Roadha Mihaaru
މާލޭގެ ބިމުގެ ގާނޫނީ ބާރު: ކޯޓަށްތަ؟ މޭޒުދޮށަށްތަ؟

މާލޭގެ ބިންތަކުގެ ގާނޫނީ ބާރުގެ އަރައިރުން: ކޯޓަށްތަ؟ މޭޒުދޮށަށްތަ؟

21 ޖޫން 2021

ސަރުކާރުން ބޭނުންވާ ކަންކަމުގައި އޭނާގެ ފަރާތުން އެއްބާރުލުން ލިބޭނެ ކަމަށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވަމުން ގެންދެވި ނަމަވެސް އޭނާ ގަބޫލު ކުރައްވާ ހަމަތަކާއި އުސޫލުތަކުގެ ތެރެއިން ނޫން ގޮތަކަށް މާލެ ސަރަހައްދު ތަރައްގީ ކުރުމުގައި ބައެއް ކަންކަމުގައި ދޫ ނުދެއްވާނެކަން މިހާރު ގެންދަވަނީ ސާބިތު ކޮށްދެއްވަމުންނެެވެ. އޭނާ އަށް ލިބިވަޑައިގެންފައިވާ އެންމެ ބޮޑު ބާރަކީ، މި ސަރުކާރުން ލާމަރުކަޒީ ގާނޫނަށް ގެނައި ބަދަލުތަކެވެ. އޭގެ ސަބަބުން ކައުންސިލްތަކަށް ހައްދެއް ނެތް ވަރަށް ލިބިފައިވާ ބާރުތަކެވެ.

ނަޖާހް މަސްއޫދު ނަޖާހް މަސްއޫދު

ސަރުކާރުން ބޭނުންވާ ކަންކަމުގައި އޭނާގެ ފަރާތުން އެއްބާރުލުން ލިބޭނެ ކަމަށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވަމުން ގެންދެވި ނަމަވެސް އޭނާ ގަބޫލު ކުރައްވާ ހަމަތަކާއި އުސޫލުތަކުގެ ތެރެއިން ނޫން ގޮތަކަށް މާލެ ސަރަހައްދު ތަރައްގީ ކުރުމުގައި ބައެއް ކަންކަމުގައި ދޫ ނުދެއްވާނެކަން މިހާރު ގެންދަވަނީ ސާބިތު ކޮށްދެއްވަމުންނެެވެ. އޭނާ އަށް ލިބިވަޑައިގެންފައިވާ އެންމެ ބޮޑު ބާރަކީ، މި ސަރުކާރުން ލާމަރުކަޒީ ގާނޫނަށް ގެނައި ބަދަލުތަކެވެ. އޭގެ ސަބަބުން ކައުންސިލްތަކަށް ހައްދެއް ނެތް ވަރަށް ލިބިފައިވާ ބާރުތަކެވެ.

ދެ ވެރިކަމެއްގައި މާލޭގެ ހައުސިން މިނިސްޓަރުކަން ކުރެއްވި މުއިއްޒު މާލޭގެ މޭޔަރުކަމަށް އިންތިހާބުކުރީ ބޯހިޔާވަހިކަމުގެ މައްސަލަަ އަށް ހައްލެއް ހޯދައިދޭން މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެ، "ވިއްކި" ކެމްޕެއިން ސްލޯގަންތަކާ އެކު އެވެ. އޭނާ ދެކެވަޑައިގަންނަވަނީ އެކަން ކުރެވޭނީ ގުޅިފަޅަށް ވިޔަފާރި ބަނދަރު ބަދަލުނުކޮށް، އެ ތަނުން ގޯތި ދޫކޮށްގެންނެވެ.

