Roadha Mihaaru

"ނުކުމެވޭ ވަރެއް ނޫން، މަގުތައް ބުޅާ ނަޖިހުން ފުރިފައި"

ހުޅުމާލޭގެ ސެންޓްރަލް ޕާކުގައި އެކަނިވެސް ގާތްގަނޑަކަށް 50 ބުޅާ އުޅެ އެވެ. އެ ތަނަށް ބައެއް މީހުން ގޮސް ގަވާއިދުންް މި ބުޅާތަކަށް ކާން އަޅަ އެވެ. އަލީ ޝާހްގެ ކަންބޮޑުވުމަކީ ކުނިވާ ޒާތުގެ ކާއެއްޗެހި ހިމެނޭހެން ބުޅަލަށް ކާން އެޅުމަށް ފަހު އެހެން މީހުންނަށް އުނދަގޫވާ ގޮތަށް ދޫކޮށްލުމެވެ. ގިނަ އަދަދެއްގެ ކުޑަ ކުދިން ވެސް ކޮންމެ ދުވަހަކު ކުޅެލަންދާ އެތަން އޮންނަނީ ނަޖިހުން ފުރިފަ އެވެ. ވިނަގަނޑު މަތިން ކުދިންނާއި ބޮޑެތި މީހުންނަށް ވެސް އެރެނީ ބުޅަލުގެ ނަޖިހަށެވެ.

"ނުކުމެވޭ ވަރެއް ނޫން، މުޅި ތަނުގައި ބުޅާ ނަޖިސް"
މާއިދާ މުހައްމަދު ރަޝާދު
މާއިދާ މުހައްމަދު ރަޝާދު

20 މެއި 2025

ހުޅުމާލޭގެ ސެންޓްރަލް ޕާކުގައި އެކަނިވެސް ގާތްގަނޑަކަށް 50 ބުޅާ އުޅެ އެވެ. އެ ތަނަށް ބައެއް މީހުން ގޮސް ގަވާއިދުންް މި ބުޅާތަކަށް ކާން އަޅަ އެވެ. އަލީ ޝާހްގެ ކަންބޮޑުވުމަކީ ކުނިވާ ޒާތުގެ ކާއެއްޗެހި ހިމެނޭހެން ބުޅަލަށް ކާން އެޅުމަށް ފަހު އެހެން މީހުންނަށް އުނދަގޫވާ ގޮތަށް ދޫކޮށްލުމެވެ. ގިނަ އަދަދެއްގެ ކުޑަ ކުދިން ވެސް ކޮންމެ ދުވަހަކު ކުޅެލަންދާ އެތަން އޮންނަނީ ނަޖިހުން ފުރިފަ އެވެ. ވިނަގަނޑު މަތިން ކުދިންނާއި ބޮޑެތި މީހުންނަށް ވެސް އެރެނީ ބުޅަލުގެ ނަޖިހަށެވެ.

ބުޅަލުގެ ނަޖިހުން ނުރައްކާތެރި ބަލިތައް ފެތުރުމުގެ ފުރުސަތު އޮތް އިރު ކަމާބެހޭ ފަރާތްތަކުން ވެސް މާބޮޑު ކަމަކަށް ނުހެދުމަކީ ސޯޝަލް މީޑިއާގައި އޭނާ ޝަކުވާ ކުރަން ޖެހުނު ސަބަބެވެ.

"މާލެ ސަރަަހައްދުގައި ހާއްސަކޮށް ހުޅުމާލޭގައި ވެސް މިހާރު ނެތޭ ޕާކެއް، ތަނަކަށް ކުޑަކުއްޖަކު ނެރެވެން. މުޅި ތަނުގައި ބުޅާ ނަޖިސް. ކުއްޖަކު ޕާކަކަށް ގެންގޮސްފިއްޔާ އަނެއް ދުވަހު ބަނޑަށް ތަދުވެ، ހޮޑުލެވި ރޯގާ ނުޖެހޭ ގޮތެއް ނެތް،" އޭނާ ލިއެފައިވެ އެވެ.

