Roadha Mihaaru
ޕޯޓު އަޅާފައި ވެސް ގުޅީފަޅުން ގޯތި ދެވޭނެ: މުއިއްޒު

ބަނދަރު ހަދާފައި ވެސް ގުޅިފަޅުން ގޯތި ދެވޭނެ: މުއިއްޒު

27 ނޮވެމްބަރ 2021

މާލޭގެ ވިޔަފާރި ބަނދަތު ގުޅިފަޅަށް ބަދަލުކޮށްފައި ވެސް އެ ތަނުން މާލޭގެ މީހުންނަށް ބޯހިޔާވަހިކަމަށް ބިން ދޫކުރެވޭނެ ކަމަށް މޭޔަރު ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މާލޭގެ ވިޔަފާރި ބަނދަތު ގުޅިފަޅަށް ބަދަލުކޮށްފައި ވެސް އެ ތަނުން މާލޭގެ މީހުންނަށް ބޯހިޔާވަހިކަމަށް ބިން ދޫކުރެވޭނެ ކަމަށް މޭޔަރު ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.

މާލެ ސިޓީ ކައުންސިލްގެ ހަތަރު ވަނަ ދައުރަށް ހަ މަސް ފުރުން ފާހަގަކުރުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި އޭނާ ވިދާޅުވީ މާލޭގެ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރަން ސިޓީ ކައުންސިލުން ސަރުކާރަށް ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށާއި ހުޅުމާލޭގެ ދެ ވަނަ ފިޔަވައްސާއި ގުޅިފަޅަކީ މި މައްސަލަ އަށް ހަލު ގެނައުމުގެ މުހިންމު ދައުރެއް އަދާކުރާނެ ދެ ސަރަހައްދު ކަމަށެވެ.

ހުޅުމާލެ ދެ ވަނަ ފިޔަވަހީގެ ބިން "މުއްސަދިންނަށް ވިއްކުމުގެ ކުރިން" މާލޭގެ ރައްޔިތުންނާއި ބިން ދިނުމަށާއި އަދި ގުޅީފަޅުގެ ޕްލޭނަށް ބަދަލު ގެނެސްގެން ވިޔަސް އެތަނުން ވެސް ބިން ދިނުމަށް މުއިއްޒު ސަރުކާރަށް ގޮވާލެއްވި އެވެ.

"ގުޅީފަޅުގެ ޕްލޭންގައި ޕޯޓެއް އަޅަން ސަރުކާރުން ނިންމަވާފައި ވާތީ، އެ ޕޯޓު އަޅާފައި ވެސް، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ޖާގައެއް، ގުޅީފަޅުގެ ފަޅު ހިއްކައިގެން އަދިވެސް އެބައޮތް އުފެއްދެން،" ދެ ސަރުކާރެއްގައި ހަތް އަހަރެއްހާ ދުވަސް ވަންދެން ހައުސިން މިނިސްޓަރުކަން ކުރެއްވި މުއިއްޒު ވިދާޅުވި އެވެ.

މާލޭ ސިޓީ ކައުންސިލްގެ ހަތަރު ވަނަ ދައުރުގެ ފުރަތަމަ ހަ މަސް ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތު.-- ފޮޓޯ: މާލޭ ސިޓީ ކައުންސިލް

މާލޭ ސިޓީ ކައުންސިލްގެ ހަތަރު ވަނަ ދައުރުގެ ފުރަތަމަ ހަ މަސް ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތު.-- ފޮޓޯ: މާލޭ ސިޓީ ކައުންސިލް

"އެ ވަރު ޖާގައެއް އުފައްދައިފި ނަމަ މަދުވެގެން މާލޭގެ 30،000 ރައްޔިތުނަށް ގޯއްޗާއި ފްލެޓް ގުޅީފަޅުން އެކަނި ވެސް އެބަ އޮތް ދެވެން."

މުއިއްޒު ވިދާޅުވީ މި ހިޔާލުތައް މާލޭ ސިޓީ ކައުންސިލްގެ ފަރާތުން ރައީސް އިބްރާހިމް ސޯލިހާ ބައްދަލުކޮށް އަދި އެކި ފަހަރު މަތިން ސިޓީތައް މެދުވެރިކޮށް ވެސް އެ މަނިކުފާނަށް ދަންނަވާފައިވާނެ ކަމަށެވެ. މި މައްސަލަ ހައްލުކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވެފައިވާތީ، އެކަން އަވަސްކޮށްދެއްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް މޭޔަރު ވިދާޅުވި އެވެ.

ގުޅިފަޅުގައި ޕޯޓު އަޅަން ނިންމުމާ ގުޅިގެން ސަރުކާރާއި ސިޓީ ކައުންސިލްއާ ދެމެދު ވަނީ ހިޔާލު ތަފާތުވުންތައް އުފެދިފަ އެވެ. ސިޓީ ކައުންސިލުން ބޭނުންވީ މާލޭ ރައްޔިތުންގެ ބޯހިޔާވަހިކަމަށް ބިން ދޫކުރަން ގުޅީފަޅު ހާއްސަކުރާށެވެ.

ރޭގެ ރަސްމިއްޔާތުގައި ވަނީ މާލެ އާއި ވިލިމާލޭގެ ބިން ބޭނުންކުރަން ނިންމާފައިވާ ގޮތުގެ ލޭންޑް ޔޫސް ޕްލޭންގެ ޕްރޮޕޯޒަަލް ތައާރަފުކޮށް، މި ޕްލޭނަށް އާންމުންގެ ހިޔާލު ހޯދަން ހަފުތާއެއްގެ މުއްދަތަށް އަލުން ހުޅުވާލައިފަ އެވެ. މި ޕްލޭން ސިޓީ ކައުންސިލުން އެންމެ ފުރަތަމަ އާންމުކުރީ މިދިޔަ ޖޫން މަހު އެވެ.

ރައްޔިތުންގެ ހިޔާލު ހޯދުމަށް ފަހު ކައުންސިލްތަކުން، ޕްލޭނިން މިނިސްޓްރީ އަށް ލޭންޑް ޔޫސް ޕްލޭން ހުށަހަޅަން ޖެހޭ މުއްދަތު އަންނަ އަންގާރަ ދުވަހަށް ހަމަވާނެ އެވެ.

މިދިޔަ ހަ މަސް ދުވަހު މާލެ ސިޓީ ކައުންސިލުން ކުރި މަސައްކަތްތަކުގެ ތަފުސީލު ހިއްސާކުރި މި ރަސްމިއްޔާތުގައި ވަނީ ކައުންސިލްގެ މިދިޔަ ތިން ދައުރުގައި އެ އިދާރާ އަށް ހިދުމަތްކުރި މީހުންގެ އަގުވަޒަންކޮށް، ހަނދާނީ ފިލާ ދީފަ އެވެ. މީގެ އިތުރުން މާލެ ސިޓީ ކައުންސިލްގެ އާ ލޯގޯ އާއި އާ ޔުނީފޯމް އަދި މަޖައްލާ ވެސް ތައާރަފުކުރި އެވެ.