Roadha Mihaaru

މަޖިލިހުގެ ރައީސް ނަޝީދު އަންގަވަނީ ލޮކްޑައުން ނިމެންދެން މަޑުނުކުރެއްވޭނެ ކަމަށް!

މާލޭ ސަރަހައްދުގެ ލޮކްޑައުން ހަތަރުވަނަ ފަހަރަށް ދަންމާލި މުއްދަތު ހަމަވާން އެންމެ ދެ ދުވަހަށް ވެފައި އޮތަސް މާލަމުގައި މަޖިލިހުގެ ޖަލްސާލަތައް ނުބާއްވަވާ ހުންނެވެން ނެތް ކަމަށް، މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު، ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު، މައިމޫނާ އަބޫބަކުރަށް އަންގަވައިފި އެވެ.

މަޖިލިހުގެ ރައީސް ނަޝީދު ލޮކްޑައުންއަށް ގޮންޖައްސަވައިފި
މުހައްމަދު ނަސީމް
މުހައްމަދު ނަސީމް

25 މެއި 2020

މާލޭ ސަރަހައްދުގެ ލޮކްޑައުން ހަތަރުވަނަ ފަހަރަށް ދަންމާލި މުއްދަތު ހަމަވާން އެންމެ ދެ ދުވަހަށް ވެފައި އޮތަސް މާލަމުގައި މަޖިލިހުގެ ޖަލްސާލަތައް ނުބާއްވަވާ ހުންނެވެން ނެތް ކަމަށް، މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު، ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު، މައިމޫނާ އަބޫބަކުރަށް އަންގަވައިފި އެވެ.

އާންމު ސިއްހަތުގެ ރައްކާތެރިކަމަށް، ކަމާ ބެހޭ ތަޖުރިބާކާރުންގެ ލަފަޔާ އެއްގޮތަށް އިއުލާންކޮށްފައިވާ ލޮކްޑައުންއާ ދެކޮޅަށް މަޖިލިހުގެ ރައީސް ކުއްލިއަކަށް އެފަދަ ނިންމެވުމެއް ނިންމެވުމުން، މަޖިލިހުގެ ބައެއް މެމްބަރުންނަށް ލިބިވަޑައިގަތި ހައިރާންކަމެވެ. ނަމަވެސް އެކަމާ ބެހޭ ގޮތުން ވަކި އެއްޗެއް ވިދާޅުވާކަށް އެ މެމްބަރުން ބޭނުމެއް ނުވެ އެވެ.

މިއީ ރާއްޖޭގައި ގާނޫނެއްގެ ދަށުން ސަރުކާރުން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅަކާ ދެކޮޅަށް ރައްޔިތުންގެ މަޖިލިހުގެ ރައީސަކު އެހާ ފާޅުގައި ގޮންޖެއްސެވި ފުރަތަމަ ފަހަރެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން މާޗް 12 ގައި ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތު ހެލްތު މިނިސްޓަރު އަބްދުﷲ އަމީން އިއުލާން ކުރެއްވުމާ ގުޅިގެން މަޖިލިހުގެ ޖަލްސާތައް މެދުކަނޑައިލި އެވެ. އެކަމަކު މާޗު ފަހު ހަފުތާގައި މެމްބަރުން ގޭގައި ތިއްބަވައިގެން، އޮންލައިންކޮށް ޖަލްސާތައް އަލުން ފަށައި، މިހާ ހިސާބަށް އައީ އެގޮތަށެވެ.

ނަމަވެސް މަޖިލީހުގެ ރައީސް ނަޝީދު މިހާރު ނިންމަވާފައި ވަނީ ލޮކްޑައުންއާ މެދު ސަރުކާރުން ގޮތެއް ކޮންމެ ގޮތެއް ނިންމިޔަސް އަދި ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތު އުވާނުލިޔަސް މާލަމުގައި ޖަލްސާތައް ބާއްވަވާށެވެ. އެގޮތުން ޚާއްސަ އުސޫލެއް ކަނޑައަޅައި މާދަމާ ޖަލްސާތައް ފަށާނެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ތިއްބަވާ ވަޓްސްއެޕް ގުރޫޕްގައި ނަޝީދު ވިދާޅުވީ، ލޮކްޑައުންއާ މެދު އެޗްޕީއޭ އިން އަންނަ ބުރާސްފަތި ދުވަހު ގޮތެއް ނިންމަންދެން މަޑުކުރެއްވެން ނެތް ވާހަކަ ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރަށް އަަންގަވާފައިވާނެ ކަމަށެވެ.

ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތާ އެކު ސަރުކާރާއި ދައުލަތުގެ އެހެން މުއައްސަސާތައް ވެސް ވަނީ ބަންދުކޮށްފަ އެވެ. މަސައްކަތް ކުރަނީ މުވައްޒަފުން ގޭގައި ތިބެގެންނެވެ. މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން މެދުކަނޑާލުމާއި ހޮޓާ/ރެސްޓޯރެންޓް/ކެފޭތަކަށް މީހުން ވައްދައިގެން ހިދުމަތް ދިނުން ވެސް ވަނީ ހުއްޓާލައިފަ އެވެ. ލޮކްޑައުންގައި ހާއްސަ ހުއްދައެއް ނެތި އެއްވެސް މީހަކަށް ގެއިން ބޭރަކަށް ނުނިކުމެވެ އެވެ.

