Roadha Mihaaru
ނުތަކާ ވަރަށް ފަރުވާދޭން ޖެހިދާނެތީ ބިރުއެބައޮތް: މޫސަ

އެންމެ ބޮޑު ބިރަކީ ނުތަކާ ވަރަށް ފަރުވާދޭން ޖެހިދާނެތީ: ޑރ. މޫސަ

09 އެޕްރީލް 2020

ކޮވިޑް-19ގެ ފަރުވާގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ އާއްމުންގެ ތެރޭގައި ބަލި ފެތުރި، ހޮސްޕިޓަލްތަކަށް ނުތަކާ ވަރަށް އެއްފަހަރާ ފަރުވާދޭން ޖެހިދާނެތީ ކަަމަށާއި އެކަމަށް ތައްޔާރުވުމުގެ ގޮތުން ކްރިޓިކަލް ކެއާ އަށް މިހާތަނަށް 400 އަށް ވުރެން ގިނަ މީހުން ތަމްރީންކޮށްފައިވާ ކަމަށް އައިޖީއެމްއެޗުގެ ސީނިއާ ޑޮކްޓަރު މޫސާ ހުސެއިން ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ކޮވިޑް-19ގެ ފަރުވާގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ އާއްމުންގެ ތެރޭގައި ބަލި ފެތުރި، ހޮސްޕިޓަލްތަކަށް ނުތަކާ ވަރަށް އެއްފަހަރާ ފަރުވާދޭން ޖެހިދާނެތީ ކަަމަށާއި އެކަމަށް ތައްޔާރުވުމުގެ ގޮތުން ކްރިޓިކަލް ކެއާ އަށް މިހާތަނަށް 400 އަށް ވުރެން ގިނަ މީހުން ތަމްރީންކޮށްފައިވާ ކަމަށް އައިޖީއެމްއެޗުގެ ސީނިއާ ޑޮކްޓަރު މޫސާ ހުސެއިން ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވްވީ 19 މީހުންނެވެ. އޭގެތެރެއިން އެންމެ ހާލުބޮޑުވީ އިޓަލީގެ ދެމަފިރިންނާ އެކު ޖުމްލަ 13 މީހަކު ވަނީ ބަލިން ރަނގަޅުވެފަ އެވެ.

މި ފަރުވާގައި އިސްކޮށް އުޅުއްވާ ޓީމުގައި ހިމެނިވަޑައިގަންނަވާ މޫސަ "މިހާރު" އަށް ދެއްވި ޚާއްސަ އިންޓަވިއެއްގައި ވިދާޅުވީ ހެލްތު ސިސްޓަމަށް ނުތަކާ ވަރަށް މީހުންނަށް ފަރުވާދޭން ޖެހިއްޖެ ނަމަ ހަދާނެ ގޮތަކާ ދޭތެރޭ މެޑިކަލް ޓީމުގެ ވެސް ކަންބޮޑުވުން އެބައޮތް ކަމަށެވެ. މިއީ، ހެލްތު ޕްރޮޓެކްޝަން އޭޖެންސީ އާއި ކޮވިޑް ޓާސްކް ފޯހުގައި ހިމެނިވަޑައިގަންނަވާ ސިއްހީ ޚިދުމަތްތެރިންގެ ވެސް އޮތް ނުތަނަވަސްކަމެކެވެ.

އައިޖީއެމްއެޗުގެ މުވައްޒަފުންތަކަކަށް ކްރިޓިކަލް ކެއާގެ ތަމްރީނުތައް ދެނީ.

އައިޖީއެމްއެޗުގެ މުވައްޒަފުންތަކަކަށް ކްރިޓިކަލް ކެއާގެ ތަމްރީނުތައް ދެނީ.

