Roadha Mihaaru
ގުޅިފަޅުގެ ޕްލޭން ބަދަލުނުކުރާނަމަ ކައުންސިލުން ކޯޓަށް

ގުޅިފަޅުގެ ޕްލޭން ބަދަލުނުކުރާނަމަ ނަމަ ސިޓީ ކައުންސިލުން ކޯޓަށް ދަނީ

08 ޖޫން 2021

މާލެ ސިޓީ ކައުންސިލްގެ ނިންމުމާ ހިލާފަށް ގުޅިފަޅުގައި ވިޔަފާރި ބަނދަރު ތަރައްގީ ކުރާ ނަމަ އެކަމާ ދެކޮޅަށް ކޯޓަށް ދާނެ ކަމަށް މޭޔަރު ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މާލެ ސިޓީ ކައުންސިލްގެ ނިންމުމާ ހިލާފަށް ގުޅިފަޅުގައި ވިޔަފާރި ބަނދަރު ތަރައްގީ ކުރާ ނަމަ އެކަމާ ދެކޮޅަށް ކޯޓަށް ދާނެ ކަމަށް މޭޔަރު ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.

އެ ކައުންސިލުން ބޭއްވި ނިއުސް ކޮންފަރެންސްގައި މޭޔަރު ވިދާޅުވީ ގުޅިފަޅަކީ މާލޭގެ ރައްޔިތުންގެ ގެދޮރުގެ މައްސަލައަށް އޮތް ހައްލު ކަމަށެވެ. އެކަން ތަންފީޒުކުރުމަށް ހުރިހާ މަސައްކަތްތައް ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ގުޅިފަޅުގައި މި ސަރުކާރުން އަންނަނީ މާލޭގެ ވިޔަފާރި ބަނދަރު ބަދަލުކުރަން ބޮޑު މަޝްރޫއެއް ހިންގަމުންނެވެ. އަދި އެ ތަނުން 1،244 ގޯ ތިދޭން ސަރުކާރުން ނިންމާފައި ވެ އެވެ.

ނަމަވެސް މުއިއްޒު ވިދާޅުވީ ގުޅިފަޅުގެ ޕްލޭން ރިވައިސްކުރުމަށް ބައްދަލުވުންތަކެއް ފައްޓަވައިދެއްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު ބޭއްވެވި ބައްދަލުވުމުގައި ވިދާޅުވި ކަމަށެވެ. މަދުވެގެން 30،000 ރައްޔިތުންނަށް ގެެދޮރު ލިބޭނެ ގޮތަށް ޕްލޭން ރިވައިސްކުރާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި ކަމަށް މުއިއްޒު ވިދާޅުވި އެވެ.

އެކަން އެހެން އޮއްވައި، ޖެހިގެން އައި ހަފުތާގައި ގުޅިފަޅު ހިއްކުމާ ގުޅޭ އީއައިއޭ ކޮންސަލްޓަންޓާއެކު ބޭއްވި ބައްދަލުވުމެއްގައި ސިޓީ ކައުންސިލުން ވެސް ބައިވެރިވި އެވެ. އޭނާ ވިދާޅުވީ މިހާރު ހުށަހަޅާފައިވާ ޕްލޭނާ އެއްގޮތަށް އެކަން ކުރިއަށް ގެންދަން ތާއީދު ނުކުރާކަން އަންގާފައިވާ ކަމަށެވެ.

މާލެ ސިޓީ ކައުންސިލުން ރޭ ބޭއްވި ނިއުސް ކޮންފަރެންސްގައި މޭޔަރު ޑރ. މުއިއްޒު ވާހަކަދައްކަވަނީ.-- ފޮޓޯ: ސިޓީ ކައުންސިލް

މާލެ ސިޓީ ކައުންސިލުން ރޭ ބޭއްވި ނިއުސް ކޮންފަރެންސްގައި މޭޔަރު ޑރ. މުއިއްޒު ވާހަކަދައްކަވަނީ.-- ފޮޓޯ: ސިޓީ ކައުންސިލް

"އަޅުގަނޑުމެން ބޭނުންވަނީ އެކުވެރިކަމާއެކު ބިނާކުރުވަނިވި މަސައްކަތްތަކެއްކޮށް ދުރު ރާސްތާއަށް އެންމެ ރަނގަޅުވާނެ ގޮތަށް މާލޭގެ ރައްޔިތުންނަށް ގެދޮރު ވެރި ކުރުވުމުގެ މައްސަލަ ހައްލުވެގެން ދިއުން. އެގޮތުން، ގުޅިފަޅުގެ މި ޕްލޭނަށް ބަދަލު އައުމަކީ އަޅުގަނޑުމެން ސަރުކާރާއެކު ކުރަންޖެހުނު ކޮންމެ މަސައްކަތެއް، ކިތައްމެ ބައްދަލުވުމެއް ބާއްވަން ޖެހުނަސް ސިޓީ ކައުންސިލް މި ތިބީ ތައްޔާރަށް އެ މަސައްކަތް ކުރުމުގައި،" ޑރ. މުއިއްޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި އެ ކުރާ މަސައްކަތުން އެއްވެސް އަލިމަގެއް ނުފެނިއްޖެނަމަ ކައުންސިލުން ވަނީ ކޯޓަށް ދިއުމަށް ވެސް ނިންމައިފަ އެވެ. އެއީ މިހާރު އަދި މާދަމާ ކުރާނެ ކަމެއް ނޫން ކަމަށާއި އެ ހިސާބަށް ދާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.

"އެހެން ނަމަވެސް އެ ހިސާބަށް ދާން ޖެހިއްޖެނަމަ ކޯޓަށް ވެސް ގޮސްގެން އިރާދަކުރެއްވިއްޔާ މީގައި އިންސާފުވެރި މަގެއް މާލޭގެ ރައްޔިތުންނަށްޓަކައި ހޯދުމަށް އަޅުގަނޑުމެން މަސައްކަތްކުރަން ކައުންސިލްގެ މިއަދުގެ ބައްދަލުވުމުގައިި ފާސްކުރީ،"

"މި އެއްވެސް ކަމެއްގައި، ކުރެވޭ އެއްވެސް މަޝްވަރާއެއްގައި، ބޭއްވޭ އެއްވެސް ބައްދަލުވުމެއްގައި ކުރާ އެއްވެސް ކަމަކުން އަޅުގަނޑުމެންނަށް އަލިމަގު ނުފެންނަކަން ޔަގީންވާ ހިސާބުން ކޯޓަށް ގޮސްގެން ވެސް އަޅުގަނޑުމެން މާލެ ރައްޔިތުންނަށް އިންސާފު ހޯދުމަށް މި ގެދޮރު މައްސަލައިގައި ގުޅިފަޅު މައްސަލައިގައި މަސައްކަތްކުރަން އަޣުލަބިއްޔަތުން ފާސްވީ،"

މުއިއްޒު ވިދާޅުވީ ގުޅިފަޅުގައި ވިޔަފާރި ބަނދަރެއް ހިންގުމަކީ، އެތަނާ ނުބައްދަލު ކަމެކެވެ. އޭގެ ސަބަބެއް ކަމަށް އޭނާ ވިދާޅުވީ އެވަރުގެ ޕޯޓަކަށް އެތަން އެކަށީގެންނުވުމެވެ. މުއިއްޒު ގަބޫލުކުރައްވާ ގޮތުގައި، ބްރިޖުން ގުޅާލައިފައި އޮންނަ ގުޅިފަޅަކީ މާލޭގެ މީހުން ދިރިއުޅެން އެންމެ ރަނގަޅު ތަނެވެ.