މާލެ ސަރަހައްދުގެ މަގުތަކުގައި އުޅޭ ބުޅާތައް ބަލަހައްޓަން ހެދި "އޮޅުހިޔާ"ގެ ކަރަންޓީން ބައިގެ ޖާގަ ބޮޑުކޮށް، އިތުރު 75 ބުޅާ އެ ފެސިލިޓީއަށް ގެންގޮސްފި އެވެ.
02 އޯގަސްޓް 2025
މާލެ ސަރަހައްދުގެ މަގުތަކުގައި އުޅޭ ބުޅާތައް ބަލަހައްޓަން ހެދި "އޮޅުހިޔާ"ގެ ކަރަންޓީން ބައިގެ ޖާގަ ބޮޑުކޮށް، އިތުރު 75 ބުޅާ އެ ފެސިލިޓީއަށް ގެންގޮސްފި އެވެ.
ދިރޭތަކެއްޗާ ބެހޭ މިނިސްޓްރީން ސަރުކާރު ވެބްސައިޓުގައި މިރޭ ބުނީ އޮޅުހިޔާގެ ކަރަންޓީން ބައިގެ ޖާގަ އިތުރުކޮށްފައި ވާތީ، މާލެ ތެރެއިން އިތުރު ބުޅާތައް ފެސިލިޓީއަށް ނެގުމުގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށެވެ. ވިއްސާރައާ ގުޅިގެން އެ މަސައްކަތް މެދުކެނޑާލުމަށް ފަހު މިއަދު އަލުން ފަށާފައިވާ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނީ އޮޅުހިޔާ ހުޅުވިއިރު، އެތަނުގެ ކަރަންޓީން ޖާގައިގައި ކަރަންޓީން ކުރުމަށް ބޭނުންވާ ވަސީލަތްތައް ނެތް ކަމަށެވެ. އެހެންވެ، އޭރު ކޮށިތައް ތައްޔާރުކޮށް ފުރަތަމަ 15 ބުޅާ ވެއްދި ކަމަށާއި އޭގެ ފަހުން ވެސް އެކި ފަހަރު މަތިން ބުޅާތައް އެ ފެސިލިޓީއަށް ނަގާފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.
ކަރަންޓީނުގައި ވަކި މުއްދަތެއް ވަންދެން ބުޅާތައް ބައިތިއްބަން ޖެހޭތީ، އޮޅުހިޔާގެ ޖާގަ އެކި ފަހަރު މަތިން އިތުރުކުރަމުން ގޮސް މިހާރު އެއް ފަހަރާ 100 ބުޅާ ކަރަންޓީން ކުރެވޭނެ ވަރަށް ޖާގަ އިތުރުކޮށްފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.
އޮޅުހިޔާއަށް ގެންދަން ހުޅުމާލޭގެ ތަނަކުން ބުޅާތަކެއް ނަގަނީ.-- ފޮޓޯ: ދިރޭތަކެއްޗާ ބެހޭ މިނިސްޓްރީ
މިނިސްޓްރީން ބުނި ގޮތުގައި، އޮޅުހިޔާއަށް އިތުރު ބުޅާ ނެގުމުގެ މަސައްކަތް ފެށީ މިދިޔަ މަހުގެ 28 ދުވަހު އެވެ. ނަމަވެސް، މޫސުން ގޯސްވުމުގެ ސަބަބުން އެ މަސައްކަތް މެދުކަނޑާލުމަށް ފަހު މިއަދު އެ މަސައްކަތް އަލުން ފެށިއިރު ކަރަންޓީނުގައި ތިބި 34 ބުޅަލުގެ ތެރެއިން 19 ބުޅާ ވަނީ ކޮށިތަކަށް ބަދަލުކޮށްފަ އެވެ. އަދި މާލެ ސަރަހައްދުގެ މަގުތަކުން ޖުމްލަ 75 ބުޅާ މިހާރު ވަނީ އެ ފެސިލިޓީއަށް ނަގައިފަ އެވެ.