މި ހާލަތުގައި ރައްޔިތުން ކިޔަމަންވެގެން ތިއްބާ ރައްޔިތުންގެ މަޖިލިހުގެ ރައީސް މި ނިންމެވި ނިންމެވުމުން އާންމުންނަށް ވެސް ލިބުނީ ހައިރާންކަމެކެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ވަޓްސްއެޕް ގުރޫޕްގައި ނަޝީދު ވިދާޅުވީ ލޮކްޑައުންއާ މެދު އެޗްޕީއޭ އިން އަންނަ ބުރާސްފަތި ދުވަހު ގޮތެއް ނިންމަންދެން މަޑުކުރެއްވެން ނެތް ވާހަކަ މައިމޫނާއަށް އަަންގަވާފައިވާނެ ކަމަށެވެ.

ސަރުކާރުން ބުނެފައި ވަނީ ލޮކްޑައުންގެ މުއްދަތު ހަމަވުމުން ލުއިތަކެއް ދޭން ނިންމާފައިވާ ކަމަށެވެ. އެކަމަކު އޭގެ ތަފުސީލެއް އަދި އާންމެއް ނުކުރެ އެވެ.

ދައުލަތުގެ އެއްބާރުން މި ގޮތަށް ނިންމިއިރު، އެޗްޕީއޭ އާއި ސަރުކާރުން އެންގި ގޮތަށް ސަރުކާރުގެ އޮފީސްތަކުގެ މުވައްޒަފުން ގޭގައި އޮންލައިންކޮށް މަސައްކަތް ކުރާތާ އެތައް ދުވަހެއް ވެއްޖެ އެވެ. ކޮވިޑް-19 އިން ރައްކާތެރިވުމުގެ ފިޔަވަޅު އެޅުމަށްޓަކައި އާންމުން ކައިރީގައި ގެއިން ނުނިކުމެ ތިބުމަށް ސަރުކާރުންނާއި ސިއްހީ މާހިރުން އެންގުމުން އާންމުން ވެސް ތިބީ ގޭގައި މަޑުކޮށްގެންނެވެ.

ނަޝީދުގެ ނިންމެވުން މިއައީ ކައުންސިލްތަކުގެ ދައުރު ދަންމާލަން، ގާނޫނު އަސާސީއަށް ސަރުކާރުން ހުށައެޅި އިސްލާހުގެ މަސައްކަތާ ދިމާކޮށެވެ. ވަޓްސްއެޕް ގުރޫޕްގައި އެމަނިކުފާނު ވިދާޅުވީ މާލަމުގައި މެމްބަރުން ހާޒިރުވެ ތިއްބަވައިގެން ނޫން ގޮތަކަށް ގާނޫނުއަސާސީ އަށް ބަދަލެއް ގެނައުން ރަނގަޅު ނޫން ކަމަށެވެ. ކުރިން ވެސް ނަޝީދު އެގޮތަށް ވާހަކަފުޅު ދެއްކެވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި އެކަމާ މެދު މެމްބަރުންގެ ވިސްނުން ހުރި ގޮތް ބެއްލެވި އެވެ. އަދި ގިނަ މެމްބަރުންނަށް ފެނިވަޑައިގަތީ ވެސް މާލަމުގައި ޖަލްސާތައް ފަށަން ކަމަށް ވިދާޅުވި އެވެ.

ޖަލްސާތައް ބާއްވަނީ ގައި ދުރުމިން ހިމެނޭ ގޮތަށް، އެއް ފަހަރާ ވަކި އަދަދަކަށް މެމްބަރުން ތިއްބަވައިގެންނެވެ. އެގޮތުން އެއްފަހަރާ ތިއްބަވާނީ 42 މެމްބަރުންނެވެ. އަދި މާލަމުގެ އެއް މޭޒެއްގައި ދެ މެމްބަރުންނެއް ނުތިއްބަވާނެ އެވެ.

ގާނޫނު އަސާސީއަށް ސަރުކާރުން ހުށައެޅި އިސްލާހު އެޖެންޑާ މިކުރީ، މުޅިން އެހެން އުޒުރުތަކެއް ދައްކަވައިގެން އެ ބިލް އެތައް ދުވަހަކު ބޭއްވުމަށް ފަހު އެވެ. އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮތް މަޖިލިހުގައި ބަހުސް ކުރިއަށް ގެންދިޔައީ، ގާނޫނަކުން ކައުންސިލަރުންގެ ދައުރު ދަންމާލާ ގޮތަށެވެ. އެކަމަކު އެއީ ގާނޫނު އަސާސީއާ ހިލާފު ކަމެއް ކަމަށް، ގާނޫނީ ތަޖުރިބާކާރުން ގެންދަނީ ބުނަމުންނެވެ.

އެންމެ ފަހުން ގާނޫނުގެ ބިލް ބާއްވާފައި، ގާނޫނު އަސާސީއަށް އިސްލާހު ގެންނަ ބިލް މިހާރު އެ އޮތީ ކުރިއަށް ނެރެފަ އެވެ. ޖޫން 1 ގެ ކުރިން އެ ބަދަލު ގެންނަން ޖެހެ އެވެ. އެހެންކަމުން މަޖިލިހުގެ ޖަލްސާތައް، އީދު ބަންދުގައި ވެސް ކުރިއަށް ގެންދަން މަޖިލިހުގެ ނިންމި އެވެ.