ސެންޓްރަލް ޕާކުގެ އިތުރުން، މިއީ މާލޭގެ ބައެއް މަގުތަކުގެ ވެސް ހާލަތެވެ. ބުޅަލުގެ ނަޖިހާއި ކާންއަޅައި ކުނިވެފައި ހުންނަ މަގުތަކުން ދުވާ ވަހުން ހިނގަން ނުކުރޭހާ މުޑުދާރު މަގުތައް އެބަހުއްޓެވެ. ވާރޭވެހި ފެންބޮޑުވުމުން މި އުނދަގޫ މާބޮޑުވެ އެވެ.

މާލެ ސަރަހައްދުގައި ބުޅާ ފެސިލިޓީއެއް ހެދީ މަގުތަކުގައި ބުޅާ ގިނަވެ އާއްމުންގެ ޝަކުވާ ބޮޑުވުމުންނެވެ. އެކަމަކު ދެރަކަމަކީ، މައްސަލަ ހައްލު ނުވެ ދިގުލައިގެން ދިއުމެވެ.

މި ޝަކުވާތަކާ އެކު، ބުޅާ ފެސިލިޓީ "އޮޅުހިޔާގެ" ބޭނުމާ މެދު ބައެއް މީހުން މިހާރު ސުވާލު އުފައްދަ އެވެ.

މާލޭ ސިޓީ ކައުންސިލާއި އެނިމަލް ވެލްފެއާ މިނިސްޓްރީގެ "ކޯޅުމަށް" ފަހު އެތަނަށް ބުޅާތައް ގެންދަން ފެށުނީ ވެސް ހުޅުވިތާ ތިން މަސް ފަހުންނެވެ. މާލޭގެ މަގުތަކުން އެތަނަށް ގެންދެވުނީ އަދި އެންމެ 30 ބުޅަލެވެ. މާލެ ސަރަހައްދުގެ މަގުތަކުގައި އުޅޭ ބުޅަލުގެ އަދަދު 3،000 އަށް ވުރެ ގިނަވާނެ ކަމަށް، ބުޅަލުގެ ހިމާޔަތުގައި މަސައްކަތްކުރާ ޖަމިއްޔާތަކުން ލަފާކުރެ އެވެ.

ބުޅާތައް އޮޅުހިޔާއަށް ބަދަލުނުކޮށް ދިގުލައިގެންދާ ކޮންމެ ދުވަހަކީ ވެސް އާންމުންގެ އެތައް ޝަކުވާއެއް އަންނަ ދުވަހެކެވެ.

މަގުތަކުގައި ބުޅާ ގިނަވެ، އިންތިހާއަށް އުނދަގޫވާ ކަމަށް ބުނެ މީހަކު ކުރި ޕޯސްޓެއްގައި ބުނީ ބުޅަލަށް ކާން އަޅާ މީހުން ވެސް އެ މީހުން އަޅާ އެއްޗެހިން މަގުތައް ކިތަންމެ ގޮނޑުވިޔަސް މާބޮޑު ސަމާލުކަމެއް ނުދޭ ކަމަށެވެ. ބުޅަލަށް ކާންދޭން ޕޭވްމަންޓް މައްޗަށް ބަތާއި މަސްދަޅު ވެސް ބައެއް މީހުން އަޅާފައި ހުރެ އެވެ. ބުޅަލަށް އަޅާ އެކި ބާވަތުގެ ކާއެއްޗެހި ކުނިވެ މަގުތަކުން ކުނިވަސް ދުވިޔަސް ސާފެއް ނުކުރެ އެވެ.

އަނެއް މައްސަލައަކީ، ކުނިވާޒާތުގެ ސާމާނު ރަނގަޅަށް ބަންދުކުރުމެއް ނެތި މަގުމައްޗަށް ނެރުމެވެ. އޭގެ ވަހަށް ބުޅާތައް ކޮތަޅުތައް ހާވައި މަގުތައް ނަޖިސްކުރެ އެވެ.

ބުޅާ ނަޖިސް.

ބުޅާ ނަޖިސް.

ބުޅާ ގިނަވެ، އޭގެ ނަޖިސް މުޅި ހިސާބުގަނޑުގައި އޮންނައިރު އޭގެ ވަސް ނުކެނޑޭ މަގުތައް ގިނަ އެވެ. އެކަމަކު ކޮންމެ ދުވަހަކު މާލޭގެ މަގުތައް ސާފުކުރިޔަސް ބުޅާ ނަޖިހުގެ ވަސް ނުކެނޑެ އެވެ.

