ކައިބޮއި އުޅޭ އެތައް ބައެކެވެ. އެވަރުގެ ގޭބިސީތަކަށް މި ވައިރަސް ވަދެއްޖެ ނަމަ ދެން ވާނެ ގޮތް ވިސްނާލުން ހުއްޓެވެ. އެހެންކަމުން މިސްކިތްތަކާއި ސްކޫލްތަކާއި އޮފީސްތަކާއި ޕާކްތަކާއި ހޮޓާ/ރެސްޓޯރަންޓް/ކެފޭ ފަދަ ތަންތަން ދުރާލާ ބަންދުކުރިކަން، އެއީ އެއްގޮތަކުން ނަސީބެކެވެ. އެޕްރީލް 15 އަންނަންދެން އެ ހުރިހާ ތަނަކަށް މީހުން އެއްވުމުގެ ފުރުސަތު ދިން ނަމަ، ދެން ކުރިމަތިވާނެ ހިތާމަވެރި ހާލަތުގައި، އެންމެން ވެސް ރުޅިވެރިކަމާ އެކު އިނގިލި ދިއްކުރާނީ ސަރުކާރަށެވެ. އަދި އެ އިނގިލި ދިއްކުރުމުގެ ފުރުސަތު ވެސް އޮންނާނެ އެވެ. ކުރިން ފިޔަވަޅުތައް އަޅައިގެން ވެސް މި އުޅެނީ ސީރިއަސް އެތައް ކަމެއް އަތުން ދޫވާވަރުންނެވެ. ބައެއް ކަންކަމުގައި ވާނުވާ ވެސް ނޭނގެއޭ، އެތައް ބަޔަކު އެދަނީ ބުނަމުންނެވެ.

ޝަކުވާތަކާއި ހިތްހަމަނުޖެހުންތައް އެބަ ހުއްޓެވެ.

ނަޝީދާއި ރައްޔިތުންގެ މަޖިލިހާއި ދިވެހި ރައްޔިތުންނެވެ. ލޮކްޑައުންގެ އަމުރު ނެރެފައި އެވަނީ ގާނޫނަކުން ބާރު ދީގެންނެވެ. އެއީ ނުރައްކަލެއް ނެތި ނެރުނު އަމުރެއް ނޫނެވެ. އެއީ މުޅި ދުނިޔެ ހުއްޓުވާފައި އޮތް ބަލިން ރައްކާތެރިވުމުގެ އަމުރެކެވެ. އެއަށް އަމަލްކުރުމަކީ، ހިތްހަމަޖެހުނަސް ނުޖެހުނަސް، އުނދަގޫވިޔަސް ނުވިޔަސް، ކޮންމެ ދިވެހި ރައްޔިތެއްގެ ޒިންމާއެކެވެ. އާދައިގެ މީހެއް، ވެރިއެއް، ފަގީރެއް މުއްސަންޖެއް ތަފާތެއް ނެތެވެ.