Roadha Mihaaru
އާބާދީގެ ނިސްބަތުން ރާއްޖޭގައި ޑޮކްޓަރުން ގިނަ

މައި ހޮސްޕިޓަލަށް 70 އަހަރު، ޑޮކްޓަރުން އެންމެ ގިނަ އެއް ގައުމަކީ ރާއްޖެ!

11 ޖެނުއަރީ 2018

ސަރުކާރުން ރާއްޖޭގައި މައި ހޮސްޕިޓަލެއް އެޅިތާ މިއަދަށް 70 އަހަރު ފުރިފައިވާއިރު އާބާދީގެ ނިސްބަތުން ދުނިޔޭގައި އެންމެ ޑޮކްޓަރުން ގިނަ އެއް ގައުމަކީ ރާއްޖެ ކަމަށް، އައިޖީއެމްއެޗުން މިއަދު ބުނެފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ސަރުކާރުން ރާއްޖޭގައި މައި ހޮސްޕިޓަލެއް އެޅިތާ މިއަދަށް 70 އަހަރު ފުރިފައިވާއިރު އާބާދީގެ ނިސްބަތުން ދުނިޔޭގައި އެންމެ ޑޮކްޓަރުން ގިނަ އެއް ގައުމަކީ ރާއްޖެ ކަމަށް، އައިޖީއެމްއެޗުން މިއަދު ބުނެފި އެވެ.

"ޑޮކްޓަރުގޭގެ" ނަމުގައި 1948ގައި ދޭން ފެށި ސިއްހީ ހިދުމަތް، އެކި އަހަރުތަކުގައި އެކި ނަން ނަމަށް ބަދަލުވެ، މިހާރު އެ ހޮސްޕިޓަލް ހިންގަނީ އައިޖީއެމްއެޗުގެ ނަމުގަ އެވެ. އެ ހިދުމަތަށް 70 އަހަރު ފުރުން ފާހަގަ ކުރުމަށް އައިޖީއެމްއެޗުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން ސިއްހީ ގޮތުން ރާއްޖެ އަށް ގިނަ ހިދުމަތްތަކެއް ކުރައްވާފައިވާ އަދި އައިޖީއެމްއެޗުގެ ގަވަނިން ބޯޑުގެ ޗެއާމަން ޑރ. އަބްދުލް އަޒީޒް ޔޫސުފް ވިދާޅުވީ ރާއްޖޭގައި 600 އަށް ވުރެ ގިނަ ޑޮކްޓަރުން މިހާރު ހިދުމަތް ދެމުން އަންނަ ކަމަށެވެ. އެއީ ރާއްޖޭގެ އާބާދީގެ ކޮންމެ 700 މީހަކަށް ޑޮކްޓަރެއް ކަމަށާއި އާބާދީގެ ނިސްބަތަށް ބަލާއިރު، އެހެން ގައުމުތަކަށް ވުރެ ރާއްޖޭގައި ޑޮކްޓަރުން ގިނަ ކަމަށް އޭނާ ވިދާޅުވި އެވެ.

ގިނަ ބައެއްގެ މަގުބޫލުކަން ހޯއްދަވާފައިވާ ޑޮކްޓަރު، އަޒީ ވިދާޅުވީ ސިއްހީ ގޮތުން އެންމެ ތަރައްގީ ވެފައިވާ ސިންގަޕޫރާއި އެމެރިކާ ފަދަ ގައުމުތަކުގައި ވެސް ތިބެނީ ކޮންމެ 600-500 މީހަކަށް ޑޮކްޓަރެއް ކަމަށާއި މި ސަރަހައްދުގެ ބައެއް ގައުމުތަކަށް ބަލާއިރު ކޮންމެ 2000-3000 މީހަކަށް ވެސް ޑޮކްޓަރުން ހުންނަ ކަމަށެވެ. އެހެންވެ، ރާއްޖޭގެ ކޮންމެ 700 މީހަކަށް ޑޮކްޓަރަކު ހުރުމަކީ ސިއްހީ ދާއިރާއަށް ލިބިފައިވާ ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ރާއްޖޭގައި 600 އަށް ވުރެ ގިނަ ޑޮކްޓަރުން ތިބޭއިރު އޭގެ ތެރެއިން 200އަށް ވުރެ މީހުންނަކީ ދިވެހިންނެވެ. އަދި އައިޖީއެމްއެޗުގައި 200 އަށް ވުރެ ގިނަ ޑޮކްޓަރުން މަސައްކަތް ކުރާއިރު އޭގެ ތެރެއިން 180 މީހުންނަކީ ސްޕެޝަލިސްޓުން ކަން ވެސް އަޒީ ފާހަގަ ކުރެއްވި އެވެ.