މާލޭގެ މެރީ ބްރައުން ސަރަހައްދުންނާއި ހުޅުމާލޭގެ އެކި ސަރަހައްދުތަކުން މިއަދު ބުޅާތައް ފެސިލިޓީއަށް ނަގާފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނި ގޮތުގައި، މިވަގުތު އޮޅުހިޔާގައި ތިބި ބުޅަލުގެ ޖުމްލަ އަދަދަކީ 112 އެވެ. އެއީ ކަރަންޓީނުގައި ތިބި ބުޅާތަކާއި ކޮށީގައި ތިބި ބުޅާތައް ހިމެނޭހެންނެވެ.
މާލޭގެ އެކި ތަންތަނުން ބުޅާތައް ފެސިލިޓީއަށް ނެގުމުގެ މަސައްކަތް މާދަމާ ވެސް ކުރާނެ ކަމަށާއި، ކަރަންޓީން މަރުހަލާ ނިމުމަށް ފަހު ބުޅާތައް ލާން ޖެހޭ ކޮށިތަކުގައި އިތުރަށް ފުރިހަމަ ކުރަން ޖެހޭ މަސައްކަތްތައް ވެސް ކުރަމުން އަންނަ ކަމަށް މިނިސްޓްރީން ބުންޏެވެ.
މާލޭ ސިޓީ ކައުންސިލުގެ ބަޖެޓުން ހަރަދުކޮށްގެން ހެދި އޮޅުހިޔާ ހިންގުމުގެ ކަންކަން ކުރިއަށް ގެންދަން ކުރިން ނިންމީ ކައުންސިލުންނެވެ. ނަމަވެސް، އެތަން ހިންގުން ދިރޭތަކެއްޗާ ބެހޭ މިނިސްޓްރީގެ ދަށަށް ބަދަލުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓުން ނިންމައި، އެކަން މާލޭ ސިޓީ ކައުންސިލަށް މިދިޔަ ޑިސެމްބަރު މަހު އެންގުމުން، އެތަން މިހާރު ބަލަހައްޓަމުން އަންނަނީ އެ މިނިސްޓްރީންނެވެ.
މިނިސްޓްރީއާ ގުޅިގެން އޮޅުހިޔާ ހިންގާނެ ބަޔަކު ހޯދަން މިދިޔަ މަހު ހުޅުވާލި ފުރުސަތުގައި އެ މަސައްކަތަށް ދެ ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް މިނިސްޓްރީން "މިހާރު"އަށް ބުނެފައިވެ އެވެ.
"ހާލުގައި ޖެހިފައިވާ" 15 ބުޅާ އޮޅުހިޔާއަށް
މަގުމަތީގައި އުޅޭ ބުޅާތަކަށް އަނިޔާކުރުން އިތުރުވަނީ
މާލޭގައި އުޅޭ ބުޅާތަކަށް ސްޕްރޭ ޖެހުމުން ކަންބޮޑުވުން
ބުޅާ ފެސިލިޓީއަށް ސާމާނު ހޯދަން ރެޕިޑްއިންޖިނިއަރިންއަށް
ބުޅާ ގެންދާ ތަނެއް ނޭނގޭ، މަދުވުމުން އުފާފާޅުކުރަނީ!
ބުޅާތައް ބަލަހައްޓަން ދެ ފަރާތަކުން ކުރިމަތިލައިފި
އޮޅުހިޔާ އެއް އަހަރަށް ހިންގާނެ ބަޔަކު ހޯދަނީ
"ނުކުމެވޭ ވަރެއް ނޫން، މުޅި ތަނުގައި ބުޅާ ނަޖިސް"
ބުޅާ ފެސިލިޓީއަށް އަހަރަކު 10.8 މިލިއަން ހަރަދުވާނެ
ބުޅާ ފެސިލިޓީގެ ނެޓުތައް ބަދަލުކުރަން ފަށައިފި