އެކަމަކު މިއީ، ސަރުކާރުގެ ވިސްނުމާ ދެކޮޅު ކަމެކެވެ. ސަރުކާރުން ބޮޑެތި ކުރެހުންތައް ކުރަހައި، ޑިޒައިންތައް ހަދައި މާ ސިންގާ ޕްރޮޖެކްޓެއް ތައްޔާރުކޮށް، ގުޅިފަޅަށް ވިޔަފާރި ބަނދަރު ބަދަލު ކުރުމަށާއި އެ ރަށުގެ އެއްބައި ގެދޮރު ދޫކުރަން ވަނީ ނިންމައިފަ އެވެ. ގުޅިފަޅުގެ މައިގަނޑު ބޭނުމަކީ މި ސަރުކާރުން ނިންމާފައިވާ ގޮތުން ނަމަ ވިޔަފާރި ބަނދަރު ބަދަލުކުރުމެވެ. ސަރުކާރުގެ މައިގަނޑު އެއް ފޯކަސްއަކީ މާލެ އަށް ބޮޑު ލުޔެއް ދިނުމަށް ވިޔަފާރި ބަނދަރު ބަދަލުކުރުމެވެ. ގޯތި ދިނުން އެއީ، މުއިއްޒުގެ ވިސްނުމާ ހިލާފަށް، މާ ފަހުގެެ ކަމެކެވެ.

މުއިއްޒާއި ސަރުކާރުގެ ވިސްނުން ދިމާ ނުވާ އަނެއް ކަމަކީ އިންޑަސްޓްރިލް ވިލެޖާ މެދު ކަން ކުރަން އުޅޭ ގޮތެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އިންސްޓްރިއަލް ވިލެޖު ހެދީ މާލެތެރޭގައި ކުރާ އެކިއެކި ސިނާއީ މަސައްކަތްތައް އެ ތަނަށް ބަދަލުކޮށް، މީހުން ދިރިއުޅޭ ސަރަހައްދަށް ނޭވާލިޔަދޭށެވެ. މުއިއްޒު ވިދާޅުވަނީ، ރައްޔިތުން ބޭނުން ވަނީ އެ ގޮތް ކަމަށެވެ. ނަމަވެސް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން މި ފަހުން ވެސް ވަނީ އިންޑަސްޓްރިއަލް ޒޯނު ފެހި ސަރަހައްދަކަށް ބަދަލު ކުރަން އޮތް ރޭވުމެއް ދައްކާލައިފަ އެވެ. މި ސަރުކާރުގެ ޕްލޭނަކީ މާލޭގައި ހުރި ސިނާއީ ތަންތަން ތިލަފުއްޓަށް ބަދަލުކުރުމެވެ. މުއިއްޒާއި މާލޭ ސިޓީ ކައުންސިލްގެ އަމާޒަކީ އެ ތަންތަން އިންޑަސްޓްރިއަލް ވިލެޖަށް ގެންދިއުމެވެ.

މި ކަންތައްތަކުގައި ސިޓީ ކައުންސިލާއި ސަރުކާރު ކަނޑި އާއި ކަނޑި އެވެ. މުއިއްޒު ހުންނެވީ ރައްޔިތުންގެ ހައްގުގައި ކަމަށް ވިދާޅުވެ، އެ ކަމުގައި ސަރުކާރުގެ ވިސްނުން ބަދަލު ކުރެވޭތޯ މަސައްކަތް ކުރާށެވެ. ސަރުކާރުގެ ވިސްނުން ބަދަލު ނުކުރެވިއްޖެ ނަމަ ދެން ވާނޭ ގޮތެއް ނޭނގެ އެވެ. ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި ވީ ގޮތަށް އަނެއްކާ ވެސް މި ސަރުކާރާއި މާލޭ ސިޓީ ކައުންސިލާ ދެމެދު "ފާރެއް" ލައި ދެ ފަރާތުން ދޫނުދީ އޭގެ ގެއްލުން ރައްޔިތުންނަށް ފޯރުމަކީ ވަރަށް ކައިރި ކަމަކަށް ވެދާނެ އެވެ. އަދި ފެންނަނީ ދޫނުދީ، މަޝްވަރާ އިސްކުރާ ތަނެވެ.

"ކައުންސިލަށް ގުޅީފަޅު މައްސަލައިގައި ބަހެއް ނުބުނެވޭނެ"

ޕީޕީއެމްގެ އައުލަބިއްޔަތު އޮންނަ މާލޭ ސިޓީ ކައުންސިލުން ވަނީ ގުޅީފަޅުގައި ބަނދަރު ހެދުމުގެ ބަދަލުގައި އެ ތަނުގައި ގޯތި ދޫކުރާ ގޮތަށް ހަމަޖައްސަން މަސައްކަތް ކުރަންް ފާސްކޮށްފަ އެވެ.

