16 ނޮވެމްބަރ 2024
ހުޅުމާލޭ ހޮސްޕިޓަލަށް އިތުރު ހިދުމަތްތައް ތައާރަފުކޮށް، އެ ތަން ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލަށް ހަދައި ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ރަސްމީކޮށް ހުޅުއްވައި ދެއްވައިފި އެވެ.
ހުޅުމާލޭ ހޮސްޕިޓަލަށް އިތުރު ހިދުމަތްތައް ތައާރަފުކޮށް، އެ ތަން ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލަށް ހަދައި ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ރަސްމީކޮށް ހުޅުއްވައި ދެއްވައިފި އެވެ.
ހުޅުމާލޭ ހޮސްޕިޓަލުގައި ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި ހެލްތު މިނިސްޓްރީގެ ކޮމިޝަނާ އޮފް ކޮލިޓީ އެޝުއަރެންސް ތަސްލީމާ އުސްމާން ވަނީ އެ ހޮސްޕިޓަލް ޓާޝަރީ ފެންވަރުގައި ހިންގުމުގެ ރަޖިސްޓްރޭޝަނާއި އޮޕަރޭޓިން ލައިސެންސް ދަރުމަވަންތަ ހޮސްޕިޓަލްގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގް ހަލީމްއާ ހަވާލު ކުރައްވައިފަ އެވެ.
އެ ރަސްމިއްޔާތުގައި ހަލީމް ވިދާޅުވީ އެ މަގާމު އޭނާއާ ރައީސް މުއިއްޒު ހަވާލު ކުރެއްވީ މާލެ ސިޓީ ގްރޫޕުގެ ހޮސްޕިޓަލްތަކުގެ ހިދުމަތްތައް ކުރިއެރުމާއި އާ އީޖާދުތައް ގެނައުމަށާއި ފާއިތުވި ދުވަސްތަކުގައި އަލާނުލާއި އޮތް ދާއިރާތަކަށް އިންގިލާބީ ބަދަލެއް ގެނެސްދިނުމަށް އެދިވަޑައިގެން ކަމަށެވެ.
އެކަން ހާސިލް ކުރައްވަން އޮޕަރޭޝަނަލް ބަޖެޓާއި ސިއްހީ ހިދުމަތްތެރިން ވެސް ހަމަޖައްސައި ދެއްވި ކަމަށާއި އެކަމަކީ ތަނުގެ ފެންވަރު ރަނގަޅު ކުރުމަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށެވެ.
ހުޅުމާލޭ ހޮސްޕިޓަލް ޓާޝަރީ ހޮސްޕިޓަލަކަށް ބަދަލުކުރެއްވުމުގެ ރަސްމިއްޔާތަށް ރައީސް ޑރ. މުހައްމަދު މުއިއްޒާއި ދަރުމަވަންތަ ހޮސްޕިޓަލްގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގް ހަލީމް ވަޑައިގަތުން.
މިހާތަނަށް ހުޅުމާލޭ ހޮސްޕިޓަލަކީ ލެވެލް 2 ގެ ހޮސްޕިޓަލެއްގެ ގޮތުގައި ހިންގަމުން އައި ތަނަކަށް ވިޔަސް އެއީ ކޮންމެ ދުވަހަކު ވެސް ގިނަ އަަދަދެއްގެ ބަޔަކު ފަރުވާ ހޯދާ ތަނެއް ކަމަށް ހަލީމް ވިދާޅުވި އެވެ.
ހަލީމް ވިދާޅުވިގޮތުގައި، ބޮޑު އާބާދީއެއް އޮތް ހުޅުމާލޭގައި ސަރުކާރުން ހިންގާ ހަމައެކަނި ހޮސްޕިޓަލަކީ އެ ތަނަށް ވެފައި، ހޮސްޕިޓަލް ތަރައްގީ ކުރަން މަސައްކަތްތަކެއް ކުރަންޖެހެ އެވެ. އެހެންވެ ޓާޝަރީ ހޮސްޕިޓަލަކަށް އެ ތަނަށް ބަދަލުކޮށްފައި ވަނީ ގެންނަން ޖެހޭ ބަދަލުތަކާ އެކު ހަގީގީ މާނައިގައި ކަމަށް ވިދާޅުވި އެވެ.
