Roadha Mihaaru
ޑރ. އިސްނީން: ގޮހޮރުގެ ފުރަތަމަ ދިވެހި ޑޮކްޓަރު

ޑރ. އިސްނީން: ގޮހޮރުގެ ފުރަތަމަ ދިވެހި ޑޮކްޓަރު

26 ސެޕްޓެމްބަރ 2024

ވަރަށް ކުޑަ ކަމެކެވެ. މައިދާ ދުޅަވެ، އެ ދުޅަކަން ދުއްވާލަން ހަދަންޖެހެނީ އިންޓަވެންޝަނެކެވެ. ނަމަވެސް، އެކަމަށް ފަރުވާ ދޭނެ ދާއިމީ ޑޮކްޓަރެއް ނެތުމާއި އެކަށީގެންވާ ވަސީލަތްތައް ނެތުމުން އިތުރު ފަރުވާއަށް މިހާތަނަށް ފޮނުވަނީ ރާއްޖެއިން ބޭރަށެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ވަރަށް ކުޑަ ކަމެކެވެ. މައިދާ ދުޅަވެ، އެ ދުޅަކަން ދުއްވާލަން ހަދަންޖެހެނީ އިންޓަވެންޝަނެކެވެ. ނަމަވެސް، އެކަމަށް ފަރުވާ ދޭނެ ދާއިމީ ޑޮކްޓަރެއް ނެތުމާއި އެކަށީގެންވާ ވަސީލަތްތައް ނެތުމުން އިތުރު ފަރުވާއަށް މިހާތަނަށް ފޮނުވަނީ ރާއްޖެއިން ބޭރަށެވެ.

އެކަމަކު، ގޮހޮރުގެ ބަލިތަކަށް ހާއްސަވި ފުރަތަމަ ދިވެހި ޑޮކްޓަރާ އެކު އެކަން ނިމުމަކަށް އައީ ކަމަށް މިހާރު ބެލިދާނެ އެވެ. ސަބް-ސްޕެޝަލިޓީ ނިންމެވުމަށް ފަހު ޑރ. އަބްދުﷲ އިސްނީން ހިލްމީ، 37، ވަނީ މީގެ މަހެއްހާ ދުވަސް ކުރިން އައިޖީއެމްއެޗާ ގުޅިވަޑައިގެންފަ އެވެ.

ކުޑައިރު ބަލިވެގެން ޑރ. ވަހީދުގެ ކްލިނިކުން އެތައް ފަހަރަކު ފަރުވާ ހޯދައި އަދި އަވަހަށް ބަލި ރަނގަޅުވުމުން ސިއްހީ ދާއިރާއަށް ހިތްޖެހުނު އިސްނީން މެޑިސިން ނިންމެވުމަށް ފަހު މަސައްކަތް ފެއްޓެވިއިރު އުމުރުން އެންމެ 24 އަހަރެވެ.

އޭނާ ވިދާޅުވި ގޮތުގައި ފުރަތަމަ ބޭނުންވީ އީއެންޓީ ޑޮކްޓަރަކަށް ވާށެވެ. ނަމަވެސް، އިންޓަވެންޝަން ހެދުމަށް އޮތް ބޮޑު ޝައުގަކާ އެކު، ހިތުގެ ބަލި ނުވަތަ ގޮހޮރުގެ ބަލިތަކަށް ހާއްސަވުމަށް ވިސްނުން ބަދަލުވީ އެވެ.

އެކަމަކު، އައިޖީއެމްއެޗްގައި މި ވަގުތު ވެސް ހިތުގެ ބަލީގެ ފަސް ވަރަކަށް ދިވެހި ޑޮކްޓަރުން ތިބުމާއި ގޮހޮރުގެ ބަލިތަކަށް އެކަށީގެންވާ ގޮތެއްގައި ފަރުވާ ނުދެވޭތީ ގޭސްޓްރޯއެންޓްރޮލޮޖީން ހާއްސަވުމަށް ނިންމެވީ އެވެ.

"ގޭސްޓްރޯއެންޓޮލޮޖީ ކޭސަސް ގިނަ ފަހަރަށް އަޅުގަނޑުމެން ޖެހެނީ ބޭރަށް ރެފާކުރަން. ހާއްސަކޮށް، ބައެއް ފަހަރު ބްލީޑްވެގެން އަންނަ ޕޭޝަންޓުންނަށް އެއްވެސް ކަހަލަ އިންޓަވެންޝަނަލް އެންޑޮސްކޯޕީ ނުހެދި ރާއްޖެއިން ބޭރަށް ފޮނުވަންޖެހޭ،" އިސްނީން ވިދާޅުވި އެވެ.

