Roadha Mihaaru

އެމްޑަބްލިއުއެސްސީއަށް 30 އަހަރު، ގިނަ ހަރަކާތްތަކެއް ބާއްވަނީ

އެމްޑަބްލިއުއެސްސީގެ 30 ވަނަ އަހަރީ ދުވަހާ ގުޅިގެން ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދަން ރާވައިފި އެވެ.

އެމްޑަބްލިއުއެސްސީއަށް 30 އަހަރު، ގިނަ ހަރަކާތްތަކެއް
އައިޝަތު ޖަޒްލީ
އައިޝަތު ޖަޒްލީ

01 އެޕްރީލް 2025

އެމްޑަބްލިއުއެސްސީގެ 30 ވަނަ އަހަރީ ދުވަހާ ގުޅިގެން ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދަން ރާވައިފި އެވެ.

މިއަދު އެ ކުންފުންޏަށް 30 އަހަރު ފުރުމުގެ މުނާސަބަތުގައި ނެރުނު ނޫސްބަޔާނެއްގައި ބުނީ އަހަރީ ދުވަހުގެ މުނާސަބަތުގައި ކުޑަކުދިންގެ ހަވީރަކާއި ލޭ ހަދިޔާ ކުރުމުގެ ޕްރޮގޮރާމަކާއި ގަސްއިންދުމުގެ ޕްރޮގްރާމެއް އަދި ކަސްޓަމަރުންނަށް އަމާޒުކޮށްށްގެން ތަފާތު އެކި ޕްރޮގްރާމްތައް ހިންގުމަށް ރާވާފައިވާ ކަމަށެވެ.

އެމްްޑަބްލިއުއެސްސީން ބުނީ އެ ކުންފުނިން ފެނާ ނަރުދަމާގެ ހިދުމަތް ރާއްޖޭގެ އެކި ހިސާބުތަކަށް ފޯރުކޮށްދިނުމަށް މުހިންމު މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އެގޮތުން މިއަހަރު އެކުންފުނިން ފެނުގެ 17 ޕްރޮޖެކްޓާއި ނަރުދަމާގެ 15 ޕްރޮޖެކްޓު ހިންގުމަށް ހަމަޖެހިފައިވާ ކަމަށް ބުންޏެވެ. އޭގެ ތެރެއިން ބައެއް ޕްރޮޖެކްޓްތަކުގެ އަމަލީ މަސައްކަތް މިހާރު ފަށާފައި ވާއިރު، އަނެއް ބައި ޕްރޮޖެކްޓްތަކުގެ އަމަލީ މަސައްކަތް ފެށުމަށް ވާންޖެހޭ ތައްޔާރީތައް މިހާރުވަމުންދާ ކަމަށް އެ ކުންފުނިން ބުންޏެވެ.

އެކުންފުނިން ބުނީ ރާއްޖޭގެ އާބާދީގެ ގާތްގަނޑަކަށް 50 ޕަސެންޓަށް ހިދުމަތް ފޯރުކޮށްދެމުންދާ ކުންފުންޏެއް ކަމަށެވެ. އަދި މިއަހަރުގެ އެންމެ ބޮޑު އަމާޒަކީ ފެނުގެ ސެކިއުރިޓީ ކަށަވަރު ކުރުން ކަމަށާއި އެގޮތުން މި އަހަރު ނިމޭއިރު ފެން އުފެއްދުމުގެ ކެޕޭސިޓީ 26 ޕަސެންޓް އަދި ފެން ރައްކާކުރެވޭ މިންވަރު 28 ޕަސެންޓަށް އިތުރުކުރެވިގެން ދާނެ ކަމަށް ބުންޏެވެ.

ތާނގީ ބަހައްޓަން ހަމަޖެހިފައިވާ ސަރަހައްދު. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ތާނގީ ބަހައްޓަން ހަމަޖެހިފައިވާ ސަރަހައްދު. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

މީގެ އިތުރުން މިއަހަރު އެ ކުންފުނިން ނިންމާ އެންމެ ބޮޑު އެއް ޕްރޮޖެކްޓް ކަމަށްވާ މާލެ އާއި ހުޅުމާލެ ފެނުގެ ވިޔުގަ ގުޅާލުމުގެ މަސައްކަތުގެ ބޮޑު ބައެއް މިހާރު ނިމިފައިވާ ކަމަށާއި އެ ޕްރޮޖެކްޓް ނިމުމުން މާލެއިން ހުޅުމާލެއަށް ނުވަތަ ހުޅުމާލެއިން މާލެއަށް، ގަޑިއަކު 800 ޓަނުގެ ފެން ޕަންޕުކުރުމުގެ ގާބިލްކަން ލިބިގެންދާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

އަޕްގްރޭޑު ކޮށްފައިވާ ޕޯޓަލް ތައާރަފްކޮށްދެއްވައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުލް މަތީން މުހައްމަދު ވާހަކަ ދައްކަވަނީ.

