Roadha Mihaaru
ބިދޭސީގެ ފުރާނަ ސަލާމަތްކުރަން ލިބުނީ ކުޑައިރުކޮޅެއް

ބިދޭސީގެ ފުރާނަ ސަލާމަތްކުރަން ލިބުނީ ކުޑައިރުކޮޅެއް: އައިޖީއެމްްއެޗް

05 މެއި 2020

ހެމޮރެޖިކް ސްޓްރޯކެއްގެ ސަބަބުން އައިޖީއެމްއެޗްގައި މިއަދު މަރުވި ބަންގްލަދޭޝްގެ އުމުރުން 22 އަަހަރުގެ މީހާގެ ފުރާނަ ސަލާމަތްކުރަން މަސައްކަތް ކުރަން މާ ގިނަ ވަގުތެއް ނުލިބުނު ކަމަށްް އެ ހޮސްޕިޓަލުން މިއަދު ބުނެފި އެވެ. އޭނާ ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފަ އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ހެމޮރެޖިކް ސްޓްރޯކެއްގެ ސަބަބުން އައިޖީއެމްއެޗްގައި މިއަދު މަރުވި ބަންގްލަދޭޝްގެ އުމުރުން 22 އަަހަރުގެ މީހާގެ ފުރާނަ ސަލާމަތްކުރަން މަސައްކަތް ކުރަން މާ ގިނަ ވަގުތެއް ނުލިބުނު ކަމަށްް އެ ހޮސްޕިޓަލުން މިއަދު ބުނެފި އެވެ. އޭނާ ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފަ އެވެ.

ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ޕްރެސް ބްރީފިން އެއްގައި އައިޖީއެމްއެޗްގެ ރެސްޕިރޭޓަރީ ސްޕެޝަލިސްޓް ޑރ. މޫސާ ހުސައިން ވިދާޅުވީ އެ ބިދޭސީ ފިރިހެންމީހާގެ ފުރާނަ ސަލާމަތް ކުރެވޭތޯ ކުރެވެން ހުރި ހުރިހާ މަސަައްކަތެއް ހޮސްޕިޓަލުން ކުރި ކަމަށާއި ނަމަވެސް ހޮސްޕިޓަލަށް ގެންދިޔަ އިރު ވަރަށް ގިނަ ވަގުތު ފާއިތުވެފައިވާ ކަމަށެވެ. ޑރ. މޫސަ ވިދާޅުވި ގޮތުގައި އައިޖީއެމްއެޗަށް ގެންދިޔައިރު ވެސް އެ މީހާގެ ސިކުނޑީގެ ލޭހޮޅިއެއް ފަޅައިގެން ގޮސް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފަ އެވެ.

"އަޅުގަނޑުމެންނަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރިން ފުރާނަ ސަލާމަތްކުރުމަށްޓަކައި އެކަމަކު ސިކުނޑިއަށް ލޭ ފޭބުމުގެ ސަަބަބުން ވަރަށް ބޮޑަށް ވަގުތު ފާއިތުވެފައި ހުރީ،" އޭނާ ވިދާޅުވި އެވެ.

އެ މީހާ އައިޖީއެމްއެޗަށް ގެންދިޔައީ ސެނެހިޔާ ހޮސްޕިޓަލްގައި ހުންނަ ފްލޫ ކްލިނިކަށް ދައްްކަން ގޮސްް ހުއްޓާ އޭނާ އަށް ފިޓްޖެހުމުންނެވެ. އެ މީހާ މަރުވި ސަބަބާ ބެހޭ ގޮތުން އައިޖީއެމްގެ އިންޓާނަލް މެޑިސިން ސްޕެޝަލިސްޓް ޑރ. މުހައްމަދު ފައިޝަމް ވިދާޅުވީ މަރުވި މީހާގެ ސިކުނޑި އަށް ވަރަށް ބޮޑަށް ލޭ އަރާފައިވާކަން އެހިސްޕިޓަލުން ހެދި ސީޓީ ސްްކޭނުން ދައްކާ ކަމަށެވެ.

މިއަދުގެ މެންދުރުގެ މީޑިއާ ބްރީފިންގައި ޑރ. ފައިޝަމް ވާހަކަ ދައްކަވަނީ.

މިއަދުގެ މެންދުރުގެ މީޑިއާ ބްރީފިންގައި ޑރ. ފައިޝަމް ވާހަކަ ދައްކަވަނީ.

"ލޭ އަރަން ދިމާވި ސަބަބަށް ވެދާނެ ލޭހޮޅިއެއް ފަޅައިގެން ގޮސްގެން ސިކުނޑި ތެރެއަށް ލޭ އަރައިގެން ގޮސްގައި އޭނާއަށް ވީ އުނދަގޫތައް ވެސް،" ޑރ. ފައިޝަމް ވިދާޅުވި އެވެ.

ފިޓްޖެހުމާއި ހިތް ހުއްޓުން ފަދަ އެހެން ކަންތައްތަކަކީ އޭނާގެ ސިކުނޑިއަށް ވެފައި ހުރި ގެއްލުންތަކުގެ ސަބަބުން ކުރިމަތިވި ކަންތައްތައް ކަމަށް ވެދާނެ ކަމަށާއި ސިކުނޑިއަށް ލޭ އެރީ ކުރިން ވެސް ހުރި ބައްޔެއްގެ ސަބަބުން ކަމަށް ލަފާ ކުރެވޭ ކަމަށް ޑޮކްޓަރު ވިދާޅުވި އެވެ.

