Roadha Mihaaru
ހޮސްޕިޓަލުގެ ކިއު ކުޑަކުރަން ވަގުތު އިތުރުކުރަނީ

ދަރުމަވަންތަ ހޮސްޕިޓަލުގެ ކިއު ކުޑަކުރަން ސްޕެޝަލިސްޓް ޑޮކްޓަރުންގެ ވަގުތު އިތުރުކުރަނީ

17 ޖެނުއަރީ 2024

ސަރުކާރުގެ މައި ހޮސްޕިޓަލް، ދަރުމަވަންތައިގެ ސްޕެޝަލިސްޓް ޑޮކްޓަރުންނަށް ދައްކަން އޮންނަ ދިގު ކިއު ކުޑަކުރަން ދެ ގޮތަކަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ހޮސްޕިޓަލްގެ ސީއީއޯ އިބްރާހިމް ހަލީމް ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ސަރުކާރުގެ މައި ހޮސްޕިޓަލް، ދަރުމަވަންތައިގެ ސްޕެޝަލިސްޓް ޑޮކްޓަރުންނަށް ދައްކަން އޮންނަ ދިގު ކިއު ކުޑަކުރަން ދެ ގޮތަކަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ހޮސްޕިޓަލްގެ ސީއީއޯ އިބްރާހިމް ހަލީމް ވިދާޅުވެއްޖެ އެވެ.

މިދިޔަ އާދިއްތަ ދުވަހު "މިހާރު" އަށް ދެއްވި އިންޓަވިއުގައި އޭނާ ވިދާޅުވީ އާއްމުންނަށް ފަސޭހަ އަދި ރަނގަޅަށް ހިދުމަތް ދެވޭނެ ގޮތްތައް ރާވަމުން އަންނަ ކަމަށެވެ. ހާއްސަ ބަލިތަކުގެ ޑޮކްޓަރުން މިހާރު ދުވާލެއްގެ މައްޗަށް ބަލާ އަދަދު އިތުރުކޮށް، އެ ޑޮކްޓަރުންގެ އޯޕީޑީ ރޭގަނޑު ފަށައި، ބަލި މީހުންގެ ކިއު ކުޑަކުރެވޭނެ ގޮތްތައް ބަލާ ކަމަށް އޭނާ ވިދާޅުވި އެވެ.

ސަރުކާރުގެ ހޮސްޕިޓަލްތަކުގައި ސްޕެޝަލިސްޓު ޑޮކްޓަރުން މިހާރު ބަލި މީހުން ބަލަނީ ހެނދުނު 8 އިން މެންދުރު 2 ޖަހަންދެންނެވެ.

ދަރުމަވަންތައިގެ ސީއީއޯ ހަލީމް، "މިހާރު" އަށް އިންޓަވިއުދެއްވަނީ.-- ފޮޓޯ: މިހާރު

ދަރުމަވަންތައިގެ ސީއީއޯ ހަލީމް، "މިހާރު" އަށް އިންޓަވިއުދެއްވަނީ.-- ފޮޓޯ: މިހާރު

"ސްޕެޝަލިސްޓު ޑޮކްޓަރުންނަށް ވަކި ވަރަކަށް ބަލި މީހުން ބެލޭނީ. އެހެންވެ، އިތުރު ސެޝަނެއް އަޅުގަނޑުމެންނަށް ފެށޭނީ އިތުރު ޑޮކްޓަރުން ލައިގެން. އަޅުގަނޑުމެންނަށް އިތުރު ޑޮކްޓަރުން ލިބޭ ވަރަކުން، އެއް ކަމަކީ ބާއްވާ ސެޝަންގެ ތެރޭގައި ގިނަ ބަލި މީހުން ބެލުން. އަނެއް ގޮތަކީ އީވްނިން ސެޝަނެއް ބާއްވާފައި، އީވްނިން ސެޝަންގައި ވެސް ކިއު ދިގުވާ ދާއިރާތަކުގައި އިތުރު ޑޮކްޓަރަކު ބަހައްޓައިގެން ރޭގަނޑު ވެސް ކޮންސަލްޓަންޓޭޝަން އިތުރުކުރުން،" އޭނާ ވިދާޅުވި އެވެ.

ދަރުމަވަންތައިގައި ސްޕެޝަލިސްޓަށް ދެއްކުމަށް އެޕޮއިންޓްމަންޓު ހެއްދުމަށް ފަހު އެތައް މަހެއް ވަންދެން މަޑުކުރަން ޖެހެ އެވެ. އެކަމަށް ހައްލު ހޯދަން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ގެނައި އެއް ބަދަލީ، ވަކި ޑޮކްޓަރަކަށް އެޕޮއިންޓްމަންޓް ހަމަޖެއްސުމުގެ ބަދަލުގައި އެ ބައްޔާ ގުޅޭ ޑިޕާޓްމަންޓުގައި ނަން ނޯޓުކުރުމެވެ. އެއާ އެކު، ވެއިޓްލިސްޓަށް ވެސް ބަދަލުތަކެއް އަ އެވެ.

އެ ހޮސްޕިޓަލުގައި މިހާރު އެންމެ ބޮޑު ވެއިޓްލިސްޓެއް އޮތީ މެންޓަލް ހެލްތު އަދި ހިތުގެ ބަލީގެ ޑިޕާޓްމަންޓުގަ އެވެ.

ހަލީމް ވިދާޅުވި ގޮތުގައި ބަޖެޓު ހަމަޖެހުމުން އާ ބަދަލުތައް ގެންނަން މަސައްކަތް ކުރާނެ އެވެ.