Roadha Mihaaru

ހިލޭ އައިނު ހެދޭ ފިހާރަ އައިޖީއެމްއެޗުގައި ހުޅުވައިފި

އަމިއްލަ ޖީބުން އެއްވެސް ހަރަދެއް ނުކޮށް ނަންބަރު އައިނު ހެދޭ "އެމްސީޖީއެޗް" ފިހާރަ އައިޖީއެމްއެޗުގައި މިއަދު ހުޅުވައިފި އެވެ.

ހިލޭ އައިނު ހެދޭ ފިހާރަ އައިޖީއެމްއެޗުގައި ހުޅުވައިފި
އިފްރާޒް އަލީ
އިފްރާޒް އަލީ

27 ޖުލައި 2025

އަމިއްލަ ޖީބުން އެއްވެސް ހަރަދެއް ނުކޮށް ނަންބަރު އައިނު ހެދޭ "އެމްސީޖީއެޗް" ފިހާރަ އައިޖީއެމްއެޗުގައި މިއަދު ހުޅުވައިފި އެވެ.

މި ފިހާރަ ހުޅުއްވައިދެއްވީ އެކަމަށްޓަކާ މިއަދު ހަވީރު އެ ހޮސްޕިޓަލުގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.

އެ ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމާއި މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގު ހަލީމާއި ސަރުކާރުގެ އެހެން ބައެއް އިސްވެރިން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

އައިޖީއެމްއެޗުގައި ހުޅުވި އައިނު ފިހާރަ ރައީސް ޑރ. މުހައްމަދު މުއިއްޒު ބައްލަވާލައްވަނީ.-- ފޮޓޯ: ރައީސް އޮފީސް

އައިޖީއެމްއެޗުގައި ހުޅުވި އައިނު ފިހާރަ ރައީސް ޑރ. މުހައްމަދު މުއިއްޒު ބައްލަވާލައްވަނީ.-- ފޮޓޯ: ރައީސް އޮފީސް

މި ފިހާރަ ހުޅުވާފައި ވަނީ އައިޖީއެމްއެޗުގެ މައި ގޭޓުން ވަންނައިރު އޮންނަ ވޯކްވޭގެ ކަނާތް ފަރާތުގަ އެވެ.

މިއަދުގެ ރަސްމިއްޔާތުގައި ހަލީމް ވިދާޅުވީ މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ހޮސްޕިޓަލްތަކަށް މިދިޔަ ދޮޅު އަހަރު ދުވަހުގެ ތެރޭގައި ފާހަގަކޮށްލެވޭ ވަރުގެ ކާމިޔާބީތަކެއް ލިބިފައިވާ ކަމަށެވެ. އަދި ހިދުމަތްތައް ކުރިއަށް ވުރެ ރަނގަޅުކޮށް، އާ ހިދުމަތްތައް ފަށައި ވަސީލަތްތައް ވަރަށް ބޮޑު އިތުރުކޮށް ފެންވަރު ރަނގަޅު ހިދުމަތްތަކެއް ދެމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

ހަލީމް ވިދާޅުވީ މި އައިނު ފިހާރައިގައި އެންމެ ފަހުގެ، އެޑްވާންސް ވަސީލަތްތައް ހުންނާނެ ކަމަށާއި ނަންބަރު ނެގުމާއި ނަންބަރު ލެންސް ހެއްދުމުގެ ހުރިހާ ހިދުމަތެއް ލިބޭނެ ކަމަށެވެ. އެ ފިހާރައިގައި ގާއިމްކޮށްފައިވާ މެޝިންތަކުން ކެޓަރެކްޓް އާއި ލޮލުގެ ޕްރެޝާ ބެލޭނެ ކަމަށާއި ލޮލަށް ޖެހޭ ބައްޔެއް ކަމަށްވާ ގުލްކޯމާއަށް ޓެސްޓްކުރެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އާސަންދައިން އައިނު ހެދުމަށް ހޭދަކުރާ 2،000ރ.ގެ އަދަދުގެ ތެރޭގައި، ދިވެހި ކޮންމެ ރައްޔިތަކަށް އައިނު ހިލޭ ހެއްދުމުގެ ފުރުސަތު މިއަދުން ފެށިގެން ފަހިވެގެން މި ދިޔައީ،" އޭނާ ވިދާޅުވި އެވެ.

