Roadha Mihaaru
ޕާކިސްތާން ޑޮކްޓަރުންނާ އެކު މެޑިކަލް ކޭމްޕް ފަށައިފި

ޕާކިސްތާން ޑޮކްޓަރުންނާ އެކު މެޑިކަލް ކޭމްޕް ފަށައިފި

08 ޖުލައި 2018

ޕާކިސްތާންގެ ސުޕަ ސްޕެޝަލިސްޓް ޑޮކްޓަރުންނާ ގުޅިގެން ބާއްވާ މެޑިކަލް ކޭމްޕް ރާއްޖޭގެ އަށް ހޮސްޕިޓަލެއްގައި މިއަދު ފަށައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ޕާކިސްތާންގެ ސުޕަ ސްޕެޝަލިސްޓް ޑޮކްޓަރުންނާ ގުޅިގެން ބާއްވާ މެޑިކަލް ކޭމްޕް ރާއްޖޭގެ އަށް ހޮސްޕިޓަލެއްގައި މިއަދު ފަށައިފި އެވެ.

ހެލްތު މިނިސްޓްރީން ބުނީ އަންނަ ހުކުރު ދުވަހާ ހަމައަށް ބާއްވާ މި ކޭމްޕް، އައިޖީއެމްއެޗްގެ އިތުރުން ބައެއް ރީޖަނަލް ހޮސްޕިޓަލްތަކާއި އަތޮޅު ހޮސްޕިޓަލްތަކުގައި ވެސް ކުރިއަށް ދާނެ ކަމަށެވެ.

ރާއްޖޭގެ ހެލްތު މިނިސްޓްރީ އާއި ޕާކިސްތާނު އެމްބަސީ ގުޅިގެން ހިންގާ ކޭމްޕުގައި ޑޮކްޓަރުން ބަލަން ހަމަޖައްސާފައިވަނީ ހއ. އަތޮޅު ހޮސްޕިޓަލް، ހދ. ރީޖަނަލް ހޮސްޕިޓަލް، ށ. އަތޮޅު ހޮސްޕިޓަލް، ފ. އަތޮޅު ހޮސްޕިޓަލް، ދ. އަތޮޅު ހޮސްޕިޓަލް، ތ. އަތޮޅު ހޮސްޕިޓަލްގެ އިތުރުން ލ. ގަމު ރީޖަނަލް ހޮސްޕިޓަލުގަ އެވެ.

އެ ކޭމްޕުގައި ޕާކިސްތާނުގެ ސުޕަ ސްޕެޝަލިސްޓް ހަތް ޑޮކްޓަރުން ބައިވެރިވެ އެވެ. މީގެ ތެރެއިން އައިޖީއެމްއެޗުގައި ބަލާނީ ޔޫރޯލޮޖިސްޓާއި އުރަމަތީގެ ސާޖަން އާއި ކާޑިއޯތޮރެސިކް ސާޖަން އަދި ނިއުރޯސާޖަނެކެވެ.

ރީޖަނަލް އަދި އަތޮޅު ހޮސްޕިޓަލްތަކުގައި ބަލާނީ ނިއުރޯލޮޖިސްޓާއި އޯތޮޕީޑިކް ސާޖަން އަދި އީއެންޓީ ސްޕެޝަލިސްޓުންނެވެ.

އައިޖީއެމްއެޗުން މިހާރު ވަނީ އަންނަ އަންގާރަ ދުވަހާ ހަމައަށް، ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން ހަވީރު 4:00 އަށް އެ ކޭމްޕަށް ރަޖިސްޓްރީވާން މުއްދަތު ދީފަ އެވެ. އައިޖީއެމްއެޗުގެ 3335300 ނަމްބަރަށް ގުޅައިގެން އަދި އެ ހޮސްޕިޓަލްގެ ސާޖަރީ ޑިޕާޓްމަންޓުން ވެސް ރަޖިސްޓްރީކުރެވޭނެ އެވެ.