މިކަން ދިމާވަނީ މަގުތައް ސާފުކުރާއިރު ވެސް ބުޅާ ނަޖިސްތައް އެއް ފަރާތްކޮށްފައި އެ ނުނަގާތީ ކަމަށް މީހުން ބުނެ އެވެ.

"ބުޅަލަށް ލޯބިން ކާންދޭ ގޮތަށް ބުޅަލުގެ ނަޖިސް ނަގަން ވެސް މަގުމައްޗަށް ނުކުންނަ ނަމަ.. އެ ދުވާ ވަހުން ހިނގާލެވެނީކީ ނޫން. މޭބޮޑުވެ، ވަރަށް އުނދަގޫވޭ. މަގު ކުނި ކަހާ މީހުން ވެސް ނަޖިސް ނަގަނީއެއް ނޫން. މިކަމަށް އަވަސް ހައްލެއް ބޭނުންވޭ،" މީހަކު ސޯޝަލް މީޑިއާގައި ބުންޏެެވެ.

މި ކަންބޮޑުވުން ސޯޝަލް މީޑިއާއަށް ދޫކޮށްލި އެހެން މީހަކު ބުނީ، ގޭގެ ސިޑި މަތީގައި ވެސް ބުޅާ ނަޖިސް ހުންނަ ކަމަށާއި އެ ސާފު ނުކުރާ ދުވަހެއް މަދުވާނެ ކަމަށެވެ.

އެތަނުގެ އިތުރުން ކޮންމެ ދުވަހަކު ހަވީރު ގަޑީގައި ކުޑަކުދިން މަޑި އަރުވަން މާލެއިން ގޮސް އުޅޭ ޓްރެކް ސަރަހައްދު ކައިރީ އޮންނަ ހުސް ބިމުގައި ވެސް އޮތީ ބުޅާ ނަޖިހެވެ. މިއީ ތުއްތު ކުދިން ގޮވައިގެން ކޮންމެ ދުވަަހަކު ވެސް އެތައް ބަޔަކު ގޮސް ހަދާ ސަރަހައްދެކެވެ.

ބުޅަލުގެ ނަޖިހުގެ މައްސަލަ މިހާ ބޮޑުވެފައި އޮއްވާ ބުޅާ ގެންގުޅޭ މީހުން އޭގެ ނަޖިސް ވެސް މަގުމައްޗަށް އުކަނީ އެވެ. ހުޅުމާލޭ ހިޔާގެ 11 ވަނަ ޓަވަރު ކައިރީގައި ކޮތަޅު ކޮތަޅަށް އަޅާފައި ބުޅާ ނަޖިސް އުކާފައި އެބަ ހުއްޓެވެ.

ގިނަ ބަޔަކު މި ކަންބޮޑުވުން ހިއްސާކުރަމުންދަނިކޮށް މާލޭގެ މޭޔަރު އަލީ އާޒިމް ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ ބުޅާތައް ގެންދަން މާލޭ ސިޓީ ކައުންސިލުން ވަރަށް ބުރަ މަސައްކަތުން ވަރަށް ބޮޑު ހަރަދެއްކޮށްގެން ހެދި ބުޅާ ފެސިލިޓީ އަތުލާފައި، އެތަނަށް ބުޅާތައް ނުގެންދިއުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ.

މާލޭގެ އިންޑަސްޓްރިއަލް ޒޯނު ސަރަހައްދުގެ ވީޑިއޯއަކާ އެކު ކުރި އެ ޕޯސްޓުގައި ވިދާޅުވީ ބުޅާތައް ފެސިލިޓީއަށް ނުގެންގޮސް، މަގުމައްޗަށް މަރުވާން އަދި މަގުތަކަށް ނަޖިސް ކުރަން ބޭތިއްބުމަކީ ހިތާމަކުރާ ކަމެއް ކަމަށެވެ.

އާޒިމް ވިދާޅުވި ގޮތުގައި އެކަމަކީ ރައްޔިތުންނަށް ދެވޭ ވަރަށް ބޮޑު އަނިޔާއެކެވެ.

"ބުޅަލުން އެތައް ބަލިތަކެއް އެބަ ފެތުރޭ. ރައްޔިތުން ބުޅާ ނަޖިސް ތެރޭ ހިނގާ ބިނގާވެ ކޮންމެ ދުވަހަކު އުޅެން އެބަ ޖެހޭ. މޫދު ކައިރީގައި ކުޅޭ އަދި މޫދަށް އެރޭ އެކި އުމުރުފުރައިގެ މީހުން ކޮންމެ ދުވަހަކު ބުޅާ ނަޖިސް ތެރޭ އުޅެން އެބަޖެހޭ،" ކަންބޮޑުވުންތައް ހިއްސާކުރައްވާ އާޒިމް ވިދާޅުވި އެވެ.