ހަލީމް ވިދާޅުވީ ހުޅުމާލެ ހޮސްޕިޓަލުގައި ވެސް ވަރަށް އަވަހަށް އައިނު ފިހާރައެއް ހުޅުވާނެ ކަމަށެވެ. އަދި ރަށްރަށުގައި ހުރި ރީޖަނަލް ހޮސްޕިޓަލުތަކުގައި ވެސް އައިނު ފިހާރަ ހުޅުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އައިނުގެ ވިޔަފާރިގެ ނާޖައިޒު ފައިދާ ނެގުން ހުއްޓުވުމަށް، ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗުގައި އައިނުގެ ވިޔަފާރި ފަށަން ނިންމާފައިވާކަން މިދިޔަ މެއި މަހުގެ ފަހުކޮޅު އިއުލާންކުރެއްވީ ރައީސް މުއިއްޒެވެ.

އައިނު ހެއްދުމަށް އާސަންދައިން ކޮންމެ ދެ އަހަރަކުން އެއް ފަހަރު ދޭ 1000ރ. ވެސް މިދިޔަ މަހުން ފެށިގެން ވަނީ 2،000ރ. އަށް ބޮޑުކޮށްފަ އެވެ.

ރައީސް މުއިއްޒު ވިދާޅުވެފައި ވަނީ އޭގެ "އެޑްވާންޓޭޖު" ނުވަތަ ނާޖާއިޒު ފައިދާ ނެގުމުގެ ފުރުސަތު އެ މަނިކުފާނު ނުދެއްވާނެ ކަމަށެވެ.

"މި ޖެއްސި އަގު 1،000 އިން 2،000 އަށް ހެދީމާ ހަމަ އެއްކަލަ ފީކަޅާ ދުނިގަނޑު ދިނުމުގެ ފުރުސަތެއް ނުލިބޭނެ. އައިޖީއެމްއެޗުގައި އަޅުގަނޑުމެން ފަށާނަން މި މަސައްކަތް. އައިޖީއެމްއެޗުގައި އައިނު ބިޒްނަސް ފަށާނަން،" މިދިޔަ މޭ 31 ވަނަ ދުވަހުގެ ރޭ ރައީސް މުއިއްޒު ވިދާޅުވެފައި ވެ އެވެ.

ރައީސް ވިދާޅުވީ، ސަރުކާރުގެ އެ ނިންމުމާ އެކު، އައިނުގެ ވިޔަފާރިކުރާ މީހުން ކިތަންމެ ބޮޑަށް ހިތްހަމަނުޖެހުނަސް އެންމެ ރަނގަޅު ކަމަށާއި އެ މަނިކުފާނަށް މުހިންމީ "ވިޔަފާރިވެރިން ރައްޔިތުންނަށް އެ ދެރަ ނިކަމެތިކަން ދިނުމުގެ އާދަ މި ގައުމުން ފިލުވައިލަން" ކަމަށެވެ.

ހަލީމް ކުރިން "މިހާރު" އަށް ވިދާޅުވެފައިވާ ގޮތުގައި، އައިނުގެ ވިޔަފާރި ކުރާނީ އެ ހޮސްޕިޓަލުން އަމިއްލައަށް ފްރޭމާއި ލެންސު ބޭރުން ގަނެގެން ކަމަށެވެ. އެ ތަނުގައި ހުންނަ އައިނުގެ އަގުތައް، އާސަންދައިގެ ރޭޓަށް ވުރެ ބޮޑު ނުވާނެތީ އަމިއްލަ ޖީބުން އެއްވެސް ހަރަދެއް ކުރާކަށް ނުޖެހޭނެ ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.

އައިޖީއެމްއެޗުގައި ލޮލުގެ އެކި ބަލިތަކަށް ފަރުވާ ދިނަސް، އައިނާ ގުޅޭ އެއްވެސް ހިދުމަތެއް ނުދެ އެވެ. އެހެންވެ، އެ ވިޔަފާރީގައި އިސްކޮށް އުޅެނީ އަމިއްލަ ފަރާތްތަކެވެ. އެކަމަކު، އެ ތަންތަނުން ވިއްކާ އައިނުގެ އަގުބޮޑުވުމުން އަމިއްލަ ޖީބުން ވެސް ކޮންމެ ފަހަރަކު ބޮޑު ހޭދައެއް ކުރަންޖެހޭތީ އާންމުންގެ ޝަކުވާ އެކަމުގައި އޮވެ އެވެ.