މިކަމުން އަރައިގަނެވޭނެ ހަަމައެކަނި ފަރުވާއަކީ ގޭގައި ތިބުމާއި ރަނގަޅު އާދަކާދަތައް ކުރިއެރުވުން ކަމަށް އެ ބޭފުޅުން ގެންދަވަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ. މި ހާލަތު، ބައެއް މީހުންނަށް ނުވިސްނޭތީ މިހާރު އަންނަނީ އާއްމުންގެ ތެރެއަށް ފެތުރި، އެންމެ ގޯސްވެގެން ހިނގައިދާނެ ހާލަތަކަށް ވެސް ތައްޔާރުވަމުންނެވެ.

މޫސަ ވިދާޅުވީ އާއްމުންގެ ތެރެއަށް ބަލި ފެތުރިއްޖެ ހާލަތެއްގައި އެއްފަހަރާ އެތައް ބަޔަކަށް ފަރުވާދެވޭނެ ވަސީލަތްތަކެއް ރާއްޖޭގައި ނެތް ކަމަށެވެ.

"އެފަދަ ހާލަތެއްގައި މިހާރު ހުރި ބެޑެއް، އޮކްސިޖަންއެއް، ވެންޓިލޭޓަރަކުން ނުފުދޭނެ، އެވަރަށް އެޓެންޑްވާކަށް ޑޮކްޓަރުންނާއި ނަރުހުން ނުތިބޭނެ. އެއީ އެންމެ އުނދަގޫވާނެ ހާލަތަކަށް ވެއްޓޭނެ ވަގުތު،" މޫސަ ވިދާޅުވި އެވެ.

"އެއްވެސް ކަމެއް ނުކުރެވޭނެއޭ ބުނެ މަރުވާން ދޫކޮށްލުން އެއީ އުނދަގޫވާނެ ހާލަތެއް."

ކޮވިޑް-19ގެ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕްގެ ބޭފުޅުން: އާއްމުންގެ ތެރޭގައި ބަލި ފެތުރުނަ ނުދޭން ގިނަ ވިސްނުތަކެއް ކުރިއަށް ނެރުއްވައި ފިޔަވަޅުތައް އަޅަން ޓެގުން އަންނަނީ ލަފާ ދެމުން. --ފޮޓޯ: އަހްމަދު އައުޝަން/މިހާރު

ކޮވިޑް-19ގެ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕްގެ ބޭފުޅުން: އާއްމުންގެ ތެރޭގައި ބަލި ފެތުރުނަ ނުދޭން ގިނަ ވިސްނުތަކެއް ކުރިއަށް ނެރުއްވައި ފިޔަވަޅުތައް އަޅަން ޓެގުން އަންނަނީ ލަފާ ދެމުން. --ފޮޓޯ: އަހްމަދު އައުޝަން/މިހާރު

އޭނާ ވިދާޅުވި ގޮތުގައި ކްރިޓިކަލް ކެއާގެ މީހުން ރާއްޖޭގައި މަދުވުމާއި އެހެން ގައުމުތަކުން މިވަގުތަށް މީހުން ހޯދަން އުނދަގޫތަކެއް ކުރިމަތިވާނެތީ، ވަރަށް ގިނަ އަަދަދެއްގެ ބަޔަކު ވަނީ އައިޖީއެމްއެޗުގައި ތަމްރީންކޮށްފަ އެވެ. އޭގެތެރޭގައި، އެކި ބަލިތަކަށް ޚާއްސަ ޑޮކްޓަރުންނާއި ނަރުހުން ވެސް ހިމެނެ އެވެ.

ކްރިޓިކަލް ކެއާ އަށް ތަމްރީންކުރާ ޓީމުގައި ސައުތު އެފްރިކާގެ އިތުރުން އެމެރިކާ އާއި އިނގިރޭސި ވިލާތުގެ ދެ ޑޮކްޓަރުންނާއި ދެ ނަރުހުންގެ އިތުރުން މެޑިކަލް ޓެކްނީޝަނެއް ހިމެނެ އެވެ.

