އަނިޔާކޮށްފައި އޮއްވައި ނޫނީ މަރާލާފައި އޮއްވައި ވެސް ބުޅަލެއް ތަނަކުން ނުފެނެ އެވެ. އެކަމަކު އާދަޔާޚިލާފަށް މާލެ އިން ބުޅާ މަދުވެއްޖެ އެވެ. މިދިޔަ މާޗު މަހުގެ ފަހުކޮޅުން ފެށިގެން ހަމަ ކުއްލިއަކަށް ބުޅާތައް ގެއްލެން ފެށީ އެއްވެސް ނިޝާނެއް ނެތި ކަމަށް އެކި ސަރަހައްދުތަކުގައި ބުޅަލަށް ކާންދޭ މީހުން ބުނެ އެވެ. އެންމެ ގިނައިން ބުޅާތައް އުޅޭ ސަރަހައްދުތަކުން ބުޅާ މަދުވެ އެކަން ފެންމަތިވުންވުމުން ބައެއް މީހުންނަށް އެކަންވީ ބޮޑު އުފަލަކަށެވެ.
02 ޖުލައި 2025
އަނިޔާކޮށްފައި އޮއްވައި ނޫނީ މަރާލާފައި އޮއްވައި ވެސް ބުޅަލެއް ތަނަކުން ނުފެނެ އެވެ. އެކަމަކު އާދަޔާޚިލާފަށް މާލެ އިން ބުޅާ މަދުވެއްޖެ އެވެ. މިދިޔަ މާޗު މަހުގެ ފަހުކޮޅުން ފެށިގެން ހަމަ ކުއްލިއަކަށް ބުޅާތައް ގެއްލެން ފެށީ އެއްވެސް ނިޝާނެއް ނެތި ކަމަށް އެކި ސަރަހައްދުތަކުގައި ބުޅަލަށް ކާންދޭ މީހުން ބުނެ އެވެ. އެންމެ ގިނައިން ބުޅާތައް އުޅޭ ސަރަހައްދުތަކުން ބުޅާ މަދުވެ އެކަން ފެންމަތިވުންވުމުން ބައެއް މީހުންނަށް އެކަންވީ ބޮޑު އުފަލަކަށެވެ.
ވީނުވީއެއް ނޭނގި މިހާ ގިނަ އަދަދަކަށް ބުޅާ މަދުވުމަކީ ކަންބޮޑުވާ މައްސަލައަަކަށް ވިޔަސް މިކަމުގެ ސީރިއަސްކަން ދެނެގަތުމުގެ ބަދަލުގައި މީހުން އުފާ ފާޅުކުރީ މަގުތަކުގައި ބުޅާ ގިނަވެ އާއްމުންނަށް އުނދަގޫތަކެއް ކުރިމަތިވަމުންދާތީ އެވެ.
މާލެއިން ބުޅާ ގެއްލެން ފެށި ޚަބަރު "މިހާރު" ގައި ޖެހުމުން ޚަބަރަށް ކޮމެންޓްކުރި މީހުންގެ މެދުގައި ވެސް ފެނުނީ ބުޅަލާ މެދު އޮތް ރުޅިވެރިކަމެކެވެ. ބަންޑުންކޮށްލީ ބުޅަލުގެ ނަޖިހުގެ ވަހުން ކޮންމެ ދުވަހަކު ވާ ބޮޑު އުނދަގުލާ އެކު ކުރިމަތިވާ ރުޅިވެރިކަމުގެ ވާހަކަތަކާއި ހިތްހަމަނުޖެހުމެވެ.
"ތި ގެއްލި ހުސްވިއްޔާ ރަނގަޅީ. ގޯޅިތަކުގައި ހިނގާލެވޭ ވަރެއް ނޫން. ހުރިހާ ގޯޅިތަކަށް ބުޅާ ނަޖިސް ކޮށްފައި ހުންނަނީ،" މާލެއަށް ބޮޑުވެފައިވާ ބުޅަލުގެ މައްސަލާގައި މީހަކު ކޮމެންޓްކުރި އެވެ.