އަޕްގްރޭޑު ކޮށްފައިވާ ޕޯޓަލް ތައާރަފްކޮށްދެއްވައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުލް މަތީން މުހައްމަދު ވާހަކަ ދައްކަވަނީ.

އެ ކުންފުނީގައި މިހާރު ހުރީ ދުވާލަކު 47,300 ކޮޑި މީޓަރުގެ ފެން އުފެއްދުމުގެ ގާބިލު ކަމާއި 44,858 ކޮޑި މީޓަރުގެ ފެން ރައްކާ ކުރުމުގެ ގާބިލު ކަމެވެ. ނަމަވެސް އާ ޕްރޮޖެކްޓުތަކާ އެކު މި އަދަދުތައް އިތުރުވެ، ފެނުގެ ހިދުމަތް ފޯރުކޮށްދިނުމުގެ ގާބިލުކަން އިތުރުކުރެވޭނެ އެވެ.

އެމްޑަބްލިއުއެސްސީއިން ބުނީ ކަސްޓަމަރުންނަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން 24 ގަޑިއިރު ކަސްޓަމާ ކެއާ ކޯލް ސެންޓަރުގެ ހިދުމަތާއި އެ ކުންފުނީގެ ހިދުމަތްތަކަށް އެދި އޮންލައިންކޮށް ހުށައެޅޭނެ އިންތިޒާމާއި އޮންލައިން ޕޯޓަލް އަދި މޯބައިލް އެޕްލިކޭޝަން އަޕްގްރޭޑްކޮށް އާ ހިދުމަތްތަކާއެކު ތައާރަފްކޮށް ސްމާޓް މީޓަރު ވެސް ބޭނުންކުރަން ފަށާފައިވާ ކަމަށެވެ. އަދި ހިދުމަތްތަކުގެ ފެންވަރު އިތުރު ކުރުމުގެ ގޮތުން މުވައްޒަފުންގެ ގާބިލުކަން އިތުރު ކުރުމުގެ ގިނަ މަސައްކަތްތަކެއް ވެސް ކުރަމުންދާ ކަމަށް އެ ކުންފުނިން ބުންޏެވެ.

އެމްޑަބިއުއެސްސީ އަކީ ފެނާ ނަރުދަމާގެ އިތުރުން އިންޖީނިއަރިން އާއި ޓްރޭޑިން އަދި މެނުފެކްޗަރިންގެ ދާއިރާއިން ވެސް ފާހަގަކޮށްލެވޭ ކުންފުންޏެކެވެ. އެގޮތުން ފެނާއި ނަރުދަމާ ނިޒާމު ފަރުމާ ކުރުމާއި ގާއިމު ކުރުމާއި އޮޕަރޭޓް ކުރުމާއި އަދި ފެން ޕްލާންޓް އަމިއްލައަށް ޑިޒައިންކޮށް ފެބްރިކޭޓް ކުރުމުގެ މަސައްކަތް ވެސް އެކުންފުނިން ކުރެ އެވެ. އަދި އެކުންފުނީގެ ޝޯރޫމުން ފެނާ ނަރުދާމާގެ ނިޒާމާ ގުޅުންހުރި، ދުނިޔޭގެ މަޝްހޫރު ބްރޭންޑްތަކުގެ ތަކެތި ވިއްކަ އެވެ.

އޭގެ އިތުރުން އެ ކުންފުނިން އައިއެސްއޯ ސްޓޭންޑަރޑުގެ ލެބޯޓްރީއިން ދަނީ ރިޒޯޓުތަކާ ފަންނީ ކޮންސަލްޓަންޓުން ފަދަ ފަރާތްތަކަށް، ވިޔަފާރީގެ އުސޫލުން ފެން ތަހުލީލު ކުރުމުގެ ހިދުމަތް ވެސް ދެމުންނެވެ.

އެ ކުންފުނިން ދަނީ ހުޅުމާލޭގައި ގާއިމުކޮށްފައިވާ ކާރުހާނާ އިން ފުޅީގައި ބަންދުކޮށްފައިވާ ފެން އުފެއްދުމާއި ކ.ގުޅީފަޅުގައި ގާއިމްކޮށްފައިވާ ޕައިޕް ފެކްޓްރީން ފެނާއި ނަރުދަމާގެ މަސައްކަތްތަކާއި ފެން ވައިރިން އަށް ބޭނުންވާ އެކި ސައިޒްތަކުގެ ހޮޅި އުފެއްދުމާއި އަދި ކަރަންޓް ވަޔަރިން އަށް ބޭނުންވާ އެކި ސައިޒްތަކުގެ ކޮންޑިއުޓް ހޮޅި ވެސް އުފައްދަމުންނެވެ.

އެމްޑަބްލިއުއެސްސީގެ އަމާޒަކީ ފެނާއި ނަރުދަމާގެ ހިދުމަތް މިހާރަށް ވުރެ ފުރިހަމަކޮށް އިތުރު ދާއިރާތަކުން އީޖާދީ އެކި މަސައްކަތްތަކުގައި ބައިވެރިވެ، ކުންފުނީގެ މަސައްކަތްތައް ފުޅާ ކުރުމެވެ.