ސަބް-ސެޕްޝަލިޓީގެ ގްރެޖުއޭޝަނަށް ފަހު ޑރ. އިސްނީން ފޮޓޯއަކަށް ހުއްޓިލައިގެން.

ސަބް-ސެޕްޝަލިޓީގެ ގްރެޖުއޭޝަނަށް ފަހު ޑރ. އިސްނީން ފޮޓޯއަކަށް ހުއްޓިލައިގެން.

"ބޮޑަށް ސިކް ޕޭޝެންޓުންނަށް ދެރަ ގޮތްތައް ވެސް ދިމާވެފައި އެބަހުރި [ފަރުވާ ލަސްވުމުން]."

އޭނާ ވިދާޅުވީ ނޭޕާލުން އެތެރެހަށީގެ ސްޕެޝަލިޓީ ނިންމެވުމަށް ފަހު 2015 ވަނަ އަހަރު އައިޖީއެމްއެޗަށް ގުޅިވަޑައިގެންނެވިއިރު ވެސް ގޮހޮރުގެ ބަލިތަކުގެ މީހުންނާ ކޮންމެ ވެސް ވަރަކަށް ދިމާވި ކަމަށެވެ. ނަމަވެސް، ސަބް-ސްޕެޝަލިޓީ ނިންމެވުމަށް ފަހު ސަރުކާރުގެ މައި ހޮސްޕިޓަލާ ގުޅިވަޑައިގަތުމާ އެކު ވެއިޓް ލިސްޓް ވެސް ދިގުވެއްޖެ އެވެ.

ދާއިމީ ޑޮކްޓަރެއް ނެތް ނަމަވެސް އައިޖީއެމްއެޗަށް ބޭރުގެ ވިޒިޓިން ގޭސްޓްރޮއެންޓޮލޮޖިސްޓުން ޒިޔާރަތްކުރެ އެވެ.

ގޭސްޓްރޯއަކީ ކޮބާ؟

ނޭޕާލުން އެމްބީބީއެސް ފުރިހަމަކުރެއްވުމަށް ފަހު 2010 ވަނަ އަހަރު އައިޖީއެމްއެޗާ ގުޅިވަޑައިގެންނެވި އިސްނީން ވިދާޅުވީ ގޭސްޓްރޯއެންޓްރޮލޮޖިސްޓުންނަކީ ހަމައެކަނި ގޭހުގެ ބަލިތަކަށް ފަރުވާ ދޭ ބައެއްކަމަށް ކަމަށް ގިނަ މީހުން ގަބޫލުކުރާ ކަމަށެވެ. ނަމަވެސް، ޑޮކްޓަރު ވިދާޅުވީ މިއީ އެއަށްވުރެ ފުޅާ، ރާއްޖެއަށް ވަރަށް މުހިއްމު ދާއިރާއެއް ކަމަށެވެ.

ގޭސްޓްރޯގެ ތެރޭގައި ކާ އެއްޗެހި ދަތުރުކުރާ ހޮޅި، ބަނޑު، ކުޑަ ގޮހޮރު، ބޮޑު ގޮހޮރު، ފުރަމޭ، ގޯލްބްލެޑާ، ޕެންކްރިއޭސްގެ މައްސަލަތައް ހިމެނެ އެވެ.

އޭނާ ވިދާޅުވި ގޮތުގައި ގޭސްޓްރޯއަކަށް މަސައްކަތް ކުރެއްވި މި ކުޑަ ދުވަސްކޮޅުގެ ތެރޭގައި، ދިވެހިންގެ ލިވާ ސިރޯސިސް ނުވަތަ ފުރަމޭ ފާރުވުމުގެ މައްސަލަ ގިނަކަން ފާހަގަކުރެވުނު ކަމަށެވެ. އެގޮތަށް ދިމާވާ މައިގަނޑު ސަބަބަކީ ގިނަ ދުވަހު ލިވާގައި ފެޓް އުފެދި، ލިވާ ދުޅަވުމަށް ފަހު ރަނގަޅުވާއިރު ލިވާ ތެރޭގައި ސްކާ ޓިޝޫ ހުންނާތީ އެވެ. އެ އެއްޗެހި 10-15 އަހަރު ވަންދެން ލިވާގެ ތެރޭގައި ހުރެއްޖެ ނަމަ އެ ގުނަވަނުގެ މަސައްކަތް ވަރަށް ބޮޑަށް ދަށްކޮށްލަ އެވެ.

ޑރ. އިސްނީންގެ ދެކަނބަލުން ދެ ދަރިފުޅާ އެކު އެފްރިކާގައި.

ޑރ. އިސްނީންގެ ދެކަނބަލުން ދެ ދަރިފުޅާ އެކު އެފްރިކާގައި.