- ދިހަ އެނދުގެ އައިސީޔޫއެއް ހުޅުވުން. މިއާ އެކު ކްރިޓިކަލް ކޮންޑިޝަނުގައި ތިބޭ މީހުންނަށް ފަރުވާ ދިނުމާއި އެ މީހުން އެހެން ތަނަކަށް ރިފާ ކުރުމުގެ މައްސަލަ ހައްލުވާނެ.
- އެންއައިސީޔޫއެއް ހުޅުވުން - މިއީ ފޮޓޯ ތެރަޕީ އަދި ވަގުތުން އަޅައިލުން ބޭނުންވާ ތުއްތު ކުދިންނަށް ހާއްސަ ތަނެއް. އޭގެ ސަބަބުން އައިޖީއެމްއެޗުގެ ލޯޑު ކުޑަވާނެ.
- ސެންޓްރަލް ސްޓްރެއިލް ސާވިސް ޑިޕާޓްމަންޓެއް ގާއިމުކުރުން - ޖަރާސީމު ނައްތާލައި އިންފެކްޝަންތައް ކޮންޓްރޯލް ކުރުމާއި ބަލި މީހުންގެ ރައްކާތެރިކަން ކަށަވަރު ކޮށްދޭ ޑިޕާޓްމަންޓެއް.
- ހަތަރު އޮޕަރޭޝަން ތިއޭޓަރު ވަނީ ހުޅުވާފައި. އޭގެ ތެރޭގައި ކަށީގެ އޮޕަރޭޝަން ތިއޭޓަރަކާއި ލޮލުގެ އޮޕަރޭޝަން ތިއޭޓަރަކާއި އަންހެނުންގެ ހާއްސަ އަދި ޖެނެރަލް އޮޕަރޭޝަން ތިއޭޓަރެއް ހިމެނޭ. މި ތަނުގައި އެންމެ ފަހުގެ ވަސީލަތްތައް ހުންނާނެ.
އެތަނާ އެކު އިލެކްޓިވް ސާޖަރީތައް ހެދުމަށް ތިއޭޓާ ނުލިބޭ މައްސަލައަަށް ހައްލު އަންނާނެ ކަމަށް ހަލީމް ވިދާޅުވި އެވެ.
ހުޅުމާލޭ ހޮސްޕިޓަލުގައި ގާއިމުކޮށްފައިވާ އޮޕަރޭޝަން ތިއޭޓަރެއް.
އެ ރަސްމިއްޔާތުގައި ހަލީމް ވިދާޅުވީ ހުޅުމާލޭ ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ބަދަލުކޮށް ހުޅުވި ނަމަވެސް އަދިވެސް ކުރަންޖެހޭ ކަންކަން މަދު ނޫން ކަމަށެވެ.
އޭނާ ވަނީ އެތަނަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށް މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ވިދާޅުވެފަ އެވެ. އޭގެ ތެރޭގައި އީއާރުގައި މިވަގުތު އެންމެ ހަތް އެނދު ހުރުމުން އުނދަގޫ ނަމަވެސް ކުރިއަށް އޮތް ތަނުގައި އީއާރުގެ ބެޑު ކެޕޭސިޓީ 14 އަށް އިތުރު ކުރާނެ ކަމަށް ވިދާޅުވި އެވެ. އެ މަސައްކަތް މި ހަފްތާގައި ފަށާނެ ކަމަށް ވިދާޅުވި އެވެ.
ހަލީމް ވިދާޅުވީ ހުޅުމާލޭގައި ޑައިލަސިސް ހަދާ މީހުން އަދަދު ވަރަށް ގިނަ ކަމަށާއި އެކަމަކު ޑައިލަސިސް ހެދުމަށް ހާއްސަ ކޮށްފައި ހުރީ އެންމެ 10 އެނދު ކަމަށެވެ.
ހުޅުމާލޭ ހޮސްޕިޓަލް ޓާޝަރީ ފެންވަރުގައި ހިންގުމުގެ ރަޖިސްޓްރޭޝަނާއި އޮޕަރޭޓިން ލައިސެންސް ދަރުމަވަންތަ ހޮސްޕިޓަލްގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގް ހަލީމަށް ހެލްތު މިނިސްޓްރީގެ ކޮމިޝަނާ އޮފް ކޮލިޓީ އެޝުއަރެންސް ތަސްލީމާ އުސްމާން ހަވާލުކުރައްވަނީ.