މޫސަ ވިދާޅުވީ ކްރިޓިކަލް ކެއާ އަށް މޮޑިއުލެއް ހެދީ ވަރަށް ގިނަ ޑޮކްޓަރުންގެ މަޝްވަރާއަށް ފަހު ކަމަށެވެ. ތަމްރީން ދީފި ނަމަ، ރާއްޖޭގައި އެކަން ނުކުރެވޭނެ ޑޮކްޓަރަކު ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

"ކަށީގެ ޑޮކްޓަރުންނާއި އަންހެނުންގެ ޑޮކްޓަރުންނާއި ހަމުގެ ޑޮކްޓަރުންނާއި އެހެން ވެސް ޚާއްސަ ބަލިތަކުގެ ޑޮކްޓަރުންނަށް މި ދަސްކޮށްދެނީ ކަރަށް ހޮޅިލައްވާށާއި ވެންޓިލޭޓަ މެނޭޖްކުރާށާއި އަމިއްލަ ޕްރޮޓެކްޝަން. އެކަމަށް މި ދެ ދުވަހުގެ ޓްރޭނިންތައް މި ބާއްވަނީ،" މޫސަ ވިދާޅުވި އެވެ.

"ސާމާނުތައް ހުއްޓަސް މީހުން ނެތިއްޔާ ފަރުވާއެއް ކުރިއަކަށް ނުގެންދެވޭނެތީ މި ތަމްރީން މުހިއްމުވަނީ،"

އައިޖީއެމްއެޗުގައި މި ތަމްރީންތައް ކުރިއަށް ގެންދާތާ މިހާރު މަހަކަށް ވުރެން ގިނަ ދުވަސްވެއްޖެ އެވެ.

ޑރ. މޫސަ، އައިޖީއެމްއެޗުގެ މުވައްޒަފުންތަކަކަށް ކްރިޓިކަލް ކެއާގެ ތަމްރީނުތައް ދެއްވަނީ.

ޑރ. މޫސަ، އައިޖީއެމްއެޗުގެ މުވައްޒަފުންތަކަކަށް ކްރިޓިކަލް ކެއާގެ ތަމްރީނުތައް ދެއްވަނީ.

މޫސަ ވިދާޅުވި ގޮތުގައި ކްރިޓިކަލް ކެއާ އަށް 400 މީހުން ތަމްރީންކުރެވުމަކީ މިދާއިރާ އަށް ހިތްހަމަޖެހުމެކެވެ. ކުއްލި މި ހާލަތުގައި ތަމްރީންތައް ދިނަސް، ކްރިޓިކަލް ކެއާ އަށް ދެ ދުވަހުން މީހަކު ތަމްރީނެއް ނުކުރެވޭނެ ކަން ވެސް މޫސަ ފާހަގަކުރެއްވި އެވެ. އެކަމަކު މި ތަމްރީންތައް އަތޮޅުތެރޭގައި ވެސް ފުޅާކުރަން ވަނީ ނިންމައިފަ އެވެ.

ރާއްޖެ އިން ޕޮޒިޓިވްވީ މީހުންގެ ތެރެއިން ގިނަ މީހުން ރަނގަޅުވުމަކީ، ފަރުވާގައި ވެސް ރާއްޖެ އިން ހޯދި ވަރަށް ބޮޑު ކާމިޔާބީއެކެވެ. މިއާއެކު، މި ބަލި އާއްމުންގެ ތެރެއަަށް މިހާތަށް ނުފެތުރި އޮތީ، ކޮވިޑް-19 ޓާސްކްފޯހާއި ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން އަޅަމުން އަންނަ ހަރުދަނާ ފިޔަވަޅުތަކާ ހެދި އެވެ.

ޓާސްކްފޯހުގެ އެންމެ ބޮޑު އަމާޒަކީ، އާއްމުންގެ ތެރޭގައި ވައިރަސް ފެތުރުނަ ނުދިނުމެވެ.