Roadha Mihaaru
"ގެދޮރުގެ ކަންކަމުގައި ކައުންސިލް ބައިވެރިއެއް ނުކުރޭ"

ބޯހިޔާވެހިކަމާ ގުޅޭ ކަންކަމުގައި ސަރުކާރުން ކައުންސިލް ބައިވެރިއެއް ނުކުރޭ: މުއިއްޒު

20 ޖުލައި 2022

މާލޭގެ މީހުންނަށް ބޯހިޔާވެހިކަން ފޯރުކޮށްދިނުމުގެ އެއްވެސް މަސައްކަތެއްގައި މި ސަރުކާރުން މާލެ ސިޓީ ކައުންސިލް ބައިވެރި ނުކުރާ ކަމަށް މޭޔަރު ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

މާލޭގެ މީހުންނަށް ބޯހިޔާވެހިކަން ފޯރުކޮށްދިނުމުގެ އެއްވެސް މަސައްކަތެއްގައި މި ސަރުކާރުން މާލެ ސިޓީ ކައުންސިލް ބައިވެރި ނުކުރާ ކަމަށް މޭޔަރު ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.

މާލޭގެ މީހުންނާއެކު ލޮނުޒިޔާރަތް ޕާކުގައި ސިޓީ ކައުންސިލުން ބޭއްވި ބައްދަލުވުމުގައި އޭނާ ވިދާޅުވީ، އެ ކައުންސިލްގެ ވޭތުވެދިޔަ 14 މަސް ދުވަހުގެ ތެރޭގައި މާލޭގެ މީހުންނަށް ހައްގު ވަރަށް ގޯތި ހޯދައި ދިނުމަށް ވަރަށް ގިނަ ފަހަރަށް ސަރުކާރުގައި އެދިފައިވާނެ ކަމަށެވެ. އަދި އެހެން ރަށްރަށުގައި ވެސް ގޯތި ދޫކުރާ އުސޫލުން، ހުޅުމާލޭގެ ދެވަނަ ފިޔަވަހިން މާލޭގެ މީހުންނަށް ހާއްސަ ކޮށްގެން ހިލޭ ގޯތި ދިނުމަށް ސިޓީއަކުން ސަރުކާރުގައި ދަންނަވާފައިވާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

"އޭގެ ނަތީޖާ އުންމީދު ކުރެވެނީ ނުވަތަ ނޫސްތަކުން ފެންނަ ގޮތުން ނަމަ ހީވަނީ ގޯތި ހިލޭ ދޭން އުޅޭ ހެން. މިހެން މި ދަންނަވަން ޖެހެނީ އަޅުގަނޑުމެން ބައިވެރިއެއް ނުކުރޭ އެއްވެސް ކަމެއްގައި،" އިދިކޮޅު ޕީޕީއެމްގެ ފުރިހަމަ އަޣުލަބިއްޔަތު އޮންނަ ކައުންސިލްގެ މޭޔަރު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވިގޮތުގައި، ސަރުކާރުން ކުރާ ހުރިހާ މަސައްކަތެއްގައި ކައުންސިލް ބައިވެރި ކުރަންޖެހޭނެ ކަމަށް ގާނޫނުގައި އޮތަސް ވަރަށް މަދު މިނިސްޓްރީއަކުން ނޫނީ ނުވަތަ އެހެން ކުންފުންޏަކުން ކުރާ އެއްވެސް މަޝްރޫއެއްގައި މާލެ ސިޓީ ކައުންސިލް ބައިވެރިއެއް ނުކުރެ އެވެ.