އޭނާ ވިދާޅުވި ގޮތުގައި 24 ގަޑިއިރު ޑައިލަސިސްގެ ހިދުމަތް ދެމުން ދިޔަ ނަމަވެސް ވެއިޓްލިސްޓުގައި ގިނަ ބަޔަކު ޖެހިފައި ތިބެ އެވެ. އެހެންވެ، އެ ތަން 30 އެނދަށް ބަދަލުކުރުމަށް މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ. އަދި ހޮސްޕިޓަލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ހައްލެއް ހޯދުމަށް ވެސް 28 އެނދު އިތުރު ކުރާނެ ކަމަށް ވިދާޅުވި އެވެ.
"މި ހޮސްޕިޓަލް ޓާޝަރީ ހޮސްޕިޓަލަކަށް ބަދަލުކުރާއިރު ހޮސްޕިޓަލުގެ ބެޑް ކެޕޭސިޓީއަކީ ވެސް ބޮޑު މައްސަލައެއް. ހޮސްޕިޓަލުގެ ބެޑް ކެޕޭސިޓީ އިތުރުކުރަން އިތުރު އިމާރާތް އެޅުމަށް އަޅުގަނޑުމެން ޕްލޭން ކޮށްފައިވީ ނަމަވެސް މިހާރުން މިހާރަށް މިކަމަށް ހައްލެއް ހޯދަން އަންނަ އަހަރުގެ ފުރަތަމަ ކުއާޓާ ނިމުމުގެ ކުރިން 28 އެނދު އިތުރު ކުރާނެ ވާހަކަ ދަންނަވަން،" މާލޭ ސަރަހައްދުގެ ހޮސްޕިޓަލުތަކުގެ ހިންގުމާ ހަވާލުވެ ހުންނެވި ހަލީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މިއީ ހަމައެކަނި ވަސީލަތްތަކުގެ ގޮތުން ގެނެވޭ ތަރައްގީއެއް ނޫނެވެ. މިއީ ރައްޔިތުންގެ ދިރިއުޅުމަށް ގެނެވޭ އުއްމީދުތަކެއް ކަމަށާއި އެ މީހުންނަށް ސިއްހީ ހިދުމަތްތައް ގާތުން ފޯރުކޮށްދިނުމަށް ރައީސް ގެންގުޅުއްވާ ސިޔާސަތުގެ މަސައްކަތްތައް ކަމަށް އޭނާ ވިދާޅުވި އެވެ.
މިއަދުގެ ރަސްމިއްޔާތަށް ފަހު ރައީސް މުއިއްޒު ވަނީ އަލަށް ހިދުމަތް ފެށި ޑިޕާޓްމަންޓްތަކަށް ވަޑައިގެން އެ ތަންތަން ބައްލަވާލައްވައިފަ އެވެ.
ހުޅުމާލޭ ހޮސްޕިޓަލުން އައިސީޔޫއާއެކު ހިދުމަތް ފުޅާކުރަނީ
ހުޅުމާލޭ ހޮސްޕިޓަލުގައި ވެންޓިލޭޓަރެއް ނެތް!
ހުޅުމާލޭ ހޮސްޕިޓަލް ޑައިލިސިސް ޔުނިޓުގެ ޖާގައިތުރުކޮށްފި
ޑރ. އެންޑީ އަބްދުﷲގެ ހަނދާން، ލޮލުގެ ސެންޓަރުން
ހުޅުމާލެ ހޮސްޕިޓަލުގެ ރޭޑިއޮލޮޖީ ޑިޕާޓްމެންޓް ހުޅުވައިފި
ހުޅުމާލެ ހޮސްޕިޓަލުގައި ޓްރިއާޖްގެ ހިދުމަތް ފަށައިފި
އާސަންދަ ބަޖެޓް ހުސްވެ އިގްތިސާދީ ބުރައަކަށްވޭ: ނާޒިމް
ދަރުމަވަންތަ ހޮސްޕިޓަލް ރަސްމީކޮށް ހުޅުވައިފި
ރާއްޖެއަށް ވޭޕް އެތެރެކުރުން މަނާވެއްޖެ
އެންގުމާ ހިލާފަށް ފަޒީލާ ހިޖާމާ ޖެހުން ކުރިއަށް