Roadha Mihaaru

އިހުމާލުވި މައްސަލާގައި ތެލެސީމިއާ ސެންޓަރުގެ ބައެއް ވެރިން މަގާމުން ވަކިކޮށްފި

ބަލި މީހުންނަށް ހިދުމަތް ދިނުމުގައި އިހުމާލުވި މައްސަލާގައި ފާޑުކިޔުން އަމާޒުވި ތެލެސީމިއާ ސެންޓަރުގެ ބައެއް އިސްވެރިން އެ މަގާމުތަކުން ވަކިކޮށް، އެހެން ތަންތަނަށް ބަދަލުކޮށްފި އެވެ.

ތެލެސީމިއާ ސެންޓަރުގެ ބައެއް ވެރިން މަގާމުން ވަކިކޮށްފި
ފާތިމަތު އަޖްފާން
ފާތިމަތު އަޖްފާން

25 މާޗް 2025

ބަލި މީހުންނަށް ހިދުމަތް ދިނުމުގައި އިހުމާލުވި މައްސަލާގައި ފާޑުކިޔުން އަމާޒުވި ތެލެސީމިއާ ސެންޓަރުގެ ބައެއް އިސްވެރިން އެ މަގާމުތަކުން ވަކިކޮށް، އެހެން ތަންތަނަށް ބަދަލުކޮށްފި އެވެ.

ތެލަސީމިއާ އަށް ފަރުވާ ހޯދަމުންދާ ބަލި މީހުންނާއި އެ މީހުންގެ އާއިލާތަކުން މޯލްޑިވްސް ބްލަޑް ސާވިސަސް (އެމްބީއެސް) ކައިރީގައި މިދިޔަ ހޮނިހިރު ދުވަހުގެ ރޭ މުޒާހަރާ ކުރީ އެ ތަނުގެ ވެރިންނާ އެކު ބޭއްވި ބައްދަލުވުމަކަށް ފަހު، އެއްވެސް މައްސަލައަކަށް ހައްލު ނުލިބޭ ކަމަށް ބުނެ އެވެ.

މިހާރު" އަށް އެނގިފައިވާ ގޮތުގައި، އެ މައްސަލާގައި ތެލެސީމިއާ ސެންޓަރުގެ ޑިރެކްޓަރު އަހުސަން ހުސައިނާއި ބްލަޑް ބޭންކުގެ ޕަބްލިކް ހެލްތު ކޯޑިނޭޓަރު ފައިސަލް އިބްރާހީމް އިއްޔެ ވަނީ އެ މަގާމުން ވަކިކޮށްފަ އެވެ.

އެއީ ސިވިލް ސާވަންޓުން ކަމަށް ވާއިރު، އޭގެ ތެރެއިން ފައިސަލް ބަދަލުކުރީ ދަމަނަވެށްޓަށެވެ. އަދި އަހުސަން ބަދަލުކުރީ ރީޖަނަލް އެންޑް އެޓޯލް ހެލްތު ސާވިސް ޑިޕާޓްމެންޓަށެވެ.

ތެލެސީމިއާގެ ފަރުވާ ހޯދާ މީހުން މުޒާހަރާ ކުރުމާ އެކު، ޖެހިގެން އައި ދުވަހުގެ ހެނދުނު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ތެލެސީމިއާ ސެންޓަރަށް ވަޑައިގެން އެ ތަނުގެ ހާލަތު ބައްލަވާ ލައްވައި، ބައެއް ކުދިންގެ ބެލެނިވެރިންގެ ކަންބޮޑުވުންތައް ވެސް އަޑުއައްސަވައިފަ އެވެ. ރައީސް ވަނީ މައްސަލަތައް ހައްލު ކުރެވެން ހުރި ހުރިހާ ކަމެއް ހައްލު ކުރުމަށް ކަމާ ގުޅޭ އިދާރާތަކުގެ ވެރިންނާ މަޝްވަރާ ކުރައްވައިގެން ފިޔަވަޅު އަޅުއްވާނެ ކަމުގެ ޔަގީންކަން ވެސް އެ ދުވަހު އާންމުކޮށް ދެއްވައިފަ އެވެ.

