15 މެއި 2022
ހަފުތާއަކު ނުވަތަ މަހަކު ދެ ތިން ފަހަރު ގަޔަށް ލޭ އަޅަމުން ދަގަނޑުގެ ބައި ދަށްކުރުމަށް ހަފުތާއަކު މަދުވެގެން ފަސް ދުވަހު 8-18 ގަޑިއިރު ވަންދެން ޑެސްފަރޯލް ގުޅައިގެން އުޅުމަކީ ތެލެސީމިއާ ކުދިންގެ ގައިގައި އަޅާ ވަރަށް ބޮޑު ވޭނެކެވެ.
ހަފުތާއަކު ނުވަތަ މަހަކު ދެ ތިން ފަހަރު ގަޔަށް ލޭ އަޅަމުން ދަގަނޑުގެ ބައި ދަށްކުރުމަށް ހަފުތާއަކު މަދުވެގެން ފަސް ދުވަހު 8-18 ގަޑިއިރު ވަންދެން ޑެސްފަރޯލް ގުޅައިގެން އުޅުމަކީ ތެލެސީމިއާ ކުދިންގެ ގައިގައި އަޅާ ވަރަށް ބޮޑު ވޭނެކެވެ.
ތެލެސީމިއާ ކުދިން ތަހައްމަލްކުރާ ކަންކަން ފާއިތުވި ހަ އަހަރުގެ ތެރޭގައި އެންމެ ކައިރިން ފެނިވަޑައިގަތް، މޯލްޑިވިއަން ބްލަޑް ސާވިސްގެ އެސޯސިއޭޓް ސްޕެޝަލިސްޓް އިން ޕީޑިއެޓްރިކް ޑރ. އަހުމަދު އުމަރު ވިދާޅުވި ގޮތުގައި ތެލެސީމިއާ ކުއްޖަކު މި ދުނިޔެ އަށް އުފަންވުމަކީ އޭނާ އެއްގޮތަކަށް ވެސް އެދިވަޑައިގަންނަވާނެ ކަމެއް ނޫނެވެ.
ތެލެސީމިއާ ކޮންޓްރޯލްކުރުމުގެ ގާނޫނެއް މީގެ 10 އަހަރު ކުރިން ވުޖޫދަށް ގެނައުމުގެ ބޭނުމަކީ ވެސް އެ ބަލިން ސަލާމަތްވެފައިވާ، ސިއްހަތު ރަނގަޅު ޖީލެއް އުފެއްދުމެވެ. އެ މުހިއްމު އަދި ގިނަ މަސައްކަތްތަކުގެ ނަތީޖާއަކީ އަލަށް އުފަންވާ ތެލެސީމިއާ ކުދިންގެ އަދަދު ކޮންމެ ވެސް ވަރަކަށް ދަށްވުމެވެ.
ރާއްޖެއަކީ ދުނިޔޭގެ ނިސްބަތުން ތެލެސީމިއާ ކެރިއަރުން އެންމެ ގިނަ އެއް ގައުމެވެ. އެހާ ގިނަ ކެރިއަރުން އުޅޭއިރު ބަލި ކޮންޓްރޯލްކުރަން އެކަށީގެންވާ މަސައްކަތްތަކެއް ނުކުރެވިއްޖެ ނަމަ އޭގެ ނަތީޖާ ވަރަށް ހިތިވާނެ ކަން އުމަރު ފާހަގަކުރައްވަ އެވެ.
އޭގެ ސަބަބުތައް ބައިވަރެވެ؛
"ރާއްޖެ ކަހަލަ ގައުމެއްގައި ތެލެސީމިއާ ކޮންޓްރޯލްކުރަން އެކަށީގެންވާ މަސައްކަތެއް ނުކުރެވިއްޖެ ނަމަ އަޅުގަނޑުމެންގެ ކުރިއަށް އޮތް ޖީލުގައި އެތައް ބައިވަރު ތެލެސީމިއާ ކުދިންތަކެއް ތިބެ، އޭގެ ސަބަބުން މައްސަލަ ނުކުންނަނީ ހަމައެކަނި އެ އާއިލާގެ ތެރެއަކު ނޫން. މުޅި މުޖުތަމައުއަށް އޭގެ އަސަރުކުރޭ. ސަރުކާރަށް ވެސް ބުރަ އާދޭ،" އޭނާ ވިދާޅުވި އެވެ.
