Roadha Mihaaru

އައިޖީއެމްއެޗުގެ ފިހާރަ އިން 10 ދުވަސް ތެރޭ 700 އައިނު ހައްދައިފި

އަގު ބޮޑުކޮށް އައިނު ހައްދަން ޖެހޭ މައްސަލައަށް ހައްލު ހޯދައިދޭން އައިޖީއެމްއެޗުގައި ހުޅުވި ސަރުކާރުގެ އައިނު ފިހާރައިން 10 ދުވަސް ތެރޭގައި 700 އައިނު ހައްދާފައިވާ ކަމަށް އެ ހޮސްޕިޓަލުން މިއަދު ބުނެފި އެވެ.

ސަރުކާރު ފިހާރައިން 10 ދުވަސް ތެރޭ 700 އައިނު
އާސިމާ ނިޒާރު
އާސިމާ ނިޒާރު

10 އޯގަސްޓް 2025

އަގު ބޮޑުކޮށް އައިނު ހައްދަން ޖެހޭ މައްސަލައަށް ހައްލު ހޯދައިދޭން އައިޖީއެމްއެޗުގައި ހުޅުވި ސަރުކާރުގެ އައިނު ފިހާރައިން 10 ދުވަސް ތެރޭގައި 700 އައިނު ހައްދާފައިވާ ކަމަށް އެ ހޮސްޕިޓަލުން މިއަދު ބުނެފި އެވެ.

އައިޖީއެމްއެޗުގައި އައިނު ފިހާރަ ހުޅުވީ މިދިޔަ މަހުގެ 27 ގަ އެވެ. އެ ދުވަހުން ފެށިގެން، އެ ތަނުން އައިނު ހައްދަން ގިނަ ބަޔަކު ވަނީ އެޕޮއިންޓްމަންޓަށް އެދިފަ އެވެ. މިހާތަނަށް ދުވާލެއްގެ މައްޗަށް 70 އެއްހާ މީހުންނަށް ވަނީ އައިނު ހައްދައިފަ އެވެ.

މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް ހަލީމް "މިހާރު"އަށް ވިދާޅުވީ ފިހާރަ ހުޅުވިތާ 10 ދުވަސް ތެރޭގައި މިހާތަނަށް 692 އައިނު ނިންމާފައިވާ ކަމަށެވެ. އޭގެ ތެރެއިން 411 އައިނު ހަވާލުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ބާކީ ހުރި އައިނުތައް ވެސް، ކަސްޓަމަރުން އަންނަ ވަރަކަށް ހަވާލުކުރާނެ ކަމަށް ވިދާޅުވި އެވެ.

އައިނު ފިހާރަ ހުޅުވުމާއެކު އެ ތަނުގެ ވެއިޓްލިސްޓު ވެސް ދަނީ އެއް ދުވަހުން އަނެއް ދުވަހަށް އިތުރުވަމުންނެވެ. ނަމަވެސް، ހަލީމް ވިދާޅުވިގޮތުގައި ހިދުމަތަށް ނަން ނޯޓުކުރާ އެންމެންނަކީ އައިނު ހައްދަންޖެހޭ ބައެއް ނޫނެވެ.

"މި ވަގުތު ވެއިޓްލިސްޓުގައި 1،659 މީހުން އެބަތިބި. އެކަމަކު، ލޮލުގެ ޕްރެޝަރާއި ސްކްރީން ހެއްދުމަށް ފަހު ނިންމާނީ އައިނު ހައްދާނީތޯ ނުވަތަ ނޫންތޯ. އޭގެ ތެރޭގައި ތިބެދާނެ އައިނު އަޅަން ނުޖެހޭ މީހުން ވެސް،" ހަލީމް ވިދާޅުވި އެވެ.

އެނގިފައިވާ ގޮތުގައި އައިނު ފިހާރައިގެ ވެއިޓްލިސްޓުގައި، އެކަކު ގުޅައިގެން ގިނަ ބައެއްގެ ނަން ނޯޓުކޮށްފައިވެ އެވެ. ކިއު ދިގުވާ އެއް ސަބަބަކީ އެއީ އެވެ.

އައިނު ފިހާރައަށް އޮތް ވެއިޓްލިސްޓު ކުޑަކުރަން ހުޅުމާލެ ހޮސްޕިޓަލުގައި ވެސް މި މަހުގެ ތެރޭގައި ފިހާރައެއް ހުޅުވަން ވަނީ ނިންމައިފަ އެވެ.

އައިޖީއެމްއެޗްގައި ލޮލުގެ އެކި ބަލިތަކަށް ފަރުވާ ދިނަސް، އައިނާ ގުޅޭ އެއްވެސް ހިދުމަތެއް ނުދޭތީ އެ ވިޔަފާރީގައި އިސްކޮށް އުޅެނީ އަމިއްލަ ފަރާތްތަކެވެ. އެކަމަކު، އެ ތަންތަނުން ވިއްކާ އައިނުގެ އަގުބޮޑުވުމުން އަމިއްލަ ޖީބުން ވެސް ކޮންމެ ފަހަރަކު ބޮޑު ހޭދައެއް ކުރަންޖެހޭތީ އާންމުންގެ ޝަކުވާ ވަރަށް ބޮޑެވެ.

އެހެންވެ، އައިނުގެ ވިޔަފާރިގެ ނާޖައިޒު ފައިދާ ނެގުން ހުއްޓުވުމަށް އައިޖީއެމްއެޗުގައި އައިނުގެ ވިޔަފާރި ފަށަން ނިންމާފައިވާކަން މިދިޔަ މެއި މަހުގެ ފަހުކޮޅު އިއުލާންކުރެއްވީ ރައީސް މުއިއްޒެވެ.

ސަރުކާރުގެ އައިނު ފިހާރަ އިން އައިނު ހައްދަން 3335150 އަށް ގުޅާލައިގެން ނަން ނޯޓު ކުރެވޭނެ އެވެ.