Roadha Mihaaru

ހުޅުވިތާ ގިނަ ދުވަސްތަކެއް ނުވެ ބުޅާ ފެސިލިޓީގެ ނެޓުތައް ބަދަލުކުރަން ފަށައިފި

ހުޅުމާލޭގައި ހަދާފައިވާ އޮޅުހިޔާ ބޭނުންކުރަން ފެށިތާ މަސް ދުވަސް ތެރޭގައި އެތަނުގެ ނެޓުތައް އަލުން ބަދަލުކޮށް މަރާމާތު ކުރަން ފަށައިފި އެވެ.

ބުޅާ ފެސިލިޓީގެ ނެޓުތައް ބަދަލުކުރަން ފަށައިފި
މާއިދާ މުހައްމަދު ރަޝާދު
މާއިދާ މުހައްމަދު ރަޝާދު

28 މާޗް 2025

ހުޅުމާލޭގައި ހަދާފައިވާ އޮޅުހިޔާ ބޭނުންކުރަން ފެށިތާ މަސް ދުވަސް ތެރޭގައި އެތަނުގެ ނެޓުތައް އަލުން ބަދަލުކޮށް މަރާމާތު ކުރަން ފަށައިފި އެވެ.

އޮޅުހިޔާ ހުޅުވިތާ ތިން މަސް ދުވަސް ފަހުން އެތަނަށް ބުޅާތައް ގެންދަން ފެށީ މިދިޔަ މަހުގެ 28 ގަ އެވެ.

އެނިމަލް ވެލްފެއާ މިނިސްޓްރީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އެ ފެސިލިޓީގައި ބުޅާ ބައިތިއްބާ ކޮށިތައް އިތުރަށް ރަނގަޅުކުރުމުގެ ގޮތުން އެތަން ފަރުމާކޮށް، އެ ނެޓުތައް ބަދަލުކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.

އެ މަސައްކަތް ނިމުމުން، ކުދި ބުޅާތައް، އިތުރު ރައްކާތެރިކަމާ އެކު ބެލެހެއްޓުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

އަލުން އެތަނުގެ ނެޓުތައް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާއިރު އެކަމަށް ހިނގާ ހަރަދު ސާފެއް ނޫނެވެ.

މާލެ ސަރަހައްދުގެ މަގުތަކުގައި އުޅޭ ބުޅާތައް ބަލަހައްޓަން ވަކި ސެންޓަރެއް ހެދީ ސިޓީ ކައުންސިލުންނެވެ. އެކަމަކު، އެ ތަނަށް ބުޅާތައް ބަދަލުކުރަން ތައްޔާރުވެފައި ވަނިކޮށް އެނިމަލް ވެލްފެއާ މިނިސްޓްރީގެ ދަށަށް ބަދަލުކުރަން ކެބިނެޓުން ނިންމުމުން އޮޅު ހިޔާ ބޭނުން ނުކުރެވި ދިގުލައިގެން ދިޔަ އެވެ.

މަގުތަކުގައި އުޅޭ ބުޅާތައް އޮޅުހިޔާ އަށް ބަދަލުކުރަން ސިޓީ ކައުންސިލުން ފެށުމުން ދިރޭތަކެއްޗާ ބެހޭ މިނިސްޓްރީން އޭރު ވަނީ އެ ފެސިލިޓީގައި ހުންނަން ޖެހޭ ހުރިހާ ހިދުމަތެއް ފުރިހަމަ ނުވާ ކަމަށް ބުނެ، އެ މަސައްކަތް ވަގުތުން ހުއްޓާލަން އަންގައިފަ އެވެ.

ފަހުން ވަނީ އެ ހިޔާގައި ހުރި ތަކެއްޗާ އެކު، އެނިމަލް ވެލްފެއާ މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފަ އެވެ.

އޮޅު ހިޔާ ފެސިލިޓީއާ ރަސްމީކޮށް ހަވާލުވިތާ 16 ގަޑިއިރުގެ ތެރޭގައި، އާ ކަރަންޓީނު ސަރަހައްދަށް ބޭނުންވާ ވަސީލަތްތައް ހޯދައި، ހުރިހާ ކަމެއް ފުރިހަމަކޮށްފައިވާ ކަމަށް ވެސް މިނިސްޓްރީން ބުނެ އެވެ.

އެ ހިޔާގައި މި ވަގުތު ހަތަރު މީހުން މަސައްކަތްކުރެ އެވެ. އެއީ ޖަނަވާރުނަގެ ހާއްސަ ޑޮކްޓަރަކާއި އިދާރީ ތިން މުވައްޒަފުންނެވެ. ނަރުހުންނާއި އެހީތެރިކަން ދިނުމަށް ދެން އުޅޭނީ ހިލޭ ސާބަހަށް މަސައްކަތްކުރާ ބައެކެވެ.

ސިޓީ ކައުންސިލުން ކުރިން ނިންމާފައި އޮތީ މާލޭގައި އުޅޭ 2،000-3،000 ބުޅާ، ފެސިލިޓީއަށް ގެންގޮސް ބަލަހައްޓާށެވެ.