"ބޮޑު އުނދަގުލަކަށް ވެއްޖެ ތި ބުޅަލުގެ ކަންތައް. މަގުމަތީ ހުންނަ ސައިކަލުތަކަށް އަރާ މަޑިތައް ހަލާކުކޮށް މަގުތައް ނަޖިސް ކުރުން ނޫން ކަމެއް ވޭތަ؟ ގެންގުޅެން ބޭނުމިއްޔާ ސާފުތާހިރުކަމާ އެކު އެހެން މީހުންނަށް ގެއްލުން ނުވާނެ ގޮތަކަށް މިކަން ކުރޭ. ނޫނީ ކޮންމެސް އެހެން ތާކަށް ގެންގޮސް ހުސް ކުރޭ."
މަގެއްގެ ކަންމައްޗަށް ބުޅާ ނަޖިސް ކޮށްފައި.- ފޮޓޯ: މިހާރު
މަގުތަކުން ބުޅާ ގެއްލި ނަޖިސް މަދުވުމަކީ އުފާވެރި ކަމަކަށް ބައެއް މީހުންނަށް ވިޔަސް ބުޅާތަކަށް ވާގޮތެއް ނޭނގި ގެއްލުމުގެ ކަންބޮޑުވުން ވެސް އެބައޮތެވެ. ޖަނަވާރާއި ދިރޭތަކެއްޗާ ބެހޭ މިނިސްޓްރީގެ ސަމާލުކަމަށް އެކަން އައީ ބުޅަލުގެ ޖަމިއްޔާތަކުން އެކަން ސޯޝަލް މީޑިއާގައި ޕޯސްޓަރުތައް ހަދައިގެން އާންމުކުރަމުންދާތާ އެތައް ދުވަހެއް ފަހުންނެވެ. އެ މައްސަލަ ތަހުގީގުކޮށްދޭން ވަނީ ފުލުސް އޮފީހަށް ހުށަހަޅައިފަ އެވެ.
މިކަމުގައި ވަކި ބައެއްގެ އަތެއްވާ ކަން ތަހުގީގަށް ފާހަގަވި ކަމެއް އަދި ނޭނގެ އެވެ. ފުލުހުން މިކަމުގައި އަދި އެއްޗެއް ނުބުނެ އެވެ.
އެނގިފައިވާ ގޮތުގައި ބުޅަލަށް ކާންދޭ މީހުންނާއި އެންޖީއޯތަކާ ވެސް ތަހުގީގަށް އަދި ސުވާލެއް ނުކުރެ އެވެ.
މަގުތަކުން ބުޅާ މަދުވާން ފެށިކަން ފާހަގަވީ މާލޭގައި އެންމެ ގިނައިން ބުޅާ އުޅޭ ސަރަހައްދުތަކަށް ކޮންމެ ދުވަހަކު ކާން އަޅަން ދާ މީހުންނަށެވެ. އެ މީހުން އާންމުކޮށްފައިވާ ފޮޓޯތަކުން ވެސް ފެންނަ ގޮތުގައި، ކުރިން ކާން އެޅުމުން ކާންދާ ވަރަށް މިހާރު ބުޅާތައް ނުދެ އެވެ.
މާލޭގައި އެންމެ ގިނައިން ބުޅާ އުޅޭ މެރީ ބްރައުން ސަރަހައްދުގައި، ރޯދަ މަސް ނިމުނުއިރު ބޮޑެތި 80-90 ބުޅާ އުޅުނު ކަމަށް ކާން އަޅާ މީހުން ބުނެ އެވެ. އެކަމަކު އެ އަދަދު ވަރަށް ބޮޑަށް މަދުވެ، އެތަނުގައި މިހާރު އުޅެނީ 15-18 ބުޅާ ކަމަށް ވެ އެވެ.
ބުޅަލުގެ ހާލަތު ބަލައި އެހީވާ ޖަމިއްޔާ، ފީލައިން ވެލްފެއާގެ ފައުންޑަރު އަދި ރައީސް އަހުމަދު ވިޝަން ބުނި ގޮތުގައި އިންސްޓްރިއަލް ސަރަހައްދުގައި ބުޅާ އުޅޭ އަދަދު މަދުވެ މިހާރު އުޅެނީ 15 ވަރަކަށް ބުޅަލެވެ. އަދި ސަލްމާން މިސްކިތް ކައިރި އުޅޭނީ ދެތިން ބުޅަލެވެ.