ރާއްޖޭގެ ސިއްހީ ދާއިރާ އަށް އައިސްފައިވާ ކުރިއެރުންތައް ފާހަގަ ކުރައްވައި އޭނާ ވިދާޅުވީ ވޭތުވެދިޔަ 70 އަހަރަށް ބަލާއިރު ފުރަތަމަ 35 އަހަރުގެ ތެރޭގައި ސިއްހީ ހިދުމަތް ފޯރުކޮށްދެމުން އައީ ވަރަށް ހަނިކޮށް ކަމަށެވެ. އެގޮތުން މާލޭން ބޭރުގައި ހޮސްޕިޓަލެއް އަޅައި ޑޮކްޓަރުން ރަށްރަށަށް ފޮނުވަން ސަރުކާރުން ނިންމީ 1985ގައި ކަމަށާއި އެހާ ހަމައަށް ހުރިހާ ރަށެއްގައި ވެސް ހިދުމަތް ދެމުން އައީ ކޮމިއުނިޓީ ހެލްތު ވޯކަރުން ކަމަށް އޭނާ ވިދާޅުވި އެވެ.

މާލޭން ބޭރުގައި އެންމެ ފުރަތަމަ ސަރުކާރުން ހޮސްޕިޓަލެއް އަޅާފައިވަނީ ހދ. ކުޅުދުއްފުއްޓާއި ރ. އުނގޫފާރާއި އައްޑޫގަ އެވެ. އަދި މާލޭން ބޭރުގައި ހިދުމަތް ދޭ ފުރަތަމަ ޑޮކްޓަރެއްގެ ގޮތުން ކުޅުދުއްފުއްޓަށް ޑރ. އަބްދުﷲ ވަހީދު ފޮނުއްވި އިރު އުނގޫފާރަށް ފޮނުއްވީ މަރުހޫމް ޑރ. އަހުމަދު ރާޒީ އެވެ.

މިއަދުގެ ރަސްމިއްޔާތުގައި އައިޖީއެމްއެޗުގެ ސީއީއޯ ފަރުހަތު ވާހަކަ ދައްކަވަނީ-- މިހާރު ފޮޓޯ: ހުސެން ވަހީދު

މިއަދުގެ ރަސްމިއްޔާތުގައި އައިޖީއެމްއެޗުގެ ސީއީއޯ ފަރުހަތު ވާހަކަ ދައްކަވަނީ-- މިހާރު ފޮޓޯ: ހުސެން ވަހީދު

އައްޑޫގައި ހިދުމަތް ދެއްވި ޑޮކްޓަރުގެ ހައިސިއްުޔަތުން ވާހަކަ ދައްކަވަމުން އަޒީ ވިދާޅުވީ ޑޮކްޓަރީ ފަރުވާއަށް އޭރު މީހުން އިތުބާރު ނުކުރާ ކަމަށާއި އެކްސްރޭ ނެގުމަށް ފަހު ވެސް އެނބުރި ޑޮކްޓަރަށް ދައްކަން ނާންނަ ކަމަށެވެ.

އެކަމަކު މިހާރު ސިއްހީ ހިދުމަތަށް މީހުން ހޭލުންތެރިވެފައިވާއިރު، ފައިލޭރިޔާ އާއި ޓީބީ އަދި މީސަލްސް ފަދަ ބަލިތައް ރާއްޖޭން ނައްތާލައި ބޮޑެތި ކާމިޔާބީތަކެއް ހޯދާފައިވާ ކަމަށް އަޒީ ވިދާޅުވި އެވެ.

މި ރަސްްމިއްޔާތުގައި ވާހަކަ ދައްކަވަމުން އައިޖީއެމްއެޗުގެ ސީއީއޯ ފަރުހަތު ޝަހީރު ވިދާޅުވީ މިދިޔަ އަހަރު އެކަނި ވެސް އެ ހޮސްޕިޓަލުން 400،000 އެއްހާ މީހުން ފަރުވާ ހޯދި އިރު 14،000 މީހުން އެޑްމިޓް ކޮށްގެން އަދި 200،000 އަށް ވުރެ ގިނަ މީހުން ލެބޯޓަރީގެ ހިދުމަތް ހޯދި ކަމަށެވެ.

މި އަދަދުތަކަށް ބަލާލުމުން ވެސް އެތަނުގެ މުވައްޒަފުން ކުރަަމުން އަންނަ މަސައްކަތް އެނގޭ ކަމަށާއި އެއީ އާއިލާއާ ދުރުގައި ތިބެ، އުޖޫޫރައަކަށް ބެލުމަށް ނެތި އިންސާނީ ހިދުމަތެއްގެ ގޮތުން ކުރަމުން މަސައްކަތްތަކެއް ކަމަށް އޭނާ ވިދާޅުވި އެވެ.

