Roadha Mihaaru
ކައުންސިލްގެ ވިސްނުމަކީ 1،000 ބުޅާ ނިއުޓާ ކުރުން

ސިޓީ ކައުންސިލްގެ ވިސްނުމަކީ ތިން މަސް ތެރޭގައި 1،000 ބުޅާ ނުވިހާ ގޮތް ހެދުން

27 އެޕްރީލް 2023

މާލޭ ސިޓީ ކައުންސިލްގެ ވިސްނުމަކީ މާލޭގެ މަގުތަކުގައި އުޅޭ ބުޅާތަކުގެ ތެރެއިން 1،000 ބުޅާ ނުވިހާ ގޮތް ހެދުން ކަމަށް އެ ކައުންސިލުން ބުނެފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މާލޭ ސިޓީ ކައުންސިލްގެ ވިސްނުމަކީ މާލޭގެ މަގުތަކުގައި އުޅޭ ބުޅާތަކުގެ ތެރެއިން 1،000 ބުޅާ ނުވިހާ ގޮތް ހެދުން ކަމަށް އެ ކައުންސިލުން ބުނެފި އެވެ.

އިއްޔެ ބޭއްވި މާލޭ ސިޓީ ކައުންސިލްގެ އާންމު ޖަލްސާގައި ކައުންސިލް މެމްބަރަކު ވަނީ މާލޭގެ މަގުތަކުގައި ބުޅާ ގިނަވާ މައްސަލަ ހައްލު ކުރާނެ ގޮތުގެ ޕްރޮޕޯސަލެއް ހުށަހަޅައިފަ އެވެ. އެ ޕްރޮޕޯސަލްގައި ވަނީ ވަގުތީ ގޮތުން އެ މައްސަލަ ހައްލުކުރުމަށް ތިން މަސް ދުވަހުގެ ޕްރޮގްރާމެއް ހިންގަން ހުށަހަޅައިފަ އެވެ.

އެ ޖަލްސާގައި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، އަމިއްލަ ހަރަދުގައި ވިލިމާލޭގައި ބުޅާ ފެސިލިޓީއެއް ހަދައިދޭނެ ބަޔަކު ހޯދަން ތިން ފަހަރެއްގެ މަތިން އިއުލާންކޮށްގެން މިހާރު އެކަމަށް ބަޔަކު ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށެވެ. އެކަމަކު، ދާއިމީ ފެސިލިޓީއެއް ހަދަން ދިގު މުއްދަތެއް ހޭދަވާނެ ކަމަށް މޭޔަރު ވިދާޅުވި އެވެ.

"ބައެއް ޖަމިއްޔާތަކުން ކައުންސިލާ ބައްދަލުކޮށް ހުށަހެޅުންތައް ހުށަހަޅާފައިވޭ. ކުރު މުއްދަތެއްގައި ކޮންމެ ވެސް ވަރެއްގެ ހައްލެއް ލިބޭނެ ގޮތަށް،" މޭޔަރު ވިދާޅުވި އެވެ.

ކައުންސިލުން އެ ޕްރޮޕޯސަލް ތައްޔާރު ކޮށްފައި ވަނީ އެ މަޝްވަރާތަކުގެ މަތިންނެވެ.

އެ ޕްރޮޕޯސަލްގައި އޮތީ މާލޭގެ މަގުމަތީގައި އުޅޭ 1،000 ބުޅާ ނިއުޓާ ކުރުން ނުވަތަ ނުވިހާ ގޮތް ތިން މަސް ދުވަހުގެ ތެރޭގައި ހެދުމެވެ. އެކަމަށް ހަރަދުކުރާނީ ކައުންސިލްގެ ބަޖެޓުންނެވެ. ކޮންމެ ބުޅަލެއް ނިއުޓާ ކުރަން 1،200ރ. ހަރަދުވާއިރު، މުޅި ޖުމްލަ އެ މަސައްކަތަށް 1.2 މިލިއަން ރުފިޔާ ހަރަދުވެ އެވެ.

މާލޭގެ ގެއެއްގެ ފުރާޅު މަތީގައި އޮތް ބުޅަލެއް: ސިޓީ ކައުންސިލްގެ ވިސްނުމަކީ ތިން މަސް ތެރޭގައި 1،000 ބުޅާ ނުވިހާ ގޮތް ހެދުން.-- ފޮޓޯ: ނިޝާން އަލީ | މިހާރު

މާލޭގެ ގެއެއްގެ ފުރާޅު މަތީގައި އޮތް ބުޅަލެއް: ސިޓީ ކައުންސިލްގެ ވިސްނުމަކީ ތިން މަސް ތެރޭގައި 1،000 ބުޅާ ނުވިހާ ގޮތް ހެދުން.-- ފޮޓޯ: ނިޝާން އަލީ | މިހާރު

ނިއުޓާ ކުރުމުން އޭގެ ވިހެއުން ހުއްޓެނީ. ނިއުޓާ ކޮށްފައި އެެޓްލީސްޓް ކޮންމެވެސް ވަރެއްގެ ހައްލެއް އެބަ އާދޭ،" މޭޔަރު ވިދާޅުވި އެވެ.

"ކައުންސިލުން ޖެހެނީ ވަގުތީ ގޮތުން މިކަން ކުރާ ތަނެއް، ސެޓަޕެއް ހަމަޖައްސައިދޭން."

ނިއުޓާ ކުރާ ބުޅާތައް ބައިތިއްބާނެ ވަގުތީ ފެސިލިޓީއެއް ހެދުމާއެކު، މި މަސައްކަތަށް މުޅި ޖުމްލަ 1.6 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ކައުންސިލުން ބުނެ އެވެ.

ކައުންސިލުން މިހާރު ޕްލޭންކޮށްފައި އޮތީ ކުރީގެ ނީލަން ފިހާރަ ހުރި ބިމުގައި މި ފެސިލިޓީ ހެދުމަށެވެ.

ނަމަވެސް، އިއްޔެގެ ޖަލްސާގައި މި ޕްރޮޕޯސަލް ކައުންސިލުން ފާހެއް ނުކުރެ އެވެ. އެ ޕްރޮޕޯސަލް ފާސްނުކުރީ މި މަސައްކަތާ ގުޅޭ ގޮތުން ބައެއް ކައުންސިލަރުން ފާހަގަކުރެއްވި އޮޅުން އަރާ ކަންކަން އިސްލާހުކޮށްފައި އަލުން މަޝްވަރާކުރުމުގެ ގޮތުންނެވެ. ބައެއް ކައުންސިލަރުން ވިދާޅުވެފައި ގޮތުގައި، މިކަމަށް ދާ ހަރަދު މާ ބޮޑު ކަމަށާއި ހަރަދު ކުޑަކުރެވޭނެ ގޮތްތަކެއް ބަލަން ޖެހެ އެވެ.