Roadha Mihaaru

ފުރަތަމަ ޖީޕީ ކްލިނިކް އަންނަ ޖުލައި މަހު ހުޅުވަނީ

އައިޖީއެމްއެޗްގެ ކިއު ކުޑަކުރަން ފަށާ ޖެނެރަލް ޕްރެކްޓިސް (ޖީޕީ) ގެ ފުރަތަމަ ކްލިނިކް އަންނަ ޖުލައި މަހު ހުޅުވާނެ ކަމަށް އެ ހޮސްޕިޓަލްގެ ސީއީއޯ އިބްރާހިމް ހަލީމް ވިދާޅުވެއްޖެ އެވެ.

ފުރަތަމަ ޖީޕީ ކްލިނިކް އަންނަ ޖުލައި މަހު ހުޅުވަނީ
އާސިމާ ނިޒާރު
އާސިމާ ނިޒާރު

30 މެއި 2025

އައިޖީއެމްއެޗްގެ ކިއު ކުޑަކުރަން ފަށާ ޖެނެރަލް ޕްރެކްޓިސް (ޖީޕީ) ގެ ފުރަތަމަ ކްލިނިކް އަންނަ ޖުލައި މަހު ހުޅުވާނެ ކަމަށް އެ ހޮސްޕިޓަލްގެ ސީއީއޯ އިބްރާހިމް ހަލީމް ވިދާޅުވެއްޖެ އެވެ.

މާލެ ހޮސްޕިޓަލްސް ގްރޫޕުން މިދިޔަ އޮކްޓޯބަރު މަހު ބޭއްވި ނިއުސް ކޮންފަރެންސްގައި ހަލީމް ވިދާޅުވީ ޖީޕީ ކްލިނިކްތައް ހެދުމުން އިމަޖެންސީ ހާލަތްތައް ފިޔަވައި އާއްމު ބަލިތަކަށް ފަރުވާ ހޯދުމަށް އެ ކްލިނިކްގެ މެޑިކަލް އޮފިސަރަށް ދައްކައި، އެ ޑޮކްޓަރުގެ ލަފާގެ މަތިން ސީދާ ކްލިނިކުން ސްޕެޝަލިސްޓަށް ދެއްކުމަށް އައިޖީއެމްއެޗަށް އެޕޮއިންޓްމަންޓް ހެދޭނެ ކަމަށެވެ.

ރާއްޖޭގައި ރިފަރަލް ސިސްޓަމެއް ނެތުމުން ކުދިކުދި ކަންކަމުގައި އިމަޖެންސީއަށް ދެއްކުމާއި ބައްޔާ ގުޅޭ ސްޕެޝަލިސްޓް ނޫން އެހެން ޑޮކްޓަރުންނަށް ވެސް އެޕޮއިންޓްމަންޓް ހެއްދެ އެވެ. އޭގެ ނަތީޖާއަކީ ފަރުވާ ހޯދަން ވެއިޓް ލިސްޓު ދިގުވުމެވެ.

ހަލީމް މިދިޔަ އަންގާރަދުވަހު "މިހާރު"އަށް ވިދާޅުވީ ޖީޕީ ހަތަރު ކްލިނިކްގެ ތެރެއިން ފުރަތަމަ ތަން އަންނަ ޖުލައި މަހުގެ ފަހުކޮޅު ހުޅުވާނެ ކަމަށެވެ. ވެމްކޯއާ ހަވާލުކޮށްގެން އެ އިމާރާތަށް ބަދަލުތައް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ހޮސްޕިޓަލުން ނިންމާފައިވަނީ މާލޭގެ ހަތަރު އަވަށެއްގައި ޖީޕީ ކްލިނިކްތައް ހުޅުވާށެވެ.

"ދެ ވަނަ ކްލިނިކް ވެސް ޕްލޭނިން ސްޓޭޖުގައި މިހާރު އޮތީ." ހަލީމް ވިދާޅުވި އެވެ.