މާލެ ސިޓީ ކައުންސިލުން މާލޭގެ މީހުންނާއެކު ރޭ ބޭއްވި ބައްދަލުވުމުގައި މޭޔަރު މުއިއްޒާއި ޑެޕިއުޓީ މޭޔަރު ނަރީޝް (ވ).---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

މާލެ ސިޓީ ކައުންސިލުން މާލޭގެ މީހުންނާއެކު ރޭ ބޭއްވި ބައްދަލުވުމުގައި މޭޔަރު މުއިއްޒާއި ޑެޕިއުޓީ މޭޔަރު ނަރީޝް (ވ).---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

ހާއްސަކޮށް ގެދޮރުގެ މައްސަލަތަކުގައި ސަރުކާރުން މާލެ ސިޓީ ކައުންސިލާ އެއްވެސް ވަރަކަށް މަޝްވަރާ ނުކުރާ ކަމަށާއި މިހާރު ހުޅުވާލާފައިވާ ގޯތި ދިނުމުގެ މަޝްރޫއުގައި ވެސް ވަރަށް ބޮޑަށް އެ ކައުންސިލް ބައިވެރިވާން ބޭނުންވާ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

"[ގޯތީގެ ކަންކަމުގައި] އެއްވެސް ވަރަކަށް އަޅުގަނޑުމެން ބައިވެރިއެއް ނުކުރޭ. ނޫސްތަކުން ތިބޭފުޅުންނާ އެއްވަރަށް ފެންނަ އެއްޗެއް އަޅުގަނޑުމެންނަށް މި އެނގެނީ. ވަރަށް ހިތާމަވެރިކަމެއް،" މުއިއްޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ސަރުކާރުން ހުޅުވާލާފައިވާ ގޯތިތަކަށް އެޕްލައި ކުރަން ޖެހޭނީ އޮންލައިން ޕޯޓަލެއް މެދުވެރިކޮށް ކަމަށް ވާތީ އެކަމުގައި ދަތިތައް ދިމާވާ މީހުންނަށް އެހީތެރިވުމަށް ސިޓީ ކައުންސިލްގެ ފަރާތުން ސަރުކާރަށް ހުށަހެޅި ކަމަށެވެ. އެކަމަކު، އެކަމަށް ވެސް ސަރުކާރުން ދިނީ ބީރު ކަންފަތެއް ކަމަށް މޭޔަރު ވިދާޅުވި އެވެ.

މޭޔަރު މުއިއްޒު، މާލެ ސިޓީ ކައުންސިލްގެ ޕޯޓަލް ރޭ އިފްތިތާހު ކޮށްދެއްވާއިރު އަރިހުގައި ޑެޕިއުޓީ މޭޔަރު ނަރީޝް.---ފޮޓޯ: ފަޔާޒު މޫސާ | މިހާރު

މޭޔަރު މުއިއްޒު، މާލެ ސިޓީ ކައުންސިލްގެ ޕޯޓަލް ރޭ އިފްތިތާހު ކޮށްދެއްވާއިރު އަރިހުގައި ޑެޕިއުޓީ މޭޔަރު ނަރީޝް.---ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ނަމަވެސް އޭނާ ވިދާޅުވިގޮތުގައި، ގެދޮރުވެރިކަމަށް ކުރިމަތިލާން ބޭނުންވާ މީހުން ފޯމު ހުށަހަޅަން އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި މާލޭގެ ދެ ސަރަހައްދެއްގައި ހެލްޕް ޑެސްކުތަކެއް ބަހައްޓަން ކައުންސިލުން ވަނީ ނިންމައިފަ އެވެ. ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގައި ކައުންސިލްގެ މުވައްޒަފުން އަންނަ މަހުގެ ތިނަކުން ފެށިގެން އެ މަސައްކަތުގައި ހަރަކާތްތެރިވާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

"ސަރުކާރުން އަޅުގަނޑުމެންނަށް ފުރުސަތު ނުދިނަސް އަޅުގަނޑުމެން ބައިވެރި ނުކުރިޔަސް އަޅުގަނޑުމެން މި ތިބީ ރައްޔިތުންނާ އެކީގައި. އަޅުގަނޑުމެން ބޭނުން ރައްޔިތުންނަށް ދެވެން ހުރި އެހީތެރިކަން ދޭން،" މުއިއްޒު ވިދާޅުވި އެވެ.

ނޭޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީން ވަނީ މާލެ ސަރަހައްދުން 3،000 ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފަ އެވެ. މިހާތަނަށް އައިއިރު ގިނަ އަދަދެއްގެ މީހުން ވަނީ އެ ކަމަށް އެދި ފޯމު ހުށަހަޅާފަ އެވެ.