Roadha Mihaaru
ސިނަމާލެ ފްލެޓްތައް ތަޅާލައި އަލުން އިމާރާތް ކުރަނީ

ސިނަމާލެ ފްލެޓްތައް ތަޅާލައި އަލުން އިމާރާތް ކުރަނީ

24 މެއި 2023

ސިނަމާލެ ފްލެޓްތައް ތަޅާލައި އެ ތަންތަން އަލުން އިމާރާތް ކޮށްދޭނެ އިންވެސްޓަރުން ހޯދަން މާލެ ސިޓީ ކައުންސިލުން މިއަދު ނިންމައިފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ސިނަމާލެ ފްލެޓްތައް ތަޅާލައި އެ ތަންތަން އަލުން އިމާރާތް ކޮށްދޭނެ އިންވެސްޓަރުން ހޯދަން މާލެ ސިޓީ ކައުންސިލުން މިއަދު ނިންމައިފި އެވެ.

ކައުންސިލްގެ ބައްދަލުވުމަށް ހާޒިރުވެވަޑައިގެންނެވި 12 މެންބަރުންގެ އިއްތިފާގުން ފާސްކުރި "ސިނަމާލެ ރީ-ޑިވެލޮޕްމެންޓް ޕްރޮޖެކްޓް" ޕްލޭން ކުރީ މިހާރު އެ ފްލެޓްތައް އިމާރާތް ކޮށްފައިވާ ސަރަހައްދު މުޅިން އާ ޕްރޮޖެކްޓެއްގެ ދަށުން ތަރައްގީ ކުރާ ގޮތަށެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދައުރުގައި ޗައިނާ ސަރުކާރުގެ އެހީގައި އިމާރާތްކުރި ސިނަމާލެ ފްލެޓް އިމާރާތްތަކުގައި ހުރީ 128 އެޕާޓްމެންޓެވެ.

ސިޓީ ކައުންސިލްގެ މިއަދުގެ ބައްދަލުވުމުގައި އެ ކައުންސިލްގެ ފައިނޭންޝަލް މެނޭޖަރު ޑރ. މުހައްމަދު ޝާހިދު ވިދާޅުވީ ދެ މަރުހަލާއަކަށް ބަހާލައިގެން ހިންގާ ޕްރޮޖެކްޓްގައި 1،500 އެޕާޓްމެންޓް އިމާރާތް ކުރަން ހަމަޖެހިފައިވާ ކަމަށެވެ. އޭގެ ތެރޭގައި ދެ ކޮޓަރީގެ އެޕާޓްމެންޓާއި ތިން ކޮޓަރީގެ އެޕާޓްމެންޓާއި ހަތަރު ކޮޓަރީގެ އެޕާޓްމެންޓްތައް އިމާރާތް ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮންމެ ކޮޓަރިއެއްގައި ފާހަނާ ހުންނާނެ އެވެ. އެ އެޕާޓްމެންޓްގެ ސައިޒަކީ 800 އާއި 1،300 އަކަ ފޫޓެވެ.

ސިނަމަލެ ރީ-ޑިވެލޮޕްމެންޓް ޕްރޮޖެކްޓްގެ ޕްލޭންގައިވާ ގޮތުން:

- ޖުމުލަ 1،500 އެޕާޓްމެންޓް އިމާރާތް ކުރާނެ.

- ފުރަތަމަ މަރުހަލާގައި މިހާރު ހުރި ފަސް ޓަވަރު އަލުން ރީ ޑިވެލޮޕް ކުރާނެ.

- ފުރަތަމަ މަރުހަލާގައި 700 ވަރަކަށް އެޕާޓްމެންޓް އިމާރާތް ކުރާނެ.

- އިމާރާތް ކުރާނީ ދެ ކޮޓަރީގެ އެޕާޓްމެންޓާއި ތިން ކޮޓަރީގެ އެޕާޓްމެންޓް އަދި ހަތަރު ކޮޓަރީގެ އެޕާޓްމެންޓް.

- ދެވަނަ މަރުހަލާގައި އިމާރާތް ކުރާނީ 800 އެޕާޓްމެންޓް.

- އިމާރާތް ކުރަނީ މިޑްރޭންޖްގެ ހައުސިން.

- ފްލެޓްތައް ހަދާނީ ޑިވެލޮޕަރު ފައިނޭންސް އުސޫލުން.