އެހެން ގައުމުތަކުގައި ހެޕަޓައިޓިސް ބީ އަދި ހެޕަޓައިޓިސް ސީން ވެސް ލިވާ ސިރޯސިސް ދިމާވެ އެވެ. އެކަމަކު، އިސްނީން ވިދާޅުވީ ރާއްޖޭގައި ލިވާ ސިރޯސިސް ގިނައީ ލިވާގައި ފެޓް ހުންނާތީ ކަމަށެވެ.

"ފުދޭ ވަރަކަށް ލިވާ ސިރޯސިސް ޕޭޝެންޓުން އަޅުގަނޑުމެންނަށް ފެނޭ. މިދިޔަ ހަފުތާގައި [އޭގެ ކުރީ ހަފުތާ]ގައި އިމަޖެންސީކޮށް ބްލީޑިން ކޭސްއެއް ހެދިން ލިވާ ސިރޯސިސް ވެފައި އިން ޕޭޝަންޓެއް. އެ ޕޭޝަންޓުގެ ލިވާ ސިރޯސިސްއާ ހެދި ކާ އެއްޗެހި ދާ ހޮޅީގައި ހުންނަ ލޭ ހޮޅިތައް ފުދޭވަރަކަށް ބޮޑަށް ބޮޑުވެފައި އެތެރެެއަށް ފަޅައިގެން ގޮސްފައި ލޭ އަންނަން ފެއްޓީ،" އިސްނީން ވިދާޅުވި އެވެ.

"އެންޑޮސްކޮޕް ތްރޫކޮށް އެ ހޮޅިތައް މަނާކުރަން ބޭންޑެއް އަޅުވާލީ. އެ ޕްރޮސީޖާ ހެދީ."

އެންޑޮސްކޮޕީ، ގޭސްޓްރޮސްކޮޕީ، ކޮލޮނޮސްކޮޕީ އަދި ކެޕްސުލްއަންޑޮސްކޮޕީ އަކީ ގޭސްޓްރޯއެންޓްރޮލޮޖިސްޓުންނަށް ހެދޭ ޕްރޮސީޖާތަކެކެވެ. ނަމަވެސް، އެ ގޮހޮރުގެ ބައްޔަށް ހާއްސަ މީހަކު ނެތުމުން އައިޖީއެމްއެޗްގައި އެ މަސައްކަތްތައް ކުރީ ސާޖަނުންނެވެ.

ލިވާ ސިރޮސިސްއާ ހެދި ލިވާ ކެންސަރު ބަލި މީހުން ފެންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އިސްނީން ވިދާޅުވީ ފާއިތުވި ދުވަސްތަކުގައި ލިވާ ކެންސަރަށް ވެސް ތިން މީހުން ޑައިގްނޯޒް ކޮށްފައިވާ ކަމަށެވެ.

ލިވާގެ ބަލިތައް ގިނަވާއިރު، އޭގެ އެންމެ ކަންބޮޑުވާ މައްސަލައަކީ، އޭނާ ވިދާޅުވި ގޮތުގައި، ލިވާ ސިރޯސިސްގެ 20-30 ޕަސެންޓް ކޮންމެ ވެސް ހިސާބަކުން ކެންސަރަށް ބަދަލުވުމެވެ. އެހެންވެ، އެ ބައްޔަށް ދެނެގަނެވިފައިވާ ނަމަ ކޮންމެ ހަ މަހަކުން ޓެސްޓު ހަދައި ގަވައިދުން ފަރުވާ ހޯދުމަށް އޭނާ އެދިވަޑައިގަންނަވަ އެވެ.

މޭ ފާރުވާ މައިގަނޑު ސަބަބުތަކަކީ ދުންފަތުގެ އިސްތިއުމާލުކުރުމާއި ހަކުރު ބަލި، ލޭ މައްޗަށް ދިއުން އަދި އާދަޔާ ހިލާފަށް ފަލަވުން ފަދަ ކަންކަމެވެ.

ގޭސް މި އަރަނީ ކިހިނެއް؟

ގޭހުގެ އުނދަގޫވެގެން ދައްކަނީ ކަމަށް ބުނާއިރު، ވަރަށް ގިނަ ގޭސްޓްރޯ ބަލިތަކަކީ އެއް އަލާމާތްތަކެއް ހުންނަ ބައްޔެކެވެ.

ޑރ. އިސްނީން "މިހާރު" އަށް އިންޓަވިއު ދެއްވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ޑރ. އިސްނީން "މިހާރު" އަށް އިންޓަވިއު ދެއްވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ކައިގެން ބަނޑުފުއްޕުން ނުވަތަ ބަނޑަށް ތަދުވުމާއި ދިލަ ނެގުން އަދި މަތިން އެރުމަކީ ގޭސް އެރުން ކަމަށް ބައެއް މީހުން ވިސްނަ އެވެ.