ހުޅުމާލޭ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަދި މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީގެ މުގައްރިރު އަލީ ނިޔާޒު ވިދާޅުވީ އިހުތިސާސް ނެތް ސަރަހައްދެއްގައި ބޯހިޔާވަހިކަމުގެ މަޝްރޫއު ހިންގާނެ ކަމަށް ބުނެ ގޮތް ކިޔުމަކީ ސިޓީ ކައުންސިލަށް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އެގޮތަށް ވައުދުވެ، އެކަން ނުކުރެވުމުން އެއީ ރައްޔިތުންނަށް ދެވޭ ބޭއިންސާފެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"މާލެ އާއި ވިލިމާލެ އާއި ހުޅުމާލޭގައި ގޯތި ދޭނެ ތަނެއް ނެތޭ ކިޔާފައި އިހުތިސާސް ނެތް ސަރަހައްދެއްގައި ގޮތް ކިޔުން އެއީ ކައުންސިލަކަށް އޮންނާނެ ބާރެއް ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން،" ނިޔާޒު ވިދާޅުވި އެވެ.

ތަރައްގީކޮށް ނިމޭއިރު ގުޅިފަޅު އޮންނާނެ ގޮތުގެ ކުރެހުމެއް: މިއީ ސަރުކާރުގެ ތަސައްވުރެއް، އެކަމަކު ސިޓީ ކައުންސިލް ދެކޮޅު

ތަރައްގީކޮށް ނިމޭއިރު ގުޅިފަޅު އޮންނާނެ ގޮތުގެ ކުރެހުމެއް: މިއީ ސަރުކާރުގެ ތަސައްވުރެއް، އެކަމަކު ސިޓީ ކައުންސިލް ދެކޮޅު

ނަމަވެސް، މުއިއްޒު ވިދާޅުވަނީ ގުޅީފަޅަކީ މާލޭގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ތަނެއް ނޫން ކަމަށް ވެސް ނުބުނެވޭނެ ކަމަށާއި އެއީ ސުވާލު އުފެދިފައިވާ ކަމެއް ކަމަށެވެ. އިހުތިސާސް ނެތަސް އެ ތަނުން މާލޭ ރައްޔިތުންނަށް ގޯތި ދިނުމަށް ކައުންސިލަށް ސަރުކާރާ އެކު ވާހަކަ ދެއްކިދާނެ ކަމަށް މުއިއްޒު ދެކެވަޑައިގަންނަވަ އެވެ.

ގުޅީފަޅުގެ މައްސަލައިގައި ސަރުކާރާ މަޝްވަރާކޮށްގެން ވިސްނުން ބަދަލު ނުކުރެވިއްޖެ ނަމަ އެންމެ ފަހު ކަމެއްގެ ގޮތުން ރައްޔިތުންގެ ހައްގުގައި ކޯޓަށް ދާން ޖެހިއްޖެ ނަމަ ކޯޓަށް ވެސް ދާނެ ކަމަށް މުއިއްޒު ވިދާޅުވެފައިވެ އެވެ. މި ވަރުގެ ބޮޑު ގައުމީ މަޝްރޫއެއް ހުއްޓުވަން ނުވަތަ އެ އަށް ބަދަލެއް ގެންނަން ކައުންސިލަކުން ސަރުކާރާ ދެކޮޅަށް ދައުވާ ކުރުމަކީ މީގެ ކުރިން ރާއްޖޭގައި ހިނގާފައިވާ ކަމެއް ނޫނެވެ.