މޯލްޑިވިއަން ބްލަޑް ސާވިސްގެ އެތެރެ: ތެލެސީމިއާ ކުދިންގެ އަދަދު ވަނީ އިތުރުވެފައި.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
"މުޖުތަމައު ވެސް ބައިވެރިވާން ޖެހޭ މި ކުދިންގެ ފަރުވާގައި. އެ ކުދިންނަށް ބޭނުންވާ ލޭ ފޯރުކޮށްދޭން ތިބީ މުޖުތަމައު. ހަގީގަތުގައި އަޅުގަނޑުމެން އަބަދު ވެސް ވިސްނަން ޖެހޭ އަޅުގަނޑުމެންގެ ކުރިއަށް އޮތް ޖީލަކީ ސިއްހަތު ސަލާމަތުން ތިބި ރަނގަޅު ފުރިހަމަ ޖީލަކަށް ހަދަން ހުރިހާ ކޮޅަކުން. މި ފަދަ ރައްކާތެރިކުރެވެން އޮތް ބައްޔަކުން ރައްކާތެރިވެ ތިބުން އެއީ މީގެ އެންމެ ރަނގަޅު ގޮތަށް ވާނީ."
އުމަރު ވިދާޅުވީ ތެލެސީމިއާގެ ކަންކަމުގައި ރާއްޖޭގައި އެކަށީގެންވާ ނަތީޖާއެއް ނުފެންނަނީ ބެލެނިވެރިންނާ ހިސާބުން އެ ބަލި ކޮންޓްރޯލްކުރުމުގެ މަސައްކަތް ނުފެށޭތީ އެވެ.
އުމުރުން 18 އަހަރުވުމުގެ ކުރިން ތެލެސީމިއާ ކެރިއާ ޓެސްޓު ހެދުމަކީ އެ ގާނޫނުން ބެލެނިވެރިންނަށް މަތިކޮށްފައިވާ ޒިންމާއަކަށް ވިޔަސް އަދިވެސް ގިނަ މީހުން ތެލެސީމިއާ ޓެސްޓު ހަދަނީ ކައިވެނީގެ ފޯމާއެކު ހުށަހަޅަން ޖެހޭ ލިޔުމަކަށް ވާތީ އެވެ.
ކޯޓުގައި ދެ ކެރިއަރުން ކައިވެނިކޮށްދެނީ ދެ ފަރާތުގެ އާއިލާ އަށް ބްލަޑް ސާވިސްގެ މައުލޫމާތު ސެޝަނެއްގައި ބައިވެރިވެ، އެ ނިންމި ކަމުގެ ސެޓްފިކެޓް ހުށަހެޅުމުންނެވެ. އެއީ، އުމަރު ވިދާޅުވި ގޮތުގައި ތެލެސީމިއާ ކޮންޓްރޯލްކުރަން އެޅުނު ވަރަށް ރަނގަޅު ފިޔަވަޅެކެވެ. އޭގެ ސަބަބުން، ތެލެސީމިއާ ކުދިން އުފަންވާ ނިސްބަތް މަދުވަމުން ދިޔަ ނަމަވެސް، ތެލެސީމިއާ ދަފްތަރުގައި އަލަށް ރަޖިސްޓްރީވާ ކުދިންގެ އަދަދު ގާތްގަނޑަކަށް އެއް ރޭންޖެއްގައި ހިފެހެއްޓިފައި އޮތުމަށްފަހު މިދިޔަ އަހަރު ވަނީ ފާއިތުވި ފަސް އަހަރަށް ވުރެ އިތުރުވެފަ އެވެ.
