Roadha Mihaaru
މޭޔަރުގެ ގިނަ ބާރުތަކެއް މުއިއްޒު ދޫކޮށްލައްވައިފި

މޭޔަރުގެ ގިނަ ބާރުތައް މުއިއްޒު އަމިއްލަ އަށް ދޫކޮށްލައްވައިފި

21 ޖޫން 2023

މާލެ ސިޓީ ކައުންސިލްގެ އެކި މަސައްކަތްތައް ކުރުމަށާއި އޮނިގަނޑަށް ގެންނަ އެކި ބަދަލުތައް ދެން ގެނެވޭނީ ކައުންސިލްގެ ރަސްމީ ޖަލްސާއެއްގައި ހުރިހާ މެމްބަރުންގެ އަޣުލަބިއްޔަތުން ފާސްކޮށްގެން ކަމަށް ބަދަލުކޮށް، ކައުންސިލްގެ ހިންގާ ގަވާއިދު މިއަދު އިސްލާހުކޮށް، މޭޔަރަށް ކުރިން އެ ގަވާއިދުގެ ދަށުން ދީފައިވާ ގިނަ ބާރުތަކެއް ޑރ. މުހައްމަދު މުއިއްޒު އަމިއްލަ އަށް މިއަދު ދޫކޮށްލައްވައިފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

މާލެ ސިޓީ ކައުންސިލްގެ އެކި މަސައްކަތްތައް ކުރުމަށާއި އޮނިގަނޑަށް ގެންނަ އެކި ބަދަލުތައް ދެން ގެނެވޭނީ ކައުންސިލްގެ ރަސްމީ ޖަލްސާއެއްގައި ހުރިހާ މެމްބަރުންގެ އަޣުލަބިއްޔަތުން ފާސްކޮށްގެން ކަމަށް ބަދަލުކޮށް، ކައުންސިލްގެ ހިންގާ ގަވާއިދު މިއަދު އިސްލާހުކޮށް، މޭޔަރަށް ކުރިން އެ ގަވާއިދުގެ ދަށުން ދީފައިވާ ގިނަ ބާރުތަކެއް ޑރ. މުހައްމަދު މުއިއްޒު އަމިއްލަ އަށް މިއަދު ދޫކޮށްލައްވައިފި އެވެ.

ކައުންސިލްގެ މި ހަފުތާގެ ބައްދަލުވުމުގައި އެ ގޮތަށް ފާސްކުރީ، މުއިއްޒު އަމިއްލަ އަށް ހުށަހަޅުއްވައި، ކައުންސިލްގެ އިއްތިފާގުންނެވެ.

ކައުންސިލްގެ ގަވާއިދުގައި ކުރިން އޮންނަނީ އެ ކައުންސިލުން ކަންކަން ނިންމުމުގައި ރައްޔިތުންގެ ލާބައަށް އިސްކަން ދޭން ޖެހޭނެ ކަމަށެވެ. އެހެން ކަމުން މެމްބަރުންނާ މަޝްވަރާ ކުރުމެއް ނެތި މޭޔަރަށް އަމިއްލަ އަށް ކަންކަން ނިންމުމުގެ ބާރު އެ ގަވާއިދުގެ ދަށުން ލިބިދެ އެވެ.

ނަމަވެސް އެ ބާރު ދޫކޮށްލެވޭ ގޮތަށް މޭޔަރު މުއިއްޒު އަމިއްލަ އަށް ހުށަހެޅުއްވި އިސްލާހުގައި ވަނީ، އެއީ އެކި މަސައްކަތްތައް ކުރުމަށާއި އޮނިގަނޑަށް ގެންނަ އެކި ބަދަލުތަކުގެ ސަބަބުން ނަގަން ޖެހޭ ކޮންޓްރެކްޓް މުވައްޒަފުންނާއި ކޮންސަލްޓަންޓުން ނެގުމުގެ ކުރިން އެފަދަ މުވައްޒަފުން އެ ފަހަރަކަށް ނަގަން ބޭނުންވާ ސަބަބާއި އަދަދު އަދި އެ މުވައްޒަފުން ނަގާ ސެކްޝަން ނުވަތަ ޑިޕާޓްމެންޓް ކަނޑައެޅުމަށްޓަކައި ކައުންސިލްގެ ރަސްމީ އާއްމު ޖަލްސާއަކަށް ހުށަހަޅާ ފާސްކުރަން ވާނެ ކަމަށެވެ.

މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ، އެ ބަދަލު ގެނައުމަށް ހުށަހެޅުއްވީ ކައުންސިލްގެ ރަސްމީ ނިންމުމެއް ނެތުމުގެ ސަބަބުން ޕޮލިސީއެއް ނެތުމާ އެކު، އިދާރީ ގޮތުން ކައުންސިލް ހިންގުން ހަރުދަނާ ކުރުމާ ގުޅޭ ކަންކަމަށް އަމަލުކުރުން ރަސްމީ ކުރުމަށްޓަކައި ކަމަށެވެ.

މިއަދުގެ ޖަލްސާގައި މުއިއްޒު ވާހަކަ ދައްކަވަނީ: އެ އިސްލާހު ހުށަހަޅާފައި ވަނީ ވެސް މުއިއްޒު.-- ފޮޓޯ: މާލެ ސިޓީ ކައުންސިލް

މިއަދުގެ ޖަލްސާގައި މުއިއްޒު ވާހަކަ ދައްކަވަނީ: އެ އިސްލާހު ހުށަހަޅާފައި ވަނީ ވެސް މުއިއްޒު.-- ފޮޓޯ: މާލެ ސިޓީ ކައުންސިލް

މުއިއްޒު ވިދާޅުވީ މިހާރު ވެސް ބައެއް ކަންކަމުގައި އަމަލު ކުރަނީ އެ އުސޫލުން ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ ކޮމިއުނިޓީ އެންގޭޖްމެންޓް އޮފިސަރުން ނެގުމާއި މުވައްޒަފުންގެ އަދަދު ކަނޑައެޅުމެވެ. އަދި ކައުންސިލަށް ސުޕަވައިޒަރުން އިތުރު ކޮށްފައި ވަނީ ވެސް ކައުންސިލްގެ ރަސްމީ ޖަލްސާ އަކުން ފާސްކޮށްގެން ކަމަށް މުއިއްޒު ވިދާޅުވި އެވެ.

ކައުންސިލްގެ މިއަދުގެ ބައްދަލުވުމުގައި، ކައުންސިލްގެ ހިންގާ ގަވައިދަށް ހަތަރު އިސްލާހެއް ގެނަ އެވެ. އެއީ

1. މާލޭގެ އާންމު ހުސް ޖާގަތަކާއި ބިންތަކާއި ޕާކުތަކާއި މަގުތަކަށް ބަދަލު ގެނައުމަށް ނުވަތަ އެ ތަންތަން ތަރައްގީ ކުރުމަށް ނުވަތަ ވަކި ބޭނުމަކަށް އެކަށައެޅުމަށް ނުވަތަ ކުއްޔަށް ދިނުމަށް ނުވަތަ އެ ތަންތަނުގެ ހިދުމަތުގެ ގަޑި ބަދަލުކުރުމަށް ނިންމުން.

2. މާލޭ ސިޓީ ކައުންސިލުން ފޯރުކޮށްދޭ ހިދުމަތަކަށް ނަގާ ފީއަކަށް ބަދަލު ގެނައުން.

3. މާލޭ ސިޓީ ކައުންސިލަށް އާމްދަނީއެއް ލިބޭނެ ކަމެއް ނިންމުން.

4. މާލޭ ސިޓީ ކައުންސިލުން ފާސްކޮށްފައިވާ އަހަރީ ބަޖެޓަށް ނުވަތަ ބަޖެޓުގެ ބަޔަކަށް އެއްވެސް ބަދަލެއް ގެނައުން.

މިއަދުގެ ޖަލްސާގައި އެ ކަންކަން ފާސްކުރީ ޖަލްސާގައި ބައިވެރިވި 14 ކައުންސިލަރުންގެ އިއްތިފާގުންނެވެ.