މާލެ އާއި ވިލިމާލެ އާއި ހުޅުމާލޭގައި ގޯތި ދޭނެ ތަނެއް ނެތޭ ކިޔާފައި އިހުތިސާސް ނެތް ސަރަހައްދެއްގައި ގޮތް ކިޔުން އެއީ ކައުންސިލަކަށް އޮންނާނެ ބަރެއް ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން،"---ނިޔާޒު

ސަރުކާރުން އެ މަޝްރޫއު ހިންގަން ފަންޑު ހޯދައި އެކަން ކުރަން ފަށާފައިވާއިރު، އެކަން ހުއްޓުވައިގެން ލިބޭނީ ކޮން މޮޅެއްތޯ ނިޔާޒު ސުވާލު އުފެއްދެވި އެވެ. އޭރުން ކައުންސިލުން ބޭނުންވާ ގޮތަށް ގުޅީފަޅުގައި އެއްކޮށް ހައުސިން މަޝްރޫއު ހިންގަން ފައިސާ ހޯދާނެ ގޮތާ މެދު ވެސް ނިޔާޒުގެ ހިތުގައި ބައިވަރު ސުވާލުތައް އެބަހުއްޓެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ކައުންސިލުގެ އިހްތިސާސްގެ ތެރޭގައި ގުޅީފަޅު ނުހިމަނައި، މިހާތަނަށް އޮތީ ވެސް ކައުންސިލުގެ ބާރު އެތަނަށް ފޯރުވިޔަ ނުދޭން ކަމަށް ގަބޫލު ކުރައްވާ ކަމަށް ނިޔާޒު ވިދާޅުވި އެވެ.

ކައުންސިލުން ސަރުކާރުގެ ސިޔާސަތަށް އެއްބާރުލުން ދޭން ޖެހޭތަ؟

ސަރުކާރުން ގައުމީ ތަރައްގީގެ ޕްލޭނެއް ނުވަތަ އެކްޝަން ޕްލޭން އެކުލަވާލާފައިވާއިރު، ގުޅީފަޅާއި އިންޑަސްޓްރިއަލް ޒޯނު މަޝްރޫއު ފަދަ ތަންތަން ވަނީ އެ މަޝްރޫއުގައި ހިމަނައިފަ އެވެ.

މާލޭގެ ލޭންޑް ޔޫސް ޕްލޭން އެކުލަވައިލުމުގެ މަސައްކަތް މިހާރު ކުރިއަށް ގެންދާއިރު، މުއިއްޒު ވިދާޅުވަނީ އިންޑަސްޓްރިއަލް ޒޯނަށް ސިނާއީ މަސައްކަތް ބަދަލު ކުރަން ކައުންސިލުން މަސައްކަތް ކުރަނީ އެގޮތް ރައްޔިތުން ބޭނުންވާތީ ކަމަށެވެ. ގާނޫނުގައިވާ ގޮތަށް ރައްޔިތުންގެ ހިޔާލާއެކު ލޭންޑް ޔޫސް ޕްލޭން އެކުލަވައިލާއިރު އެއްވެސް ބިމެއް ތަރައްގީ ކުރާނީ ރައްޔިތުންގެ ހިޔާލު ހޯދައިގެން ކަމަށް އޭނާ ވިދާޅުވި އެވެ.

އަލީ ނިޔާޒް: އޭނާ ވިދާޅުވަނީ މާލޭ ސިޓީ ކައުންސިލްގެ ބަސް ނުބުނެވޭ ކަންކަން އެބަހުރި ކަމަށް -- ފައިލް ފޮޓޯ: މިހާރު

އަލީ ނިޔާޒް: އޭނާ ވިދާޅުވަނީ މާލޭ ސިޓީ ކައުންސިލްގެ ބަސް ނުބުނެވޭ ކަންކަން އެބަހުރި ކަމަށް -- ފައިލް ފޮޓޯ: މިހާރު

އެކަމަކު، މާލޭގެ ކުރީގެ ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފު ދެކެވަޑައިގަންނަވާ ގޮތުގައި، ކައުންސިލުތަކުން ސަރުކާރުގެ ސިޔާސަތު ތަންފީޒު ކުރަން އެއްބާރުލުން ދޭން ޖެހޭ އެވެ. އަދި ރައްޔިތުންގެ ހިޔާލު ސަރުކާރާ ހިސާބަށް ގެންދިއުމަކީ މައްސަލައަކަށް ނުވިޔަސް، ސީދާ ގައުމީ މަޝްރޫއުތަކާ ދެކޮޅަށް ކައުންސިލުތަކުން މަސައްކަތް ކުރުމަކީ ގޯހެއް ކަމަށް ވިދާޅުވި އެވެ.

