Roadha Mihaaru

ތެލެސީމިއާއާ ގުޅޭ ކަންބޮޑުވުންތައް ވަގުތުން ހައްލު ކުރަން ރައީސްގެ ހާއްސަ އެންގެވުންތަކެއް!

ތެލަސީމިއާގެ ފަރުވާ ހޯދާ މީހުންގެ ޝަކުވާތަކަށް ހައްލެއް ލިބޭނެ ގޮތްތަކެއް މިއަދުން މިއަދަށް ސަރުކާރުން ކަނޑައަޅައި އެ އަށް އަމަލު ކުރަން ފަށާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ކަންބޮޑުވުންތައް ވަގުތުން ހައްލުކުރުމުގެ އެންގުންތަކެއް!

ތެލަސީމިއާގެ ފަރުވާ ހޯދާ މީހުންގެ ޝަކުވާތަކަށް ހައްލެއް ލިބޭނެ ގޮތްތަކެއް މިއަދުން މިއަދަށް ސަރުކާރުން ކަނޑައަޅައި އެ އަށް އަމަލު ކުރަން ފަށާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް އެހެން ވިދާޅުވީ، ތެލެސީމިއާ ސެންޓަރުގެ ހިދުމަތްތަކާ މެދު ތެލަސީމިއާ މީހުންނާއި އާއިލާތަކުން ރޭ ކުރި މުޒާހަރާއި ފާޅުކުރި ކަންބޮޑުވުންތަކާ ގުޅިގެން އެ ސެންޓަރުގެ ހާލަތު ބެއްލެވުމަށް މިއަދު ހެނދުނު ކުރެއްވި ޒިޔާރަތަށް ފަހު އެވެ.

ރައީސް ވިދާޅުވީ، މައްސަލަތައް ވަގުތުން ހައްލު ކުރުމަށް "ހުރިހާ ތަފުސީލަކާ އެކު" ބައްދަލުވުމެއް ވެސް މިއަދު ބޭއްވެވި ކަމަށާއި އެކަންކަން ކުރިއަށް ގެންދާނެ ގޮތުގެ "ޑައިރެކްޝަންސް" މިހާރު ދީފައިވާނެ ކަމަށެވެ.

އެ މަނިކުފާނު ވިދާޅުވިގޮތުގައި 2017 ވަނަ އަހަރުން ފެށިގެން ވެސް ތެލެސީމިއާ ސެންޓަރު ހިންގަނީ ޑިރެކްޓަ ޖެނެރަލެއް ނެތި އެވެ.

"އެކަން ވަގުތުން ހައްލު ކުރެވޭނެ ގޮތެއް އަޅުގަނޑު ވާނީ ދަންނަވާފައި. ދެން އެއާ އެކު، ނަރުހުން މަދު ވާހަކަ، ނަރުހުން ހޯދޭނެ ގޮތް، ސީނިއާ ފިޒީޝަނެއް ހަމަޖެއްސުމަށް، ތަނަށް ބޭނުންވާ އެކި ކަހަލަ އާލާތްތައް ހޯދޭނެ ގޮތް، ލެބޯޓްރީގައި ބޭނުންވާނެ ވަސީލަތްތަކާއި ލެބޯޓްރީ ޓެކްނީޝަނުންނާއި ލެބޯޓްރީ ޓެކްނޮލޮޖިސްޓުން ހޯދުމަށް..." ތެލެސީމިއާ ސެންޓަރުގެ ކަންކަން ރަނގަޅު ކުރަން ވަގުތުން ވަގުތަށް އަޅަން ނިންމި ފިޔަވަޅުތަކާ ގުޅޭ ގޮތުން ރައީސް މުއިއްޒު ވިދާޅުވި އެވެ.

ފައިސާގެ ގޮތުން ދަތިތަކެއް ދިމާވެގެން ކަމެއް ހައްލު ނުވެ ނޯންނާނެކަން އަޅުގަނޑު ސީދާ ޔަގީން ކުރާނަން،"--- ރައީސް

އެ މަނިކުފާނު ވިދާޅުވީ، ހޮސްޕިޓަލެއް ހިންގާ ގޮތަށް ތެލެސީމިއާ ސެންޓަރު ހިންގަން ބޭނުންވާ ވަގުތާއި އިންސާނީ ވަސީލަތްތަކަށް މަގުފަހި ކުރާނެ ގޮތުގެ އިރުޝާދު ވެސް މިއަދު ދެއްވި ކަމަށެވެ.