އިސްނީން ވިދާޅުވީ، ބަނޑުން 1.5 ލީޓަރުގެ ގޭސްޓްރިކް ޖޫސް އުފައްދާ ކަމަށެވެ. އެ އުފެދުމުން ކާ ތަކެތި ދަތުރުކުރާ ހޮޅި އަދި ބަނޑާ ގުޅޭ ޖަންކްޝަން ތަންކޮޅެއް ދޫކޮށް ހުރެއްޖެ ނަމަ އެސިޑް މައްޗަށް އަރައިގެން ދެ އެވެ. އެ ޖަންކްޝަން ދޫވުމަށް ދިމާވާ ސަބަބުތަކުގެ ތެރޭގައި ހައިޓަ ހާނިއާ، ފުއްޕާމޭގެ ކެވިޓީ ތެރޭގައި ބަނޑުގެ ކޮންމެ ވެސް ބައެއް މައްޗަށް އަރައިގެން ދިއުން ހިމެނެ އެވެ.

ގޭސްޓްރިކް ޖޫސްތައް މައްޗަށް އަރައިގެން މެއިން ދިލަނަގާ، މަތިން ދިލަ ނަގައި އަދި މަތިން އަރާ ކަހަލަ ގޮތެއް ވާ ނަމަ އެއީ ގޭސްޓްރިކް ރިފްލެކްސް އެވެ.

އިސްނީންގެ އޭނާގެ މަންމަ އާއި ބައްޕަ އަދި އަނބިކަނބަލުންގެ މަންމަ އާއި ބައްޕައާ އެކު.

އިސްނީންގެ އޭނާގެ މަންމަ އާއި ބައްޕަ އަދި އަނބިކަނބަލުންގެ މަންމަ އާއި ބައްޕައާ އެކު.

ގޭސްޓްރައިޓިސް އަކީ ބަނޑުގެ އެތެރެފަށަލަ ދުޅަވުމެވެ. އެ ދުޅަކަން، ހުންނަން ވާ ވަރަށް ވުރެ ގިނައިން ގޭސްޓްރިކް އުފެދުމުން އަދި ބައެއް ފަހަރު ހެލިކޯ ބެކްޓާ ޕައިލޮރީ ކިޔާ އޭޝިއާގައި ވަރަށް އާއްމު ބެކްޓީރިއާއެއްގެ ސަބަބުން ވެސް އެހެން ދިމާވެ އެވެ. ގޭހުގެ އެ އުނދަގޫތައް ދިމާވާ މައިގަނޑު އެއް ސަބަބަކީ އިސްނީން ވިދާޅުވި ގޮތުގައި ދުންފަތުގެ އިސްތިއުމާލްކުރުމެވެ.

އެހެންވެ، ގޭހުގެ އުނދަގޫވާ ނަމަ ކެއުމަށް ބަލައިގެން އަދި މަދުމަދުން ކެއުމާއި ބަހާލައިގެން ކެއުމާއި ކުޅި/ތެޔޮ އެއްޗެހި މަދުކުރުމާއި ނިދާއިރު ބޯކޮޅު 30 ޑިގްރީއަށް ހިއްލާލުން ފަދަ ކަންކަން ސަމާލުކަން ދިނުން މުހިއްމުކަމަށް ވިދާޅުވި އެވެ.

އެ ހުރިހާ މައްސަލަތަކަށް ފަރުވާ ދެވޭނެ ޑޮކްޓަރެއް މިހާރު ލިބުނީ އެވެ. ނަމަވެސް، ބޭނުންވާ އިތުރު ވަސީލަތްތައް ގެނެސް، ފުރިހަމަ އިންޓަވެންޝަންތައް ހެދުމަކީ އިސްނީންގެ މިހާރުގެ އުއްމީދެވެ.

"ވަރަށް ގިނަ ބައެއްގެ އެހީތެރިކަމާއެކު މި ހިސާބަށް އާދެވުނީ. ހެއްދެވި ފަރާތަށް ހަމްދުކޮށް، އަޅުގަނޑުގެ މައިންބަފައިންނާއި އަންހެނުން އަދި ދެ ފަރާތުގެ އާއިލާއަށް ވަރަށް ބޮޑު ޝުކުރެއް އަދާކުރަން. ސައުތު އެފްރިކާގައި ސަބް-ސްޕެޝަލިޓީ ނިންމުނީ އައިޖީއެމްއެޗްގެ ޕޭ-ލީވްގައި." އޭނާ ވިދާޅުވި އެވެ.