"ކައުންސިލުތަކަށް ދީފައިވާ ރޯލު ކައުންސިލުތަކުން އަދާކުރަން ޖެހޭނީ. ރައްޔިތުންގެ ހިޔާލު ސަރުކާރާ ހިސާބަށް ގެންދިއުން އެއީ މައްސަލައެއް ނޫން. އެހެން ނަމަވެސް، ވަކި ގޮތަކަށް ޕްލޭން ކުރެވި، ވަކި ގޮތަކަށް ނޭޝަނަލް ޕްލޭނެއް އޮއްވައި ސީދާ އެއާ ދެކޮޅަށް މަސައްކަތް ކުރުމަކީ ރަނގަޅު ގޮތެއް ނޫން،" ޝަމާއު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ކައުންސިލުންތަކުގެ މަސައްކަތަކަށް ވާން ޖެހޭނީ ލޯކަލް ފެންވަރުގައި ރައްޔިތުންނަށް ހިދުމަތް ދިނުން ކަމަށެވެ. ވަކިވަކި ކުދި ސަރުކާރުތަކެއްގެ ގޮތުގައި ކައުންސިލުތަކުގެ މަސައްކަތް ކުރުމަކީ ލާމަރުކަޒީ ގާނޫނުގެ މަހްފޫމު ނޫން ކަމަށް ވިދާޅުވި އެވެ.

ރާއްޖޭގެ 202 ރަށުގައި ވަކި ސަރުކާރު ހަދާކަށް ނޫން [ލާމަރުކަޒީ] ގާނޫނުގެ މަހްފޫމަކީ -- ޝަމާއު

"ރާއްޖޭގެ 202 ރަށުގައި ވަކި ސަރުކާރު ހަދާކަށް ނޫން [ލާމަރުކަޒީ] ގާނޫނުގެ މަހްފޫމަކީ،" ޝަމާއު ވިދާޅުވި އެވެ.

ނިޔާޒު ވިދާޅުވީ، ހިޔާލު ތަފާތުވުންތައް އުފެދި އެއްވެސް މަސައްކަތެއް ނުކުރެވި އޮތުމުން ގެއްލުން ވާނީ ރައްޔިތުންނަށް ކަމަށެވެ. އޭގެ ބަދަލުގައި ކައުންސިލުން އެންމެ ރަނގަޅު ވާނީ ސަރުކާރަށް އެއްބާރުލުން ދީގެން މަޝްރޫއުތަކަށް އެއްބަސްވުން ކަމަށް ވިދާޅުވި އެވެ.

"އެއާ [ގައުމީ ތަރައްގީގެ ޕްލޭނާ] ފުށުއަރާ ގޮތަށް ދެން ކައުންސިލުތަކުން ޕްލޭންތައް އެކުލަވާލައިފި ކަމަށް ވިއްޔާ ސަރުކާރުން ކުރަން ހުރި ކަންތައްތައް ކުރަން ފަހަތަށް ޖެހި، ނުކުރާނެ ކަމަކަށް ނުބުނާނެ ނޫންތޯ. ސަރުކާރުން މި އޮތީ ރައްޔިތުންނަށް ވައުދުވެފައި ނޫންތޯ ތަރައްގީގެ ޕްރޮގްރާމުތަކެއް ހިންގަން،" ނިޔާޒު ވިދާޅުވި އެވެ.

ކައުންސިލުތަކުން ގޯސްކޮށް ކަންތައް ކުރާ ނަމަ އެލްޖީއޭއިން އެކަމުގެ ތެރެއަށް ވަދެ މައްސަލަ ހައްލު ކުރަން މަސައްކަތް ކޮށްދޭން ޖެހޭނެ ކަމަށް ވެސް ޝަމާއު ވިދާޅުވި އެވެ.