"މިސާލަކަށް ސިކުނޑީގެ ތެރޭގައި ލޭހޮޅިއެއް އުފެދުމުގައި ހުރި އައިބަކަށް ވުން ވެދާނެ. އެހެން ނޫނިިއްޔާ މިސާލަކަށް ފަހަރެއްގައި ވެދާނެ ކޮންމެވެސް ކަހަލަ ކެންސަރެއްގެ އެހެން ނޫނިއްޔާ ޓިއުމަރެއްގެ އަލާމާތެއް ސިކުނޑީގައި ހުރީ ކަމަށް ވެސް،" ޑރ. ފައިޝަމް ވިދާޅުވި އެވެ.

މިއަދު މަރުވި ބަންގްލަދޭޝްގެ މީހާ ހުޅުމާލޭގެ ސަހަރާގައި ވަޅުލުމާ ގުޅޭ ކަންތައްތަކުގައި ސިފައިންގެ މީހުން ހަރަކާތްތެރިވަނީ.---ފޮޓޯ: އެމްއެންޑީއެފް

މިއަދު މަރުވި ބަންގްލަދޭޝްގެ މީހާ ހުޅުމާލޭގެ ސަހަރާގައި ވަޅުލުމާ ގުޅޭ ކަންތައްތަކުގައި ސިފައިންގެ މީހުން ހަރަކާތްތެރިވަނީ.---ފޮޓޯ: އެމްއެންޑީއެފް

ދެ ޑޮކްޓަރުން ވެސް ވިދާޅުވީ ބިދޭސީ މީހާ މަރުވީ ކޮވިޑް-19 ޖެހި، އެބަލި ބޮޑުވުމުގެ ސަބަބުން ކަމަށް ބެލެވޭނެ އެއްވެސް އަލާމާތެއް ނެތް ކަމަށެވެ. ކޮވިޑްގައި ބަލިބޮޑުވެ، މީހުންގެ ފުރާނަ އަށް ނުރައްްކާ ވަނީ ނިއުމޯނިއާ އަށް ބަދަލުވެ، އޮކްސިޖަން މަދުވުމުގެ ސަބަބުންނެވެ. އެކަމަކު މިހާރު އަމަލުކުރަމުން އަންނަ އުސޫލަކީ ބަލިވެގެން ޑޮކްޓަރަށް ދައްކަން އަންނަ ހުރިހާ އެންމެން ވެސް ކޮވިޑް އަށް ޓެސްޓް ކުރުމެވެ.

ޑަބްލިއުއެޗްއޯ އިން މިހާރު ބަލާ މިންގަނޑަކީ މަރުވާ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައި ވާ ނަމަ އެއީ ކޮވިޑާ ގުޅުން ހުރި މަރެއްގެ ގޮތުގައި ރެކޯޑް ކުރުމެވެ. އެގޮތުން ބިދޭސީ މީހާގެ މަރަކީ ރާއްޖޭގައި ކޮވިޑްގެ ދެވަނަ މަރެވެ.

ރާއްޖޭގައި ކޮވިޑް-19 ޖެހިގެން ފުރަތަމަ މަރުވީ އުމުރުން 83 އަހަރުގެ އަންހެނެކެވެ. އޭނާ މަރުވީ މިދިޔަ މަހުގެ 29 ވަނަ ދުވަހުގެ ރޭގަ އެވެ. އެ ބައްޔަށް ޕޮޒިޓިވް ވެފައިވާ ޑައިރެކްޓް ކޮންޓެކްޓަކާ ގުޅުން ހުރި އެ މީހާގެ ޓެސްޓުގެ ނަތީޖާ ލިބުނުއިރު ވަނީ މަރުވެފަ އެވެ. އެހެންވެ، ޓެސްޓު ހެދުމާއި އެހެން ބައެއް ކަންކަމުގައި އިހުމާލެއް އުޅޭ ކަމަށް ވާހަކަ ދެއްކެވޭތީ އެކަން ބަލަމުން އަންނަ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވަނީ ވިދާޅުވެފަ އެވެ.

މިދިޔަ މާޗް 7 ން ފެށިގެން ރާއްޖެ އިން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައި ވަނީ މިހާތަނަށް 557 މީހުންނެވެ. އޭގެ ތެރެއިން ބަންގްލަދޭޝްގެ މީހުންގެ އަދަދަކީ 283 އެވެ. ދެން އެންމެ ގިނައީ ދިވެހިންނެވެ. މިހާތަނަށް 183 ދިވެއްސަކަށް އެ ބަލި ޖެހިފައިވާއިރު އެންމެ ގިނަ މީހުން ފެނުނީ މާލެ އިންނެވެ. ތިންވަނަ އަށް އެންމެ ގިނައިން ރާއްޖެ އިން ކޮވިޑް-19 ޖެހުނީ އިންޑިއާ މީހުންނަށެވެ. އެ ގައުމުގެ 52 މީހަކު މިހާތަނަށް ވަނީ ޕޮޒިޓިވްވެފަ އެވެ.

ރާއްޖެ އިން ކޮވިޑް-19 ޖެހުނު 500 އަށް ވުރެ ގިނަ މީހުންގެ ތެރެއިން މިހާތަނަށް ރަނގަޅުވީ އެންމެ 18 މީހުންނެވެ. ދެ މީހަކު ވަނީ އެ ބަލީގައި މަރުވެފަ އެވެ. އެއީ ދިވެއްސަކާއި ބަންގްލަދޭޝްގެ މީހެކެވެ.