Roadha Mihaaru

ތެލެސީމިއާ ސެންޓަރަށް އައްޔަންކުރީ ވަގުތީ ޑީޖީއެއް، އާ މީހެއް ހޯދަން އިއުލާންކޮށްފި

ތެލެސީމިއާ ސެންޓަރަށް ދާއިމީ ޑިރެކްޓާ ޖެނެރަލެއް ހޯދަން އިއުލާންކޮށްފި އެވެ.

ތެލެސީމިއާ ސެންޓަރަށް އާ ޑީޖީއެއް ހޯދަން އިއުލާންކޮށްފި

ތެލެސީމިއާ ސެންޓަރަށް ދާއިމީ ޑިރެކްޓާ ޖެނެރަލެއް ހޯދަން އިއުލާންކޮށްފި އެވެ.

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން މިއަދު ކުރި އިއުލާނުގައި ބުނީ ބްލަޑް ސާވިސްގެ ހިންގުމުގެ އިސްވެރިޔާގެ މަގާމަށް އަންނަ ހަފުތާގެ ބުރާސްފަތި ދުވަހުގެ ކުރިން ކުރިމަތިލެވޭނެ ކަމަށެވެ.

ތެލެސީމިއާ ސެންޓަރަށް ދާއިމީ ޑީޖީއެއް ހޯދަން އިއުލާން ކުރިއިރު، އެ ސެންޓަރުގެ ހާލަތު ދަށްވަމުންދާ ކަމަށް ބުނެ ދާދިފަހުން މުޒާހަރާ ކުރުމުން އެ މަގާމަށް ވަގުތީ ގޮތުން ބޭފުޅަކު ވަނީ ހަމަޖައްސައިފަ އެވެ. މިދިޔަ މަހުގެ 24 ވަނަ ދުވަހު އެ މަގާމަށް އައްޔަން ކުރެއްވީ ލޯކަލް ގަވަމެންޓް މިނިސްޓްރީގެ ޑިރެކްޓާ ޖެނެރަލަކަށް އެންމެ ފަހުން ހުންނެވި އަދި ސިއްހީ ދާއިރާގައި ކުރިން މަސައްކަތް ކުރެއްވި އަހުމަދު މައުސޫމެވެ.

އެ މަގާމަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި ސިއްހަތާ ގުޅުންހުރި ދާއިރާއަކުން ގައުމީ އޮނިގަނޑުގެ ލެވެލް 10 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއި މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން ހަތަރު އަހަރުގެ ތަޖުރިބާ ހުރުން ހިމެނެ އެވެ. އަދި އޭގެ ތެރެއިން މަދުވެގެން ދެ އަހަރުގެ މުއްދަތަކީ ހިންގުމުގެ ދާއިރާއެއްގައި މަސައްކަތްކޮށްފައިވާ މުއްދަތަށް ވާންޖެހޭނެ ކަމަށް އިއުލާނުގައިވެ އެވެ.

އޭގެ އިތުރުން ގައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 9 ގެ ކޯހެއް ފުރިހަމަ ކުރުމާއި މަސައްކަތުގެ ދާއިރާގައި 8 އަހަރުގެ ތަޖުރިބާ އަދި އޭގެ ތެރެއިން ހިންގުމުގެ ދާއިރާގައި ދެ އަހަރުގެ މަސައްކަތް ކުރުމުގެ ތަޖްރިބާ ލިބިފައިވާން ޖެހޭނެ ކަމަށް އެ އިއުލާނުގައިވެ އެވެ.

ތެލެސީމިއާ ސެންޓަރުގެ ހާލަތު ބެއްލެވުމަށްފަހު ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ މަހުގެ ފަހުކޮޅު ވިދާޅުވެފައިވަނީ އެ ސެންޓަރުގެ ކަންކަން ވަގުތުން ހައްލުކޮށް އިތުރަށް ބޭނުންވާ މުވައްޒަފުން ހޯދަން ވެސް އަންގަވާފައިވާނެ ކަމަށެވެ.

ޑީޖީއަށް މުސާރައިގެ ގޮތުގައި 21،884ރ. އާއި މަގާމުގެ އެލަވަންސްގެ ގޮތުގައި 12،534ރ. އަދި މަސައްކަތަށް ހާޒިރުވާ ކޮންމެ ދުވަހަކަށް 339ރ. އާއެކު މަހެއްގެ މައްޗަށް ޖުމްލަ 40،000 އަށް ވުރެ ގިނަ ރުފިޔާ ލިބޭނެ އެވެ.