އެހެންވެ، އޭނާ ވެސް އެދިވަޑައިގަތީ އަވަހަށް ބުޅާތައް ފެސިލިޓީއަށް ގެންދިއުމަށެވެ.

"ފެސިލިޓީއަށް ގެންދިއުން އަވަސްކުރަން ޖެހޭ"

ރައްޔިތުންގެ މަޖިލީހުގައި މިދިޔަ ހަފުތާގައި އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ ވިދާޅުވި ގޮތުގައި ހޮޅުހިޔާ ހިންގަން އަހަރަކު 10.8 މިލިއަން ރުފިޔާ ހަރަދުވާނެ އެވެ.

މިނިސްޓަރު އާންމުކުރެއްވި ތަފާސްހިސާބުތަކުގައިވާ ގޮތުން ފެސިލިޓީއަށް ބުޅާތައް ގެނެސް 2،000 ބުޅާ އެ ފެސިލިޓީ އަށް ލައިގެން ހިންގާ ނަމަ މަހަކު ހަތް ލައްކަ ރުފިޔާ އަދި ކޮންމެ ތިން މަހަކުން 3.4 މިލިއަން ރުފިޔާ ހަރަދުވާނެ އެވެ.

"އަހަރަކު 10.8 މިލިއަން ރުފިޔާ ހަރަދުވާނެ. ފެސިލިޓީގެ ޖުމްލަ ބަޖެޓުން މަހަކު 368 ރުފިޔާ [ބުޅަލަކަށް] ހަރަދުވާނެ،" މާރިޔާ ވިދާޅުވި އެވެ.

ދައުލަތުގެ ބަޖެޓުން މިހާ ބޮޑު ހޭދައެއް ބުޅަލަށް އެކަނި ކުރާއިރު އާންމުންގެ ޝަކުވާ ބޮޑުވަނީ މިތަން ހުޅުވައިގެން ހަތް ވަނަ މަސް ހިނގަމުންދާއިރު ވެސް މި މައްސަލައިން އަރައި ނުގަނެވިގެންނެވެ.

އެންމެނަށް ވެސް އުއްމީދު ކުރެވިގެން ދިޔައީ މި ފެސިލިޓީއާ އެކު ބުޅަލުގެ ނަޖީހާއި އޭގެ އުނދަގުލުން ސަލާމަތްވެވޭނެ ކަމަށެވެ.

އެކަމަކު މިނިސްޓަރު ވިދާޅުވީ އެ ފެސިލިޓީއާ މިނިސްޓްރީން ހަވާލުވިއިރު، އެ ތަން އޮތީ ރައްކާތެރިކަމާއެކު ބުޅާ ގެންގުޅެވޭނެ ހާލަތެއްގައެއް ނޫނެވެ. އެ ކަންކަން ފުރިހަމަ ކުރުމުގެ މަސައްކަތް މިނިސްޓްރީން މިހާރު ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

އެކަމަކު އެ ހުރިހާ ކަމެއް ފުރިހަމަވެ، އެތަނަށް ބުޅާތައް އެއްކޮށް ބަދަލުކުރެވޭނެ ވަކި ތާރީހެއް މިނިސްޓަރު ވެސް ވިދާޅެއް ނުވެ އެވެ.

އެހެންވީމަ، ބުޅާ ފެސިލިޓީއަކީ ހައްލެއް ކަމަށް އުއްމީދު ކުރެވުނަސް އެތަނަކާ އެކު ވެސް ބުޅާ ނަޖިހުން ސަލާމަތް ނުވެ، އޭގެ އުނދަގުލާއި ނުރައްކާތެރިކަން އާންމުންނަށް އަދިވެސް ފޯރަނީ އެވެ. ޝަކުވާ ގިނަވަނީ، ގިނަ ބަޔަކު ނުރައްކަލަށް ހުށަހެޅުމުގެ ފުރުސަތު އޮތް މި މައްސަލަ ހައްލު ނުވެ ލަސްވާތީ އެވެ.