Roadha Mihaaru
ތެލެސީމިއާ ސެންޓަރުގެ ހިދުމަތް އިސްލާހުކުރާނަން: ނަސީމް

ތެލެސީމިއާ ސެންޓަރުގެ ހިދުމަތް ރަނގަޅު ކުރާނެ ކަމުގެ ޔަގީންކަން މިނިސްޓަރު ނަސީމް ދެއްވައިފި

29 ނޮވެމްބަރ 2020

ތެލެސީމިއާ ކުދިންނަށް ދިމާވާ ދަތިތަކާއި އެ ކުދިންގެ ކަންބޮޑުވުންތައް ހައްލުކޮށް ދެއްވާނެ ކަމުގެ ޔަގީންކަން އާ ހެލްތު މިނިސްޓަރު އަހުމަދު ނަސީމް މިއަދު ދެއްވައިފި އެވެ.

ޝުރުފާ މުހައްމަދު ޝުރުފާ މުހައްމަދު

ތެލެސީމިއާ ކުދިންނަށް ދިމާވާ ދަތިތަކާއި އެ ކުދިންގެ ކަންބޮޑުވުންތައް ހައްލުކޮށް ދެއްވާނެ ކަމުގެ ޔަގީންކަން އާ ހެލްތު މިނިސްޓަރު އަހުމަދު ނަސީމް މިއަދު ދެއްވައިފި އެވެ.

ހެލްތު މިނިސްޓްރީން ބުނީ، ބައެއް ތެލެސީމިއާ ކުދިންނާއި އެ ކުދިންގެ ބެލެނެވެރިންނާ، މިދިޔަ މަހުގެ 22 ގައި ހެލްތު މިނިސްޓަރުކަމަށް އައްޔަން ކުރެއްވި ނަސީމް މިއަދު ބައްދަލު ކުރައްވާފައިވާ ކަމަށެވެ.

މިނިސްޓްރީން ބުނިގޮތުގައި އެ ބައްދަލުވުމުގައި އެ ކުދިންގެ ޝަކުވާތަކާއި ކަންބޮޑުވުންތައް މިނިސްޓަރާ ހިއްސާ ކޮށްފައިވެ އެވެ. އެކަން ކަމަށް ރިއާޔަތްކޮށް، މައްސަލަތައް ހައްލު ކުރައްވާނެ ކަމަށް މިނިސްޓަރު ވިދާޅުވެފައި ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

ތެލެސީމިއާ ސެންޓަރަކީ އެ ކުދިންނާ ގާތް އަމިއްލަވަންތަކަމުގެ އިހުސާސް ލިބިދޭ ތަނަކަށް ބަދަލުކުރުމުގެ އަމާޒު ހިފާނެ ކަމުގެ ޔަގީންކަން ނަސީމް ދެއްވި ކަމަށް މިނިސްޓްރީން ބުނެ އެވެ.

ތެލެސީމިއާ ސެންޓަރާ ގުޅުވައިގެން ގިނަ ޝަކުވާތަކެއް އަބަދުވެސް ސޯޝަލް މީޑިއާގަ އާއި އެހެނިހެން ގޮތް ގޮތުން ވެސް އާންމުވެ އެވެ. އެގޮތުން ތަނުން ލިބެން ޖެހޭ ހިދުމަތްތަކުގެ ދަތިތަކާއި ޖާގައިގެ ދަތިކަމުގެ އިތުރުން ތަނުގެ މެނޭޖްމަންޓާ ގުޅުން ހުރި ޝަކުވާތައް ވެސް ފެންމަތިވެފައި ވެ އެވެ.

ހެލްތު މިނިސްޓްރީ ހިންގުމާ ކުރިން ހަވާލުވެ ހުންނެވި މުހައްމަދު އަސްލަމް ތެލެސީމިއާ ކުދިންނާ ކުރިން ބައްދަލުކުރެއްވިއިރު، ރަޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް އެ ސެންޓަރަށް ދާދި ފަހުން ޒިޔާރާތް ކުރައްވާފައި ވެއެވެ. އެ ޒިޔާރާތާ ގުޅިގެން ތެލެސީމިއާ ކުއްޖަކު ކުރި ޓުވީޓުގައި އޭނާ ވެސް ބުނީ ނަޝީދު ޒިޔާރާތްކުރެއްވި އިރު ތނުގެ ހަގީގީ މަންޒަރު ފޮރުވަން ވެރިން މަސައްކަތް ކޮށްފައިވާ ކަމަށެވެ.

ކޮވިޑް-19އާ ގުޅިގެން ކުރި ލޮކްޑައުން އާއި ލޮކްޑައުން އަށް ލުއިދިން ފަހުން ވެސް ލޭ ލިބމުގެ ދަތިތައް ކުރިމަތިވެގެން ވެސް ތެލެސީމިއާ ސެންޓަރުން އެކަން އާންމުކޮށްފައި ވެ އެވެ. ނަމަވެސް އެ ސެންޓަރުން ބުނިގޮތުގައި މިހާރު އެ މައްސަލަ ވަނީ ހައްލުވެފަ އެވެ.