ގިނަ ކެރިއަރުން ދަރިން ހޯދަނީ މާބަނޑު ދުވަސްވަރު ތުއްތުކުއްޖާއަކީ ތެލެސީމިއާ ކުއްޖެއްތޯ ބެލުމަށް ނިންމައިގެންނެވެ. އެ ޓެސްޓު ރާއްޖެއިން ބޭރުން ހަދަން ޖެހެނީ ބަނޑަށް 8-12 ހަފްތާގަ އެވެ.
އެކަމަކު، ކޮވިޑުގެ ސަބަބުން ރާއްޖެއިން ބޭރަށް ދަތުރުކުރުމުގައި އަޅާފައި ހުރި ފިޔަވަޅުތަކުގެ ސަބަބުން އެ ޓެސްޓު ހެދުމުގައި ގޮންޖެހުންތައް ކުރިމަތިވި އެވެ.
"އެބަ އިނގޭ އޭގައި މައިގަނޑު މައްސަލައަކީ ޓެސްޓު ހަދަން ނުދެވުނުކަން. އަޅުގަނޑަށް އެބަހުރި ކިޔައިދީފައި ޓެސްޓް ހަދަން ނިންމައިގެން ކަން ކައިވެންޏަކާ ހަމައަށް ދިޔައީ ނަމަވެސް ކޮވިޑުގެ ހާލަތާ ގުޅިގެން ދަތުރުނުކުރެވުމުގެ ސަބަބުން ޓެސްޓު ނުކުރެވުނީ ކަމަށް،" އުމަރު ވިދާޅުވި އެވެ.
މޯލްޑިވިއަން ބްލަޑް ސާވިސްގެ އެސޯސިއޭޓް ސްޕެޝަލިސްޓް އިން ޕީޑިއެޓްރިކް ޑރ. އަހުމަދު އުމަރު، މިދިޔަ ބުރާސްފަތި ދުވަހު "މިހާރު" އަށް އިންޓަވިއުދެއްވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
ތެލެސީމިއާ ދަފްތަރުގައި 928 ކުދިން މިހާތަނަށް ރަޖިސްޓްރީވެފައިވެ އެވެ. އޭގެ ތެރެއިން މި ވަގުތު ދުނިޔޭގައި ތިބީ 652 އެވެ. އެ ކުދިންގެ އެވްރެޖް އުމުރަކީ 17 އަހަރެވެ.
އުމަރު ވިދާޅުވީ ފާއިތުވި ފަސް އަހަރަށް ވުރެ މިދިޔަ އަހަރު އުފަންވި ތެލެސީމިއާ ކުދިންގެ އަދަދު އިތުރުވެފައިވާ ކަމަށެވެ. މިދިޔަ އަހަރު 22 ކުދިން ރަޖިސްޓްރީވިއިރު، މި އަހަރުގެ މިހާތަނަށް އެކަނި ވެސް ތެލެސީމިއާ 10 ކުއްޖަކު އުފަންވެފައިވެ އެވެ.
2016: 14
2017: 11
2018: 19
2019: 11
2020: 5
2021: 22
މި އަހަރުގެ މިހާތަނަށް: 10
ތެލެސީމިއާ ކޮންޓްރޯލްކުރުމުގައި ދެން އަޅަން އޮތް އެންމެ މުހިއްމު ފިޔަވަޅަކީ ކުއްޖާ ބަނޑުގައި އޮންނައިރު ތެލެސީމިއާ ޓެސްޓް ހެދޭނެ އިންތިޒާމްތައް ހަމަޖެއްސުމެވެ.
އުމަރު ވިދާޅުވީ ސޮސައިޓީ ފޯ ހެލްތު އެޑިއުކޭޝަން (ޝީ) ގައި ގާއިމްކޮށްފައިވާ ތެލެސީމިއާ ޑީއެންއޭ ޓެސްޓުކުރާ ލެބޯޓްރީގައި މާބަނޑު ދުވަސްވަރު ހަދާ ޓެސްޓު ހެދިދާނެ ކަމަށެވެ. އެއީ 99 ޕަސެންޓް ޔަގީން ޓެސްޓެކެވެ.