ބުޅަލާ މެދު އޮތީ، އާއްމުންނަށް އުނދަގޫ ޖެހޭތީ، އެ ރުޅިވެރި ކަމެވެ. ބުޅާ ނަޖިސް މަގުތަކުގައި ގިނަވެ، އާންމު އުނދަގުލަކަށް ވިތާ އަހަރުތަކެއްވެފައިވާ އިރު ވެސް އެކަން ހައްލު ނުކުރެވުމެވެ.
އެ ކަންބޮޑުވުން ހިއްސާކުރަމުން "މިހާރު" އަށް މީހަކު ބުނީ އޭނާ ދިރިއުޅޭ ހަނި ގޯޅީގައި ވެސް ހައެއްކަ ބުޅާ އަބަދުވެސް އޮންނަ ކަމަށެވެ. އެ ބުޅާތަކަށް ކޮންމެ ދުވަހަކު އެހެން ގެއެއްގެ މީހަކު ކާން އަޅާ ކަމަށާއި އޭގެ ސަބަބުން އެ މަގުން ބުޅާތައް ދުރަށް ނުދާ ކަމަށް އޭނާ ބުންޏެެވެ.
އެ ތަނުގައި ބުޅާތައް އުޅޭތާ މިހާރު ދެ އަހަރުވެއްޖެ އެވެ. ބުޅާތައް ވިހައި އެތަނުގައި އުޅޭ ބުޅަލުގެ އަދަދު އިތުރުވެއްޖެ އެވެ. މަގުގެ އެތަން މިތަނުގައި ބުޅާ ނަޖިސްތައް ގިނަވެފައި ވާރޭވެހިއްޖެ ނަމަ ހިނގާލަން ނުކެރޭހާ މަގު މުޑުދާރުވާ ކަމަށް ބުންޏެެވެ.
"ގޭ ދޮރުމަތީގައި ބުޅާތައް އޮންނަނީ. ގެއިން ބޭރަށް ނުކުންނާކަށް ނުކެރޭ. ކުރިމަތީ ހުންނަ ގެއިން ބުޅަލަށް ކޮންމެ ދުވަހަކު އެކި ގަޑިތަކުގައި ހަމަ ކާން އަޅާތީ އެތަނުން ބުޅާތައް ދަނީއެއް ނޫން. ކައިރީގައި ހުންނަ އެހެން ގެތަކަށް ކިތަންމެ އުނދަގުލެއް ވިޔަސް ހެޔޮ އެކަމަކަށް އެ މީހުން ނުބަލާ."
ސައިކަލުތައް ޕާކުކޮށްފައި ހުންނަ ސަރަހައްދުގައި ބުޅާ ނަޖިސްކޮށްފައި.- ފޮޓޯ: މިހާރު
މާލޭގެ އެހެން ސަރަހައްދުތަކުގައި އުޅޭ މީހުންގެ ވެސް ހަމަ މިކަންބޮޑުވުން އެބަ އޮތެވެ. ބުޅަލަށް ކާންދޭން އެކި ކަހަލަ ކާއެއްޗެހި މަގުތަކަށް ނެރެފައި ހުރުމުން، މުޅި މަގަށް އޮންނަނީ ނަޖިސްވެފަ އެވެ. އަނެއްކޮޅުން، ކުނި ކޮތަޅުތައް މަގަށް ނެރުމުން، އޭގައި ބުޅާ ކޮއްޓައިގެން ވެސް ކުނިތައް ބޭރަށް މުޅި ތަނަށް އަޅަނީ އެވެ.
ކާން އަޅާ މައްސަލާގައި އާންމުންނާ މައްސަލަ ޖެހި، ޒުވާބުތައް ވެސް ހިނގާފައި އެބަހުއްޓެެވެ. އަދި ބުޅަލުގެ އުނދަގޫ، ގޭބިސީތަކުން މާލޭ ސިޓީ ކައުންސިލާއި ދިރޭތަކެއްޗާ ބެހޭ މިނިސްޓްރީގެ އިތުރުން އެމްއެެންޑީއެފަށް ގުޅައިގެން ވެސް ރިޕޯޓުކޮށްފައި އެބަ ހުއްޓެވެ.