ފުރަތަމަ މަރުހަލާގައި އިމާރާތްކުރާ 700 އެޕާޓްމެންޓްގެ ތެރެއިން 128 އެޕާޓްމެންޓް ހާއްސަ ކުރާނީ މިހާރު ވެސް ސިނަމާލެ ފްލެޓް ލިބިފައިވާ މީހުން ރީލޮކޭޓް ކުރުމަށެވެ. ދެވަނަ މަރުހަލާގައި ހަދާނީ 800 އެޕާޓްމެންޓެވެ.

މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އޭނާ ވިދާޅުވީ އެ ޕްރޮޖެކްޓަށް ފައިނޭންސް ކުރުމަށް ވަރަށް އަވަހަށް އާންމުކޮށް އިއުލާން ކުރާނެ ކަމަށް --- ފޮޓޯ: ސިޓީ ކައުންސިލް

މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އޭނާ ވިދާޅުވީ އެ ޕްރޮޖެކްޓަށް ފައިނޭންސް ކުރުމަށް ވަރަށް އަވަހަށް އާންމުކޮށް އިއުލާން ކުރާނެ ކަމަށް --- ފޮޓޯ: ސިޓީ ކައުންސިލް

ޝާހިދު ވިދާޅުވިގޮތުގައި، ފްލެޓްތައް ހަދާ ސަރަހައްދުގެ ލޭންޑް ކޯސްޓުން ކައުންސިލަށް އާމްދަނީގެ ގޮތުގައި 175 މިލިއަން ރުފިޔާ ލިބޭނެ އެވެ. ކޮމާޝަލް ޖާގަތަކާއި ކާރު ޕާކިން ސްލޮޓްތައް ކުއްޔަށް ދީގެން އަހަރަކަށް 15 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބޭނެ ކަމަށް ވެސް އޭނާ ލަފާ ކުރެއްވި އެވެ. ކޮންމެ ޓަވަރެއްގެ ވެސް ގްރައުންޑް ފްލޯ ހާއްސަ ކުރާނީ ވިޔަފާރީގެ ބޭނުންތަކަށެވެ.

ޝާހިދު ވިދާޅުވީ 500 ކާރު ޕާކުކުރާނެ ޖާގަ އާއި 2،000 އެއްހާ ސައިކަލް ޕާކު ކުރާނެ ޖާގަ ވެސް ހަދާނެ ކަމަށެވެ.

އޭނާ ވިދާޅުވީ އެ ޕްރޮޖެކްޓް ހިންގުމަށް ކުރިމަތިވާނެ އެންމެ ބޮޑު ގޮންޖެހުމަކަށް ވާނީ ބޭނުންވާ ހުއްދަތައް ލިބުން ދަތިވުން ކަމަށެވެ.

"...ދެން ކައުންސިލުން އެކަންތައް މެނޭޖު ކުރާނެ. ދެވަނަ ކަމަކަށް އަޅުގަނޑަށް ފާހަގަ ކުރެވުނު [ގޮންޖެހުމަކީ] ކަމަކީ ގާނޫނީ މިންގަނޑުތަކެއް ނެތް މި ދަންނަވާ ކަހަލަ ރީ-ޑިވެލޮޕްމެންޓް ޕްލޭނަކަށް ދާކަށް،" ޝާހިދު ވިދާޅުވި އެވެ.

އެކަމަކު އޭނާ ވިދާޅުވީ، އެއީ ހައުސިން ޕްރޮޖެކްޓްގެ ދަށުން މީގެ ކުރިން ފްލެޓް ދީފައިވާ މީހުންނަށް ވެސް ރީ-ޑިވެލޮޕމެންޓް ޕްލޭނެއްގެ ދަށުން ހައްލުތައް ހޯދައިދިނުމުގެ ފެށުން ކަމުގައި ވާނެ ކަމަށެވެ.

ކައުންސިލްގެ މިއަދުގެ ބައްދަލުވުމަށް ފަހު، މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު "މިހާރު" އަށް ވިދާޅުވީ 8 ޓަވަރުގެ 15 ބުރީގެ އިމާރާތެއް ހަދަން ހަމަޖެހިފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ އެ ޕްރޮޖެކްޓަށް އިންވެސްޓް ކުރަން ބޭނުންވާ ފަރާތްތަކަށް ކައުންސިލުން ވަަރަށް އަވަހަށް އެ ފުރުސަތު ހުޅުވާލާނެ ކަަމަށެވެ.