ހާލަތު ބައްލަވަން ރައީސް ތެލެސީމިއާ ސެންޓަރަށް ވަޑައިގެން--

ހާލަތު ބައްލަވަން ރައީސް ތެލެސީމިއާ ސެންޓަރަށް ވަޑައިގެން--

ރައީސް ވިދާޅުވިގޮތުގައި 2017 ވަނަ އަހަރުން ފެށިގެން ވެސް ތެލެސީމިއާ ސެންޓަރު ހިންގަނީ ޑިރެކްޓަ ޖެނެރަލެއް ނެތި އެވެ. އެހެންވެ ސަރުކާރުން އިއްޔެ ވަނީ ތެލެސީމިއާ ސެންޓަރަށް ޑިރެކްޓަ ޖެނެރަލެއް ހަމަޖައްސައި، އިތުރު ނަރުހުން ހޯދަން ވެސް އިއުލާންކޮށްފަ އެވެ.

ޑިރެކްޓަ ޖެނެރަލަކަށް ހަމަޖެއްސީ މެނޭޖްމަންޓުގެ ދާއިރާގައި އަދި ހިންގުމުގެ ތަޖުރިބާ ހުންނެވި ބޭފުޅެއް ކަމަށްވާ އަހުމަދު މައުސޫމް އެވެ.

ޑިރެކްޓަ ޖެނެރަލެއްގެ އިތުރުން ތެލެސީމިއާ ސެންޓަރަށް މިހާރު ވަނީ ޑެޕިއުޓީ ޑިރެކްޓަ ޖެނެރަލަކާއި ޑިރެކްޓަރަކު ވެސް އައްޔަންކޮށްފަ އެވެ.

ރައީސް މުއިއްޒު ވަނީ މިދިޔަ އާދިއްތަ ދުވަހު ތެލެސީމިއާ ސެންޓަރު ހުޅުމާލެ އަށް ބަދަލުކުރަން ހުޅުމާލޭގައި ހަދާ "އޮރެންޖު ހިޔާ" އަށް ވެސް ވަޑައިގެން އެ ތަނުގެ މަސައްކަތްތައް ބައްލަވާލައްވައިފަ އެވެ.

އެރޭ މުޒާހަރާކުރި މީހުން ފާހަގަ ކުރި ބައެއް މައްސަލަތަކުގެ ތެރޭގައި ލޭ އެޅުމުގައި ބޭނުންކުރާ ފިލްޓަރު ގޯސްވުމުގެ ސަބަބުން އަވަސް އަވަހަށް ފިލްޓަރު ބަދަލުކުރަން ޖެހި އިސްރާފުވާ މައްސަލަ ހިމެނެ އެވެ.

ސަރުކާރުން ބުނީ، ފިލްޓަރުގެ މައްސަލަތައް ވެސް ހައްލު ކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ރައީސް ވިދާޅުވެފައި ވަނީ ތެލެސީމިއާ ސެންޓަރުގެ މައްސަލަތައް ވަގުތުން ހައްލު ކުރުމަށް "ހުރިހާ ތަފުސީލަކާ އެކު" ބައްދަލުވުމެއް ވެސް މިދިޔަ އާދިއްތަ ދުވަހު ބޭއްވެވި ކަމަށާއި އެކަންކަން ކުރިއަށް ގެންދާނެ ގޮތުގެ "ޑައިރެކްޝަންސް" ދީފައިވާނެ ކަމަށެވެ.

"އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ދުވަސްތަކުގައި މި ތެލެސީމިއާ ކުދިންނަށް ދިމާވާ ހުރިހާ ދަތިތަކެއް ހައްލު ކޮށްދިނުމުގައި ސީދާ އަޅުގަނޑުގެ ބެލުމުގެ ދަށުން ކަންކަން ކުރިއަށް ގެންދާނަން. އަޅުގަނޑު އަރުވާ ޔަގީން ކަމަކީ މި ދެންނެވި ފަދައިން ހުރިހާ ކަމެއް ކުރިއަށް އޮތް ދުވަސްތަކުގައި ހައްލު ކުރަމުން ގެންްދާނެ،" ރައީސް ވިދާޅުވި އެވެ.