Roadha Mihaaru
ގުޅިފަޅުގެ މައްސަލަ ކައުންސިލުން ކޯޓަށް ހުށަހަޅަނީ

މާލޭގެ މީހުންގެ ބޯހިޔާވަހިކަމަށް ގުޅިފަޅު ހާއްސަނުކުރާ މައްސަލަ ކައުންސިލުން ކޯޓަށް ހުށަހަޅަނީ

26 ޖެނުއަރީ 2022

ގުޅިފަޅަކީ މާލޭގެ މީހުންގެ ބޯހިޔާވަހިކަމުގެ މައްސަލަ އަށް ހައްލެއް ހޯދަން ބޭނުންކުރާ ރަށެއްގެ ގޮތުގައި ހާއްސަ ކުރުމަށް ކޯޓަށް މައްސަލަ ހުށަހެޅުމަށް މާލޭ ސިޓީ ކައުންސިލުން މިއަދު ފާސްކޮށްފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ގުޅިފަޅަކީ މާލޭގެ މީހުންގެ ބޯހިޔާވަހިކަމުގެ މައްސަލަ އަށް ހައްލެއް ހޯދަން ބޭނުންކުރާ ރަށެއްގެ ގޮތުގައި ހާއްސަ ކުރުމަށް ކޯޓަށް މައްސަލަ ހުށަހެޅުމަށް މާލޭ ސިޓީ ކައުންސިލުން މިއަދު ފާސްކޮށްފި އެވެ.

ގުޅިފަޅުގައި މި ސަރުކާރުން އަންނަނީ މާލޭގެ ވިޔަފާރި ބަނދަރު ބަދަލުކުރަން ބޮޑު މަޝްރޫއެއް ހިންގުމަށް ތައްޔާރު ވަމުންނެވެ. އެ މަޝްރޫއަށް ފަހު، އެ ތަނުން 1،244 ގޯތި ދޭން ސަރުކާރުން ނިންމާފައި ވެ އެވެ. އެކަމަކު ސިޓީ ކައުންސިލުން ބޭނުންވަނީ ތިލަފުށީގައި ވިޔަފާރި ބަނދަރު ގާއިމްކޮށް، ގުޅީފަޅުން ގޯތި ދޫކުރާށެވެ. އެގޮތަށް ހަމަޖައްސައިދިނުމަށް އެދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ސިޓީއެއް ފޮނުވާފައިވީ ނަމަވެސް އަށް މަސްވިއިރު އެކަމަށް އެދެވޭ ޖަވާބެއް ނުލިބުނު ކަމަށް ސިޓީ ކައުންސިލްގެ ހަތަރު ވަނަ ދައުރުގެ 37 ވަނަ ރަސްމީ އާންމު ޖަލްސާގައި މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ކައުންސިލަރުންގެ ރަސްމީ މަސައްކަތުގެ ދަށުން މާލޭގެ މީހުންގެ ގޭގެ އަށް ޒިޔާރަތް ކުރުމުން، އެ މީހުން އުޅޭ ނިކަމެތި ހާލު ފެނިވަޑައިގެންނެވި ކަމަށެވެ. އަދި ގެދޮރުގެ މައްސަލައަކީ މާލެ އަށް ދިމާވެފައި އޮތް އެންމެ ބޮޑު ކަންތައް ކަމަށް ވާއިރު، އެކަމަށް ހައްލެއް ހޯދުމުގެ ބަދަލުގައި މި ސަރުކާރުން އުޅެނީ ހުޅުމާލެއިން "މުއްސަނދިންނަށް" ބިން ވިއްކަން ކަމަށް މޭޔަރު ވިދާޅުވި އެވެ.

"މާލޭ ރައްޔިތުންނާ ގުޅޭ އެހާ ހައްސާސް މައްސަލައެއްގައި ތަރުތީބު ރަނގަޅު ނޫން ކަމަށް އަޅުގަނޑުމެން ވާނީ ދަންނަވާފައި ރައީސް އަރިހުގައި. މާލޭގެ ރައްޔިތުންނަށް ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ބިން ވިއްކުން ނޫނީ އެ އޮންނަ އުސޫލުގެ ދަށުން ތަރުތީބު ކޮށްދެއްވުމަށް. އޭގެ ޖަވާބެއް ނުލިބޭ،" މުއިއްޒު ވިދާޅުވި އެވެ.

