Roadha Mihaaru
ޑރ. އެންޑީ އަބްދުﷲގެ ހަނދާން، ލޮލުގެ ސެންޓަރުން

ޑރ. އެންޑީ އަބްދުﷲގެ ހަނދާން، އާ ލޮލުގެ ސެންޓަރުން

13 ޖެނުއަރީ 2020

ރާއްޖޭގެ ފުރަތަމަ ލޮލުގެ ޑޮކްޓަރު އަދި އޭރު ލިބެން ހުރި މަދު ވަސީލަތްތައް ބޭނުންކުރައްވައި، އެތައް ހާސް ދިވެހިންނަކަށް ފަރުވާ ދެއްވި ޑރ. އެންޑީ އަބްދުﷲ އަބްދުލް ހަކީމްގެ ހަނދާންތަައް އާވާ ގޮތަށް، އާ ލޮލުގެ ސެންޓަރަށް އޭނާގެ ނަމުން ނަން ދީފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ރާއްޖޭގެ ފުރަތަމަ ލޮލުގެ ޑޮކްޓަރު އަދި އޭރު ލިބެން ހުރި މަދު ވަސީލަތްތައް ބޭނުންކުރައްވައި، އެތައް ހާސް ދިވެހިންނަކަށް ފަރުވާ ދެއްވި ޑރ. އެންޑީ އަބްދުﷲ އަބްދުލް ހަކީމްގެ ހަނދާންތަައް އާވާ ގޮތަށް، އާ ލޮލުގެ ސެންޓަރަށް އޭނާގެ ނަމުން ނަން ދީފި އެވެ.

ހުޅުމާލެ ހޮސްޕިޓަލްގައި ޗައިނާ އިން ގާއިމްކޮށްދިން ލޮލުގެ ފަރުވާދޭ ސެންޓަރުގެ ނަމަކީ، ހެލްތު މިނިސްޓްރީން ބުނި ގޮތުގައި، "އެންޑީ އަބްދުﷲ އަބްދުލް ހަކީމް އޮޕްތަލްމޮލޮޖީ ސެންޓަރު" އެވެ.

އެންޑީ އަބްދުﷲ އޮޕްތަލްމޮލޮޖީ ސެންޓަރު މިއަދު ހަވީރު ހުޅުވައި ދެއްވާނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހެވެ.

ޑރ. އެންޑީ އަބްދުﷲ ސިއްހީ ދާއިރާގެ ހިދުމަތަށް ނުކުންނެވީ 1964 ގަ އެވެ. އޭގެ ފަހުން 2007އާ ހަމައަށް ޚިދުމަތުގައި ދެމިހުންނެވި އެވެ. އޭނާ އަވަހާރަވީ، އުމުރުފުޅުން 81 އަހަރުގައި، 2016 ވަނަ އަހަރު އެވެ.

އޭރުގެ ދިވެހިންގެ މެދުގައި އެންމެ މަޝްހޫރު އެއް ޑޮކްޓަރަކީ ވެސް ޑރ. އެންޑީ އަބްދުﷲ އެވެ. އޭނާ ވަނީ ރާއްޖޭގެ އެކި ރަށްރަށަށް ވަޑައިގެން ލޮލުގެ ހާއްސަ ކްލިނިކްތައް ހިންގަވައިފަ އެވެ. ދިވެހިންގެ މެދުގައި އޭރު އެންމެ އާންމު، ލޯ ފުސްވުމުގެ މަައްސަލާގައި، އޭނާ ވަނީ އެތައް ބަޔަކަށް ފަރުވާ ދެއްވައިފަ އެވެ.

ޑރ. އެންޑީ އަބްދުﷲ އަކީ ކޮން ބޭފުޅެއް

- ޅ. ނައިފަރު: އުފަން ރަށް

- އެޕްރީލް 18، 1964: ސެންޓްރަލް ހޮސްޕިޓަލްގައި ހިދުމަތް ފެއްޓެވި

- 1964: ލޮލުގެ ފުރަތަމަ އޮޕަރޭޝަން ކުރި (ލޯފަން ގުރުއާން މުދައްރިސެއް)

- 1983: އެކި ރަށްރަށުގައި ލޮލުގެ ހާއްސަ ކްލިނިކްތައް ފެށި

- ޖެނުއަރީ 14، 2007: މަސައްކަތުން މުސްކުޅިކުރި

- 2011: ނިޝާން ރެހެންދީގެ ޝަރަފުގެ އިއްޒަތް

- 43 އަހަރު: ހިދުމަތުގައި ދެމިހުންނެވި މުއްދަތު

- 14 އަހަރު: ރަައްޔިތުންގެ މަޖިލިހުގެ ޅ. އަތޮޅުގެ މެމްބަރުކަން

ހުޅުމާލޭގައި ޗައިނާ ސަރުކާރުން ހެދި ލޮލުގެ ސެންޓަރަކީ އެންމެ މިޒަމާނުގެ ޓެކްނޮލޮޖީގެ ބޭނުންކޮށްގެން ފަަރުވާ އާއި ތަމްރީނު ދޭނެ ތަނެއް ކަމަށް ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ވިދާޅުވި އެވެ. އެގޮތުން އެ ސެންޓަރުގައި ފަރުވާ ދިނުމާއި އެތަނަށް ބޭނުންވާ މުވައްޒަފުން ތަމްރީނު ކުރުމުގަައި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ޓެކްނޮލޮޖީ ވެސް ބޭނުންކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ސަފީރު ޒާން ލިއޮން ވިދާޅުވެފައި ވަނީ ލޮލުގެ ސެންޓަރު ހުޅުވުމަށް ފަހު ޗައިނާގެ މާހިރުން ދުވަސްކޮޅަކު އެތަނުގައި މަސައްކަތް ކުރަން ތިބޭނެ ކަމަށެވެ. އެ ސެންޓަރަށް މީހުން ތަމްރީނުކުރުމުގެ ބައި ޗައިނާގައި ހުންނަ ޒޮންޝާން އައި ސެންޓަރުގައި ވެސް ކުރިއަށް ގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.