Roadha Mihaaru

އަައިޖީއެމްއެޗަށް އަލަށް އިތުރުކުރި 75 އެނދު އަންނަ މަހު ބޭނުންކުރަން ފަށަނީ

އައިޖީއެމްއެޗުގެ ޖާގައިގެ ދަތިތަކަމަށް ލުޔެއް ހޯދައިދިނުމަށް 75 އެނދުގެ ޕްރޮޖެކްޓެއް ކުރިއަށް އެބަދާ ކަމަށާއި އެ އެނދުތައް އަންނަ މެއި މަހު ބޭނުންކުރަން ފަށާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އައިޖީއެމްއެޗުގެ 75 އެނދު މެއި މަހު ބޭނުންކުރަނީ
މާއިދާ މުހައްމަދު ރަޝާދު
މާއިދާ މުހައްމަދު ރަޝާދު

02 އެޕްރީލް 2025

އައިޖީއެމްއެޗުގެ ޖާގައިގެ ދަތިތަކަމަށް ލުޔެއް ހޯދައިދިނުމަށް 75 އެނދުގެ ޕްރޮޖެކްޓެއް ކުރިއަށް އެބަދާ ކަމަށާއި އެ އެނދުތައް އަންނަ މެއި މަހު ބޭނުންކުރަން ފަށާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

"ރައްޔިތުންނާ އެކު" ޕޮޑްކާސްޓުގައި ރައީސް ވިދާޅުވީ މި ސަރުކާރާ ހަވާލުވިއިރު އައިޖީއެމްއެޗުގެ ފެންވަރު ހުރީ ދަށްކޮށް ކަމަށެވެ. އެހެންވެ މިދިޔަ ދުވަސްތަކުގައި އެތަނުގެ ފެންވަރު ރަނގަޅުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވުނު ކަމަށާއި އޭގެ ތެރޭގައި 75 އެނދުގެ ޕްރޮޖެކްޓް ހިމެނޭ ކަމަށެވެ.

"ދެން އެންމެ އަވަހަށް ހުޅުވިގެން ދާނީ 75 އެނދުގެ ޕްރޮޖެކްޓް. އޭރުން ވަރަށް ބޮޑުތަނުން ޖާގަ އިތުރުވެގެން އެބަދޭ،" ރައީސް ވިދާޅުވި އެވެ.

އެތަން ހުޅުވުމުން މިހާރު އައިޖީއެމްއެޗަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ބޮޑު ހައްލެއް އަންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި އެތަން ހުޅުވާނީ އަންނަ މަހުގަ އެވެ. އެތަނުގެ ޖެނަރަލް ވޯޑުގައި 44 އެނދާއި ހައި ޑިޕެންޑެންސީގައި 15 އެނދާއި ޕްރައިވެޓް 14 ޔުނިޓް ހުންނާނެ ކަމަށް ވިދާޅުވި އެވެ.

"ރައްޔިތުންނާ އެކު" ޕޮޑްކާސްޓުގައި ރައީސް ވާހަކަފުޅު ދައްކަވަނީ.

"ރައްޔިތުންނާ އެކު" ޕޮޑްކާސްޓުގައި ރައީސް ވާހަކަފުޅު ދައްކަވަނީ.

ރައީސް ވިދާޅުވި ގޮތުގައި ފަރުވާގެ ފެންވަރު ރަނގަޅުކުރުމަށް މިދިޔަ ދުވަސްތަކުގައި ގިނަ މަސައްކަތްތަކެއް ކުރެވުނެވެ. އޭގެ ތެރޭގައި ކުޑަކުދިންނަށް ހާއްސަ އީއާރެއް ހަދައި، މިދިޔަ ނޮވެމްބަރު މަހުން ފެށިގެން ހިދުމަތް ދެމުންދާ ކަމަށް ވިދާޅުވި އެވެ.

"މިދިޔަ ގާތްގަނޑަކަށް ހަތަރު މަހެއްހާ ދުވަހުގެ ތެރޭގައި 10،393 ކުދިން އެތަނުން ހިދުމަތް ހޯދައިފި،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ އެ ކުޑަ ދުވަސްކޮޅުގެ ތެރޭގައި އެތަނުން 10،393 ކުދިން ހިދުމަތް ހޯދާފައިވާ ކަމަށާއި އެތަން ނުހަދާ ނަމަ، އެ ކުދިން ވެސް ހިދުމަތް ހޯދާނީ އާންމުން ވެސް ބޭނުންކުރާ އީއާރުން ކަމަށެވެ.

އެތަން ހުންނާނީ ކުޑަކުދިންނަށް ކަމުދާ ހިތްގައިމު ގޮތަކަށް ކަމަށާއި އެތަނުގައި ކުޑަކުދިންގެ ހާއްސަ ޑޮކްޓަރުން ތިބުމުން، ކުޑަކުދިންނަށް ހާއްސަ ސަމާލުކަމެއް ވެސް ލިބިގެންދާ ކަމަށް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި ދަރުމަވަންތަ ހޮސްޕިޓަލާއި ހުޅުމާލޭ ހޮސްޕިޓަލު ވެސް ޓާޝަރީ ފެންވަރަށް ބަދަލުކޮށް ހިދުމަތްތައް ވަނީ އިތުރުކޮށްފަ އެވެ. އަދި ވިލިމާލޭގައި ވެސް 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލެއް އެޅުމަށް ޗައިނާ ސަރުކާރުން ދޭ ހިލޭ އެހީގެ ދަށުން ގާއިމުކުރާނެ ކަމަށް ވިދާޅުވި އެވެ. އެކަމުގައި ފައިސާގެ ދަތިކަމެއް ނެތް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.