ހުޅުމާލޭގެ ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވިގޮތުގައި، އިދިކޮޅު ޕީޕީއެމްގެ އަޣުލަބިއްޔަތު އޮތް އެ ކައުންސިލުން ބޯހިޔާވަހިކަމުގެ މައްސަލަ އަށް ހައްލެއް ހޯދުމަށް ކުރާ މަސައްކަތްތަކަށް ސަރުކާރުން އެއްބާރުލުމެއް ނުލިބެ އެވެ.

ކައުންސިލްގެ 12 މެމްބަރެއްގެ އަޣުލަބިއްޔަތުން ކޯޓަށް މައްސަލަ ހުށަަހަޅަން ފާސްކުރިއިރު، އެ މައްސަލަ އަށް ޝުޖާއު ތިން ކަމެއް ހުށަހެޅުއްވި އެވެ. އެއީ ވިޔަފާރީގެ އުސޫލުން ބިން ވިއްކާ ގޮތަށް، ސަރުކާރުން މާލޭގެ މީހުންނަށް ބިން ދިނުމާއި މާލޭގެ ކުދި ބިންކޮޅުތައް ދޫކޮށް، ހުޅުމާލެ އިން ގޯތި ބޭނުންވާ މީހުންގެ ދަފްތަރެއް އެކުލަވައިލުމެވެ.

މާލޭގައި 2،000 އަދި ވިލިމާލޭގައި 500 ފްލެޓް އިމާރާތް ކުރަން ކައުންސިލުން ބޭނުންވާ ކަމަށާއި އެ ގާބިލުކަން ކައުންސިލުގައި ވެސް އެބަހުރި ކަމަށް ޝުޖާއު ވިދާޅުވި އެވެ.

"ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ފްލެޓް އަޅަން ފައިސާ ނުލިބުނަސް މި ކައުންސިލުން ފްލެޓް އަޅަން ފައިސާ ހޯދާނެ ގޮތްގޮތް ހޯދާފައި ހުންނާނީ. އެކަމަކު އަޅުގަނޑުމެން މި އުޅެނީ ރައީސް އޮފީހުން ހުއްދަ ނުލިބިގެން. އަޅުގަނޑުމެން މި އުޅެނީ ޕްލޭނިން މިނިސްޓްރީގެ ހުއްދަ ނުލިބިގެން،" ޝުޖާއު ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި، ސަރުކާރުގެ ހުއްދަ ލިބުމާއެކު، މާލޭގައި އިމާރާތް ކުރަން ވައުދުވި 2،500 ފްލެޓްގެ ވައުދު ކައުންސިލުން ފުއްދާނެ އެވެ.

މުއިއްޒު ވިދާޅުވާގޮތުގައި ގުޅިފަޅުގައި ވިޔަފާރި ބަނދަރެއް ހިންގުމަކީ އެތަނާ ނުބައްދަލު ކަމެކެވެ. އޭގެ ސަބަބެއް ކަމަށް އޭނާ ވިދާޅުވީ އެ ވަރުގެ ޕޯޓަކަށް އެ ތަން އެކަށީގެން ނުވުން ކަމަށެވެ. މޭޔަރު ގަބޫލުކުރައްވާ ގޮތުގައި، ބްރިޖަކުން ގުޅާލައިފައި އޮންނަ ގުޅިފަޅަކީ މާލޭގެ މީހުން ދިރިއުޅެން އެންމެ ރަނގަޅު ތަނެވެ. އަދި އެތަނަކީ މާލޭގެ ރައްޔިތުންގެ ގެދޮރުގެ މައްސަލަ އަށް އޮތް ހައްލު ކަމަށް ވެސް ވިދާޅުވި އެވެ.