ފިގުހު އެކަޑަމީން 2013 ވަނަ އަހަރު ވަނީ ތެލެސީމިއާ ކުއްޖެއްކަން ކަށަވަރުވެއްޖެ ނަމަ މައިމީހާގެ ބަނޑަށް 120 ދުވަސް ވުމުގެ ކުރިން ދަރިވައްޓާލުމަކީ ހުއްދަ ކަމެއް ކަމަށް ފަތުވާ ނެރުއްވައިފަ އެވެ.
"އަޅުގަނޑުމެންނަށް މިކަންކަމަށް އަމަލުކުރެވިއްޖެ ނަމަ ތެލެސީމިއާ ކޮންޓްރޯލްކުރަން އިތުރު ހައްލަކަށް ވެގެންދާނެ،" އޭނާ ވިދާޅުވި އެވެ.
ބްލަޑް ސާވިސް އިން މިހާރު އަންނަނީ ސްކޫލް ނިޒާމުގެ ތެރެއިން ތެލެސީމިއާ ޓެސްޓުކުރެވޭނެ ގޮތް ހަމަޖެއްސުމަށް އެޑިއުކޭޝަން މިނިސްޓްރީއާ އެކު މަސައްކަތް ކުރަމުންނެވެ.
އުމަރު ވެސް ވިދާޅުވީ ސްކޫލް ނިމުމުގެ ކުރިން ތެލެސީމިއާ އަށް ޓެސްޓުކުރުމުގެ ޕްރޮގްރާމެއް ހިންގިއްޖެނަމަ މިއަށް ވުރެ ހާސްބައި ކުރިއެރުން ލިބޭނެ ކަމަށެވެ. އެ ޕްރޮގްރާމް ގްރޭޑް 9 އަދި 10 ގެ ދަރިވަރުންނަށް ހިންގިދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރާއްޖޭގައި އެކަށީގެންވާ ނަތީޖާއެއް ނުފެންނަނީ ބެލެނިވެރިންނާ ހިސާބުން ތެލެސީމިއާ ކޮންޓްރޯލްކުރުމުގެ މަސައްކަތް ނުފެށޭތީ އެވެ.
ކައިވެނި ކުރާއިރު ދެ ފަރާތުގެ އާއިލާއިން ފިރިހެން އަދި އަންހެން ކުއްޖާގެ ވަނަވަރު ހޯދާއިރު ތެލެސީމިއާގެ ހާލަތަށް އެއްވެސް ގޮތަކަށް ނުބަލާ ކަމަށް އޭނާ ވިދާޅުވި އެވެ. އެއީ ވެސް ކައިވެންޏަށް ރުހި ގަބޫލުވާއިރު ބަލާ ޝަރުތުތަކަށް ލާންޖެހޭ ޝަރުތެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ބްލަޑް ސާވިސް ސެންޓަރު ކައިރިން ބަޔަކު ހިނގާލާފައި ދަނީ: ތެލެސީމިއާ ކުދިން ގަވައިދުން ލޭ އެޅުމުގެ އިތުރުން ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ޑެސްފަރޯލް ބޭނުންކުރަންޖެހޭ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
އެގޮތަށް މަސައްކަތްކުރާ ނަމަ ޖީލު ތެލެސީމިއާއިން ރައްކާތެރިކުރެވޭނެ ކަމަށް އުމަރު ވިދާޅުވި އެވެ.
ދުނިޔޭގައި ތެލެސީމިއާ އެންމެ ބޮޑަށް ކޮންޓްރޯލްކޮށްފައިވާ އެއް ގައުުމަކީ ސައިޕްރަސް އެވެ. އެ ގައުމުގައި ވެސް މައިގަނޑު ގޮތެއްގައި ކުރީ ތެލެސީމިއާ އަށް އާއްމުން ހޭލުންތެރިކުރުމާއި ޅައުމުރުގައި ކުދިން ތެލެސީމިއާ އަށް ޓެސްޓުކުރުން އަދި ކައިވެނީގެ ކުރިން ދެ ކެރިއަރަކު ކައިވެނިކުރާ ނަމަ މައުލޫމާތު ދިނުމުގެ ސެޝަނެއްގައި ބައިވެރިވެގެން ކައިވެނި ކުރެވޭ ގޮތަށެވެ.
