Roadha Mihaaru
ބުޅާ ފެސިލިޓީ ހަދަން 1.9 މިލިއަނުގެ ބަޖެޓެއް

ބުޅާ ފެސިލިޓީ މަސްވެރިންގެ ޕާކުގައި ހަދަން 1.9 މިލިއަނުގެ ބަޖެޓެއް

03 މެއި 2023

މާލޭ މަގުމަތީގައި އުޅޭ ބުޅާތައް ނުވިހާ ގޮތަށް ހަދައި ބުޅާތައް ބަލަހައްޓަން މަސްވެރިންގެ ޕާކުގައި ވަގުތީ ފެސިލިޓީއެއް ހަތަރު މަސް ތެރޭ ހަދަން ނިންމައި އެކަމަށް 1.9 މިލިއަން ރުފިޔާގެ ބަޖެޓެއް ސިޓީ ކައުންސިލުން މިއަދު ކަނޑައަޅައިފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

މާލޭ މަގުމަތީގައި އުޅޭ ބުޅާތައް ނުވިހާ ގޮތަށް ހަދައި ބުޅާތައް ބަލަހައްޓަން މަސްވެރިންގެ ޕާކުގައި ވަގުތީ ފެސިލިޓީއެއް ހަތަރު މަސް ތެރޭ ހަދަން ނިންމައި އެކަމަށް 1.9 މިލިއަން ރުފިޔާގެ ބަޖެޓެއް ސިޓީ ކައުންސިލުން މިއަދު ކަނޑައަޅައިފި އެވެ.

ސިޓީ ކައުންސިލުން ނިންމީ މާލެ ތެރޭގައި އުޅޭ 1،000 ބުޅާ ބެލެހެއްޓޭ ވަރުގެ ފެސިލިޓީއެއް ހަދާށެވެ.

މިއަދު ބޭއްވި މާލޭ ސިޓީ ކައުންސިލްގެ ޖަލްސާގައި މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ އެ ބަޖެޓުން ވެޓް ޝެލްޓާ އެޅުމާއި ނިއުޓާ ކުރުމަށް ބޭނުންވާ ތަކެތި ގަތުމުގެ އިތުރުން ފެސިލިޓީގެ ގޮތުގައި ބޭނުންކުރާ ތަން ހެދުން ނުވަތަ އަޕްގްރޭޑް ކުރުން ހިމެނޭ ކަމަށެވެ.

މުއިއްޒު ވިދާޅުވީ ބުޅަލަށް ފަރުވާ ދޭން ވަގުތީ ގޮތުން ހަދަން މި ވަގުތަށް ނިންމާފައި ވަނީ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައި އޮތް މަސްވެރިންގެ ޕާކުގައި ހުރި އިމާރާތް ކަމަށެވެ. އެ ތަނުގައި ފަރުވާ ދިނުމުގެ އިތުރުން ފަރުވާއަށް ފަހު ބަލަހައްޓަން ވެސް ބެހެއްޓުމަށް ޖާގަ އެބަ އޮތް ކަމަށް މުއިއްޒު ވިދާޅުވި އެވެ.

ބުޅަލެއް ނިއުޓާކުރަން ސިޓީ ކައުންސިލުން ނަގަން ނިންމާފައި ވަނީ 1،500ރ. އެވެ.

މާލެ ސިޓީގެ ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު މުހައްމަދު ސައިފް ފާތިހް ވިދާޅުވީ އެ އަގު ނަގަނީ ބުޅާ ނިއުޓާ ކުރުމަށް ފަހު ކުރަން ޖެހޭ ހަރަދުތަކަށް ކަމަށެވެ.

މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ކައުންސިލްގެ ޖަލްސާއެއްގައި. .-- ފޮޓޯ: ސިޓީ ކައުންސިލް

މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ކައުންސިލްގެ ޖަލްސާއެއްގައި. .-- ފޮޓޯ: ސިޓީ ކައުންސިލް

"ފިޝަރީޒް މިނިސްޓްރީން ކުރިން ވިލިމާލޭގައި ނިއުޓާ ކުރިއިރު ނަގަނީ ބުޅަލަކަށް 300ރ. އެ މީހުން ނިއުޓާ ކުރުމަށް ފަހު އާފްޓާ ކެއާއެއް ނުކުރާނެ. ކައުންސިލުން ނިއުޓާކުރާ ބުޅާ ނިއުޓާ ކުރުމަށް ފަހު ހަތަރު ފަސް ދުވަސް ވަންދެން ކުރަން ޖެހޭ ކަންކަން ކުރާނެ، ކާން ދިނުން، ބޭސް ދިނުން، އެ ހުރިހާ ކަމެއް ކުރާނީ ކައުންސިލުން،" ސައިފް ވިދާޅުވި އެވެ.

ކައުންސިލުން ނިންމާފައި ވަނީ ނިއުޓާކުރާ ކޮންމެ ބުޅަލެއް މައިކްރޯޗިޕް ކުރުމާއި ކޮންމެ ބުޅަލެއްގެ ކަރުގައި ކޮލާއެއް ނުވަތަ ކައުންސިލަށް ހާއްސަ ލޯގޯއެއް އަޅުވާ ގޮތަށެވެ. އަދި ނިއުޓާކުރާ ކޮންމެ ބުޅަލެއް ރަޖިސްޓްރީ ވެސް ކުރާނެ އެވެ.

ކައުންސިލުން ބުނީ ވަގުތީ ކްލިނިކްގައި ނިއުޓާ ކުރުމުގެ އިތުރުން އެކްސްރޭ ނެގުމާއި ބްލަޑް ޓެސްޓް ކުރުން ފަދަ ކަންކަން ވެސް ކުރިއަށް ދާނެ ކަމަށެވެ. މަގުމަތީ އުޅޭ ބުޅަލުގެ އިތުރުން ޕެޓްގެ ގޮތުން ގެންގުޅޭ ބުޅަލަށް ވެސް އެތަނުން ހިދުމަތް ދޭން ވަނީ ނިންމައިފަ އެވެ.

ބުޅާ ފެސިލިޓީގައި މަސައްކަތް ކުރުމަށް ނަގަނީ ފަރުވާދޭ ޑޮކްޓަރުންނާއި ނަރުހުންގެ އިތުރުން، ސިޓީ ކައުންސިލްގެ ދެ މުވައްޒަފުންނާއި އިއުލާން ކޮށްގެން ނަގާ ހަތަރު މުވައްޒަފުންނެވެ.

ކައުންސިލުން ނިންމާފައި ވަނީ އަމިއްލަ ހަރަދުގައި ވިލިމާލޭގައި ބުޅާ ފެސިލިޓީއެއް ހަދައިދޭނެ ބަޔަކު ހޯދުމަށެވެ. ތިން ފަހަރެއްގެ މަތިން އިއުލާނުކޮށްގެން ވެސް އޭރު ނުލިބުނު ނަމަވެސް މިހާރު އެކަމަށް ބަޔަކު ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ ދާއިމީ އިމާރާތް އަޅަން އެންމެ ރަނގަޅު ތަނަކީ ހުޅުމާލެ ދަވަނަ ފިޔަވަހީގެ ކޮންމެވެސް ސަރަހައްދެއް ކަމަށެވެ.