މާލޭ ސިޓީ ކައުންސިލާއި ސަރުކާރާ ދެމެދު ހިޔާލު ތަފާތުވުންތަކެއް އުފެދިފައިވާއިރު އެކަމާ ބެހޭގޮތުން ސުވާލު ކުރުމުން އެލްޖީއޭގެ ސީއީއޯ އަފްޝަން ލަތީފު ހަމައެކަނި ވިދާޅުވީ، ކައުންސިލްތަކާއި ސަރުކާރުތަކުން ދެބަސްވާ ކަންކަމުގައި މަޝްވަރާ ކޮށްގެން ހައްލާ ހަމައަށް ދެވޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

މުއިއްޒު ވިދާޅުވީ ސަރުކާރަށް ހުރަސް ނާާޅާ ކަމަށް

ސިޓީ ކައުންސިލުން މަސައްކަތް ކުރަނީ ސަރުކާރަށް ހުރަސް އަޅަން ކަމަށް ބުންޏަސް މުއިއްޒު ވިދާޅުވީ އެއީ ރަނގަޅު ވާހަކަައެއް ނޫން ކަމަށެވެ. އޭނާ އަކީ ސަރުކާރަށް ހުރަސް އަޅައި ޖެއްސުން ކުރާނެ މީހެއް ނަމަ މާލޭގެ ރައްޔިތުން އޭނާ އެ މަގާމަށް ނުހޮވާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ. އަދި ވިދާޅުވީ، ކެމްޕޭނުގައި އެއީ އޭނާ ނުކުރައްވާނެ ކަމެއް ކަމަށް ސާފުކޮށް ވިދާޅުވި ކަމަށެވެ.

މުއިއްޒު: ހައްގު ހޯއްދަވަން ކޯޓަށް ވަޑައިގަންނަވަން ވެސް ތައްޔާރު -- ފައިލް ފޮޓޯ: މިހާރު

މުއިއްޒު: ހައްގު ހޯއްދަވަން ކޯޓަށް ވަޑައިގަންނަވަން ވެސް ތައްޔާރު -- ފައިލް ފޮޓޯ: މިހާރު

"އެއްގޮތަކަށް ވެސް އަޅުގަނޑުގެ ބޭނުމެއް ނޫން ހުރަސް އަޅާކަށް. އަޅުގަނޑުގެ ބޭނުމަކީ ހުވައާ އެއްގޮތަށް މަސައްކަތް ކުރުން،" މުއިއްޒު ވިދާޅުވި އެވެ.

"އަޅުގަނޑު މަސައްކަތް ކުރާނަން ސަރުކާރާ އެކީގައި ރައްޔިތުންނަށް ފައިދާވާ ކޮންމެ ކަމެއް ހޯދައި، ސަރުކާރުގެ ތެރެއިން ކޮށްދިނުނުގައި. ސަރުކާރާ އެކީ ބައިވެރިވެގެން ހަމަ ޓީމެއްގެ ގޮތުގައި ވޯކް ކުރާނަން. އެކަމަކު، ރައްޔިތުންނަށް ގެއްލުންވާ ކަމެއް ވިއްޔާ އެކަމެއް ރަނގަޅު ކުރަން މަސައްކަތް ކުރާނަން."

ލޭންޑް ޔޫސް ޕްލޭން އެކުލަވައިލާއިރު އާންމު ރައްޔިތުންގެ ހިޔާލު ހޯދަން ވާނެ ކަމަށް ގާނޫނުގައި އޮވެ އެވެ. އަދި މަޝްރޫއެއް ހިންގުމުގެ ކުރިން ކައުންސިލާ މަޝްވަރާ ކުރަން ވާނެ ކަމަށާއި ހުއްދަ ހޯދަން ވާނެ ކަމަށް ވެސް އެ ގާނޫނުގައި ބަޔާންކޮށްފައި އެބައޮތެވެ.

އެހެންވެ، މުއިއްޒު ވިދާޅުވީ، އިންޑަސްޓްރިއަލް ވިލެޖު ވިޔަސް އެހެން ތަނެއްގައި ވިޔަސް އެއްވެސް މަސައްކަތެއް ކުރާ ނަމަ އެ ހުއްދަ ކައުންސިލުގެ ފަރާތުން ސަރުކާރުން ހޯދަންޖެހޭނެ ކަމަށެވެ. އެހެންވެ، އޭނާ މަސައްކަތް ކުރައްވަނީ އެގޮތުގެ މަތިން ކަމަށް ވިދާޅުވި އެވެ.