ރާއްޖޭގެ އެކި ހިސާބުތަކަށް ދަތުރުކޮށް އަދި ރަށްރަށުގައި ހަރަކާތްތައް ހިންގައިގެން އެނގުނީ ވ. އަތޮޅުގެ ފަސް ރަށުގައި ވެސް، އެހެން ރަށްތަކަށް ވުރެ ކެރިއަރުން މަދުކަމެވެ. އަދި އެއަށްވުރެ ބޮޑު އުފަލަކީ ތެލެސީމިއާއިން މިހާތަނަށް ސަލާމަތްވެފައި އޮތް ހަމައެކަނި އަތޮޅަކަށް، 2،000 މީހުންގެ އާބާދީ އޮންނަ ވ. އަތޮޅު ވުމެވެ.
އުމަރު ގަބޫލުކުރައްވާ ގޮތުގައި ވ. އަތޮޅުގެ އެއްވެސް ރަށެއްގައި އަދި އެ ރަށްތަކަށް ނިސްބަތްވާ ކުއްޖަކު ވެސް ތެލެސީމިއާ ދަފްތަރުގައި ނެތީ ހޭލުންތެރިވީމަ އެވެ.
"އަޅުގަނޑުމެން ވާނެ ވ. އަތޮޅަށް ދަތުރުކޮށްފައި. ވ. އަތޮޅުގެ ހުރިހާ ރަށަކަށް ވެސް ދަތުރުކުރިން، އޭގައި ފާހަގަވި ވ. އަތޮޅުގައި ތެލެސީމިއާ ސްކްރީނިން ޕްރޮގްރާމް ވެސް ހިންގިން. އޭގައި ފާހަގަވި ކެރިއަރުންގެ ނިސްބަތް ވެސް އެހެން ހިސާބުތަކަށް ވެސް ވ. އަތޮޅުގައި ދަށް.... ވ. އަތޮޅަކީ އަޅުގަނޑުމެންނަށް އަސްލު ތެލެސީމިއާގައި ނަމޫނާއެއް. ވ. އަތޮޅަށް ނިސްބަތްވާ ތެލެސީމިއާ ކުއްޖެއް ނެތުން އެއީ ވ. އަތޮޅަށް ލިބޭ ވަރަށް ބޮޑު ފަހުރެކޭ."
ވ. އަތޮޅުގައި ތެލެސީމިއާ ކުއްޖެއް ނެތް ނަމަވެސް، ތެލެސީމިއާ ކުދިން ނެތް ރަށްރަށް އެބަހުއްޓެވެ.
ސައިންސާއި ޓެކްނޮލޮޖީ އަދި ސިއްހީ ކަންކަމާ ގުޅޭ ދިރާސާތައް ޝާއިއުކުރާ ނެދަލެންޑްސްގެ އެލްސެވިއާގައިވާ ގޮތުން ރާއްޖޭގައި ބީޓާ ތެލެސީމިއާ ކެރިއަރުން އެންމެ ގިނައީ ހދ، ށ، ނ، ޅ، އަދި ލ. އަތޮޅުގަ އެވެ.
މޯލްޑިވިއަން ބްލަޑް ސާވިސްގެ އެސޯސިއޭޓް ސްޕެޝަލިސްޓް އިން ޕީޑިއެޓްރިކް ޑރ. އަހުމަދު އުމަރު، މިދިޔަ ބުރާސްފަތި ދުވަހު "މިހާރު" އަށް އިންޓަވިއުދެއްވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
އުމަރު ވިދާޅުވީ ތެލެސީމިއާ އަކީ މައިންބަފައިންގެ ކިބައިން ވާރުތަވާ ކަމަކަށް ވުމާއި މީގެ ކުރިން ކައިވެނި ކުރަމުން ދިޔައީ އެއް ރަށެއްގެ ބަޔަކާ ކަމަށް ވާތީ އެ ޕޫލްގެ ތެރެއިން ކެރިއަރުން އިތުރުވީ ކަމަށެވެ. ރާއްޖޭގެ ދެކުނަށް ވުރެ ކެރިއަރުން ގިނައީ އުތުރުގަ އެވެ.
