Roadha Mihaaru
ބުޅާ ފެސިލިޓީ މިނިސްޓްރީއާ ހަވާލުކުރަން އަންގައިފި

ބުޅާ ފެސިލިޓީ ހިންގުން މިނިސްޓްރީއާ ހަވާލުކުރަން އަންގައިފި

04 ޑިސެމްބަރ 2024

މާލެ ސަރަހައްދުގެ މަގުތަކުގައި އުޅޭ ބުޅާތައް ބަލަހައްޓަން ހުޅުމާލޭގައި ހެދި "އޮޅުހިޔާ" ހިންގުން ދިރޭތަކެއްޗާ ބެހޭ މިނިސްޓްރީގެ ދަށަށް ބަދަލުކުރަން ސަރުކާރުން މާލޭ ސިޓީ ކައުންސިލަށް އަންގައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މާލެ ސަރަހައްދުގެ މަގުތަކުގައި އުޅޭ ބުޅާތައް ބަލަހައްޓަން ހުޅުމާލޭގައި ހެދި "އޮޅުހިޔާ" ހިންގުން ދިރޭތަކެއްޗާ ބެހޭ މިނިސްޓްރީގެ ދަށަށް ބަދަލުކުރަން ސަރުކާރުން މާލޭ ސިޓީ ކައުންސިލަށް އަންގައިފި އެވެ.

މިއަދު ހެނދުނު ބޭއްވި މާލޭ ސިޓީ ކައުންސިލްގެ އާންމު ޖަލްސާގައި މޭޔަރު އާދަމް އާޒިމް ވިދާޅުވީ "އޮޅުހިޔާ" ހިންގުން މިނިސްޓްރީގެ ދަށަށް ބަދަލުކުރަން ކެބިނެޓުން ނިންމާފައިވާ ކަމަށް އަންގައި، ދިރޭތަކެއްޗާ ބެހޭ މިނިސްޓްރީގެ ސިޓީއެއް އިއްޔެ ލިބިވަޑައިގެންފައިވާ ކަމަށެވެ.

މާލޭގެ ހުރިހާ ކައުންސިލަރުން ބައިވެރިވެވަޑައިގެންނެވި އެ ޖަލްސާގައި އާޒިމް ވަނީ އެ ސިޓީ އިއްވަވައިފަ އެވެ.

"ނޮވެމްބަރު 2، ގައި ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި 'އޮޅުހިޔާ' ދާއިމީ ފެސިލިޓީއަކަށް ބަދަލުކޮށް، މި މިނިސްޓްރީގެ ދަށަށް ބަދަލުކޮށް، މިނިސްޓްރީގެ ދަށުން ހިންގުމަށް ރައީސުލްޖުމްހޫރިއްޔާ އިރުޝާދު ދެއްވާފައި ވާތީ، އެކަން އެގޮތަށް ކުރިއަށް ގެންދަން ރައީސް އޮފީހުން މި މިނިސްޓްރީއަށް ވަނީ އަންގަވައިފަ އެވެ،" އެ ސިޓީގައި ބުންޏެވެ.

"ވީމާ، 22 ފެބްރުއަރީ ގައި ކައުންސިލާއި މިނިސްޓްރީން ސޮއިކޮށްފައިވާ އެމްއޯޔޫގެ 10 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން މަޝްވަރާ ކުރައްވަން، މި މަހުގެ ހަތަރު ވަނަ ދުވަހު، މިއަދު ހެނދުނު 11:00 ގައި މިނިސްޓްރީއާ ބައްދަލުކުރެއްވުން އެދެމެވެ."

މާލެ ސަރަހައްދުގެ މަގުތަކުގައި އުޅޭ ބުޅާތައް ބަލަހައްޓަން ހުޅުމާލޭގައި ހެދި "އޮޅުހިޔާ".-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

މާލެ ސަރަހައްދުގެ މަގުތަކުގައި އުޅޭ ބުޅާތައް ބަލަހައްޓަން ހުޅުމާލޭގައި ހެދި "އޮޅުހިޔާ".-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އާޒިމް ވިދާޅުވީ ސަރުކާރުގެ މި ނިންމުން ބަލައިގަންނަން ދަތި ކަމަށާއި އެ ފެސިލިޓީއަކީ ކައުންސިލްގެ ބަޖެޓުން ހުރިހާ ހަރަދެއް ކޮށްގެން ހެދި ތަނެއް ކަމަށެވެ. އެކަމަކު، އެއީ ރައީސްގެ ނިންމެވުމަކަށް ވާތީ، އެކަމަށް އިހުތިރާމްކުރުމުގެ ގޮތުން މިނިސްޓްރީއާ ބައްދަލުކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ފުލީ މިތާ ބަޖެޓުން ހުރިހާ ކަމެއް ކުރީ. ފެސިލިޓީ ރެޑީކޮށްފައި އެ ހުރީ. މިހާރު ބުޅާ ގެންދެވޭނެ، އެތާ ބުޅާ ބޭތިއްބޭނެ،" އާޒިމް ވިދާޅުވި އެވެ.