"އަހަރެން ގޭ ދޮށަށް މަގުގެ މާ ދުރުން މީހަކު އައިސް ކާން އަޅާތީ މިއުޅެނީ އުނދަގޫ ވެގެން. މިހެން ކާން އެޅީމަ ގޭ ދޮށުގަ ބުޅާ ނަޖިސް އެތަނަށް ވިހާ ބުޅާ ގިނަވޭ ދޭތެރެއަކުން. ސަރުކާރުން އެބަ ޖެހޭ މިކަމަކަށް ފިޔަވަޅެއް އަޅަން. އެހެން ނޫނީ ޖަންގަލީގެ އުސޫލު އޮންނާނީ. ސަރުކާރުން ކަންކަން ހައްލުކޮށް ނުދެންޏާ އަވަށްޓެރިންގެ މެދުގަ ޒުވާބުކޮށް ސުލްހަ ގެއްލޭގޮތް މިވަނީ،" ކަންބޮޑުވުން ފާޅުކުރި މީހަކު ބުންޏެެވެ.
ވިޝަން ބުނީ ކާން އަޅާ އެންމެން ކޮންޓްރޯލްކުރުމަކީ ވާނޭ ކަމެއް ނޫން ކަމަށާއި އެކަމަކު އާއްމުންގެ ޝަކުވާ ބޮޑުވުމުން، ބުޅަލަށް ކާން އަޅާ ބައެއް މީހުންނަށް ވިސްނައިދޭން ވެސް މަސައްކަތްކުރި ކަމަށެވެ.
"ބޭރު ބައެއް މީހުން އެބަ އަޅާ ގަރުދިޔަ އާއި ބަތާ މޮޑެފައި މަގުމައްޗަށް. މިކަން ހުއްޓުވަން ވަރަށް އުޅެން. އެކަމަކު ހަމަ ބުނާ ބަސް ނާހަނީ،" ވިޝަން ބުންޏެވެ.
މާފަންނު މަގެއްގައި ބުޅާ ނަޖިސްކޮށްފައި.- ފޮޓޯ: މިހާރު
އޭނާ ބުނީ މަގުމައްޗަށް ގަރުދިޔަ އާއި ބަތް ފަދަ ސާމާނުތައް މޮޑެފައި އަޅާ މައްސަލަ ފާހަގަވާތީ ބައެއް ސަރަހައްދުތަކުގައި އެ ޖަމިއްޔާ އިން ތަށި ވެސް ބެހެއްޓީ އެ މީހުން، އެއަށް އަޅާނެ ކަމަށް ބަލާފައި ކަމަށެވެ. އެކަމަކު އެގޮތަަށް ތަށި ބެހެއްޓުމުން، މަގުމަތި ސާފުކުރާ މީހުން ތަށިތައް ނަގައިގެން ގެންދަނީ ކަމަށް އޭނާ ބުންޏެވެ.
ގިނަ ދުވަސްތަކެއް ވަންދެން މާލޭގެ މަގަކަށް ބުޅާ ނަޖިސްކޮށްފައިވާ ހުއްޓަސް މަގުމަތި ސާފުކުރާ މީހުން އެތަނުން އެ ނުނަގާ.-- ފޮޓޯ: މިހާރު
މަގުތައް ސާފުކުރަން ނުކުންނަ ކައުންސިލުގެ މުވައްޒަފުން މަގުތަކުން ބުޅާ ނަޖިސް ނުނަގާ މައްސަލަ ވެސް އެބަ އޮތެވެ. މުޅި ތަން ސާފުކޮށްފައިދާއިރު ބުޅާ ނަޖިސްތައް އެއް ފަރާތް ކޮށްފައިދާތީ ޖެހިގެން އަންނަ ދުވަހު ވެސް ބުޅާ ގޮސް ނަޖިސް ކުރަނީ އެތަނަށެވެ. މިގޮތަށް ބޮޑު ފުންޏަކަށް ނަޖިސް ހުރި މަގުތައް އެބަ ހުއްޓެވެ.
"އަޅުގަނޑުމެންނަށް އެނގޭ ގޮތުގައި ކައުންސިލްގައި މެންޑޭޓުގައި އިނދޭ ނަޖިސް ހުއްޓަސް އެހެން އެހެއްޗެއް ވިޔަސް ނަގަން. އެކަމަކު ފަހުން އައިސް ކައުންސިލުން ނުނަގާ. ކައިރި ސާފުކޮށްފައި ދަނީ. އެއް ދުވަހު ވެސް ހުރިއްޔާ އަނެއް ދުވަހު ވެސް ބުޅާ އަންނާނީ އެތަނަށް،" އޭނާ ބުންޏެވެ.
