Roadha Mihaaru
އަޅާލާނެ ބަޔަކުނެތި ބުޅާ ގިނަވަނީ!

އަޅާލާނެ ބަޔަކުނެތި ބުޅާ ގިނަވަނީ، ޒިންމާވާނެ ބަޔަކު ވެސް ނެތް!

09 ޖޫން 2022

ކާނެ އެއްޗެއް ނުލިބި، ބަނޑަށް މަރުވަމުންދާ ބުޅާތަކުގެ ފޮޓޯތައް ސޯޝަލް މީޑިއާގައި އާންމުކޮށް ފެނެ އެވެ. މަގުމަތީގައި އުޅެނިކޮށް މީހުން އަނިޔާކޮށްފައިވާ ބުޅާތަކާއި އެހެނިހެން ފޮޓޯތައް ވެސް އާންމުން ޝެއާ ކުރެ އެވެ.

އާލިމް އަބްދުއްލަތީފް އާލިމް އަބްދުއްލަތީފް

ކާނެ އެއްޗެއް ނުލިބި، ބަނޑަށް މަރުވަމުންދާ ބުޅާތަކުގެ ފޮޓޯތައް ސޯޝަލް މީޑިއާގައި އާންމުކޮށް ފެނެ އެވެ. މަގުމަތީގައި އުޅެނިކޮށް މީހުން އަނިޔާކޮށްފައިވާ ބުޅާތަކާއި އެހެނިހެން ފޮޓޯތައް ވެސް އާންމުން ޝެއާ ކުރެ އެވެ.

މާލޭގެ މަގުތައް މަތީގައި ބުޅާތައް ގިނަވެ، އާންމުންނަށް އުނދަގޫވާ ހިސާބަށް ގޮސްފައިވާ ވާހަކައަކީ އާ ވާހަކައެއް ނޫނެވެ. އެ ވާހަކަ ދައްކާތާ އެތައް ދުވަހެއް ވެއްޖެ އެވެ. ނުވެގެން އުޅޭ ކަމަކީ، އެކަމަށް ހައްލު ހޯދުމެވެ.

މާލޭގެ މަގެއްގެ މަތީގައި ހާލުގައި ޖެހިފައިވާ ބުޅަލަކަށް އެހީއަށް އެދި ކޮށްފައިވާ ޕޯސްޓެއް -- ފޮޓޯ| ސޯޝަލް މީޑިއާ

މާލޭގެ މަގެއްގެ މަތީގައި ހާލުގައި ޖެހިފައިވާ ބުޅަލަކަށް އެހީއަށް އެދި ކޮށްފައިވާ ޕޯސްޓެއް -- ފޮޓޯ| ސޯޝަލް މީޑިއާ

ބުޅަލުގެ ކަންކަން ދިރާސާކުރާ ގުރޫޕެއް ކަމަށްވާ ކެއާ ފޯ ޕޯސްގެ އެއް ފައުންޑަރަކު "މިހާރު"އާ ވާހަކަ ދައްކަމުން ބުނީ މައްސަލައަކީ ބުޅަލުގެ އާބާދީ ދުވަހަކަށްވުރެ ދުވަހެއް ކޮންޓްރޯލު ނުވެ އިތުރުވެގެން ދިއުން ކަމަށެވެ. އަދި ބުޅާތަކަށް ކާން ދޭ މީހުން ރާއްޖޭގައި އުޅޭ ކަމަށާއި، ނަމަވެސް އާބާދީ ކޮންޓްރޯލް ކޮށްގެން ނޫނީ މިކަން ހުއްޓުވެން ނެތް ކަމަށް އޭނާ ބުންޏެވެ.

"އެ ހިސާބުން ވިސްނުމަށް އައީ އަސްލު މައްސަލައަކީ ކާން ނުދެވުމެއް ނޫން، ކާން ދޭ މީހުން އުޅޭ މާލޭގައި. މައްސަލައަކީ އޯވަ ޕޮޕިއުލޭޝަންއޭ. ބުޅަލަކީ ތިންމަހުން ތިންމަހުން ވިހާއެއްޗެއް. ކޮންމެ ފަހަރަކު އެވަރެޖް ގޮތެއްގައި ވިހާނެ ހަތަރު ފަސް ބުޅާ،" އޭނާ ބުންޏެވެ.