ގުޅީފަޅުގެ ވާހަކަ ދައްކަވަނީ އެއީ ބޯހިޔާވަހިކަމުގެ ހައްލު ކަން މާލޭ ރައްޔިތުން ގަބޫލު ކުރާތީ ކަމަށް އޭނާ ވިދާޅުވި އެވެ. ފެންނަ ނުފެންނަ ވޯޓެއް ނެގިޔަސް ޕެޓިޝަނެއް ހެދިޔަސް އެކަން ސާފުވާނެ ކަަމަށް ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި، ގުޅީފަޅު މައްސަލައިގައި އޭނާ ރައީސްއާ ބައްދަލުކުރެއްވީ ވެސް އެހެންވެ އެވެ. ގުޅީފަަޅުގެ ވެއާހައުސްތައް އެހެން ތަނެއްގައި ހަދަން ނިންމައި އެ ތަނުން ހުޅުމާލޭ ފުރަތަމަ ފިޔަވަހި ވަރުގެ ބިމެއް މީހުން އުޅެން ހުސްކުރެވިދާނެ ކަމަށް ރައީސް ވިދާޅުވި ކަމަށް ވެސް މޭޔަރު ވިދާޅުވި އެވެ.

އަދި އެގޮތަށް ޕްލޭން މުރާޖަައާ ކުރައްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ހަވާލާ ދެއްވައި މުއިއްޒު ވިދާޅުވި އެވެ. އެކަމަކު، އަދިވެސް އެ މުރާޖައާތައް މި ސަރުކާރުން ނުފަށައި ލަސްކުރުމަކީ މޭޔަރުގެ ކަންބޮޑުވުމެކެވެ.

މާލޭ ސިޓީ ރައްޔިތުންގެ ފަރާތުން ބޭނުންވާ ކަންކަމުގެ ވާހަކަ، ރައްޔިތުންނަށް އުނދަގޫވާ، ރައްޔިތުންނަށް ދަތިވާ، ހައްލު ކުރަން ޖެހިފައިވާ ކަންކަމުގެ ވާހަކަ އަޅުގަނޑުމެން މި ދައްކަނީ. މާލޭގެ ރައްޔިތުން ދަންނަވަނީ ސަރުކާރުގެ ވިސްނުން ބަދަލުކުރައްވާށޭ، ރައްޔިތުންނަށް ގުޅިފަޅަކީ މާލޭގެ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ ހައްލަކަށް ހަދައިދޭން. އެކަމުގެ ވާހަކަ އަޅުގަނޑުމެން މި ދައްކަނީ،"--- މުއިއްޒު

"މާލޭ ސިޓީގެ ރައްޔިތުންގެ ފަރާތުން ބޭނުންވާ ކަންކަމުގެ ވާހަކަ ރައްޔިތުންނަށް އުނދަގޫވާ، ރައްޔިތުންނަށް ދަތިވާ، ހައްލު ކުރަން ޖެހިފައިވާ ކަންކަމުގެ ވާހަކަ އަޅުގަނޑުމެން މި ދައްކަނީ. މާލޭގެ ރައްޔިތުން ދަންނަވަނީ ސަރުކާރުގެ ވިސްނުން ބަދަލުކުރައްވާށޭ، ރައްޔިތުންނަށް ގުޅިފަޅަކީ މާލޭގެ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ ހައްލަކަށް ހަދައިދޭން. އެކަމުގެ ވާހަކަ އަޅުގަނޑުމެން މި ދައްކަނީ،" މުއިއްޒު ވިދާޅުވި އެވެ.

އޭނާ ހުންނެވީ މަޝްވަރާކޮށްގެން ހައްލާ ހިސާބަށް ދެވޭނެ ކަމަށް ގަބޫލު ކުރައްވައިގެންނެވެ. މަޝްވަރާ ކޮށްގެން ހައްލު ނުވެއްޖެ ނަމަ ކޯޓަށް ދާނެ ކަމަށް ވިދާޅުވިޔަސް އަދި އެކަމުގެ ވިސްނުމެއް ނެތް މުއިއްޒުގެ ނެތެވެ.

"އަޅުގަނޑު ބޭނުން ވަނީ އިށީނދެގެން، ވާހަކަ ދައްކައިގެން ބިނާ ކުރަނިވި މަޝްވަރާ ކޮށްގެން ހެޔޮ ނިޔަތުގައި މިކަން ހައްލުވާން،" މުއިއްޒު ވިދާޅުވި އެވެ.