Roadha Mihaaru
ސަރުކާރުގެ މައި ހޮސްޕިޓަލަކަށް ދަރުމަވަންތަ!

ސަރުކާރުގެ މައި ހޮސްޕިޓަލަކަށް ދަރުމަވަންތަ!

15 ޖެނުއަރީ 2024

މީގެ ހަތަރު ވަރަކަށް އަހަރު ކުރިން ބޭނުންކުރަން ފެށި ދަރުމަވަންތަ ހޮސްޕިޓަލަކީ އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ބަދަލުގައި ސަރުކާރުގެ މައި ހޮސްޕިޓަލްގެ ގޮތުގައި ހަމަޖައްސައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މީގެ ހަތަރު ވަރަކަށް އަހަރު ކުރިން ބޭނުންކުރަން ފެށި ދަރުމަވަންތަ ހޮސްޕިޓަލަކީ އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ބަދަލުގައި ސަރުކާރުގެ މައި ހޮސްޕިޓަލްގެ ގޮތުގައި ހަމަޖައްސައިފި އެވެ.

ދަރުމަވަންތަ ހޮސްޕިޓަލްގެ ސީއީއޯ އިބްރާހިމް ހަލީމް "މިހާރު" އަށް އިއްޔެ ދެއްވި އިންޓަވިއުގައި ވިދާޅުވީ، ދަރުމަވަންތަ ހޮސްޕިޓަލަކީ ރާއްޖޭގެ ސަރުކާރަކުން އަމިއްލަ އަށް އިސްނަގައިގެން ބިނާކުރި، ދިވެހިންގެ އަމިއްލަ ތަނެއް ކަމަށެވެ. އެއީ ދިވެހިންގެ ގައުމިއްޔަތު ދައްކުވައިދޭ ތަނެއްކަން ފާހަގަކުރައްވައި ހަލީމް ވިދާޅުވީ، ރާއްޖޭގެ މައި ހޮސްޕިޓަލަކީ ދިވެހިންގެ އަމިއްލަ ތަނެއް ކަމަށް ކަނޑައެޅުމަކީ ލިބޭނެ ފަހުރެއް ކަމަށެވެ.

"ދަރުމަވަންތައަކީ އަޅުގަނޑުމެންގެ އަމިއްލަ ނަމެއް ނޫންތޯ؟ އަމިއްލަވަންތަކަން، އަޅުގަނޑުމެންގެ ގައުމިއްޔަތާއި އަޅުގަނޑުމެންގެ ގައުމު އިތުރަށް ދިރުވުމުގައި އިތުރު މަސައްކަތްތަކެއް ކުރަމުންދާއިރު، އަޅުގަނޑުމެން އަމިއްލަ ނަމެއް ދީފައި، އަޅުގަނޑުމެންގެ އަމިއްލަ ހޮސްޕިޓަލެއް، އަޅުގަނޑުމެން ސަރުކާރު މައި ހޮސްޕިޓަލެއް ގޮތުގައި ކަނޑައެޅިގެން ދިއުމަކީ އަޅުގަނޑުމެން ކޮންމެ ދިވެއްސަކަށް ވެސް ލިބޭނެ ފަހުރެއް ނޫންތޯ؟" އޭނާ ވިދާޅުވި އެވެ.

އަައިޖީއެމްއެޗަކީ އިންޑިއާ ސަރުކާރުގެ ހިލޭ އެހީގައި އިމާރާތްކޮށް، މީގެ 30 ވަރަކަށް އަހަރު ކުރިން ފެށިގެން ބޭނުންކުރަމުން އަންނަ އިމާރާތެކެވެ. ނަމަވެސް އެ ތަނުގެ ޖާގަ ވަރަށް ބޮޑަށް ކުޑަވެ އަދި އިމާރާތް ބާވެ، އަބަދު މަރާމާތު ކުރަން ޖެހޭތީ ދިވެހި ސަރުކާރުގެ ހަރަދުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ދަރުމަވަންތަ ހޮސްޕިޓަލްގެ ނަމުގައި އާ ތަނެއް ހުޅުވީ އެވެ.

ދަރުމަވަންތަ ހޮސްޕިޓަލްގެ ސީއީއޯ ހަލީމް ވިދާޅުވީ، މާލެ ސަރަހައްދުގައި އިތުރު ހޮސްޕިޓަލްތައް ކުރިމަގުގައި އިމާރާތް ކުރާނެ ކަމަށާއި ޕްލޭނުގައި ހުރިހާ ކަމެއް ވެސް ހިމެނޭނެ ކަމަށެވެ.

"މިހާރު މާލެ ސަރަހައްދުގައި ހުރި ހަތަރު ހޮސްޕިޓަލްގެ ތެރެއިން މައި ހޮސްޕިޓަލެއްގެ ގޮތުގައި ދަރުމަވަންތަ ހޮސްޕިޓަލް އަޅުގަނޑަށް މާ ފަސޭހަ ކިޔަން ވެސް... ދަރުމަވަންތަ ހޮސްޕިޓަލަކީ މައި ހޮސްޕިޓަލް. މައި ހޮސްޕިޓަލްގެ ގޮތުގައި މިހާރު ވެސް އެ ހުރީ،" އޭނާ ވިދާޅުވި އެވެ.

ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ހެދި 25 ބުރީގެ ދަރުމަވަންތަ ހޮސްޕިޓަލަކީ ސަރުކާރުގެ މައި ހޮސްޕިޓަލް ކަމަށް ހަމަޖެއްސިއިރު، މިހާތަނަށް ވެސް ބޮޑު ހޮސްޕިޓަލްގެ ގޮތުގައި ބަލަމުންދިޔައީ މީގެ އެތައް އަހަރެއް ކުރިން އިންޑިއާ ސަރުކާރުން އަޅައިދީ، އޭރުއްސުރެ ބޭނުންކުރަމުން އަންނަ އައިޖީއެމްއެޗެވެ.

އެ ނަން ދީފައިވަނީ އެ ގައުމުގެ ތިން ވަނަ ބޮޑުވަޒީރު، އިންދިރާ ގާނދީ އަށް ހާއްސަ ކޮށްގެންނެވެ.

ނަމަވެސް، އައިޖީއެމްއެޗް ވަރަށް ބޮޑަށް ބާވެފައި ހުރުމުން މި ސަރުކާރުގެ ވިސްނުމަކީ، ދަރުމަވަންތަ ކައިރީގައި އިތުރު ޓަވަރެއް ހަދައި، އައިޖީއެމްއެޗްގެ ބައެއް ޑިޕާޓްމަންޓުތައް އެ ތަނަށް ބަދަލުކުރުމެވެ. އެ އަށް ފަހު، އެ ހޮސްޕިޓަލް މަރާމާތުކުރާނެ ކަމަށް ހަލީމް ވިދާޅުވި އެވެ.