"އަނެއްކާ ހަތަރުމަސް ބައިވާ އިރަށް އަންހެން ބުޅަލެއް ވެއްޖިއްޔާ އޮންނަނީ ވިހަން ތައްޔާރުވެފައި. މަގުމަތީގައި އުޅޭ އެޑަލްޓް ފިރިހެން ބުޅާތައް އެ އެއްޗިއްސާ މޭޓް ކުރަނީ. އެއްކަލަ ކުޑަ ބުޅާ ހަ މަސް ނުވެ އޮންނަނީ ވިހައިގެން. އެންމެ ބުޅަލެއް އެބަ ޕްރޮޑިއުސް ކުރޭ ހާހެއްހާ ބުޅާ."

ކެއާ ފޯ ޕޯސް އިން ރެސްކިއު ކުރި ބުޅަލެއް -- ފޮޓޯ| ކެއާ ފޯ ޕޯސް

ކެއާ ފޯ ޕޯސް އިން ރެސްކިއު ކުރި ބުޅަލެއް -- ފޮޓޯ| ކެއާ ފޯ ޕޯސް

ސަރުކާރުން 2019 ވަނަ އަހަރު ވިލިމާލޭގައި ޖަނަވާރުންނަށް ފަރުވާ ދޭ ވެޓެނަރީ ކްލިނިކެއް ހުޅުވުމާއެކު ބުޅާތައް ނިއުޓާކޮށް، ސްޕޭ ކުރުމަށް އެތައް ބަޔަކު ދިޔަ އެވެ. މަގުމަތީގައި އުޅޭ ބުޅާތައް ރެސްކިއު ކޮށްގެން ވެސް ގެންގޮސް ނިއުޓާކޮށް ހެދި އެވެ.

ކޮވިޑާއެކު ބުޅާތައް ނިއުޓާކުރެވޭނެ ގޮތް ބަންދުވި!

ގަވާއިދުން ވެޓެނަރީ ކްލިނިކުގެ އެޕޮއިންޓްމެންޓްތައް އޮންނަނީ ފުލް ވެފަ އެވެ. އާދަކޮށް ބުޅާތައް ނިއުޓާކުރުމުގެ މަސައްކަތުގައި އެތައް ބަޔަކު އުޅުނެވެ. މަގުމަތީގައި އަޅާލުމެއް ނެތި ދޫކޮށްލެވިފައިވާ ބުޅާތައް ވެސް ބަޔަކު މީހުން އިސް ނަގައިގެން ގޮސް ނިއުޓާ ކޮށް ހެދި އެވެ.

އެކަމަކު، އެ މީހުންގެ އެ މަސައްކަތަށް އެޅުނު ހުރަހަކީ ކޮވިޑްގެ ލޮކްޑައުން އެވެ. މުޅި މާލެ ބަންދުކޮށް، ލޮކްޑައުން ކުރި ދުވަހު ވެސް މީހުން ކްލިނިކަށް ދިޔަ އެވެ. ނަމަވެސް އެ ހިސާބުން އެ މަަސައްކަތް ހުއްޓުނީ އެވެ. ވެޓެނަރީ ކްލިނިކް ވެސް ބަންދު ކުރީ އެވެ.

"ލޮކްޑައުން ތެރޭގައި ބުޅާތައް މަރުވާން ފެށީ. އެއްވެސް މީހަކަށް ކާންދޭން ނުކުމެވޭކަށް ނެތް،" އޭނާ ބުންޏެވެ.

ކެއާ ފޯ ޕޯސްގެ ބައެއް ބައިވެރިން މަގުމަތީގައި އުޅޭ ބުޅާތަކަށް ކާންދެނީ -- ފޮޓޯ| ކެއާ ފޯ ޕޯސް

ކެއާ ފޯ ޕޯސްގެ ބައެއް ބައިވެރިން މަގުމަތީގައި އުޅޭ ބުޅާތަކަށް ކާންދެނީ -- ފޮޓޯ| ކެއާ ފޯ ޕޯސް

ވެޓެނަރީ ކްލިނިކް ބަންދުވުމާއެކު، ބުޅާތައް ނިއުޓާކުރުމާއި ސްޕޭކުރުމުގެ މަގު ވެސް ބަންދުވި އެވެ. އޭގެ ފަހުން މިއަދާ ހަމައަށް ވެސް ފިޝަރީޒް މިނިސްޓްރީއަކުން ވެޓެނަރީ ކްލިނިކެއް ނުހުޅުވަ އެވެ.