މިއަދުގެ ބައްދަލުވުންތަކުގައި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވެސް ބައިވެރި ކުރެއްވީ ރައީސް ވިދާޅުވިގޮތުގައި ފައިސާގެ ގޮތުން ދަތިވާނެ ކަންކަން ކުރިމަތިވިޔަ ނުދިނުމަށެވެ. އެހެންވެ، ފައިސާގެ ގޮތުން ދަތިނުވެ، ކުރިއަށް ދެވޭނެ ގޮތުގެ ހާއްސަ އިރުޝާދުތަކެއް ވެސް ދެއްވި ކަމަށް ވިދާޅުވި އެވެ.

"އަދި މުހުމަތުތަކެއް ވެސް އަޅުގަނޑު ހަމަޖައްސާފައި އޮންނާނެ އެންމެންގެ މަޝްވަރާއާ އެކީގައި. މިކަމުގައި ބޭނުންވާނެ އެންމެންނާ އެކީގައި އަޅުގަނޑުމެން ބައްދަކުރީ. އެހެންވީމާ ވަސީލަތުގެ ގޮތުންނާއި މީހުންގެ ގޮތުން ކުރިއަށް ދެވޭނެ ގޮތް އިރާދަކުރެއްވިއްޔާ ފަހިކޮށްދިނިން،" ރައީސް ވިދާޅުވި އެވެ.

ރައީސް މުއިއްޒު މިއަދު ހެނދުނު ތެލެސީމިއާ ސެންޓަރަށް ވަޑައިގެން ކަމާ ގުޅުން ހުރި އިދާރާތަކުގެ ވެރިންނާ އެކު ބައްދަލުވުމެއް ބާއްވަވަނީ.---ފޮޓޯ: ރައީސް އޮފީސް

ރައީސް މުއިއްޒު މިއަދު ހެނދުނު ތެލެސީމިއާ ސެންޓަރަށް ވަޑައިގެން ކަމާ ގުޅުން ހުރި އިދާރާތަކުގެ ވެރިންނާ އެކު ބައްދަލުވުމެއް ބާއްވަވަނީ.---ފޮޓޯ: ރައީސް އޮފީސް

އެ މަނިކުފާނު އެންމެ ބޮޑަށް ފާހަގަކުރެއްވި އެއް ކަމަކީ ތެލެސީމިއާގެ ކަންކަން ހައްލު ކުރުމަށް ބޭނުންވާ ފައިސާގެ ކަންކަން ދަތި ނުވެ ހަމަޖެހޭނެ ކަމެވެ.

"ފައިސާގެ ގޮތުން ދަތިތަކެއް ދިމާވެގެން ކަމެއް ހައްލު ނުވެ ނޯންނާނެކަން އަޅުގަނޑު ސީދާ ޔަގީން ކުރާނަން،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

މައްސަލަތައް އުޅޭކަން ކުރިން ރައީސަށް އެނގިވަޑައިނުގަންނަވާ

ރައީސް މުއިއްޒު މިއަދު ވިދާޅުވީ، ތެލެސީމިއާ ބަލީގެ މީހުން ރޭ އިހުތިޖާޖު ކުރުމާ ހަމައަށް އެ މައްސަލަތައް އެ މަނިކުފާނަށް އެނގިވަޑައިނުގަންނަވާ ކަމަށެވެ. އެކަމަކު، ތެލެސީމިއާއާ ގުޅޭ އެކި ފަރާތްތަކުން ސަރުކާރުގެ އެކި އިދާރާތަކާ މިދިޔަ އަހަރެއްހާ ދުވަހު ވެސް ބައްދަލުކޮށްފައިވާކަން މިއަދު ބެއްލެވި ލިޔެކިޔުންތަކުން އެނގޭ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. އެކަމަކު އަމަލީ ސިފަ ނާންނަ ކަމަށް ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ، "އިންޓާނަލީ" ވެސް ތެލެސީމިއާ ސެންޓަރުގެ ކަންން ބަދަލުކުރަން ވަނީ ނިންމަވައިފަ އެވެ.

"މާލޭގައި ތެލެސީމިއާ ސެންޓަރު ހިންގަން ޖެހޭހާ ދުވަހަކު ދޭންޖެހޭ ހިދުމަތްތައް މި ދެންނެވި ގޮތަށް ކުރަންޖެހޭ ކަންކަން ކުރަން މިއަދު ވާނީ ނިންމާފައި،" ރައީސް ވިދާޅުވި އެވެ.

