Roadha Mihaaru
ލޭންޑް ޔޫސް ޕްލޭން އޮތީ މިނިސްޓްރީގައި: ކައުންސިލް

ލޭންޑް ޔޫސް ޕްލޭން ވާނީ ޕްލޭނިން މިނިސްޓްރީ އަށް ފޮނުވާފައި: ސިޓީ ކައުންސިލް

14 މާޗް 2022

ވިލިމާލޭގެ ސިނާއީ ސަރަހައްދުން ބިން ކުއްޔަށް ދޫކުރުން ހުއްޓުވުއިރު، އެ ބިމުގެ ލޭންޑް ޔޫސް ޕްލޭން ޕްލޭނިން މިނިސްޓްރީ އަށް ފޮނުވާފައިވާ ކަމަށް ސިޓީ ކައުންސިލުން މިއަދު ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ވިލިމާލޭގެ ސިނާއީ ސަރަހައްދުން ބިން ކުއްޔަށް ދޫކުރުން ހުއްޓުވުއިރު، އެ ބިމުގެ ލޭންޑް ޔޫސް ޕްލޭން ޕްލޭނިން މިނިސްޓްރީ އަށް ފޮނުވާފައިވާ ކަމަށް ސިޓީ ކައުންސިލުން މިއަދު ބުނެފި އެވެ.

އެ ކައުންސިލުން ބުނީ ލޭންޑް ޔޫސް ޕްލޭން ނޮވެމްބަރު 30، 2021 ގައި އެ މިނިސްޓްރީ އަށް ހުށަހަޅާފައިވާ ކަމަށެވެ. އެކަމަކު، އެ ތާރީހުގައި ސިޓީ ކައުންސިލުން ފޮނުވި ޕްލޭންގައި ބައެއް ކަންކަން މަދުވާތީ، އެ ކަންކަން ފުރިހަމަ ކުރުމަށް ފަހު އަލުން ހުށަހެޅުމަށް ޑިސެމްބަރު 28، 2021 ގައި މިނިސްޓްރީން އޮތީ އަންގާފައި ކަމަށް ވެ އެވެ. ނަމަވެސް ސިޓީއަކުން އެންގި އެންގުމަށް އޭގެ ފަހުން ވަކި ޖަވާބެއް އަދި ލޭންޑް ޔޫޒް ޕްލޭން އަލުން ނުފޮނުވާ ކަމަށް އެނގިފައި ވެ އެވެ.

މާލެ ސިޓީ ކައުންސިލުން މިދިޔަ މަހު ބޭއްވި ބައްދަލުވުމުގައި ވަނީ ވިލިމާލޭގެ ސިނާއީ ސަރަހައްދުގައި ހުސްކޮށް އޮތް 13 ސްލޮޓެއް ކުއްޔަށް ދޫކުރަން ނިންމައި، އެ ބިމަށް ކުރިމަތިލާން މި މަހުގެ 27 ވަނަ ދުވަހާ ހަމައަށް ހުޅުވާލައިފަ އެވެ. އެއީ، ވިލިމާލޭގެ މީހުންނަށް ހަ ސްލޮޓު އަދި މާލޭގެ މީހުންނަށް ހަތް ސްލޮޓެވެ.

ޕްލޭނިން މިނިސްޓްރީން މޭޔަރު ޑރ. މުހައްމަދު މުއިއްޒަށް އިއްޔެ ފޮނުވި ސިޓީއެއްގައި ބުނީ، ތިލަމާލެ ބްރިޖުގެ އަމަލީ މަސައްކަތް ކުރިއަށް ގެންދާއިރު، ވޯކްސައިޓެއްގެ ގޮތުގައި ބޭނުންކުރަން ހަމަޖައްސާފައިވާ ސަރަހައްދަށް ބަދަލުތަކެއް އައިސްފައިވާ ކަމަށެވެ.

އެހެންވެ، އެ މަސައްކަތް ނިމެންދެން އެ ސަރަހައްދު ބޭނުންކުރާނެ ކަމަށް ޕްލޭނިން މިނިސްޓްރީން ބުންޏެވެ. އޭގެ ތެރޭގައި ލުއި ސިނާއީ މަސައްކަތްތަކަށް ވިލިމާލެ އިން ދޫކޮށްފައިވާ ބިންތައް ހިމެނޭ ސަރަހައްދު ހިމެނޭތީ އަދި ބްރިޖާ ގުޅިގެން ކޮންމެހެން ބޭނުންވާނެ އިންފްރަސްޓްރަކްޗަރު ގާއިމު ކުރުމަށް އިތުރަށް ބިން ބޭނުންވާނެތީ، އެ ސަރަހައްދު އެ ބޭނުމަށް ކަނޑައަޅައިދިނުމަށް ޕްލޭނިން މިނިސްޓްރީން އެދުނެވެ.

އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން މިއަދު ވިދާޅުވީ، އެ ސަރަހައްދުން ބިން ކުއްޔަށް ދޭން ސިޓީ ކައުންސިލަށް ނުނިންމޭނެ ކަމަށާއި އެކަން ކުރެވޭނީ މިނިސްޓްރީގެ ހުއްދަ ހޯދައިގެން ކަމަށެވެ. އަދި ވިލިމާލޭގެ ސިނާއީ ސަރަހައްދުން ބިން ކުއްޔަށް ދޭން ނިންމީ ގާނޫނާ ހިލާފަށް ކަމަށާއި އެ ގޮތަށް ނިންމޭނީ ލޭންޑް ޔޫސް ޕްލޭން ޕްލޭނިން މިނިސްޓްރީއަށް ހުށަހަޅައި، އެ ޕްލޭން ފާސްވުމުން ކަމަށް އަކްރަމް ވިދާޅުވި އެވެ.