މިކަމާ ގުޅިގެން، ފިޝަރީޒް މިނިސްޓްރީގެ މީޑިއާ އޮފިޝަލް ނަސްރުﷲ ހުސައިން "މިހާރު"އަށް ވިދާޅުވީ އަލުން ވެޓެރަނީ ކްލިނިކް ފެށުމުގެ ވިސްނުމެއް އެ މިނިސްޓްރީން ނުގެންގުޅޭ ކަމަށެވެ. އޭނާ ވިދާޅުވީ ކުރިން މިނިސްޓްރީން އެކަން ކުރީ އަމިއްލަ އެއްވެސް ބަޔަކު އެކަން ކުރަމުން ނުގެންދާތީ ކަމަށެވެ. ނަމަވެސް މިހާރު އަމިއްލަ ފަރާތްތަކުން އެކަން ކުރާތީ މިނިސްޓްރީން އެކަން ހުއްޓާލީ ކަމަށް ނަސްރުﷲ ވިދާޅުވި އެވެ.

އެހެން ނަމަވެސް، މިނިސްޓްރީން ހިންގި ވެޓެނަރީ ކްލިނިކާއި މިހާރު އަމިއްލަ ފަރާތަކުން ހިންގާ ކްލިނިކްގެ އަގުތަކާ ހާސްބައި ތަފާތެވެ. މިނިސްޓްރީގެ ކްލިނިކުން ބޮޑުވެގެން 300 ރުފިޔާއަށް ބުޅާ ނިއުޓާ ކުރެވުނު ނަމަވެސް، މިހާރު އެ ޚިދުމަތް ދެނީ 2000ރ. ނުވަތަ 3000ރ. އަށެވެ. ބުޅާ ގެންގުޅޭ މީހުން ބުނާ ގޮތުގައި، މިއީ އަތްނުފޯރާ ވަރުގެ ބޮޑު އަގެކެވެ.

"ސަރުކާރުން ކުރާ އަގެއްގައި އަމިއްލަ ފަރާތްތަކަކަށް ނުކުރެވޭނެ ދެއްތޯ. އަޅުގަނޑުމެންގެ މިނިސްޓްރީން ވަރަށް ރަނގަޅަށް މޮނީޓާ ކުރަމުން ގެންދާނީ އެ ކްލިނިކުން މަސައްކަތްތައް ކުރިއަށް ދާ ގޮތް ވެސް،" ނަސްރުﷲ ވިދާޅުވި އެވެ.

ސަރުކާރުން ކުރާ އަގެއްގައި އަމިއްލަ ފަރާތްތަކަކަށް ނުކުރެވޭނެ ދެއްތޯ. އަޅުގަނޑުމެންގެ މިނިސްޓްރީން ވަރަށް ރަނގަޅަށް މޮނީޓާ ކުރަމުން ގެންދާނީ އެ ކްލިނިކުން މަސައްކަތްތައް ކުރިއަށް ދާ ގޮތް ވެސް -- ނަސްރުﷲ

އެކަމަކު ބުޅާ ގެންގުޅޭ ގިނަ މީހުން ބުނާ ގޮތުގައި، ސަރުކާރުގެ ވެޓެނަރީ ކްލިނިކެއް ހުރުން މުހިންމެވެ. ސަބަބަކީ، ހެޔޮ އަގެއްގައި ބުޅާތައް ނިއުޓާ ނުކުރެވޭނަމަ، އެ ކަން ގިނަ ޕެޓް އޯނަރުން ނުކުރާނެތީ އެވެ.

ބުޅާ ފެސިލިޓީގެ މަސައްކަތް ހުއްޓިފައި!