ގާތްގަނޑަކަށް ކުއްޖާގެ އުމުރުން ހަ މަހުގައި ތެލެސީމިއާ ކުއްޖެއްކަން އެނގޭނެ އެވެ. އެ ހިސާބުން ލޭ އަޅަން ފަށައި، ދަގަނޑުގެ ބައި ދަށްކުރަން ބޭސް ބޭނުންކުރަން ފަށަނީ ދެ އަހަރުގަ އެވެ.
ތެލެސީމިއާ ކުދިންނަށް ދެވޭ މައިގަނޑު ދެ ފަރުވާއަކީ ލޭ އެޅުމާއި ލޭ އެޅުމުގެ ސަބަބުން ހަށިގަނޑުގައި ޖަމާވާ ދަގަނޑުގެ ބައި ދަށްކުރުމަށް ބޭސް ބޭނުންކުރުމެވެ.
ވޭތުވެދިޔަ އަހަރުތަކުގައި އެ ފަރުވާތަކުގައި ކާމިޔާބީތަކެއް ހޯދިފައިވާ ކަމަށާއި ގާނޫނު ވުޖޫދުވުމުގެ ކުރިން ތެލެސީމިއާއަށް ރަނގަޅު ފަރުވާއެއް ދެވެނީ ހަމައެކަނި މާލެއިން ކަމަށް އުމަރު ވިދާޅުވި އެވެ.
ނަމަވެސް މިހާރު މާލެ ފިޔަވައި 96 ރަށަކުން ތެލެސީމިއާ ކުދިންނަށް ލޭ އެޅެ އެވެ. ދަގަނޑުގެ ބައި ދަށްކުރާ ބޭސްތަކާއި ލޭ އަޅަން ބޭނުންވާ ފިލްޓަރު މިހާތަނަށް ފޯރުކޮށްދެމުން ދިޔައީ މާލެއިންނެވެ. އޭގެ ސަބަބުން ރަށުގައި ދިރިއުޅޭ ކުއްޖާ އަށް އެ ތަކެތި ހޯދުމުގައި ބޮޑެތި ދަތިތައް ކުރިމަތިވި އެވެ. ކިތަންމެ ރަނގަޅަށް ބޭސް ބޭނުންކުރަން ބޭނުން މީހަކު ހުއްޓަސް ގަވައިދުން ބޭސް ލިބޭނެ ގޮތެއް އޭރު ހަމަޖެހިފައެއް ނުހުރެ އެވެ.
އެކަމަކު ރަށްރަށުގައި އުޅޭ ތެލެސީމިއާ ކުދިންނަށް، ސަރުކާރުން ވަނީ 2018 ވަނަ އަހަރުން ފެށިގެން އެ ރަށެއްގައި ހުންނަ އެސްޓީއޯ ފާމަސީ މެދުވެރިކޮށް އެ ކުދިންނަށް ބޭހާއި ފިލްޓާ ލިބޭނެ އިންތިޒާމު ހަމަޖައްސައިފަ އެވެ.
"މިއީ މިކަމުގައި އަޅުގަނޑުމެންނަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް. ކުދިންގެ ބޭސް އެކަށީގެންވާ ގޮތަކަށް، މެދުނުކެނޑި ލިބޭނެ އިންތިޒާމަކަށް މިކަން ވެގެން ދިޔައީ."
