Roadha Mihaaru

"ހާލުގައި ޖެހިފައިވާ" 15 ބުޅާ ޗުއްޓީތެރޭ އޮޅުހިޔާއަށް ގެންގޮސްފި

މަގުމަތީގައި "ހާލުގައި ޖެހިފައިވާ" 15 ބުޅާ މިދިޔަ އީދު ޗުއްޓީ ތެރޭގައި އޮޅުހިޔާއަށް ގެންގޮސްފައިވާ ކަމަށް ދިރޭތަކެއްޗާ ބެހޭ މިނިސްޓްރީން އިއްޔެ ބުނެފި އެވެ.

"ހާލުގައި ޖެހިފައިވާ" 15 ބުޅާ އޮޅުހިޔާއަށް
އިފްރާޒް އަލީ
އިފްރާޒް އަލީ

07 އެޕްރީލް 2025

މަގުމަތީގައި "ހާލުގައި ޖެހިފައިވާ" 15 ބުޅާ މިދިޔަ އީދު ޗުއްޓީ ތެރޭގައި އޮޅުހިޔާއަށް ގެންގޮސްފައިވާ ކަމަށް ދިރޭތަކެއްޗާ ބެހޭ މިނިސްޓްރީން އިއްޔެ ބުނެފި އެވެ.

ދިރޭތަކެއްޗާ ބެހޭ މިނިސްޓްރީން އެކްސްގައި ކުރި ޕޯސްޓުތަކެއްގައި ބުނީ މަގުމަތީގައި "ހާލުގައި ޖެހިފައިވާ" އިތުރު 15 ބުޅާ، އީދު ޗުއްޓީގައި "އޮޅުހިޔާ" ފެސިލިޓީއަށް ގެންގޮސްފައިވާ ކަމަށެވެ. އަދި އެ ފެސިލިޓީއަށް މަދުވާ ސާމާނުތަކާއި ބުޅާ ބައިތިއްބާނެ ކޮށިތައް ރަނގަޅުކޮށް، އިތުރު ބުޅާ ގެންދިއުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށް މިނިސްޓްރީން ބުންޏެވެ.

މި 15 ބުޅަލާ އެކު، މި ވަގުތު އޮޅުހިޔާގައި ޖުމްލަ 30 ބުޅާ ގެންގުޅެ އެވެ.

"އަލަށް ސަލާމަތްކުރެވުނު މި ބުޅާތަކަށް، ފުރަތަމަ ބެޗުގައި ގެނައި ބުޅާތަކާ އެކު، އެއަށް ބޭނުންވާ ރައްކާތެރިކަމާއި އަޅާލުން މި އަންނަނީ ދެމުން. އަޅުގަނޑުމެންގެ މަސައްކަތް ފުޅާކުރުމަށް ބޭނުންވާ ތަކެއްޗާއި އާލާތްތައް މި އަންނަނީ މަޑުމަޑުން ހޯދަމުން. އަދި ކުރިއަށް އޮތް ދުވަސްތަކުގައި، މަގުމަތީގައި އުޅޭ އިތުރު ބުޅާތައް މިތަނަށް ގެންނާނަން،" މިނިސްޓްރީން ބުންޏެވެ.

ބުޅަލުގެ ހިމާޔަތުގައި މަސައްކަތްކުރާ ރާއްޖޭގެ ބައެއް ޖަމިއްޔާތަކުން ބުނި ގޮތުގައި، މާލެ ސަރަހައްދުގެ މަގުތަކުގައި އުޅޭ ބުޅަލުގެ އަދަދު 3،000 އަށް ވުރެ ގިނަ އެވެ.

ސިޓީ ކައުންސިލުން ކުރިން ބުނެފައިވާ ގޮތުގައި، އެ ފެސިލިޓީގައި އެއްފަހަރާ 3،000 ބުޅާ ބެލެހެއްޓޭނެ އެވެ.

ހުޅުމާލޭގައި ހަދާފައިވާ އޮޅުހިޔާ ބޭނުންކުރަން ފެށީ މިދިޔަ ފެބްރުއަރީ މަހު އެވެ.

މާލެ ސަރަހައްދުގެ މަގުތަކުގައި އުޅޭ ބުޅާތައް ބަލަހައްޓަން މި ފެސިލިޓީ ހެދީ ސިޓީ ކައުންސިލުންނެވެ. އެކަމަކު، އެތަނަށް ބުޅާތައް ބަދަލުކުރަން ތައްޔާރުވެފައި ވަނިކޮށް ދިރޭތަކެއްޗާ ބެހޭ މިނިސްޓްރީގެ ދަށަށް ބަދަލުކުރަން ކެބިނެޓުން ނިންމުމުން އޮޅުހިޔާ ބޭނުން ނުކުރެވި ދިގުލައިގެން ދިޔަ އެވެ. ސިޓީ ކައުންސިލާއި މިނިސްޓްރީގެ ދެބަސްވުންތަކަށް ފަހު، އެތަނުގައި ހުރި ތަކެއްޗާ އެކު، މިނިސްޓްރީގެ ދަށުން ހިންގާ ތަނެއްގެ ގޮތުގައި އެ ފެސިލިޓީ ބޭނުންކުރަން މިހާރު ވަނީ ފަށައިފަ އެވެ.

އެ ހިޔާގައި މި ވަގުތު ހަތަރު މީހުން މަސައްކަތްކުރެ އެވެ. އެއީ ޖަނަވާރުނަގެ ހާއްސަ ޑޮކްޓަރަކާއި އިދާރީ ތިން މުވައްޒަފުންނެވެ. ނަރުހުންނާއި އެހީތެރިކަން ދިނުމަށް ދެން އުޅޭނީ ހިލޭ ސާބަހަށް މަސައްކަތްކުރާ ބައެކެވެ.