ބުޅަލުގެ މައްސަލަ އަށް ދާއިމީ ހައްލެއް ހޯދުމަށް ޓަކައި ހާއްސަ ފެސިލިޓީއެއް ނުވަތަ ބުޅާތައް ބަލަހައްޓާނެ ތަނެއް ހެދުމުގެ މަސައްކަތް ކުރަން މިދިޔަ އަހަރުގެ ޖޫން މަހު ސިޓީ ކައުންސިލުން ނިންމި އެވެ. އެހެން ނަމަވެސް، ފަރުކޮޅުފުށީގައި ހަދަން ނިންމި އެ ފެސިލިޓީގެ މަސައްކަތަށް އަމަލީ ސިފައެއް އަދިވެސް ނުލިބެ އެވެ.

މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، އެ މަސައްކަތް ކުރިއަށް ދިޔައީ އުންމީދުކުރި ގޮތަށް ނޫން ކަމަށާއި ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މާ ބޮޑު އެއްބާރުލުމެއް އެކަމަށް ލިބިފައި ނުވާ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި، މަޝްވަރާތައް ކުރިއަށް ގެންދިއުމުގައި ވެސް ވަރަށް ދިގުލައިގެން ދިޔަ އެވެ.

"ފަރުކޮޅުފުށިން ބިމެއް ދޭން ނިންމި ނަމަވެސް އެ ތަން ނުލިބޭ ކަހަލަ ގޮތަކަށް ފަހުން އޮތީ. ކޮންމެއަކަސް ވަރަށް ގިނަ ދުވަސް އަޅުގަނޑުމެންނަށް މި ކަމުގައި ދިޔަ އެޗްޑީސީގެ އެއްބާރުލުން ލިބޭނެ ކަމުގެ އުންމީދުގައި. ގާތްގަނޑަކަށް އަށެއްކަ މަސް ދުވަސް،" މުއިއްޒު ވިދާޅުވި އެވެ.

މޭޔަރު މުއިއްޒު "މިހާރު" އާ ވާހަކަ ދައްކަވަނީ: ބުޅާ ފެސިލިޓީއަށް އެޗްޑީސީގެ އެއްބާރުލުމެއް ނުލިބޭ ---ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

މޭޔަރު މުއިއްޒު "މިހާރު" އާ ވާހަކަ ދައްކަވަނީ: ބުޅާ ފެސިލިޓީއަށް އެޗްޑީސީގެ އެއްބާރުލުމެއް ނުލިބޭ ---ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ފަރުކޮޅުފުށިން ބިމެއް ދޭން ނިންމި ނަމަވެސް އެ ތަން ނުލިބޭ ކަހަލަ ގޮތަކަށް ފަހުން އޮތީ. ކޮންމެއަކަސް ވަރަށް ގިނަ ދުވަސް އަޅުގަނޑުމެންނަށް މި ކަމުގައި ދިޔަ އެޗްޑީސީގެ އެއްބާރުލުން ލިބޭނެ ކަމުގެ އުންމީދުގައި. ގާތްގަނޑަކަށް އަށެއްކަ މަސް ދުވަސް -- މުއިއްޒު

ދެން ސިޓީ ކައުންސިލުން އުޅުނީ އަމިއްލަ ހަރަދުގައި ކެޓް ފެސިލިޓީއެއް ގާއިމުކޮށްގެން، ގެންގުޅޭނެ އަމިއްލަ ފަރާތެއް ހޯދޭތޯ އެވެ. އެ ކަމަށް ދެ ފަހަރަށް އެ ކައުންސިލުން އިއުލާން ކުރި އިރު ފުރަތަމަ އިއުލާނަށް އެއްވެސް ފަރާތަކުން ކުރިމައްޗެއް ނުލަ އެވެ.

ދެވަނަ އިއުލާނަށް ކުރިމަތިލީ އެންމެ ފަރާތަކުންނެވެ. އެހެން ނަމަވެސް، މުއިއްޒު ވިދާޅުވި ގޮތުގައި މާލެ ސިޓީން ވަރަށް ގިނަ ބިން އެ މީހުން ބޭނުން ވެ އެވެ. އެހެންކަމުން، ބިމުގެ ދަތިކަން އޮތުމާއެކު އެ ކަން ކުރެވޭނެ ގޮތެއް ކައުންސިލަކަށް ނުވި އެވެ.

