Roadha Mihaaru

ބުޅާތައް ބަލަހައްޓަން ދެ ފަރާތަކުން ކުރިމަތިލައިފި

މާލެ ސަރަހައްދުގެ މަގުތަކުގައި އުޅޭ ބުޅާތައް ބަލަހައްޓަން ހެދި "އޮޅުހިޔާ" ފެސިލިޓީގެ ޝެލްޓާ ބައި ހިންގަން ދެ ފަރާތަކުން ކުރިމަތިލައިފި އެވެ.

ބުޅާތައް ބަލަހައްޓަން ދެ ފަރާތަކުން ކުރިމަތިލައިފި
މާއިދާ މުހައްމަދު ރަޝާދު
މާއިދާ މުހައްމަދު ރަޝާދު

29 ޖޫން 2025

މާލެ ސަރަހައްދުގެ މަގުތަކުގައި އުޅޭ ބުޅާތައް ބަލަހައްޓަން ހެދި "އޮޅުހިޔާ" ފެސިލިޓީގެ ޝެލްޓާ ބައި ހިންގަން ދެ ފަރާތަކުން ކުރިމަތިލައިފި އެވެ.

މާލޭ ސިޓީ ކައުންސިލުގެ ބަޖެޓުން ހަރަދުކޮށްގެން ހެދި އޮޅުހިޔާ ހިންގުމުގެ ކަންކަން ކުރިއަށް ގެންދަން ކުރިން ނިންމީ ކައުންސިލުންނެވެ. އެކަމަކު އެތަން ހިންގުން ދިރޭތަކެއްޗާ ބެހޭ މިނިސްޓްރީގެ ދަށަށް ބަދަލުކުރަން ކެބިނެޓުން ނިންމައި، އެކަން މާލޭ ސިޓީ ކައުންސިލަށް މިދިޔަ ޑިސެމްބަރު މަހު އެންގުމުން، އެތަން މިހާރު ބަލަހައްޓަމުން އަންނަނީ އެ މިނިސްޓްރީންނެވެ.

މިނިސްޓްރީގެ މީޑިއާ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ މިނިސްޓްރީއާ ގުޅިގެން އޮޅު ހިޔާ ހިންގާނެ ބަޔަކު ހޯދަން ކުރި އިއުލާނުގެ މުއްދަތު މިމަހުގެ 12 އަށް ހަމަވެފައިވާ ކަމަށެެވެ. އެ މުއްދަތުގައި އެކަމަށް އެދި ދެ ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށާއި މިހާރު ކުރިއަށް ދަނީ ބިޑް އިވެލުއޭޓްކުރުމުގެ މަސައްކަތް ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

އޮފިޝަލް ވިދާޅުވި ގޮތުގައި އޮޅު ހިޔާގައި މަސައްކަތްކުރާނެ މުވައްޒަފުން ހޯދަން ވެސް އިއުލާނުކޮށްފައިވެ އެވެ. އެކަމަށް މުވައްޒަފުން ނަގާނީ ހިންގާނެ ބަޔަކު ކަނޑައެޅުމަށް ފަހު ކަމަށް އޭނާ ވިދާޅުވި އެވެ.

ގާތްގަނޑަކަށް 5،000 އަކަފޫޓުގެ ބިމެއްގައި ހަދާފައިވާ އެ ފެސިލިޓީ ހިންގާނެ ބަޔަކު ހޯދަނީ އެއް އަހަރަށެވެ.

އެތަން ހިންގަން އަހަރަކު 10.8 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ކުރިން އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ ވިދާޅުވެފައިވެ އެވެ. އެއީ ފެސިލިޓީއަށް ގެންގޮސް 2،000 ބުޅާ އެ ފެސިލިޓީ އަށް ލައިގެން ހިންގާ ނަމަ، މަހަކު ހަތް ލައްކަ ރުފިޔާ އަދި ކޮންމެ ތިން މަހަކުން 3.4 މިލިއަން ރުފިޔާ ހޭދަވާނެ ކަމަށް މިނިސްޓަރު ވިދާޅުވެފައިވެ އެވެ.

މާލެ ސަރަހައްދުގައި އުޅޭ ބުޅަލުގެ އަދަދު ގާތްގަނޑަކަށް 3،000އަށް އަރާނެ ކަމަށް ކައުންސިލުން އޭރު ވަނީ އަންދާޒާ ކޮށްފަ އެވެ. ނަމަވެސް މިހާތަނަށް އެ ތަނަށް ގެންދިޔައީ، އެންމެ 30 ބުޅަލެވެ.