Roadha Mihaaru

ހުޅުމާލެ ހޮސްޕިޓަލަށް އިތުރުކުރި 30 އެނދުގެ ޑައިލިސިސް ސެންޓަރު ހުޅުވައިފި

ހުޅުމާލެ ހޮސްޕިޓަލަށް އިތުރުކުރި 30 އެނދުގެ ޑައިލިސިސް ސެންޓަރު މިއަދު ހުޅުވައިފި އެވެ.

ހުޅުމާލެ ހޮސްޕިޓަލްގެ ޑައިލިސިސް އާ ސެންޓަރު ހުޅުވައިފި
އާސިމާ ނިޒާރު
އާސިމާ ނިޒާރު

27 ޖުލައި 2025

ހުޅުމާލެ ހޮސްޕިޓަލަށް އިތުރުކުރި 30 އެނދުގެ ޑައިލިސިސް ސެންޓަރު މިއަދު ހުޅުވައިފި އެވެ.

އޮރެންޖު ހިޔާގައި ގާއިމްކޮށްފައިވާ ޑައިލިސިސް ސެންޓަރު ހުޅުވައިދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.

އަހަރެއްގެ މައްޗަށް ތިން ލައްކައެއްހާ މީހުން ފަރުވާ ހޯދާ އެ ހޮސްޕިޓަލުގައި ޑައިލިސިސް ހަދަން މިހާތަނަށް ބޭނުންކުރަމުން ދިޔައީ 10 އެނދެވެ. އެކަމަކު، އާ ސެންޓަރު ބޭނުންކުރަން ފެށުމާއެކު، ހުޅުމާލެ ހޮސްޕިޓަލުގައި ގާއިމްކޮށްފައިވާ ޑައިލިސިސް ޔުނިޓް ބަންދުކޮށް، އެ ހިދުމަތް ވަނީ ހުޅުމާލެ 1 ގައި ހުންނަ އޮރެންޖް ހިޔާއަށް ބަދަލުކޮށްފަ އެވެ.

ހުޅުމާލެ ހޮސްޕިޓަލުގެ ޑައިލިސިސް ސެންޓަރު ހުޅުވައިދެއްވުމަށްފަހު، ރައީސް ޑރ. މުއިއްޒު އެ ތަން ބައްލަވާލައްވަނީ.-- ފޮޓޯ: ރައީސް އޮފީސް

ހުޅުމާލެ ހޮސްޕިޓަލުގެ ޑައިލިސިސް ސެންޓަރު ހުޅުވައިދެއްވުމަށްފަހު، ރައީސް ޑރ. މުއިއްޒު އެ ތަން ބައްލަވާލައްވަނީ.-- ފޮޓޯ: ރައީސް އޮފީސް

އެ ރަސްމިއްޔާތުގައި މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް ހަލީމް ވިދާޅުވީ ޑައިލިސިސް ހަދާ މީހުން އިތުރުވެފައިވާތީ، ކުރިން ދެ ދަންފަޅިއަށް ބަހާލައިގެން ދިން ހިދުމަތް ތިން ދަންފަޅިއަށް އިތުރުކުރި ކަމަށެވެ. ނަމަވެސް، ހިދުމަތް ހޯދާ މީހުންގެ އަދަދު އިތުރުވެ، ބޮޑު ޑިމާންޑެއް އޮތުމުން އެކަމަށް ހާއްސަކޮށް ސެންޓަރެއް ހަދަން ނިންމީ ކަމަށް އޭނާ ވިދާޅުވި އެވެ.

އަލަށް އިތުރުކުރި ޖާގައާއެކު ދުވާލަކު 150 މީހުންނަށް ޑައިލިސިސް ހެދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ކިޑްނީ ފެއިލްވެފައިވާ މީހުންނަށް އޮތް ވަގުތީ ފަރުވާއަކީ ޑައިލިސިސް ހެދުމެވެ. އެ މީހެއްގެ ހާލަތަށް ބަލައި ގިނަ މީހުން ހަފުތާއަކު ތިން ދުވަހު އެ ފަރުވާ ހޯދަން ހޯދަން ޖެހެ އެވެ.

އެ ޑައިލިސިސް ސެންޓަރު ހަދަން މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި ހަވާލުކުރީ މެޑްޓެކް އަދި މެޑިކޮމްގެ ކުންފުންޏާ އެވެ. އެއިން ކޮންމެ ކުންފުންޏަކުން ގާއިމްކުރީ 15 އެނދެވެ.

ހަލީމް ވިދާޅުވީ އެ ސެންޓަރު ހަދާފައިވަނީ އިމަޖެންސީ ހާލަތުގައި ވެސް ފަރުވާ ދެވޭ ގޮތަށް ކަމަށެވެ.