"މަސައްކަތްތަކެއް ކުރެވިއްޖެ. އަޅުގަނޑުމެން އަތް އުރާލައިގެން ތިބީކީ ނޫން. އަޅުގަނޑުމެން އުންމީދުގައި ކުރެވުނު މަސައްކަތަކަށް ދިޔަ ދުވަސްތަކެއް. އުންމީދު ކުރަން ޖެހުނީ ކުރީ ކައުންސިލާއެކު އެއްބަސްވެފައިވާ ކަމަކަށް ވާތީ ދެން އޮންނާނީ ފައިނަލައިޒް ކޮށްލުން ކަމަށް ވާތީ،" މުއިއްޒު ވިދާޅުވި އެވެ.

ކުރީގެ ސިޓީ ކައުންސިލާއެކު އެޗްޑީސީން މަޝްވަރާކޮށް އެ މަސައްކަތް ކުރުމަށް އެއްބަސްވުމަކާ ހިސާބަށް ގާތްގަނޑަކަށް އޮތީ އައިސްފަ އެވެ. އެހެން ނަމަވެސް، ފަހުން އެޗްޑީސީގެ ރާގު ބަދަލުވެ އެކަން ނުކޮށްދޭނެ ފަދަ ގޮތަކަށް ވާހަކަ ދައްކަން ފެށި ކަމަށް އޭނާ ވިދާޅުވި އެވެ.

"އެހެން ނަމަވެސް އަޅުގަނޑުމެން މިހާރު މި ބަލަނީ ކައުންސިލްގެ އަމިއްލަ ހަރަދުގައި ކެޓް ފެސިލިޓީއެއް ގާއިމުކޮށްގެން އެކަން ކުރެވޭނެ ގޮތެއް ރޭވޭތޯ،" މުއިއްޒު ވިދާޅުވި އެވެ.

މާލޭ މަގުމަތީ އުޅޭ ބުޅައެއް -- | ފޮޓޯ: ނިޝާން އަލީ

މާލޭ މަގުމަތީ އުޅޭ ބުޅައެއް -- | ފޮޓޯ: ނިޝާން އަލީ

މުއިއްޒު ވިދާޅުވީ މި ކަމަށް ހައްލު ހޯދުމަށް ޓަކައި، ފިޝަރީޒް މިނިސްޓްރީ އާއި އެންވަޔަރްމަންޓު މިނިސްޓްރީއާ އެކު ވެސް މަޝްވަރާ ކުރި ކަމަށެވެ. އެކަމަކު، އެއިން އެއްވެސް އިދާރާއަކުން އެއްބާރުލުން ނުލިބޭކަން އޭނާ ފާހަގަ ކުރެއްވި އެވެ.

މައްސަލައަކީ މަގުމައްޗަށް ބުޅާތައް ދޫކޮށްލުން!

ކޮންމެ މީހަކު ވެސް ބުޅަލެއް ގަންނަނީ ވަރަށް ލޯބިން ގެންގުޅޭނަމޭ ހިތާ އެވެ. އެކަމަކު، އެއީ ހީކުރާ ވަރަށް ވުރެ ބޮޑު ޒިންމާ އެެކެވެ. އެހެންނަމަވެސް، ވަކި ހިސާބަކުން އެ ޒިންމާ އުފުލަން ދަތިވެ، މަގުމައްޗަށް ބުޅާ "ވީހާލެއްގައިވާން" ދޫކޮށްލަނީ އެވެ.

ކެއާ ފޯ ޕޯސްގެ ފަރާތުން ވާހަކަ ދެއްކި ބުޅަލުގެ ކަންކަން ދިރާސާ ކުރާ މީހާ ބުނީ، މާލޭގެ މަގުތައް މަތީގައި ބުޅާތައް ގިނަވުމުގެ އަސްލު ސަބަބަކީ "ޕެޓް އޯނަރުން" ބުޅާތައް މަގުމައްޗަށް ދޫކޮށްލުމެވެ.

"ޕެޓް އޯނާސް ވާ ގޮތަކީ ކޮންމެ މީހަކު ބުޅަލެއް ވައްދަނީ. އެއްކަލަ ބުޅާ ހަމަސް ވާއިރަށް، އަންހެން ބުޅަލެއް ވެއްޖިއްޔާ ހީޓަށް އަރާނެ. އަރާއިރަށް ސާޖަރީ ކުރާނެ ގޮތެއް ނުހޯދާ އެއްލާލަނީ. މިނިސްޓްރީ ވެޓް ކްލިނިކް ފެށި އިރު އެއީ 300 ރުފިޔާ. އޭރު ނުދާ ބަޔަކު މިހާރު 3000 ރުފިޔާ ދީފަ ދާނެތަ؟،" އޭނާ ސުވާލު ކުރި އެވެ.