މާލޭގެ ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝް ވެސް ވިދާޅުވީ ބުޅާ ފެސިލިޓީއަކީ މާލޭ ސިޓީ ކައުންސިލްގެ ބަޖެޓުން ހަރަދު ކޮށްގެން ހެދި ތަނެއް ކަމަށެވެ. އެކަމަކު، ސަރުކާރުން މި ފެސިލިޓީ ހިންގުން މިނިސްޓްރީގެ ދަށަށް ބަދަލުކުރަން އެދޭނެ ނަމަ، އެ ފެސިލިޓީ ހަދަން ދިޔަ ހަރަދު ސިޓީ ކައުންސިލަށް ދެނިކޮށް އެތަން ހަވާލުކުރުމަށް ދެކޮޅު ނުހަދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިނިސްޓްރީން އެގޮތަށް އެދޭ ކަމަށް ވަންޏާ، އަޅުގަނޑަށް ފެންނަނީ ކައުންސިލުން ކުރި ހަރަދެއް ވިއްޔާ، ކައުންސިލަށް ލިބެން ވާނެ، އެއީ ކައުންސިލްގެ ބަޖެޓުން ކުރި ހަރަދެއް. ބަޖެޓުން ކުރި ހަރަދު ލިބޭ ގޮތަށް އެތަން ހިންގުން މިނިސްޓްރީއާ ހަވާލުކުރަން އަޅުގަނޑު ހުށަހަޅާ ވާހަކަ ދަންނަވާލަން،" ނަރީޝް ވިދާޅުވި އެވެ.

ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި އެހެން ބައެއް ކައުންސިލަރުން ވެސް ވަނީ އެ ފެސިލިޓީ މިނިސްޓްރީގެ ދަށަށް ބަދަލުކުރާ ނަމަ، އެ ފެސިލިޓީ ހަދަން ސިޓީ ކައުންސިލްގެ ބަޖެޓުން ކުރި ހަރަދު އަނބުރާ ލިބެން ޖެހޭނެ ކަމަށް ވިދާޅުވެފަ އެވެ. އަދި އެ ފެސިލިޓީ ހިދުމަތް ފެށޭނެ ދުވަހެއް ޔަގީންކޮށްފައި ނޫނީ މިނިސްޓްރީއާ ހަވާލު ނުކުރަން ވެސް ބައެއް ކައުންސިލަރުން އެދިވަޑައިގަތެވެ. އެ މަސައްކަތް އެގޮތަށް ކުރިއަށް ގެންދަން ހުރިހާ ކައުންސިލަރުންގެ އިއްތިފާގުން އެ ޖަލްސާގައި ވަނީ ފާސްކޮށްފަ އެވެ.

މަގުތަކުގައި އުޅޭ ބުޅާތައް "އޮޅުހިޔާ"އަށް ބަދަލުކުރުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލުން އިއްޔެ ފަށަން އުޅުމުން ދިރޭތަކެއްޗާ ބެހޭ މިނިސްޓްރީން ވަނީ އެ ފެސިލިޓީގައި ހުންނަން ޖެހޭ ހުރިހާ ހިދުމަތެއް ފުރިހަމަ ނުވާ ކަމަށް ބުނެ ކަންބޮޑުވުންފާޅުކޮށް، އެ މަސައްކަތް މި ވަގުތަށް ހުއްޓާލަން އަންގައިފަ އެވެ.

ދިރޭތަކެއްޗާ ބެހޭ މިނިސްޓްރީން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ "އޮޅުހިޔާ"އަށް ބުޅާތައް ގެންދިއުމުގައި އަމަލުކުރާނެ ގޮތުގެ އެސްއޯޕީތަކާއި ޕްލޭންތަކާއި ލަފާތައް އެ މިނިސްޓްރީން މާލެ ސިޓީ ކައުންސިލާ ހިއްސާ ކޮށްފައިވީ ނަމަވެސް އެ ކަންކަމަށް މިހާތަނަށް އެއްވެސް ހިޔާލެއް ލިބިފައި ނެތް ކަމަށެވެ. އެހެންވެ، އެ އެސްއޯޕީތަކަށް އަމަލު ނުކޮށް، ފެސިލިޓީއަށް ބުޅާތައް މި ވަގުތު ގެންދަން ފަށައިފި ނަމަ، ބުޅާތަކުގެ ސިއްހަތަށާއި ދުޅަހެޔޮ ކަމަށް ނުރަނގަޅު އަސަރު ކުރުން އެކަށީގެންވާ ކަމަށް އެ ބަޔާނުގައި ބުންޏެވެ.