ރައީސް މުއިއްޒު މިއަދު ހެނދުނު ތެލެސީމިއާ ސެންޓަރަށް ވަޑައިގެންނެވި ވަގުތު އެ ތަނުގައި ފަރުވާ ހޯދާ މީހެއްގެ ހާލަތު އޮޅުން ފިލުއްވަނީ.---ފޮޓޯ: ރައީސް އޮފީސް

ރައީސް މުއިއްޒު މިއަދު ހެނދުނު ތެލެސީމިއާ ސެންޓަރަށް ވަޑައިގެންނެވި ވަގުތު އެ ތަނުގައި ފަރުވާ ހޯދާ މީހެއްގެ ހާލަތު އޮޅުން ފިލުއްވަނީ.---ފޮޓޯ: ރައީސް އޮފީސް

"އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ދުވަސްތަކުގައި މި ތެލެސީމިއާ ކުދިންނަށް ދިމާވާ ހުރިހާ ދަތިތަކެއް ހައްލު ކޮށްދިނުމުގައި ސީދާ އަޅުގަނޑުގެ ބެލުމުގެ ދަށުން ކަންކަން ކުރިއަށް ގެންދާނަން. އަޅުގަނޑު އަރުވާ ޔަގީން ކަމަކީ މި ދެންނެވި ފަދައިން ހުރިހާ ކަމެއް ކުރިއަށް އޮތް ދުވަސްތަކުގައި ހައްލު ކުރަމުން ގެންްދާނެ."

އާ ސެންޓަރު ނިންމުމުގެ މަސައްކަތް ހަލުވި ކުރަނީ

ރައީސް މިއަދު ވަނީ ތެލެސީމިއާ ސެންޓަރު ހުޅުމާލެ އަށް ބަދަލުކުރަން ހުޅުމާލޭގައި އިމާރާތްކުރާ އާ ތަނަށް ވެސް ވަޑައިގެން އެ ތަނުގެ މަސައްކަތްތައް ބައްލަވާލައްވައިފަ އެވެ.

އެ މަނިކުފާނު ވިދާޅުވިގޮތުގައި، އެ ތަނުގެ މަސައްކަތް އަވަސް ކުރެވޭނެ ގޮތްތަކެއް ވެސް މިއަދު ކަނޑައެޅުއްވި އެވެ. ތެލެސީމިއާގެ އާ ސެންޓަރަކީ ޖާގައިގެ ގޮތުން ބޮޑު ތަނެއްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، އެ ތަން ހުޅުވުމުން ވަސީލަތްތައް ވެސް މާ ބޮޑަށް ފަހިވާނެ ކަމަށެވެ.

ހުޅުމާލޭގައި އިމާރާތް ކުރަމުން އަންނަ ތެލެސީމިއާ ސެންޓަރުގެ އާ އިމާާރާތުގެ މަސައްކަތްތައް ހަލުވި ކުރެވޭނެ ގޮތްތަކާ ގުޅޭ ގޮތުން ރައީސް މިއަދު މަޝްވަރާ ކުރައްވަނީ.---ފޮޓޯ: ރައީސް އޮފީސް

ހުޅުމާލޭގައި އިމާރާތް ކުރަމުން އަންނަ ތެލެސީމިއާ ސެންޓަރުގެ އާ އިމާާރާތުގެ މަސައްކަތްތައް ހަލުވި ކުރެވޭނެ ގޮތްތަކާ ގުޅޭ ގޮތުން ރައީސް މިއަދު މަޝްވަރާ ކުރައްވަނީ.---ފޮޓޯ: ރައީސް އޮފީސް

އާ ތެލެސީމިއާ ސެންޓަރަށް ހާއްސަ ބަސްތަކެއް ކަނޑައެޅުމާއި އިތުރު ލުއިގޮތްތައް ވެސް ފަހިވާނެ ކަަމަށް ރައީސް ވިދާޅުވި އެވެ.

ރޭގެ މުޒާހަރާކުރި މީހުން ފާހަގަ ކުރި ބައެއް މައްސަލަތަކުގެ ތެރޭގައި ލޭ އެޅުމުގައި ބޭނުންކުރާ ފިލްޓަރު ގޯސްވުމުގެ ސަބަބުން އަވަސް އަވަހަށް ފިލްޓަރު ބަދަލުކުރަން ޖެހި އިސްރާފުވާ މައްސަލަ ހިމެނެ އެވެ.