އަދި އެތަނުން ހިދުމަތް ދިނުމުގައި އިސްކޮށް ފެންނަނީ ޑޮކްޓަރުންނާއި ނަރުހުން ނަމަވެސް، އެ ހިދުމަތުގައި އެ ތަނުގެ މެކޭނިކުންނާއި އެއްޗެހި ދޮންނަ މީހުން ފެށިގެން އެންމެ ސީނިއާ މީހުން ހިމެނިވަޑައިގަންނަވާ ކަމަށް ވިދާޅުވި އެވެ.

އައިޖީއެމްއެޗުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ނާޒިމް ވާހަކަ ދައްކަވަނީ-- މިހާރު ފޮޓޯ: ހުސެން ވަހީދު

އައިޖީއެމްއެޗުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ނާޒިމް ވާހަކަ ދައްކަވަނީ-- މިހާރު ފޮޓޯ: ހުސެން ވަހީދު

"އަޅުގަނޑުމެން މަސައްކަތް މި ކުރަނީ އެއް ޓީމެއްގެ ގޮތުގައި. މިއީ އައިޖީއެމްއެޗު ވަން ޓީމް. 24 ގަޑިއިރު ނުނިދާ އެހެން މީހުންނަށް ހިދުމަތް ދިނުމަކީ އެ މީހުންގެ އުފަލެއްކަން، އަޅުގަނޑު މިތަނުގައި ހޭދަ ކުރި ދެ އަހަރާއި ބައިގެ މުއްދަތުގެ ތެރޭގައި ވަނީ ފެނިފައި،" ފަރުހަތު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އައިޖީއެމްއެޗަކީ އެންމެ ފުރިހަމަ ތަން ނޫން ކަމަށާއި އެތަނުން ދޭ ހިދުމަތްތައް ވެސް އެންމެ ފުރިހަމަ ނުވެދާނެ ކަމަށެވެ. އެކަމަކު އެކަންކަން ރަނގަޅު ކުރުމަށް، އާއްމުންގެ އެހީތެރިކަން ބޭނުންވާނެ ކަމަށާއި އެ ދަތިތައް ހިއްސާ ކުރުމުން، އެކަން ހައްލު ކުރުމަށް މަސައްކަތް ކޮށްދެއްވާނެ ކަމަށް ފަރުހަތު ވިދާޅުވި އެވެ.

ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޝަރަފްވެރި މެހެމާން އަދި ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވީ ރާއްޖޭގެ ސިއްހީ ނިޒާމު މިހާރު އޮތް ހިސާބުން ދެން ސުވާލު ކުރަންވީ، ލިބިފައިވާ ވަސީލަތްތަކުގެ އަދަދާއި ހަރަދު ކުރާނެ ފައިސާގެ މިންވަރަށް ވުރެ، އެ ވަސީލަތްތަކުން ދެވޭނެ ހިދުމަތްތަކާ ގުޅޭގޮތުން ކަމަށެވެ. އަދި ސިއްހީ ނިޒާމު ހަރުދަނާ ކުރުމަށް ސިސްޓަމް ވަރުގަދަ ކުރަން ޖެހޭނެ ކަމަށާއި އެކަމަށް ދައުލަތުން ހަރަދުކޮށް، މިހާރު ވެސް މީހުން ތަމްރީނު ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އައިޖީއެމްއެޗު ހިންގަމުން އަންނަނީ މުއައްސަސާއެއް ހިންގުމަށް ބޭނުންވާ އެންމެ މުހިއްމު ބަހާތަކާއި އަސާސްތައް ރަނގަޅަށް ތަރުތީބުކޮށްގެން ކަމަށާއި އެތަން ކުރިއަށް ގެންދިޔުމުގައި މުވައްޒަފުންގެ މެދުގައި އޮންނަ އެކުވެރިކަން ފާހަގަ ކޮށްލެވޭ ކަމަށެވެ.

އެ ތިން ބޭފުޅުންގެ ވާހަކައިގައި ވެސް ވަނީ ރާއްޖޭގައި އަލަށް އަޅާ މެޑިކަލް ކޮލެޖާއި ދަރުމަވަންތަ ހޮސްޕިޓަލުގެ ވާހަކަ ފާހަގަ ކުރައްވާފަ އެވެ. އަދި އެއީ ސިއްހީ ދާއިރާއަށް އަންނާނެ އިންގިލާބެއް ކަމަށް ވެސް ވިދާޅުވި އެވެ.