Roadha Mihaaru

ތެލެސީމިއާ ސެންޓަރަށް ޑިރެކްޓަ ޖެނެރަލަކު ހަމަޖައްސައި، އިތުރު ނަރުހުން ހޯދަން އިއުލާންކޮށްފި

އަށް އަހަރު ފަހުން ތެލެސީމިއާ ސެންޓަރު ޑިރެކްޓަ ޖެނެރަލަކު ސަރުކާރުން މިއަދު އައްޔަންކޮށްފި އެވެ.

ތެލެސީމިއާ ސެންޓަރަށް ޑިރެކްޓަ ޖެނެރަލަކު ހަމަޖައްސައިފި

އަށް އަހަރު ފަހުން ތެލެސީމިއާ ސެންޓަރު ޑިރެކްޓަ ޖެނެރަލަކު ސަރުކާރުން މިއަދު އައްޔަންކޮށްފި އެވެ.

އެ ސެންޓަރު ހިންގާ އެންމެ އިސްވެރިއެއްގެ ގޮތުގައި ހެލްތު މިނިސްޓްރީން ކަނޑައެޅީ، އެ މިނިސްޓްރީން ބުނިގޮތުގައި މެނޭޖްމަންޓުގެ ދާއިރާގައި އަދި ހިންގުމުގެ ތަޖުރިބާ ހުންނެވި ބޭފުޅެއް ކަމަށްވާ އަހުމަދު މައުސޫމް އެވެ.

އޭނާ ވަނީ އައިޖީއެމްއެޗުގައި ވެސް މަސައްކަތް ކުރައްވައިފަ އެވެ. އެންމެ ފަހުން ހުންނެވީ ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ޑިރެކްޓަ ޖެނެރަލަކަށެވެ.

ޒަމާންތަކަކަށް ފަހު މޯލްޑިވްސް ބްލަޑް ސާވިސް އަށް ޑިޖީއަކު މި އައްޔަން ކުރެއްވީ ތެލެސީމިއާ ސެންޓަރުގެ މައްސަލަތަކާ މެދު ތެލެސީމިއާ ފަރުވާ ހޯދާ ބައެއް މީހުން އިއްޔެ ރޭ ކުރި އިހުތިޖާޖާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ އެ ތަނަށް ވަޑައިގެން ވައުދުވެވަޑައިގެންނެވި ގޮތުގެ މަތިންނެވެ.

ތެލެސީމިއާ ސެންޓަރުގެ ހާލަތު އަމިއްލަފުޅަށް ބެއްލެވުމަށް ފަހު ރައީސް ވިދާޅުވީ 2017 ވަނަ އަހަރުން ފެށިގެން ވެސް ތެލެސީމިއާ ސެންޓަރު ހިންގަނީ ޑިރެކްޓަ ޖެނެރަލެއް ނެތި އެވެ. "އެކަން ވަގުތުން ހައްލު ކުރެވޭނެ ގޮތެއް އަޅުގަނޑު ވާނީ ދަންނަވާފައި. ދެން އެއާ އެކު، ނަރުހުން މަދު ވާހަކަ، ނަރުހުން ހޯދޭނެ ގޮތް، ސީނިއާ ފިޒީޝަނެއް ހަމަޖެއްސުމަށް، ތަނަށް ބޭނުންވާ އެކި ކަހަލަ އާލާތްތައް ހޯދޭނެ ގޮތް، ލެބޯޓްރީގައި ބޭނުންވާނެ ވަސީލަތްތަކާއި ލެބޯޓްރީ ޓެކްނީޝަނުންނާއި ލެބޯޓްރީ ޓެކްނޮލޮޖިސްޓުން ހޯދުމަށް..." ތެލެސީމިއާ ސެންޓަރުގެ ކަންކަން ރަނގަޅު ކުރަން ވަގުތުން ވަގުތަށް އަޅަން ނިންމި ފިޔަވަޅުތަކާ ގުޅޭ ގޮތުން ރައީސް މުއިއްޒު ވިދާޅުވި އެވެ.

ރައީސް މުއިއްޒު އިއްޔެ ހެނދުނު ތެލެސީމިއާ ސެންޓަރަށް ވަޑައިގެން ކަމާ ގުޅުން ހުރި އިދާރާތަކުގެ ވެރިންނާ އެކު ބައްދަލުވުމެއް ބާއްވަވަނީ.---ފޮޓޯ: ރައީސް އޮފީސް

ރައީސް މުއިއްޒު އިއްޔެ ހެނދުނު ތެލެސީމިއާ ސެންޓަރަށް ވަޑައިގެން ކަމާ ގުޅުން ހުރި އިދާރާތަކުގެ ވެރިންނާ އެކު ބައްދަލުވުމެއް ބާއްވަވަނީ.---ފޮޓޯ: ރައީސް އޮފީސް

ހެލްތު މިނިސްޓްރީން މިއަދު ބުނީ، ތެލެސީމިއާ ސެންޓަރަށް ޑެޕިއުޓީ ޑިރެކްޓަ ޖެނެރަލަކާއި ޑިރެކްޓަރުގެ މަގާމަށް ވެސް ދެ ބޭފުޅަކު ވަރަށް އަވަހަށް ހަމަޖެހޭނެ ކަމަށެވެ. އަދި ވަރަށް އަވަހަށް ފިޒީޝަނެއް ވެސް ހަމަޖެހޭނެ ކަމަށާއި މި ވަގުތަށް އިތުރަށް ބޭނުންވާ ފަސް ނަރުހުން ހޯދުމަށް ވެސް މިއަދު އިއުލާން ކޮށްފައިވާ ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ.

"އަދި އެހެނިހެން އިދާރީ މުވައްޒަފުން ވެސް ހަމަޖެއްސުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ،" އެ މިނިސްޓްރީން ބުންޏެވެ.

ތެލަސީމިއާގެ ފަރުވާ ހޯދާ މީހުންގެ ޝަކުވާތަކަށް ހައްލެއް ލިބޭނެ ގޮތްތަކެއް ސަރުކާރުން އިއްޔެ ކަނޑައަޅައި އެ އަށް އަމަލު ކުރަން ފަށާފައިވާ ކަމަށް ރައީސް މުއިއްޒު އިއްޔެ ވަނީ ވިދާޅުވެފަ އެވެ.

ރައީސް ވިދާޅުވީ، މައްސަލަތައް ވަގުތުން ހައްލު ކުރުމަށް "ހުރިހާ ތަފުސީލަކާ އެކު" ބައްދަލުވުމެއް ވެސް އިއްޔެ ބޭއްވެވި ކަމަށާއި އެކަންކަން ކުރިއަށް ގެންދާނެ ގޮތުގެ "ޑައިރެކްޝަންސް" ދީފައިވާނެ ކަމަށެވެ.

"އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ދުވަސްތަކުގައި މި ތެލެސީމިއާ ކުދިންނަށް ދިމާވާ ހުރިހާ ދަތިތަކެއް ހައްލު ކޮށްދިނުމުގައި ސީދާ އަޅުގަނޑުގެ ބެލުމުގެ ދަށުން ކަންކަން ކުރިއަށް ގެންދާނަން. އަޅުގަނޑު އަރުވާ ޔަގީން ކަމަކީ މި ދެންނެވި ފަދައިން ހުރިހާ ކަމެއް ކުރިއަށް އޮތް ދުވަސްތަކުގައި ހައްލު ކުރަމުން ގެންްދާނެ،" ރައީސް ވިދާޅުވި އެވެ.