Roadha Mihaaru

އަންނަ އަހަރު ސިއްހީ ދާއިރާ ވަރަށް ބޮޑަށް ރަނގަޅުވާނެ: ރައީސް

ރާއްޖޭގެ ސިއްހީ ދާއިރާ އަންނަ އަހަރުގެ ތެރޭގައި ވަރަށް ބޮޑަށް ރަނގަޅުވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

އަންނަ އަހަރު ސިއްހީ ދާއިރާ ވަރަށް ބޮޑަށް ރަނގަޅުވާނެ
އާސިމާ ނިޒާރު
އާސިމާ ނިޒާރު

30 މެއި 2025

ރާއްޖޭގެ ސިއްހީ ދާއިރާ އަންނަ އަހަރުގެ ތެރޭގައި ވަރަށް ބޮޑަށް ރަނގަޅުވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

"ރައްޔިތުންނާ އެކު" ޕޮޑްކާސްޓުގައި ރައީސް ވިދާޅުވީ މާލެ އާއި ރަށްރަށުގެ ސިއްހީ ދާއިރާ އޮތީ ވަރަށް ދަށުގައި ކަމަށެވެ. އެހެންވެ، އެ ހާލަތު ރަނގަޅުކުރަން މި ސަރުކާރުން ވަރަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

އޭގެ ތެރެއިން ސަރުކާރުގެ މައި ހޮސްޕިޓަލް، އައިޖީއެމްއެޗާއި ހުޅުމާލެ ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ތަރައްގީކުރަން ކުރައްވަމުން ގެންދަވާ ކަންކަމަށް އަލިއަޅުވާލެއްވި އެވެ.

އެ މަނިކުފާނު ވިދާޅުވީ ހުޅުމާލޭގެ 3 ފިޔަވަހި 300،000 މީހުންގެ އާބާދީއަކަށް ތަރައްގީކުރާއިރު، އެ ތަނުގައި މި ވަގުތު ހުރީ ބޭނުންވާ ވަރަށް ވުރެ ކުޑަ ހޮސްޕިޓަލެއް ކަމަށެވެ. ނަމަވެސް، މިދިޔަ ނޮވެމްބަރު މަހު ގިނަ ކަންކަން ފަށައި މިދިޔަ ހަފުތާގައި އިމަޖެންސީ ރޫމް ދެގުނަ ބޮޑުކުރުމާއި އަންނަ ޖުލައި މަސް ނިމެންވާއިރަށް ޑައިލިސިސް ހިދުމަތް ވެސް ފުޅާކުރާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

އެކަންކަމުގެ އިތުރުން ނޮވެމްބަރު މަހުގެ ތެރޭގައި ހޮސްޕިޓަލަށް 24 އެނދު އިތުރުވެގެންދާނެކަން ފާހަގަކުރެއްވި އެވެ.

ސަރުކާރުން އަންނަނީ ހުޅުމާލެ ހޮސްޕިޓަލް ހުރި ބިމުގައި 250 އެނދުގެ އާ ހޮސްޕިޓަލެއް އަޅަން ވެސް ތައްޔާރުވަމުންނެވެ. އެ މަސައްކަތް މިހާރު އޮތީ ޕްލޭނިން ސްޓޭޖުގަ އެވެ.

އެންމެ ގިނަ މީހުން ހިދުމަތް ހޯދަމުން އަންނަ އައިޖީއެމްއެޗުގެ ޖާގައަށް މި ފަހުން ވަނީ 75 އެނދު އިތުރުކޮށްފަ އެވެ.

ރައީސް ވިދާޅުވީ އުމްރާނީ ތަރައްގީއާއެކު މުވައްޒަފުންގެ ދަތިކަން ވެސް ހައްލުކުރަމުން އަންނަ ކަމަށެވެ.

އޭގެ ތެރެއިން، އައިޖީއެމްއެޗުގެ 218 މަގާމަށް މުވައްޒަފުން ހޯދުމަށް ކުރަންޖެހޭ ހުރިހާ ކަމެއް ނިންމައި، ގިނަ އަދަދެއްގެ ނަރުހުން ހޯދާނެ ކަމަށް ރައީސް ވިދާޅުވި އެވެ. ރަށްރަށުގެ ސިއްހީ ދާއިރާއަށް ވެސް އުމްރާނީ ގޮތުން މި ފަހުން ގިނަ އެއްބަސްވުންތަކެއްގައި ސޮއިކޮށް، މުވައްޒަފުން ހޯދަމުން އަންނަކަން އެ މަނިކުފާނު ފާހަގަކުރެއްވި އެވެ.

"އިރާދަކުރެއްވިއްޔާ ސިއްހީ ދާއިރާ މި އަހަރާއި އަންނަ އަހަރުގެ ތެރޭގައި ވަރަށް ބޮޑު ތަނުން ރަނގަޅު ވެގެންދާނެ،" ރައީސް ވިދާޅުވި އެވެ.