އެ ޕްރެސް ކޮންފަރެންސްގައި އައިޖީއެމްއެޗްގެ މެޑިކަލް ޑިރެކްޓަރު، ޑރ. އާމިނަތު ޒޭބާ އަހުމަދު ވިދާޅުވީ ޖީޕީ ސިސްޓަމަކަށް ދިއުމުން ވެއިޓްލިސްޓްގައި ތިބޭ އަދަދު މަދުވާނެ ކަމަށެވެ.

"މިސާލަކަށް، އަންހެނުންގެ ކަމެއްގައި ބަނޑުގައި ރިއްސާތީ ބަލި މީހަކު މި އަންނަނީ. އެކަމަކު، މި ދަނީ އަންހެނުންގެ ހާއްސަ ޑޮކްޓަރަކަށް. އަސްލު މީނަގެ ހުރީ އެހެން ބައްޔެއް. އަނެއްކާ މި ޖެހެނީ އަނެއް އެޕޮއިންޓްމަންޓް ހައްދަން. އެހެންވީމަ، ބަލި މީހާއަށް ވެސް ވަރަށް ދަތިކަމެއް އާދޭ އެކި ޑޮކްޓަރުން ކައިރިއަށް އެބަޖެހޭ ދާން ވެސް، އަސްލު ދާންޖެހޭ މީހާ ނޭނގި،" ޒޭބާ ވިދާޅުވި އެވެ.

އޭނާ އޭރު ވިދާޅުވީ އައިޖީއެމްއެޗްގެ ބައެއް ޑިޕާޓްމަންޓުތަކުގެ ވެއިޓްލިސްޓް 1،000 އިން މައްޗަށް އަރާ ކަމަށެވެ. އެ ފިލްޓާކޮށްފި ނަމަ، ހަގީގަތުގައި އެ ޑޮކްޓަރަށް ދައްކަންޖެހެނީ އެއަށްވުރެ މަދު އަދަދެއް ކަމަށް ގަބޫލުކުރެވޭ ކަމަށް ޒޭބާ ވެދާޅުވި އެވެ.

"ދުނިޔޭގެ ގިނަ ތަންތަނުގައި އިންނަނީ ރިފަރަލް ސިސްޓަމަކުން ސްޕެޝަލިސްޓުންނަށް ދެއްކުން. އަޅުގަނޑުމެން ވެސް އެ ކަހަލަ ސިސްޓަމެއް އިމްޕްލިމެންޓް ކުރުމުގެ މަސައްކަތް ކުރަމުން އަންނަނީ. އޭރުން ޕޭޝަންޓަށް ވެސް ލުއިފަސޭހަވާނެ، ދާންވީ ފަރާތަށް އަޅުގަނޑުމެންނަށް ވެސް ގައިޑެންސް ދެވޭނެ އަދި އޭރުން ދައްކަންޖެހޭ ވަގުތު ވެސް އަވަހަށް ދެއްކިގެންދާނެ." އޭނާ ވިދާޅުވި އެވެ.

ހުޅުމާލެ 2 ގައި މިހާރު ވެސް ޖީޕީ ކްލިނިކެއް ހިންގަ އެވެ. އެ ތަނުގައި ހިދުމަތް ފެށީ އެއް ދަންފަޅިއަށް ނަމަވެސް، އެ ހިދުމަތް ފަހުން ވަނީ ރޭގަނޑު 11:30 އަށް ދަންމާލައިފަ އެވެ. ވަގުތު އިތުރުކުރިއަސް، ޖީޕީ ކްލިނިކުން ހިދުމަތް ހޯދާ މީހުން އިތުރުވާތީ ސަރުކާރުން ވަނީ ހުޅުމާލޭގައި އިތުރު ޖީޕީ ކްލިނިކެއް ހަދަން ނިންމައިފަ އެވެ.