މާލޭ ސިޓީ ކައުންސިލުގެ ބަޖެޓުން ހޭދަކޮށްގެން ބުޅާ ފެސިލިޓީއެއް ހުރީ ހަދައިފަ އެވެ. އެކަމަކު ކައުންސިލާއި މިނިސްޓްރީގެ "ކޯޅުމާ" ހެދި އެތަނަށް ބުޅާ ގެންދިއުން ލަސްވެ، އާންމުންނަށް ބޮޑު ތަކުލީފެއް ކުރިމަތިވީ އެވެ.
މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ހުޅުވި ބުޅާ ފެސިލިޓީ ހިންގުން ކައުންސިލުގެ އަތުން ނަގައި މިނިސްޓްރީއާ ހަވާލުކުރަން ކެބިނެޓުން ނިންމީ އެވެ. އެތަނާ ހަވާލުވެ ހިންގުން ރަސްމީކޮށް ފެށީ މިއަހަރުގެ ފެބްރުއަރީ މަހުގަ އެވެ. އެކަމަކު އެތަނަށް ބުޅާ ގެންދަން ފެށުނީ އޭގެ ދެ މަސް ފަހުން، މިދިޔަ އޭޕްރީލް މަހުގަ އެވެ.
މިހާތަނަށް އެތަނުގައި 30 ބުޅާ އެބަ ގެންގުޅެ އެވެ. އެކަމަކު މިނިސްޓްރީގެ މުވައްޒަފުންގެ ދަތިކަމާ ހުރެ، އޮޅު ހިޔާގެ ޝެލްޓާ ބައި ހިންގުމަށް ބަޔަކާ ހަވާލުކުރަން ނިންމައި މިދިޔަ މަހުގެ 12 ގެ ނިޔަލަށް ކުރިމަތިލާން ހުޅުވާލުމުން ދެ ފަރާތަކުން ކުރިމަތިލި އެވެ. އޭގެ ތެރޭގައި ފީލައިން ވެލްފެއާ ވެސް ހިމެނެ އެވެ.
ކެޓް ޝެލްޓާގެ ކްލިނިކް- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ވިޝަން ބުނި ގޮތުގައި ފެސިލިޓީ ހިންގުން ވަރަށް ބޮޑަށް ލަސްވެއްޖެ އެވެ.
"އަސްލު ވަރަށް ލަސްވޭ އެބަ. އެެއީ އަޅުގަނޑުމެންނަށް ވެސް ބުޅާތަކަށް ވެސް ނޫނީ އުނދަގޫވާ މީހުންނަށް ވެސް މިއީ ވަރަށް ބޮޑު ޑިލޭއެއް އެހާ ލަސްވަންޏާ،"
"މިހާރު އަދި ޝެލްޓާއެއް ހެދިޔަސް އެތަން އޮޕަރޭޝަނަށް ނުގެނެވެންޏާ އަޅުގަނޑުމެންނަކަށް ވެސް ނީންނާނެ ބުޅާ މަދުކުރެވެން. އެކަން އަވަސްކޮށްދޭތޯ ވެސް ވަރަށް ގިނަ ފަހަރު ރިކުއެސްޓްކުރިން."
އޭނާ ދެކޭ ގޮތުގައި، ބިޑިން ޕްރޮސެސް ނިންމައި ވީއެންމެ އަވަހަކަށް އެތަން ބަޔަކާ ހަވާލުކުރަން ވެއްޖެ އެވެ.
"ގަބޫލުކުރަން އާންމު ރައްޔިތުންނަށް ވެސް އުނދަގޫވާނެކަން. އެހެންވަންޏާ އެކްޝަނެއް ވެސް ނަގާފާނެ. އަޅުގަނޑު ނުބުނަން އާންމު ރައްޔިތުން ކުރާ ކަމެކޭ. އެކަމަކު އެ ބަޔަކަށް އުނދަގޫވާ ކަމަކަށް ހައްލު ނުވަންޏާ އަމިއްލައަށް އެޓެންޑުވާނެ ދޯ،" އޭނާ ބުންޏެެވެ.
ބުޅާ ފެސިލިޓީ: މިތަނުގައި ގެންގުޅެނީ 30 ބުޅާ. -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
މާލޭގައި 2،000 އެއްހާ ބުޅާ އުޅޭއިރު އެ ބުޅާތައް ފެސިލިޓީއަށް ގެންދިއުމަށް ވެސް ވަގުތު ނަގާނެ އެވެ.