ތެލެސީމިއަކީ ކުއްޖާ ބޮޑުވަމުން އަންނައިރު ހަށިގަނޑުގެ ހުރިހާ ގުނަވަނަކަށް އަސަރުކުރުމުގެ ފުރުސަތު އޮންނަ ކަމެކެވެ. އެކަމާ ގުޅިގެން ތެލެސީމިއާގެ ބޮޑެތި މީހުންގެ ފަރުވާ ކަންކަން މަލްޓި ޑިސިޕްލިނަރީ ކެއާގެ ޓީމަކުން ބެލެހެއްޓުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށް އުމަރު ވިދާޅުވި އެވެ. ނަމަވެސް ބްލަޑް ސާވިސްގައި މި ވަގުތު ތިބީ ކުޑަކުދިންގެ ބަލިތަކަށް ހާއްސަ ޑޮކްޓަރަކާ އެކު އިތުރު ދެ މެޑިކަލް އޮފިސަރުންނެވެ.
އައިޖީއެމްއެޗްގެ ބައެއް ސްޕެޝަލިސްޓުން ވެސް ދޭތެރެ ދޭތެރެއިން ބްލަޑް ސާވިސްގައި ތެލެސީމިއާ ކުދިންނަށް ފަރުވާ ދެ އެވެ. އެހެން ނޫނީ ކަމެއް ދިމާވެއްޖެ ނަމަ ޖެހޭނީ އެހެން ޑޮކްޓަރަކަށް ރެެފާކޮށްގެން ދައްކާށެވެ. އެކަމަކު ޑޮކްޓަރުންގެ ޓީމަކުން ފަރުވާ ދޭނަމަ އެ ކުދިންނަށް ލުއި ފަސޭހަވެގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ލޭ ހަދިޔާކުރުމަށް މީގެ ކުރިން ބޭއްވި ކެމްޕެއިނެއްގައި ބަޔަކު ލޭ ހަދިޔާކުރަނީ.-- ފޮޓޯ: އަހުމަދު އަވްޝަން/ މިހާރު
ދުނިޔޭގެ އެހެން ގައުމުތަކާއި ރާއްޖޭގައި ތެލެސީމިއާ ކުދިންގެ އުމުރުގައި ބޮޑު ފަރަގެއް އެބަހުއްޓެވެ. ބޭރުގެ ގައުމުތަކުގައި ގަވައިދުން ލޭ އަޅައި ޑެސްފަރޯލް ބޭނުންކުރާ 60 އަހަރުން މަތީގެ މީހުން ތިބިއިރު، ރާއްޖޭގައި މި ވަގުތު ހުރީ ތެލެސީމިއާގެ އެންމެ ދުވަސްވީ 40 އަހަރުގެ ފިރިހެނެކެވެ.
އުމަރު ވިދާޅުވީ އެ ފަރަގު ހުރީ ރާއްޖޭގައި ތެލެސީމިއާ ކުދިންނަށް އެކަށީގެންވާ ގޮތުގައި ފަރުވާ ލިބެން ފެށީ ވަރަށް ފަހުން ކަމަށްވާތީ ކަމަށެވެ. އެންމެ ކުރިން ދެވެނު ހަމައެކަނި ފަރުވާއަކީ ލޭ އެޅުން ކަމަށާއި ދަގަނޑުގެ ބައި ދަށްކުރުމަށް ކުރިން ބޭހެއް ނުލިބޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ހަމައެކަނި ލޭ އަޅައިގެން ދުނިޔޭގައި ހުންނާނީ 10 ވަރަކަށް އަހަރެވެ. އެއަށްވުރެ ގިނަ ދުވަހު ދުނިޔޭގައި އުޅެން ބޭނުންވާ ނަމަ ދެ އަހަރުން ފެށިގެން ދަގަނޑުގެ ބައި ދަށްކުރަން ބޭސް ބޭނުންކުރަން ޖެހެ އެވެ.
