Roadha Mihaaru
ކަނބާއައިސަރަނިހިނގުމުގައި ވެސް އިންދީ އަނބުގަހެއް!

ކަނބާއައިސާރަނި ހިނގުމުގައި ވެސް ފުރަތަމަ އިންދީ އަނބުގަހެއް!

18 މެއި 2022

މާލޭގެ މަގުތަކާއި ޕާކުތަކުގައި 100،000 ގަސް އިންދުމުގެ ޕްރޮގްރާމް ފެށުމުގެ ގޮތުން މި އަހަރުގެ ފުރަތަމަ ދުވަހު އަމީނީމަގުގައި އަނބުގަހެއް އިންދި އެވެ. އޭގެ ތިން މަސް ފަހުން މިއަދު، އެ ޕްރޮގްރާމްގެ ދަށުން ކަނބާ އައިސާ ރަނި ހިނގުމުގައި ވެސް އެންމެ ފުރަތަމަ އިންދީ އަނބުގަހެކެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މާލޭގެ މަގުތަކާއި ޕާކުތަކުގައި 100،000 ގަސް އިންދުމުގެ ޕްރޮގްރާމް ފެށުމުގެ ގޮތުން މި އަހަރުގެ ފުރަތަމަ ދުވަހު އަމީނީމަގުގައި އަނބުގަހެއް އިންދި އެވެ. އޭގެ ތިން މަސް ފަހުން މިއަދު، އެ ޕްރޮގްރާމްގެ ދަށުން ކަނބާ އައިސާ ރަނި ހިނގުމުގައި ވެސް އެންމެ ފުރަތަމަ އިންދީ އަނބުގަހެކެވެ.

މާލޭ ސިޓީ ކައުންސިލުން ބުނީ އިއްޔެ އިން ފެށިގެން ކަނބާއައިސާރަނި ހިނގުމުގައި 10 އަނބުގަސް އިންދާފައިވާ ކަމަށެވެ. އެ ކައުންސިލަށް އެއް އަހަރު ފުރުމުގެ މުނާސަބަތާ ގުޅުވައިގެން، އައިޖީއެމްއެޗް ހުންނަ އެ މަގުގައި ފުރަތަމަ އަނބުގަސް އިންދަވައި ދެއްވީ، މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒެވެ. އެހެން ގަސްތައް އިންދެވީ ކައުންސިލަރުންނެވެ.

އެކަމާ ގުޅޭ ގޮތުން މުއިއްޒު ވިދާޅުވީ، 100،000 ގަސް އިންދުމުގެ ޕްރޮގްރާމްގެ ދަށުން އެ މަގުގައި ގަސް އިންދަން ފެށިއިރު، އަމާޒަކީ އަދިވެސް މާލޭގެ އެކި އެކި މަގުތަކާއި މައިދާންތަކުގައި ގަސް އިންދުން ކަމަށެވެ.

މާލެ ފެހިކުރުމުގެ ގޮތުން މަގުތަކާއި ޕާކުތަކުގައި އަނބުގަހާއި ސައްކެޔޮގަހާއި ހިތިގަހާއި އަދި ދަނބުގަސް ފަދަ ގަސްތައް އިންދަން ސިޓީ ކައުންސިލުން ނިންމައިފައިވެ އެވެ.

ކައުންސިލްގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި ހިމަނާފައިވާ އެ ޕްރޮގްރާމުގެ ދަށުން މަގުތަކާއި ޕާކުތަކުގައި މުޅި އަހަރަށް ބަލާއިގެން އެކި ދުވަސްތަކުގެ މަތިން ގަސްތައް އިންދާން ވަނީ ރާވައިފަ އެވެ. މިހާރު މާލޭގައި އިންދާފައި ހުރި ގަސްތަކުގެ ތެރެއިން ނުހެދި ނުވަތަ މަރުވެފައި ހުރި ގަސްތައް ނެގުމަށް ފަހު އެ ތަންތަނުގައި ވެސް އާ ގަސްތައް އިންދާނެ އެވެ.

މާލޭ ސިޓީ ކައުންސިލުގެ މެމްބަރުން ކަނބާ އައިސާ ރަނި ހިނގުމުގައި އަނބުގަސް އިންދަނީ -- ފޮޓޯ: މާލޭ ސިޓީ ކައުންސިލް

މާލޭ ސިޓީ ކައުންސިލުގެ މެމްބަރުން ކަނބާ އައިސާ ރަނި ހިނގުމުގައި އަނބުގަސް އިންދަނީ -- ފޮޓޯ: މާލޭ ސިޓީ ކައުންސިލް

ކައުންސިލުން ކުރިން ބުނެފައިވާ ގޮތުގައި އެކަން ކުރަނީ ވަރަށް ބޮޑު ދިރާސާއަކަށް ފަހު އެވެ. މާލޭގައި މިހާތަނަށް ކާބޯތަކެތިއަޅާ ގަސް ހެއްދުމަށް ސަމާލުކަމެއް ދީފައި ނުވާތީ، އެއީ މާލޭގެ މީހުންނަށް ފައިދާވާނެ ކަމެއް ކަމަށް ކައުންސިލްގެ އިދާރާ އިން ބުނެފައި ވެ އެވެ.

އެ ޕްރޮގްރާމަށް ބޭނުންވާ ގަސްތައް ގެންނަނީ، ކައުންސިލުން އެ ކަމަށް ހާއްސަ ބަޖެޓެއް ހަދައިގެން، ރަށްރަށުންނާއި ރާއްޖެ އިން ބޭރުންނެވެ. އެއީ ސްރީ ލަންކާ އާއި އިންޑިއާ އާއި ބަންގްލަދޭޝް އަދި ތައިލޭންޑުން ފަދަ ގައުމުތަކުންނެވެ. އެ ގަސްތައް މާލެ ގެނެސް ބެހެއްޓުމަށް، އަލިމަސް ކާނިވަލުގައި ނާސަރީއެއް ވެސް ހަދާފައިވެ އެވެ.

ކޮންކްރީޓް ހާއްޔެއްގެ ގޮތުގައި އޮތް މާލެ ފެހިތަނަކަށް ހަދަން ކުރީގެ ކައުންސިލުތަކުން ވެސް ގަސް އިންދުމުގެ ޕްރޮގްރާމްތައް ހިންގި އެވެ. ނަމަވެސް، ކޮންމެ ފަހަރަކު އެ މަސައްކަތް ފެށުމަށް ފަހު، ވަކި ހިސާބަކުން ވަނީ އަޅާނުލައި ދޫކޮށްލައިފަ އެވެ.