ވިޝަން ބުނި ގޮތުގައި ބުޅާ ފެސިލިޓީ ބަޔަކާ ހަވާލުކުރިޔަސް މާލޭގެ ބުޅާތައް އެއް ފަހަރާ ގެންގޮސް ފެސިލިޓީއަށް ނުލެވޭނެ ކަމަށެވެ. ސަބަބަކީ ހުރިހާ ބުޅާތައް އެއް ފަހަރާ ގެންގޮސްފި ނަމަ ތަޅާފޮޅައިގަންނާނެތީ އެވެ.
"ކުއްލި ގޮތަކަށް ބުޅާތައް އެއް ތަނަކަށް އަޅާލަައިފިއްޔާ ވަރަށް ތަޅާފޮޅުން ގިނަ ވާނެ. ދެން އަންހެން ފިރިހެން ވަކިކޮށްފައި ނޫނީ ހުރިހާ އަންހެން ބުޅާތައް އެއްކޮށްލާފައި ހުރިހާ ފިރިހެން ބުޅާ ވަކިކުރިޔަސް މައްސަލަ ބޮޑުވާނެ ހީޓުގައި އުޅެންޏާ. އެހެންވީމަ ނުވިހާ އޮޕަރޭޝަން ކޮށްފައި ދެނޭ އެ ތަނަށް އަދި ގެންދެވޭނީ،" އޭނާ ބުންޏެވެ.
ފެސިލިޓީގެ ޝެލްޓާ ހިންގަން ބަޔަކާ ހަވާލުކުރިޔަސް މިނިސްޓްރީން ނިންމާފައި އޮތީ މިނިސްޓްރީގެ ދަށުން ކްލިނިކް ހިންގުމަށެވެ. އެހެންވީމަ، ބުޅާ ނިއުޓާ ކުރުމުގެ ކަންކަން ނިންމައި އާ ބުޅާތަކެއް ނިއުޓާކޮށް ފެސިލިޓީއަށް ލާނެ މިންވަރު ކަނޑައަޅާނީ މިނިސްޓްރީންނެވެ.
ބުޅާ ފެސިލިޓީއަށް އެއްކޮށް ބުޅާތައް ގެންދެވޭނެ ސީދާ ވަކި އިރެއް ވެސް ނޭނގެ އެވެ.
ބުޅަލުގެ މައްސަލައިގެ ތެރެއިން މުޅި މާލެ ނަޖިސް ވެގެންދާއިރު ފެސިލިޓީގެ މަސައްކަތްތައް ލަސްވުމަކީ އޭގެ އުނދަގޫ ކޮންމެ ދުވަހަކު އުފުލަން ޖެހޭ މީހުންނަށް އޮތް ބޮޑު ކަމެކެެވެ. މަގުގެ ސާފުކަން ގެއްލި، އުނދަގޫވުމުން އާންމުން ޝަކުވާ ކުރާނެ އެވެ.
އޮޅުހިޔާ އަށް ބުޅާތައް ގެންދަން ފަށައިފި
ބުޅާތައް އޮޅުހިޔާއަށް އަދި ގެންދާކަށް ނުފެނޭ: މިނިސްޓްރީ
އޮޅުހިޔާގެ ޖާގަ ބޮޑުކޮށް، އިތުރު 75 ބުޅާ ގެންގޮސްފި
ބުޅާތައް ބަލަހައްޓަން ދެ ފަރާތަކުން ކުރިމަތިލައިފި
އޮޅުހިޔާ އެއް އަހަރަށް ހިންގާނެ ބަޔަކު ހޯދަނީ
"ނުކުމެވޭ ވަރެއް ނޫން، މުޅި ތަނުގައި ބުޅާ ނަޖިސް"
ބުޅާ ފެސިލިޓީއަށް އަހަރަކު 10.8 މިލިއަން ހަރަދުވާނެ
"ހާލުގައި ޖެހިފައިވާ" 15 ބުޅާ އޮޅުހިޔާއަށް
ބުޅާ ފެސިލިޓީގެ ނެޓުތައް ބަދަލުކުރަން ފަށައިފި
ތިންމަސްފަހުން ބުޅާ ފެސިލިޓީއާ މިނިސްޓްރީން ހަވާލުވެއްޖެ