ތެލެސީމިއާ ކުއްޖެއް ނަމަ ދުނިޔޭގައި މާ ގިނަ ދުވަހު ނުހުންނާނެ ކަމަށް މީހުންނަށް ވިސްނިފައި އޮންނަނީ ވެސް އޭރު ދެވޭނެ މާ ގިނަ ފަރުވާތަކެއް ނެތުމުންނެވެ. އެކަމަކު، ގަވައިދުން ބޭހާއި ލޭ އަޅާނަމަ އުމުރު ދޮށީވެ، ތެލެސީމިއާ ކުއްޖެއްކަން އިނގޭނެ ބޭރު ފުށުގެ އަލާމާތްތައް ނުފެންނާނެ ކަމަށް އުމަރު ވިދާޅުވި އެވެ.
ތެލެސީމިއާ ގިނަ ކުދިން ނިޔާވެފައިވަނީ ވެސް ފަރުވާ އަށް ފަރުވާ ކުޑަކުރުމުގެ ސަބަބުން ދިމާވާ ސިއްހީ އެހެން މައްސަލަތަކުގަ އެވެ. އޭގެ މައިގަނޑު ސަބަބަކީ ހަށިގަނޑުގެ ގުނަވަަންތަކުގައި ދަގަނޑުގެ ބައި އެކި އަސަރުތައް ކުރުމެވެ.
ތެލެސީމިއާގެ ބައެއް ކުދިން ކިޔަވައިގެން ރަނގަޅު ވަޒީފާގައި އުޅޭތީ އެ ވިސްނުމުގައި ބައެއް ބެލެނިވެރިން ތިބޭ ކަމަށެވެ. އެކަމަކު އަހަރެމެންނަށް ތެލެސީމިއާގައި ނުފެންނަ ފަރާތެއް އެބަހުރި ކަމަށާއި އެއީ އެ ކުދިން ތަހައްމަލްކުރާ ވޭން ކަމަށް އުމަރު ވިދާޅުވި އެވެ.
"ތެލެސީމިއާ ކުއްޖަކު އެ ހޯދާ ކާމިޔާބީ އެ ހޯދަނީ އެހެން ކުއްޖަކު ކާމިޔާބު ހޯދުމަށް ކަޑައްތުކުރާ ހުރަސްތަކަށް ވުރެ އެތައް ގިނަ ގުނަ ހުރަސްތަކެއް. ކޮންމެ ދުވަހަކު ކުއްޖާ ބައްޔަށް ހަނގުރާމަކުރަމުުން އެ ކާމިޔާބީއާ ހަމައަށް ދަނީ. މިއީ އަސްލު ހަގީގަތުގައި ވިސްނާލެވިފައި ނެތް ތަނަކީ،" އުމަރު ވިދާޅުވި އެވެ.
"މިކަމަށް ހޭލުންތެރިވެ، ލޭ ހަދިޔާކޮށް އަދި އެ ކުދިންނަށް މުޖުތަމައު އަޅާލާ."
އުމުރަށްބަލައި ފަރުވާ ބަދަލުނުކުރާތީ ފުރާނައަށް ނުރައްކާ
ހުއްދަނެތް ފަރުވާއަކުން ތެލަސީމިއާ ކުއްޖަކު މަރުވެއްޖެ
ތެލެސީމިއާ ކުދިންގެ އަދަދު ރާއްޖޭގައި އިތުރުވަނީ
ރާއްޖޭގައި ކްރޮސްމެޗު ޓެސްޓު ސާމްޕަލް ނެގޭގޮތް ހަދައިފި
ތެލެސީމިއާ އަށް ހުރިހާ ދިވެހިން ޓެސްޓުކުރަނީ
ތެލެސީމިއާ ސެންޓަރުގެ ހިދުމަތް އިސްލާހުކުރާނަން: ނަސީމް
ތެލެސީމިއާ ކުދިންނާ ގުޅޭ ވައުދު ފުއްދައިފި
ތެލެސީމިއާ ކަންކަން ހަރުދަނާކުރަން ސައިޕްރަސްގެ އެހީ
ލޭ ހަދިޔާކުރުމަކީ އުފަލަކަށް ވާން ޖެހޭ: ނައިބު ރައީސް
ތެލެސީމިއާ ހޮސްޕިޓަލު އަޅަން އެއްބަސްވުމުގައި ސޮއިކޮށްފި