މާލޭގެ މަގެއްގެ މަތީގައި އޮތް ބުޅަލެއް -- ފޮޓޯ| ނިޝާން އަލީ

މާލޭގެ މަގެއްގެ މަތީގައި އޮތް ބުޅަލެއް -- ފޮޓޯ| ނިޝާން އަލީ

އޭރު މައްސަލައަކަށް ވީ ވިލިމާލޭގައި ވެޓެނަރީ ކްލިނިކް ހުރުމެވެ. ކަނޑު ހުރަސް ކޮށްފައި ވިލިމާލެ ދިއުމަކީ "ބުރައަކަށް" ޕެޓް އޯނަރުންނަށް ވީ އެވެ.

ގޭތެރޭގައި ގެންގުޅޭ ބުޅާތަކުގެ އުމުރަކީ ގާތްގަނޑަކަށް 10 ވަރަަކަށް އަހަރު ކަމަށް އޭނާ ބުންޏެވެ. އެކަމަކު، މަގުމައްޗަށް ދޫކޮށްލުމުން އެކި ބަލިތަކުގެ ޝިކާރައަކަށް ބުޅާތައްވެ މާ ގިނަ ދުވަހެއް ނުވެ މަރުވަނީ އެވެ.

ބުޅާތައް މަގުމައްޗަށް ދޫކޮށްލުން ކޮވިޑުގެ ލޮކްޑައުން ތެރޭގައި އިންތިހާއަށް ގިނަ ވިއެވެ. ސަބަބަކަށްވީ، ގިނަ ބަޔަކަށް މާލީ ދަތިކަމާ ކުރިމަތިލާން ޖެހުމެވެ. ބުޅާތަކަށް އަޅާލައި ގެންގުޅޭނެ ހާ ތަނަވަސް ކަމެއް ނެތުމުން ދޫކޮށްލަނީ އެވެ.

އިންޑަސްޓްރިއަލް ވިލެޖުގައި އުޅޭ ބުޅަލެއް -- ފޮޓޯ| ނިޝާން އަލީ

އިންޑަސްޓްރިއަލް ވިލެޖުގައި އުޅޭ ބުޅަލެއް -- ފޮޓޯ| ނިޝާން އަލީ

ގާނޫނުލް އުގޫބާތުގެ 625 ވަނަ މާއްދާގެ (ހ)ގައި ބަޔާން ކޮށްފައިވާ ގޮތުގައި އެ މީހެއްގެ ބެލެހެއްޓުމުގެ ދަށުގައިވާ ޖަނަވާރަކަށް އަޅާނުލަައި ދޫކޮށްލުމަކީ ކުށެކެވެ. އަދި އަނިޔާވެރިކަމާއެކު ޖަނަވަރަކާ މެދު އަމަލު ކުރުމަކީ ވެސް ކުށެކެވެ.

އެއީ އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަނޑުން އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް އަންނަ ކަމެކެވެ. އެހެން ނަމަވެސް މި ކަމުގައި ވެސް ލިޔެވިފައި އޮތީ ގާނޫނެވެ. ބުޅާތަކުގެ ހައްގުގައި މަސައްކަތް ކުރާ މީހުން ބުނާ ގޮތުގައި މިއީ "އަމަލުނުކުރެވޭ" ގާނޫނެކެވެ.

ބުޅާތައް މާލޭގައި ގިނަވުމަކީ ހައްލެއް ހޯދަން ޖެހިފައިވާ މައްސަލަ އެކެވެ. މާލޭގެ ބައެއް ގޯޅިތަކުގައި ރަސްކަން ކުރަނީ ބުޅާތަކެވެ. އަދިވެސް ދުވަހެއް ދުވަހަކަށް ބުޅާތަކުގެ އާބާދީ ދަނީ އިތުރުވަމުންނެވެ. ސުވާލަކީ މިއެވެ؛ މިކަމުގެ ޒިންމާ އުފުލާނީ ކޮން ފަރާތަކުން ހެއްޔެވެ؟